އެންމެތިރިން އެންމެއުހަށް – އިދްރީސްގެ 42 އަހަރުގެ ތަޖުރިބާ

އިދްރީސް މަހުމޫދު އޭނާގެ ފިހާރައިގައި އީވީއަށް އިންޓަވިއު ދެއްވަނީ. އޭނާގެ ވިޔަފާރިއަށް ވަނީ 42 އަހަރުވެފައި / އިވީ ފޮޓޯ: އަބްދުލްޤައްޔޫމް

އިދްރީސް މަހުމޫދު އޭނާގެ ފިހާރައިގައި އީވީއަށް އިންޓަވިއު ދެއްވަނީ. އޭނާގެ ވިޔަފާރިއަށް ވަނީ 42 އަހަރުވެފައި / އިވީ ފޮޓޯ: އަބްދުލްޤައްޔޫމް

އަހަރެން އެންމެކުޑައިރު ކިޔެވި ދިވެހިފޮތެއްގައި ލިޔެފައިއޮތް މަޒްމޫނެއްގެ މައުޟޫޢަކީ ހިތްމަތާއެކު މަސައްކަތްކުރާމީހަކަށް އުނދަގޫކަމެއްނެތެވެ.އެބަސް މިވަގުތު ހަނދާނަށް މިއައީ އޭދަފުށީގެ ވަރަށްހިތްވަރުގަދަ ވަރަށްހިތްމަތާއެކު މަސައްކަތްކުރާ މީހަކާ އެކުގައެވެ. ކާމިޔާބު ހިނިތުންވާހިނދު އޭނައަށް އެހިސާބާށް އާދެވުނުގޮތް ހަނދާންނެތުނަސް އެކަން އެހެންމީހުން ހަނދާން ކުރާނެއެވެ.

ބައްޕައެއްގެ ލޯބި އެންމެ ބޮޑަށް ބޭނުންވި ވަގުތު އެލޯބިނުލިބި މަންމަގެ ހެޔޮދުޢާއާއި އަނބިމީހާގެ އެހީތެރިކަމާއެކު އޭނާގެ ކުޑަކުޑަ ގޭގެ ކުޑަކުޑަ ބޮޑުއަށީގައި ކުޑަކުޑަ މުދާކޮޅެއްލައިގެން ފެށި ކުޑަކުޑަ ވިޔަފާރި މިއަދުވަނީ އަތްފޯރާހިސާބަށްވުރެ މަތީގައެވެ. ނިސްބަތުންބަލާއިރުވެސް އެންމެ އުހުގައެވެ. މީހުންނަށް އޯގާތެރި މިވިޔަފާރިވެރިޔާ އޭދަފުށީގެ ރައްޔިތުން އެންމެ ނިކަމެތި ދުވަސްވަރުއާއި އެންމެ ތިޔާގި ދުވަސްވަރުވެސް އެހީވުމުގައި ފަހެއްނުޖެހެއެވެ. ބައެއްފަހަރު “ފޮތުގައިޖަހާލާ”ގޮތަށެވެ. ބައެއްފަހަރު ފަހުން އަނބުރާދައްކާ ގޮތަށެވެ. ބައެއްފަހަރު އެއްޗެއްނެތިގެން އެހީއަށް އެދިގެން އަންނަފަހަރު އެގޮތަށެވެ. މިހުރިހާ ކަމަކަށް ބަލާއިރު މިވިޔަފާރިވެރިޔާގެ ކާމިޔާބީގެ ފަހަތުގައިވަނީ ހިފާއަތަށްވުރެ ދޭއަތުގެ ބަރަކާތްކަމުގައި ގަބޫލުކުރަންޖެހެއެވެ.

