ޚާލިދުގެ ދަނޑުން: ގަސްގަހާގެއްސަށް އެންމެ ރަނގަޅީ ފަތްޕިލާވެލީގެ ބޭސް

fgh-2.jpg

ލިޔުނީ: ހާލިދު ޔޫސުފް

ޤުދުރަތީ ގަސްގަހުގެ ފަތް ބޭނުން ކޮންގެން ރާއްޖޭގައި ވެސް ތަފާތު ފަތްޕިލާވެލީގެ ބާވަތްތަކުން ތިމާވެއްޓާއި ރައްޓެހި ގަހަށްޖަހާ ބޭސް ތައްޔާރު ކުރެވިދާނެއެވެ. ގޯތިތެރޭގައި އާއި ދަނޑުބިމުގައި ގަސް ހައްދަމުންދާ ފަރާތްތަކަށް ގަސްހެއްދުމުގައި ދިމާވާ ތަފާތު ފަނިފަކްސައާއި ފަންގަސް ބަލިތަކުން ދިފާޢު ވުމަށް މިފަދަ  ތިމާވެއްޓާއި ރައްޓެހި ގަހަށްޖަހާ ބޭސް ބޭނުންކުރެވިދާނެއެވެ.

ގަހަށްޖެހޭ ބަލިތައް ކޮންޓްރޯލްކުރުމަށާއި އެކި ކަހަލަ ފަނިފަކުސާ ކޮންޓްރޯލްކުރުމަށް ކެމިކަލް ބޭސްތައް ތައްޔާރުކޮށް ބާޒާރަށް ނެރެން ފެށުމާއެކު އެފަދަ ކެމިކަލް ބޭސްތައް ބޭނުންކުރާ މިންވަރު މުޅި ދުނިޔޭގައިވެސް ވަނީ ކަންބޮޑުވާންޖެހޭ މިންވަރަށް އިތުރުވެފައެވެ. ނަތީޖާއަކަށް ވެފައިމިވަނީ އެފަދަ ކެމިކަލްތައް ބޭނުންކުރާ މިންވަރު އިތުރުވުމުގެ ސަބަބުން އިންސާނުންގެ ޞިއްޙަތަށާއި އަޅުގަނޑުމެން ދިރިއުޅޭ ވެއްޓަށް އަންނަމުންދާ ފޫނުބެއްދޭވަރުގެ ގެއްލުންތައް އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންދިއުމެވެ.

ކަންމިހެން ހުރުމާއެކު ކެމިކަލް ބޭސްތަކުގެ ބަދަލުގައި ޤުދުރަތީ ފަތްޕިލާވެލީގެ ބާވަތްތަކުން އުފައްދާފައިވާ ތިމާވެއްޓާއި ރައްޓެހި ގަހަށްޖަހާ ބޭސް ބޭނުން ކޮންގެން ގަސް ހެއްދުމުގެ މުހިންމުކަން މިއަދުވަނީ މުޅި ދުނިޔެއަށް މިހާރަށްވުރެ ބާރު ދުވެއްޔެއްގައި ގެންނަން ޖެހިފައެވެ.

ގިނަ މިންވަރަކަށް ކެމިކަލް ޕެސްޓިސައިޑްތައް ބޭނުންކުރުމުން އޭގައި ހިމެނޭ ވިހަ ކެމިކަލްގެ މާއްދާ ތަކުގެ ނޭދެވޭ އަސަރު ތިމާވެއްޓަށާއި، އިންސާނުންނަށް ކުރެވެއެވެ. ގަސްހައްދާ ފަރާތްތަކަށް ނޭނގިނަމަވެސް ބައެއްފަހަރު ކެމިކަލް ބޭސްތައް ޖަހާފައިވާ ގަސްތަކުން ބޭހުގެ އަސަރު ނުކެނޑެނީސް ނުވަތަ އެފަދަ ބޭސްތައް ޖެހުމަށްފަހު ދޫކުރަންޖެހޭ އެކަށީގެންވާ މުއްދަތު ދޫނުކޮށް ތަރުކާރީ އާއި މޭވާ ކެއުމަށް ބޭނުން ކުރެވޭތަން އާދެއެވެ.

