އީދުގެ ދުރު ހަނދާންތައް ކާށިދޫ އިދްރީހާއެކު

ިދރެެސ.jpg

31 އޯގަސްޓް 2017، އެދަފުށީ ވައިލެޓްމާގޭ އިދްރީސް އިބްރާހީމް

އީދަކީ މުސްލިމުންނާ ބައްދަލުކުރާ އެންމެ އުފާވެރި މުނާސަބާއެވެ. ދުނިޔޭގެ މުސްލިމުންގެ ބޮޑު އާބާދީއަށް ބަލާއިރު ކޮންމެ ގައުމެއްވެސް ކޮންމެ ގަބީލާއެއްވެސް ކޮންމެ ޖަމާއަތެއްވެސް އީދު ކުރެއެވެ. އެކަމަކު އެކި ގައުމުގެ މީހުން އީދު ކުރަމުން ދަނީ ތަފާތު ގޮތަށެވެ.  މިއިން އެނގެނީ ތަފާތު ތަކެއް ހުރި ނަމަވެސް އިސްލާމީ ހުދޫދުގެ ތެރޭގައި ތިބެގެން އެކި ގޮތްގޮތަށް ވެސް އުފާ ފާޅުކުރެވިދާނެ ކަމެވެ.

ދިވެހި ރާއްޖޭގައިވެސް ކަން ހިނގަމުން އަންނަނީ މިގޮތަށެވެ. ދީނީ ރަސްމުތައް އެއްގޮތަށް ހުރެފައި މުނާސަބާ ފާހަގަކުރުމުގެ ގޮތުން ކުޅެއުޅޭ ކުޅިވަރުތަކާއި ސަގާފީ ގޮތުން ކުރާ ކަންކަން އެކި ރަށުގެ މީހުން ކުރަނީ އެކި ގޮތަށެވެ.

ކޮންމެ ރަށެއްގައިވެސް އެބައެއްގެ އަމިއްލަ ގަދީމީ ކުޅިވަރު ތަކެއް އޮވެއެވެ. އެކުޅިވަރުތައް ކޮޕީކޮށްގެން އެހެންރަށްރަށުގެ މީހުންވެސް އެނަން ނަމުގައި އެކުޅިވަރު ކުޅެމުންވެސް ދެއެވެ. މަލިކު ދަނޑި، ކެލާ ދަނޑި ، ތޮއްޑު ބަނޑިޔާ މިއީ މި ގޮތުން ފާހަގަ ކުރެވޭ ރަށްރަށާ ގުޅިފައިވާ ޚާއްސަ ކުޅިވަރު ތަކެކެވެ. މީގެ އިތުރުން އެއް ނަން ކިޔާ ކުޅިވަރެއް ކިތަންމެ ރަށަކު ކުޅުނު ނަމަވެސް ކޮންމެ ރަށެއްގައިވެސް އެ ކުޅިވަރުތަކުގައި ގެންގުޅެނީ ތަފާތު ކެރެކްޓަރ ތަކެކެވެ. ކޯޑިޖެހުމާއި އީދުމާލިލުމާއި ބިލެތް ދަފިނެގުން ފަދަ ކުޅިވަރުތައް އެކިރަށުގައި ކުޅެނީ މި ދެންނެވި ގޮތަށެވެ.

އޭދަފުށީގައި އީދު ފާހަގަކުރަނީ ކިހިނެއްބާއެވެ. އޭދަފުށީގެ ތާރީޚް މީގެ 70 ވަރަކަށް އަހަރު ކުރިއަށް ޖެހިލާއިރު ބޮޑު އީދު ފާހަގަކުރަނީ މިޒަމާނާ ތަފާތު އެހެން ގޮތަކަށެވެ.

އުމުރުން 92 އަހަރުގެ އޭދަފުށީ ވައިލެޓްމާގޭ އިދްރީސް އިބްރާހީމް ( ކާށިދޫ އިދްރީސް ) އޭނާގެ ޒުވާން ދުވަސްވަރު އޭދަފުށީގައި އީދު ފާހަގަކުރަމުން އައިގޮތް ކިޔައިދެއްވީ މިގޮތަށެވެ.