އަޅުގަނޑުގެ މިޞަފްޙާގެ މިފަހަރުގެ ޝަޚްޞިއްޔަތަކީ އިސްވެދިޔަ ވާހަކަތައް ނިސްބަތްވާ މަޝްހޫރު ވިޔަފާރިވެރިޔާ އޭދަފުށީ ފުއްކަފަގޭ އިދްރީސް މަޙްމޫދުއެވެ. އަހަރެމެންގެ ބަހުންނަމަ ކަޅުބެއިދިރީހެވެ. އިދްރީސްގެ ވިޔަފާރީގައި ފާހަގަކުރެވޭ އެންމެ ޚާއްޞަސިފައަކީ ވިޔަފާރި ކުރުމުގައި ގެންގުޅޭ ސިޔާސަތާއި ސްޓައިލްއެވެ. މިޒަމާނުގެ ވިޔަފާރީގައި ބޮޑަށް ސަމާލުކަންދީފައި ހުންނަނީ މުއްސަނދިންނަށް އަމާޒުކޮށްގެންއަގުބޮޑު އެއްޗެތިން ހަރުގަނޑުތައް ފުރާލުމާއި އެފަދަމީހުން ގަންނަންބޭނުންވާ އެއްޗެތިންނެވެ. އެހެންނަމަވެސް އިދްރީސް އިންކަންދެނީ އާއްމުރައްޔިތުންގެ އިހްސާސްތަކާއެވެ. އެންމެފަގީރުމީހާއަށް އިސްކަންދީގެން އެމީހުންބޭނުންވާނެ އެއްޗިއްސާއިހަމައިން ފެށިގެން މުއްސަނދިންނާއި ހަމައަށެވެ. އެހެންމީހުން ހަނދާންނައްތާލާފައި ހުންނަ އެކަމަކު ޒަރޫރީ ކަންކަމަށް ބޭނުންވާ ތަކެތި ގެނެސްގެން ވިއްކުމެވެ. ދިވެހިބޭހުންފެށިގެން ކަފުނާ ހުދުކާފޫރާ ހަމައަށެވެ. ފިއްތާގޮށުން ފެށިގެން ދަނޑިސައިބޯންޏާ ހަމައަށެވެ. ކުރުކޮށް ބުނާނަމަ އާއްމުދިރިއުޅުމުގައި ބޭނުންވާނެހުރިހާއެއްޗެކެވެ. އެއީ ހާޑްވެއަރ ފިހާރައެއް ނޫނެވެ. އެކަމަކު އެފިހާރައިން އާއްމު ދިރިއުޅުމުގައި ބޭނުންޖެހޭ ރިވެޓާއި މޮހޮރު އަދި ތަޅުފަދަ ތަކެތި ލިބެންހުރެއެވެ. އެއީ ސްޓޭޝަނަރީ ޝޮޕެއް ނޫނެވެ. އެކަމަކު އެތަނުން، ކިޔަވާ ކުއްޖަކަށް ބޭނުންވާނެ ޓެކްސްޓްފޮތް ފިޔަވައި ހުރިހާ އެއްޗެއްހެން ލިބެން ހުރެއެވެ. އާއްމުންގެ އިޙްސާސްތަކާ އެއްގޮތަށޭ ބުނެވެނީ މިހެންވީމައެވެ. ތަކެތި ވިއްކަމުންދާ އަގުތަކާމެދުވެސް ބުނެވޭނީ ރަނގަޅުކަމުގައެވެ.

އިދްރީސް އީވީއަށް އިންޓަވިއު ދެއްވަނީ / އީވީ ފޮޓޯ އަބްދުލްޤައްޔޫމް

އިދްރީސް އީވީއަށް އިންޓަވިއު ދެއްވަނީ / އީވީ ފޮޓޯ އަބްދުލްޤައްޔޫމް

މީގެ 42އަހަރުކުރިން 700ރުފިޔާގެ ކެޕިޓަލަކާ އެކު އިދްރީސްގެ ފުއްކަފަ އިސްޓޯރު ފެށިއިރު އޭދަފުށީގައި އެހެންފިހާރައެއް ނުހުންނަ ކަމުގައި އޭނާ ބުންޏެވެ. މާނައަކީ އޭނާ ބޭނުން އަގެއްގައި ކޮންމެއެއްޗެއް ވިއްކިއަސް ބޭނުންވާމީހާ ޖެހޭނީ ގަންނަންތާއެވެ. އިތުރު އެހެން ޗޮއިސްއެއް ނެތީމައެވެ. އެކަމަކު އިދްރީސް ކަންތައްކުރިގޮތް އެގޭހެއްޔެވެ.

