ފާނައަށްދިޔަ ފުޅަދޫ ރައްޔިތުން ރޮހިންޖާ ފަންޑަށް 73000ރ ހަދިޔާކޮށްފި

khd.jpg

ރޮހިންޖާ ފަންޑަށް ފައިސާ ހޯދުމަށް ފުޅަދޫން މަހަށްދިޔަ ދޯންޏެއްގެ ޓީމެއް . ފާނައަށްގޮސްގެން އެރަށުން 73000ށްވުރެ ގިނަ ރުފިޔާ ފަންޑަށް ހޯދި / ފޮޓޯ: ފުޅަދޫ ކައުންސިލް

މިޔަންމާގެ ރޮހިންޖާ މުސްލިމުންނަށް އެހީވުމުގެ ގޮތުން ފުޅަދޫ ރައްޔިތުން ކުރިޔަށް ގެންދިޔަ ފާނަ މަސްވެރިކަމުގެ މަސައްކަތުން ޖުމްލަ 73000ރ އަށްވުރެ ގިނަ ފައިސާ ހަދިޔާކޮށްފިއެވެ.

ރޮހިންޖާ ފަންޑަށް އެހީވުމަށް އެރަށުގެ ހަތަރު ދޯންޏެއްގައި ރައްޔިތުން ފާނަ މަސްވެރިކަމަށް ނުކުތީ ހޯމަދުވަހުއެވެ. ދެދުވަހުގެ މަސްވެރިކަމަށްފަހު، ދެދޯންޏަށް ލިބުނު ފައިސާ ކައުންސިލާ ހަވާލުކުރީ ރޭގެ ވަގުތެއްގައިކަމަށް ފުޅަދޫ ކައުންސިލުން ބުނެއެވެ.

ފުޅަދޫ ކައުންސިލްގެ ރައީސް އަހްމަދު އާސިފް އީވީއަށް ވިދާޅުވީ އެހީގެ ހަރަކާތުގައި ރައްޔިތުން ދެއްކި ނަމޫނާއަކީ ރާއްޖޭގެ ރައްޔިތުންނަށް ނަމޫނާއެއްކަމަށާ، އެކަމަށްޓަކައި ފަހުރުވެރިވާކަމަށެވެ.

“ފުޅަދޫ ރައްޔިތަކަށް ވާތީ އަޅުގަނޑު ފަހުރުވެރިވަން. ހަގީގަތުގައިވެސް ފުޅަދޫގެ ރައްޔިތުން ދެއްކި ނަމޫނާއަކީ މުޅި ރާއްޖެވެސް ބަލައިގަންނަން ޖެހޭ ކަމެއްކަމަށް ދެކެނީ. ”

އާސިފް ވިދާޅުވީ ފާނައިގެ މަސްވެރިކަމަށް ދިޔަ 4 ދޯނި އިއްޔެ މަހުން ލެފުމާއެކު ރަށުގެ އަންހެން ވެރިން އެމީހުންނަށް ހޫނު މަރުހަބާއެއް ކިޔައި ބަނދަރު ސަރަހައްދުގައި ހަވީރު ސައި ތައްޔާރު ކުރިކަމަށެވެ.

ރޮހިންޔާ މުސްލިމުންނަށް އެހީވުމުގެ ގޮތުން ފުޅަދޫ ރައްޔިތުން ފާނައަށް ގޮސްގެން 73170 ރުފިޔާ ހޯދިއިރު އެރަށުގައި ބެހެއްޓި ފަންޑު ފޮށިތަކާ ސްކޫލް ޕީޓީއޭގެ ހަރަކާތްތަކުން 12000 އަށްވުރެ ގިނަ ރުފިޔާ ހޯދާފައިވެއެވެ. އެހެންކަމުން ރޮހިންޖާ ފަންޑަށް 85000 އަށްވުރެ ގިނަ ރުފިޔާ މިހާރުވަނީ ލިބިފައެވެ.

ރޮހިންޖާ ފަންޑަށް އެހީ ހޯދުމުގެ ގޮތުން ބ އަތޮޅުގައި ކިރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން މިހާތަނަށް ބައިލައްކަ ރުފިޔާއަށްވުރެ އިތުރަށް ފައިސާ ހޯދުނީ 300 އަށްވުރެ މަދު އާބާދީއެއް އޮތް ފުޅަދޫ ފިޔަވައި ހަމައެކަނި ދެރަށަށެވެ. އެއީ އަތޮޅުގެ އެންމެ އާބާދީ ބޮޑު އޭދަފުށްޓާ ތުޅާދޫއެވެ. ވެރިކަން ކުރާ އޭދަފުށިން މި ފަންޑަށް 60706 ރުފިޔާ ލިބިފައިވާއިރު ތުޅާދޫން ލިބިފައިވަނީ  54000ރުފިޔާއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top