އީދަށް ތައްޔާރު ވުމުގެ ގޮތުން ޒުވާނުން ކުރާ އެއްކަމަކީ އީދުގައި އެންމެ ފޯރިއާއެކު ކުޅެއުޅޭ އެއް ކުޅިވަރުކަމުގައިވާ “ކުއްލި ” ކުޅެން ފޯލި ބުރިކުރުމެވެ. އެކަމަށް ބޭނުންވާ ދަނޑި ހޯދުމަށް ވަލުތެރެއިން ދިއްގަލާ ހިރުނދު އަދި ފުނަ ގަސްގަހުން ދަނޑިކަނޑައިގެން ގެނެސް އެތައް ސަތޭކަ ފޯލި، ގްރޫޕްތައް ވަކިވަކިން ބައިވެރިވެގެން ބުރިކުރާނެއެވެ. މިނޫން ކުޅިވަރުތައް ކުޅެން ބޭނުންވާ ތަކެތިވެސް އީދު އައުމުގެ ކުރިން ތައްޔާރުކޮށް ނިންމައެވެ. މަންޑިކުޅޭ ފިލާގަނޑާ ފޮތިން ހަދާ ބޯޅަވެސް އީދު އަންނަންވާއިރަށް ހުންނާނީ ހަދާ ނިމިފައެވެ.

“އީދަށް ތައްޔާރުވުމުގެ ގޮތުން އަންހެނުން ކުރާ އެންމެ މުހިއްމު އެއްކަމަކީ ހެދިކާ ހެދުން. އެއީ އީދު ދުވަހުގެ މެންދުރު އޮންނަ “ސަލަވާތްފުޅަށާއި” އީދު ތެރޭގައި ބަދިގެއަށް ވަނުން މަދު ކުރުމުގެ ގޮތުން ނާސްތާ ގަޑިތައް ހަމަޖެއްސުމާއި ރަށުން ބޭރުގައި ތިބޭ ރައްޓެހިންނާއި ގާތް ތިމާގެ މީހުންނަށް ފޮނުވާ އީދުހަދިޔާގެ ގޮތުގައި ފޮނުވުމަށް .” އިދުރީސް ކިޔައިދިނެވެ.

ދެން އަންނާނީ އީދު ވިލޭރޭ އެވެ.

އެރޭ އަންހެން ވެރިން މެންދަމުން އަލިވަންދެން ނުނިދާ ތިބޭނީ އީދު ދުވަހަށް ކެއްކުމުގެ މަސައްކަތުގައެވެ. ކަނޑުކުކުޅު ހެދުމާ ހަވާދު ފުނޑުމާ އީދު ނަމާދުން އައިސް އިންސާފުކުރެވޭ މުއްސަނދި ހެނދުނު ސައޔަށް ބޭނުންވާ ހެދިކާ ހެދުމަށެވެ. މީގެ އިތުރުން އީދުވިލޭރޭ އޭދަފުށީގައި ކުރެވޭ ވަރަށް ޚާއްސަ ކަމެއްގެ ގޮތުގައި އިދްރިސް ފާހަގަ ކުރެއްވީ ޒުވާން އަންހެން ކުދިން ފިރިހެން ކުދިންނަށް އީދު ދުވަހު ދޭ އީދު ބޯކިބާ އެޅުމެވެ.

“އެއީވާ ކަމެއް. ވިހިލާހި ހަނޑުލާ ވިހި ލާހި ގަބުޅި ހުންޏާއި ކަމަދޫން ގެންނަ މީރު ދިޔާ ހަކުރު އަޅައިގެން ތައްޔާތު ކުރާނެ ބޮޑު ފޮނި ބޯކިބަލެއް. އެބޯކިބަލަށް އިންސާފުކުރުން އޮންނާނީ އީދު ދުވަހު ރަށުގެ ބޮޑު މަގުގައި. ” އިދްރީސް ގެ 92 އަހަރުވެފައިވާ މޫނުން މޫނުން  ދިޔަ އުފާވެރި އިހްސާސްތަކާ ޅަދުވަހުގެ ހަނދާންތަކާ އެކުވުމުން އޭނާގެ އަޑުވެސް ބާރުވެ މޫޑުވެސް މަޖާވަމުން އައެވެ.

ބޯކިބަލަށް އިންސާފުކުރާއިރު ޅެން ފަރިހި ރައިވަރު ކިއުމާ ދިމާކުރުމުގެ ގޮތުން ހޯއް ގޮވުން ކަހަލަ ކަންތައްވެސް އޮންނަނީ ނިކަން އެކުވެރި ޖައްވެއްގައެވެ. އަންހެންވެރިން މި ގޮތަށް ޒުވާން ފިރިހެން ކުދިންނާ “ދިމާކުރަން ފެށުމުން ” ފިރިހެން ކުދިން ވަކި ހިމޭނުން ތިބޭނެ ހެއްޔެވެ. އެމީހުންވެސް ހަމައެގޮތަށް ދިމާކުރެއެވެ. މިއީ އެގޮތުން އަހަރެމެން ކީފަރިއްސެކޭ ބުނެ އިދްރީސް ރާގުގައި ކިޔަން ފެށިއެވެ.