“މުދާބޮޑުއަގުގައި ވިއްކުންކަހަލަ ކަމެއްކުރާކަށް ހިތަކަށްނާރަ. އޭރު މީހުންގެ މާބޮޑު ބޭނުންތަކެއް ނޯންނާތީ ގެންނަނީވެސް މަދު ބާވަތްތަކެއްގެ މުދާ ކޮޅެއް. ކަރާސީނުތެލާ ކާޑުގެ ބާވަތްތަކުގެ އިތުރަށްހަވާދާ ދެން ކުދިބިސްކޯދު. މިއީ ވިޔަފާރިފެށިގެންއައިއިރު މައިގަނޑުގޮތެއްގައި ގެނައި މުދަލަކީ. މިމުދާ ވިއްކައިގެން ލާރިލިބުނަސް ބޭނުންޖެހިގެން އަންނަމީހުންނަށް ހިލޭދީގެން ވެސް ބައެއްފަހަރު މުދާ ހުސްވޭ.” ހިނިތުންވެހުރެ އިދްރިސް ބުންޏެވެ.

ގަބޫލުކުރެވޭ ގޮތުގައި 42 އަހަރު ވިޔަފާރީގައި މެދުނުކެނޑި އުޅޭމީހެއްގެ އަންނަންހުރި ފައިސާއަކީވެސް ކުޑައަދަދަކަށް ނުވާނެއެވެ. އެހެންކަމުން މިކަމާ ސުވާލު ކޮށްލީމެވެ.” މީހަކު އަތްމަތިދަތިވެގެން އައިސް އެހީއަކަށް އެދިއްޖެނަމަ އެކަން ކޮށްދެން. އަދި ދަރަންޏަށާއި އަނބުރާ ދައްކާގޮތަށްވެސް މީހުން އެއްޗެތި ގެންދޭ. އެގޮތަށް ގެންދާމުދަލާއި ނަގުދުފައިސާ ހޯދުމަށް ދުވަހަކުވެސް އެމީހެއްގެގާތު ބުނެފައި ނޯންނާނެ. އަދި އެވާހަކަ އެހެންމީހެއްގެ ގާތުގައިވެސް ނުބުނަން. އެމީހަކަށް ފެނިގެން އެފައިސާ އަނބުރާ ދައްކަންވީ. އެކަން ހަނދާން ކޮށްދިނުމެއް ނޯންނާނެ. އެހެންނަކުންނޫން އެފަދަމީހަކު މަރުވެގެން ވާރުތަވެރިން އައިސް ދީފިނަމަ އެފައިސާގައި ހިފަން. ”
” އެހެންވިއްޔާ އަންނަންހުރި ފައިސާ ވަރަށް ގިނަވާނެތާ!” އަހަންނަށް ބުނެވުނެވެ.

