
މޫސުން ގޯސް ދުވަހެއްގައި ދޯންޏެއް ކަނޑުމަތީގައި ދަތުރުކުރަނީ. ބ. އަތޮޅަށް ކުރިޔަށްއޮތް ދެދުވަހުވެސް މޫސުން ގޯސްވާނެކަމަށް މެޓްއޮފީހުން ބުނޭ / ފޮޓޯ: ހަވީރު
ކުރިޔަށްއޮތް ދެދުވަހު ބ. އަތޮޅުގެ ރަށްރަށަށް ވިއްސާރަވެ، މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށް މީޓިއޮރޮލޮޖިކަލް ސާވިސަސް (މެޓް އޮފީސް) އިން ބުނެފިއެވެ.
މެޓްއޮފީހުން މިހެންބުނެފައި މިވަނީ އިއްޔެއިން ފެށިގެން ބ. އަތޮޅުގެ ރަށްރަށަށް ވައިގަދަވެ، އުޑުމަތީގައި ވިލާބޯވެފައިވުމުގެ އިތުރަށް ކަނޑުގަދަވެ ދަތުރު ފަތުރަށްވެސް ބުރޫއަރާފައިވަނިކޮށެވެ.
އީވީއަށް މައުލޫމާތު ދެމުން މެޓްއޮފީހުން ބުނީ ހުޅަނގުގެ ވިއްސާރަވިލާތަކުގެ އަސަރު ބ. އަތޮޅު ސަރަހައްދުގެ އިތުރުން ރާއްޖޭގެ ބޮޑުބަޔަކަށް ކުރާނެކަމަށް ބެލެވޭއިރު، ވިލާގަނޑުގައި ކަނޑުތައްވެސް ގަދަވުން އެކަށީގެންވާކަމަށެވެ. އެއިދާރާއިން ބުނީ އާންމުގޮތެއްގައި ވައިޖެހޭނީ 5 މޭލާ 15 މޭލާ ދެމެދުންނަމަވެސް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
ރާއްޖޭގެ މޫސުން ކުރިޔަށް އޮތް 48 ގަޑިއިރު ގޯސްވެދާނެކަމަށް ލަފާކޮށް މެޓް އޮފީހުން އިއްޔެވަނީ ވައިޓް އެލާޓްވެސް ނެރެފައެވެ..