“ސިހުމެއް އައީއޭ ރިހުމަކަށްވެވި ހިތުތެރޭގާ ،      ފިހުނު ވަރުގަދަ ބޯކިބާ ބޮޑު ފެނިފާ .

ފިތުރުއީދުގެ ތެރޭގާ މިތުރު މިހަދައިދިން ގޮތުންވާ،   ހިތުތެރޭ އަސަރެއް ނުލާހިކު ކޮށްފާ.ސިހުމެއް އައީއޭ …

ނާސި ރަށުގާ ހަދާފާ ބައިބަޔަށް ތިބެގެން ހިގައިދާ ، މާއަޑުން ގަދަ ވާނެއޭ މޮޅު ބުނެފާ .ސިހުމެއް އައީއޭ …

ކަންވީގޮތްނަމެ މަމި ބުނާ މަންފާ ކުރުމަށް އެތާނގާ، އަންހެނުން ނަލަ އޭދަފުށި މޮޅު ހެދިފާ. ސިހުމެއް އައީއޭ……

ވަރަށް ރީތި ދިވެހި އަމިއްލަ ރާގަކަށް އިދްރީސް މި ފަރިހި ކިޔާ ނިންމާލިއިރު އެއްގޮތަކަށް ވެސް އެއީ 92 އަހަރުގެ މީހެއްގެ އަޑުކަމަކަށް ގަބޫލެއް ނުކުރެވޭނެއެވެ. ހަމައެހާ ރީތީއެވެ.

މި ފަރިއްސާ ބެހޭ ގޮތުން އިދްރީސް ބުނީ މިއީ ފުދޭވަރެއްގެ ދިގު ފަރިއްސެއްކަމަށާއި ފަރިހި ހައްދަވާފައިވަނީ އޭދަފުށީ ނައިބުކަލޭގެ (އަލްމަރްހޫމް އަހްމަދު އަލީ .ދިލްކަޝްވިލާ، އޭދަފުށި) އެވެ.

ފަރިހި ނިންމާލާފައި އަނެއްކާވެސް އީދުވިލޭރޭ އާބެހޭ ގޮތުން އިދްރީސްގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.

އީދު ވިލޭރޭ ފަތިހު ފަތިސް ނަމާދަށް ފަހު ރަށުގެ އެންމެ މަތީވެރިޔާ އިސްވެ ހުންނަވައި ރައްޔިތުންނާއެކު ޒިޔާރަތަށް ވަޑައިގެން ސޮލަވާތް ފާތިހާ ކިޔަވާނެއެވެ.

“އަހުރެމެން ޒުވާން އިރު އިސްވެ ސަލަވާތް ފާތިހާ ކިޔަވާނީ ހާޖީބެ. (އޭދަފުށީ ޔޫސުފްކަލޭފާނުގެ ބައްޕަ ) އޭނާއާއެކު ރައްޔިތުންގެ ތެރެއިން ފައިއިދޭ ފުރައިގެ ހުރިހާ އެންމެން ( ނުވައަހަރުން ފެށިގެން މަތީ އުމުރު ) މި ސޮލަވާތުގައި ބައިވެރިވާނެ. ”

އީދު ނަމާދަށް ދާނީ އާހެދުމަކާއެކު ހުވަދުލައި ރީތިވެގެންނެވެ.އާ ހެދުމެއްނެތް މީހަކުނަމަ ބޭނުންކޮށްފައި އޮތް އެންމެ އާ ހެދުމެވެ. އެވަރުވެސް ނުވާނަމަ ދެން ހަދާގޮތަކީ ކޮންމެވެސް މީހެއްގެ އަތުން އީދަށް ފަހު އަނބުރާ ދޭގޮތަށް ރީތި މުންޑަކާ ގަމީޙެއް ހޯދަނީއެވެ. އަންހެންވެރިންވެސް އީދު ކުރަނީ ހަމަ މިގޮތަށެވެ

އީދު ނަމާދަށް ފަހު ގޭގެއަށް ދިއުމާ އީދުތަހުނިޔާ ކިއުން މިހާރެކޭ އެއްގޮތަށް އޭރުވެސް އޮވެއެވެ.

ދެން އޮންނާނީ ކުކުޅު ކަތިލުމެވެ. ( އުޟުހިޔާ ) ރަށުގެ އަތިރިމަތީގައި ކޮންމެ ގެއަކުންވެސް ކުކުޅެއް ނުވަތަ ހާލެއް ކަތިލާއިރު މިމަންޒަރު ބެލުމަށް ކުޑަކުދިން ތައް އަތިރިމައްޗަށް ޖަމާވާނެއެވެ.