އިދްރީސް ޖަހާލީ މަޖާ ހިނިގަނޑެކެވެ.” އަހަންނަށް މިވަރު ފުދޭ. އެއްވެސްމީހަކު އަހަންނަށް އެއްވެސް އެއްޗެއް އަނބުރާ ދައްކާކަށް ނޯންނާނެ ކަމުގައި ހީކޮށްލާ! “އަހަންނަށް މި އާދަޔާ ޚިލާފު އިންސާނާ އާއި ދިމާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އެއީ ބުއްދި ގަބޫލުނުކުރާ ވާހަކައެއް ބުނީމައެވެ. ނުވަތަ ކަނޑައެޅިގެން އެނގެންހުރި ކަމެއްގައި ހަގީގަތް ހާމަނުކުރީތީއެވެ. އެކަމަކު ފަހުން ވިސްނުނީ އޭނާއެބުނީ ރަނގަޅުވާހަކައެއް ކަމުގައެވެ. އިދްރީސް ވަނީ އޭނައަށް މީހަކު އެއްޗެއް ދޭންވެފައި އޮތްކަން އެއްވެސް މީހަކުގާތު ނުބުނާނެ ވާހަކަ ބުނެފައެވެ.

އިދްރީސްގެ ވިޔަފާރީގައި ލިބުނު ކުރިއެރުމާއެކު އޭނާހުރީ ހިތްހަމަޖެހިފައެވެ. ދިރިއުޅުމުގެ ބައިވެރިޔާއާއި އެކު ޒުވާންކަންފަސްދީ ދިޔަ ގޮތަށް ހަޔާތުގެ ހަލަބޮލި ދުވަސްވަރުވެސް ފަސްދީ ހިގައްޖެކަމުގެ އުފަލާއެކުގައެވެ. ހަމަ އެއާއެކު މުސްކުޅިވުމުގެ ކުރިން ޒުވާން ކަމުގެ ފައިދާވެސް ހެޔޮގޮތުގައި ހޯދައިގެން އާޚިރަތް ހޯދުމަށް ކުރަންޖެހޭ ހުރިހާ ކަމެއްކޮށްނިމިއްޖެކަމުގެ ހިތްހަމަޖެހުންލިބިގެންނެވެ.

ދަރިއަކުނުލިބުނަސް އެކަކާނުލާ އަނެކަކަށް ނޫޅެވޭ ވަރަށް ލޯބިވާ މިދެމަފިރިންގެ އަލަތު ކައިވެނީގެ ގޮށް އެއީ ހަމަ ގައިމުވެސް ބާއްޖަވެރި ސާއަތެއްގައި ޖެހި ގޮށެއްކަމުގައި ގަބޫލުކުރެވެއެވެ. އެދެމެދަށް އެއްވެސް ބާރަކަށް އަމުރު ނުހިންގުނީތީއެވެ. އެދިރިއުޅުމަށް ހީނަރުކަން އަންނާނެ އެއްވެސް ހާދިސާ އެއް މެދުވެރިނުވީތީއެވެ. އެންމެ ފުރަތަމަ ދުވަހެކޭ އެއްގޮތަށް މިއަދުވެސް އެމީހުން ތިބީ ހަމަ އެ ހިނިތުންވުމުގައެވެ.

ކޮންމެ ކަމެއްގައިވެސް ދެމީހުންގެ ބައިވެރިވުންއޮންނަ ފަދައިން ވިޔަފާރީގައި ލިބުނު ކާމިޔާބީ ވެސް އެންމެ ބޮޑަށް ގުޅިފައިވަނީ އެކަކު އަނެކަކަށް ކުރާ އިތުބާރާ ޔަގީން ކަމާއެވެ. އިދްރީސްގެއެންމެ ބޮޑުނަސީބަކީ ޒާހިދާފަދަ ތައުލީމީ ގެވެހި އަތްބަކު ލިބުމެވެ. މި ތައުލިމާ މިފަންނުގެ ބޭނުންކޮށްގެން ޒާހިދާ ވަނީ ފިރިމީހާގެ ކުޑަކުޑަ ދުނިޔެއަށް ބޮޑުސިންގާ އިންޤިލާބެއް ގެނުވާފައެވެ. އެއީ އޭނަޔާ ކައިވެނި ކުރިއިރު ހުރި އާދައިގެ އިދްރީހެއް މިއަދު މުޅިރާއްޖެ ދަންނަ ކާމިޔާބު ވިއަފާރިވެރިއަކަށް ބަދަލު ކޮށްލުމުގެ އިންގިލާބެވެ. އެއީ މާލޭގެ އެންމެބޮޑެތި ވިޔަފާރިވެރިންވެސް ޤަދަރުވެރިކަމާ އިތުބާރާއެކު ބަލައިގަންނަ އިދްރީސްބެއަކަށް ބަދަލުކޮށްލި އިންޤިލާބެވެ. އެއީ ޢާއިލާ އެއް ބިނާކޮށް އެޢާއިލާ ތަނަވަސް ޢާއިލާއަކަށް ބަދަލުކޮށްލުމުގެ އިންގިލާބެވެ. މިސަބަބުތަކަށްޓަކައި ބުނެވޭނީ ޒާހިދާއަކީ ހަމަ ލައްކައަކުން އެކެއް ކަމުގައެވެ.

އިދްރީސްގެ އަނބިކަބަލުން ޒާހިދާ އިދްރީސް ގާތުގައި މަޑުކޮށްލައިގެން / އީވީ ފޮޓޯ އަބްދުލްޤައްޔޫމް

އިދްރީސްގެ އަނބިކަބަލުން ޒާހިދާ އިދްރީސް ގާތުގައި މަޑުކޮށްލައިގެން / އީވީ ފޮޓޯ އަބްދުލްޤައްޔޫމް

މިހިސާބުން ނިމުނީއެއް ނޫނެވެ. ދުނިޔެ އިމާރާތް ކުރަމުން އާޚިރަތް ހޯދުމަށްޓަކާ މިދެމަފިރިން އެކުގައިވަނީ ޙައްޖުގެ މަތިވެރި އަޅުކަމާއި ޢުމުރާގެ އަޅުކަންވެސް އެއްފަހަރަށްވުރެ ގިނަފަހަރު އަދާ ކޮށްފައެވެ. މީގެ އިތުރުން އެހެންމީހުންވެސް ޙައްޖަށް ފޮނުވާފައިވެއެވެ. ދެން އިތުރަށް ކުރަން އޮންނާނީވެސް ކޮންކަމެއް ހެއްޔެވެ. ދަރިއަކުނެތަސް އޭނާ ބިނާ ކުރި ޢާއިލާގެ ހުރިހާ މެންބަރުންގެ އަޅާލުމާއި ލޯބި ހުރިހާ ކަމެއްގައިވެސް ލިބޭތީ ދިރިއުޅުމުގައި ހުސް ކަމެއް ނެތްކަހަލައެވެ. އިތުރު ބޭނުމެއްވެސް އިތުރުކަމެއް ކުރުމަށް ދެން އިންވެސްޓް ކުރަންވެސް ބޭނުން ނޫންކަމުގައި ބުންޏެވެ. މިވަރުން ފުދޭ ނޫންހޭ ބުނެ ހިނިތުންވެލިއެވެ.

އީވީގެފަރާތުން އަދިވެސް އިތުރަށް މައުލޫމާތު ހޯދާލުމަށް ފުއްކަފައިސްޓޯރަށް ދިޔައިރު އެދެމަފިރިން އޭރުވެސްތިބީ އެމީހުންގެ ވިޔަފާރިތެރެއަށް ގެއްލިގެންނެވެ. އެހެންނަމަވެސް ހިތްހެޔޮކަމާއެކު އަހަރެމެންގެ ސުވާލުތަކަށް ޖަވާބުދިނީތީވެ ވަރަށްބޮޑަށް ޝުކުރު އަދާކުރަމެވެ.

ކާމިޔާބު ވިޔަފާރިވެރިއަކަށް ވުމަށްޓަކައި ކުރަންޖެހޭކަމަކީ؟
ހިތްވަރުކުރުން. މުރާލިކަމާތެދުވެރިކަމާއެކު ކުރިއަށްދިއުމަށް މަސައްކަތް ކުރުން.