އީދުދުވަހުގެ މެންދުރުގެ ( ސޮލަވާތްފުޅު ) އެއީ މުޅި އަހަރުގެ ތެރޭގައި ލިބޭ އެންމެ އައިޓަމްތައް ގިނަ އެންމެ މީރު ކެއުމެވެ. އެކިވައްތަރުގެ ހެދިކާއާއި ބަތާ ބޮނޑިބަތާ ކަނޑުކުކުޅުގެ އިތުރުން އީދު ދުވަހަށް ޚާއްސަ ރޯސްކުކުޅު ނުވަތަ ކުކުޅު ރިހަ ހުރުމުން މިއީ އެއްމެ ގެއަކުން ފުއްދާލައިގެން ހިތްހަމަ ޖެހޭ ވަރަށް ވުރެ މާ މީރު ކެއުމެކެވެ.

” އީދު ދުވަހު އަހުރެމެން ތިން ހަތަރު ގެއަށް ސޮލަވާތްފުޅު ކިޔަވަން ދަން. މި ގޭގެއިން ކައި ނިމޭއިރު ހުންނާނީ ހިރި ނުލެވޭވަރު ވެފަ. ” އިދިރީސް ހެމުން ހެމުން ބުނެލިއެވެ.

އީދު ދުވަހު ހަވީރު ރަށުގެ ބޮޑެތި މަގުތަކާއި ގިނަ ގޯޅިތަކުގައި އަދި ތަނަވަސް މައިދާން ތަކުގައި އޮންނާނީ ކުޅިވަރު ކުޅުމެވެ. ބައިބަލާ އާއި ފިލާފޮތި ބޯޅައެވެ. ކުއްލިއާއި މަންޑިއެވެ. ކަށި ކުޅުމާއި އޮއްޕޫއެވެ.   އަންހެން ވެރިން ފަންކުޅުމާއި ބަތްކުޅުމާއި ބަށި ކުޅުމެވެ. މި ނޫންވެސް ކުޅިވަރުތަކުން ރަށުތެރޭގައި އޮންނާނީ އަޖައިބެއް ކަހަލަ ހިތްގައިމު ހަޅޭކެއްގެ އަޑެވެ.

އީދު ދުވަހުގެ ރޭގަނޑުވެސް ކުޅިވަރު ކުޅެއެވެ. ހަނދުވަރުގެ ފަނޑު އަލީގައި ގަނޑު ފިއްލުމާ ފީކޯތް ކުޅުމާ އަޑޯއަޑޯ އާއި ހިރި ކުޅުން ފަދަ ކުޅިވަރުތައްވެސް ފޯރިއާއެކު ކުޅެވެމުން ދެއެވެ.

އީދުގެ ދުވަސްތައް ދާނީ ތަފާތު ކުޅިވަރުތަކާ އެކުގައެވެ. އާންމުކޮށް ގެއަށް ވަންނާނީ ބަނޑުހައި ވުމުންނެވެ. ރޭގަނޑުވެސް މެންދަންވަންދެން އުޅޭނީ ތަފާތު ކުޅިވަރުތަކުގައެވެ.

” ބަދިގެއަށް އަލިފާން ލުމެއް ނޯންނާނެ. ކައި އުޅޭނީ އީދަށް ތައްޔާރުކޮށްފައި ހުންނަ ހެދިކާ. ”  ޒުވާން އުމުރު ކެޔޮޅެއްގެ ގޮތުގައި މަސްވެރިކަން ކުރި އިދްރީސް ބުންޏެވެ.

އީދު ފާހަގަކުރާގޮތުގެ އެހާރާ މިހާރުގެ ތަފާތަކީ އޭރު އީދު ފާހާގަ ކުރާނީ އިޖްތިމާއީ ރީތި އާދަތަކާ އިސްލާމީ ރިވެތި އަޚްލާގީ މިންގަނޑުގެ ތެރޭގައެވެ. ދެޖިންސް މައްސުނިވެ ފެންކުޅިކުޅުމާއި މޫދަށް ލުން ފަދަ ކަންކަމެއް އޭރަކު ނޯވެއެވެ. އެކަމަކު އޭރު އީދުގެ ފޯރި ގަދަކަން ހުންނަ ވަރަކީ އީދު ނިމިގެން އަދި ހައެއްކަދުވަސް ވާއިރުވެސް ޒުވާނުންގެ ގައިގާ ރިއްސުމާއި ދުޅަވެފައި ހުންނަ ތަންތަނުގެ ދުޅަ މަޑެއް ނުވާނެއެވެ. އެހެންވީމާ މިހިރީ އީދުކުޅުމުގެ ފޯރީގައި ވަޖިދުވެފައިވާ މިންވަރު ރަނގަޅަށް އެނގޭށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top