މިވިޔަފާރިގައި އިތުރު މީހެއްގެ ޙިއްސާއެއްވޭތޯ؟
ނޫނޭ.އިތުރު އެއްވެސް މީހަކު މިކަމުގައި ބައިވެރިއެއް ނުވޭ.

މި މަސައްކަތް މިހާހިސާބަށްއައުމުގައި އިތުރުބައެއްގެ އެހީތެރިކަން ލިބޭތޯ؟
އަހަރެމެންދެމަފިރިންގެ އިތުރުން ޚަދީޖާ (އެއްބަނޑު އެއްބަފާ ކޮއްކޮ)ގެ އެހީތެރިކަމާއެކުއޭ ބުނެވޭނި މިގޮތަށް މިއުޅެވެނީ.

މިމަސައްކަތުން ހިތްހަމަ ޖެހޭވަރުގެ ކުރިއެރުމެއް ލިބިއްޖެތޯ؟ ކޮބައިތޯ އެކަމަކީ؟
ވަރަށްބޮޑު ކުރިއެރުމެއް ލިބިއްޖެކަމަށް ބެލެވެނީ. އެއީ އަހަރެމެން ދެމަފިރިން އެންމެ 700ރުފިޔާއިން ފެށި ވިޔަފާރި މިހާރު މިހިރީ އައިސްފަ ހުރި ހިސާބު. މީގެ އިތުރުންވެސް ގިނަ ކަންތައްތަކެއް ކޮށްފަ ހުންނާނެ.ތަފްސީލުގެ ތެރެއަށްނުދިޔައަސްއެކަންތައްތަކަކީ އެންމެންނަށްވެސް އެގޭނެ ކަންތައް. އިތުރަށް ބުނާނަމަ ގެއެއްވެސް އަޅައިފިން .ދެމަފިރިން ތިންފަހަރު ޙައްޖަށާއި ހަތްފަހަރު ޢުމްރާއަށް ހިގައްޖައިން.

މިކަހަލަ ވިޔަފާރިކުރާއިރު އެންމެބޮޑަށް ބަލަންޖެހޭ ކަމަކީ؟
އެހެންމީހުން ނުގެންނައެއްޗެތި ގެނެސްގެން ވިއްކޭތޯއުޅުމާއި ވިޔަފާރިއަށް ވަމުންއަންނަގޮތް ދިރާސާކޮށްގެން އާ އެއްޗެތި ތަޢާރަފްކުރުން.

މިވިޔަފާރި އެހެން ގޮތަކަށް ބަދަލުކޮށްލަން ނުވަތަ އެހެން ވިޔަފާރިއެއްކުރަން ގަސްދެއް ނުކުރަންތޯ؟
އެއްވެސްވަރަކަށް ތިޔައިން އެއްކަމެއް ކުރުމުގެ ޚިޔާލެއް ނުގެންގުޅެން. މިހާ ވަރުން ފުދިއްޖެހެން ހީވަނީ .ދެން އިތުރުކަމެއް އަލުން ފެށުމުގެ ޚިޔާލެއް ނުގެންގުޅެން.

އެންމެ ދެރަވި ދުވަހަކީ ؟
މަންމަ ނިޔާވިދުވަސް.

އަޑުއަހަން މިރަށުގާ ބޭންކް ނުހުންނައިރު މީހުން ފައިސާރައްކާކުރަން އިދްރީހާ ހަވާލުކޮށްފަ ހުންނަވާހަކަ.ކިހާވަރެއްގެ ތެދެއްތޯ އެއީ؟
ތެދެއްއެއީ. އެކަން އެހެން އެވަނީ އަހަންނަށް ވެސް އިތުބާރު ކުރާތީހެން ހީވަނީ. އެކަމަކު ދުވަހަކުވެސް އެއިން މީހެއްގެ ފައިސާ އަށް ޚިޔާނާތްތެރި ވެފައެއް ނޯންނާނެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top