ގަހަށްޖަހާ ކެމިކަލް ބޭސްތައް ތައްޔާރުކޮށްފައި ހުންނަނީ ގަސްތަކަށް ބޭސްޖަހާ ދުވަހުން ފެށިގެން ގާތްގަނޑަކަށް 2 ހަފްތާ ވަންދެން އެބޭސްތަކުގެ އަސަރު ގަހުގެ އެކި ހިސާބުތަކުގައި އަށަގެންފައި ހުންނަ ގޮތަށެވެ. އެހެންކަމުން ބޭސްޖެހުމަށްފަހު އެކަށީގެންވާ މުއްދަތު ދޫނުކޮށް މޭވާއާއި ތަރުކާރީ ބިނދެގެން ކެއުމަށް ބޭނުންކުރުމަކީ ޞިއްހީގޮތުން އިންސާނުންގެ ހަށިގަނޑަށް ވަރަށް ގެއްލުން ހުރި ކަމެކެވެ. މީގެ އިތުރުން ބިންގަނޑުގައި ހަރުލާފައިހުންނަ ކެމިކަލް މާއްދާތައް ބިމަށް ހިނދި ރަށްރަށުގެ ފެންފަށަލަތައް ތަޣައްޔަރުވަމުންދާނެއެވެ. ތަޣައްޔަރު ވެފައިވާ ފެން ބޭނުންކުރުމުން ހަމުގެ ބަލިތަކާއި، މިނޫންވެސް ތަފާތު އެހެން ބަލިތައް ޖެހެން މެދުވެރިވެއެވެ.

ގަސްގަހަށް ޖެހޭ ބަލިތަކާއި ފަނިފަކްސާ ނައްތާލުމަށް ތިމާވެއްޓާއި ރައްޓެހި، ގެއްލުންކުޑަ ބޭސްތަކާއި، ގޮތްތައް ކަމާގުޅޭ މާހިރުން އަންނަނީ ހޯދާ ތަޖުރިބާ ކުރަމުންނެވެ. އަދި މިމަޢުލޫމާތުތައް ބައިނަލްއަޤްވާމީ އަދި ޤައުމީ ފެންވަރުގައި ސަރުކާރުންނާއި އެކިއެކި ޖަމާއަތްތަކާއި، ޖަމްޢިއްޔާތަކުން ވެސް އާންމުންނަށް ފޯރުކޮށްދީ ހޭލުންތެރި ޕްރޮގްރާމްތައް ރާވާ ހިންގަމުންދެއެވެ. މިގޮތުން މިހުށައަޅާލަނީ އާންމުކޮށް ދިވެހިރާއްޖެއިން ލިބެންހުންނަ ޤުދުރަތީ ބާވަތްތައް ބޭނުންކޮށްގެން ތައްޔާރު ކުރެވިދާނެ ތިމާވެއްޓާއި ރައްޓެހި ގަހަށްޖަހާ ބޭސް ތައްޔާރުކޮށް އެބޭސްތައް ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ކޮޅެކެވެ. މިފަދަ ބޭސްތައް އަމިއްލައަށް ތައްޔާރުކޮށްގެން ބޭނުންކުރުމުން ގަސްހެއްދުމަށް ކުރެވޭ ޚަރަދުތައް ކުޑަކުރެވި، ގަސްތަކުން ލިބޭ މޭވާ އާއި ތަރުކާރީއަކީ އޭގެން ޞިއްޙީ ގެއްލުންތަކެއް ކުރިމަތިނުވާނެ ތަކެތިކަން އަމިއްލަ ނަފްސަށް ކަށަވަރު ކުރެވޭނެއެވެ. އަދި ހަމައެހެންމެ އަމިއްލަ ހިތްހަމަޖެހުމަށް ގޭގެ ބަގީޗާގައި ހައްދަމުން ގެންދާ މާމެލާމެއްޔާއި ބަގީޗާ ގަސްތަކުން އަޅުގަނޑުމެން ދިރިއުޅެމުން މިދާ ވެއްޓަށް ގެއްލުންނުވާކަން ކަށަވަރުކުރެވި އެގަސްތަކުން ހޯދަންބޭނުންވާ ފުރިހަމަ އުފާވެރިކަން ހޯދޭނެއެވެ.

މީގެއިތުރުންވެސް ގަހަށްޖަހާބޭސް ތައްޔާރުކުރެވިދާނެ ވަރަށް ގިނަ ފަތްޕިލާވެލީގެ ބާވަތްތައް ރާއްޖެއިން ލިބެންހުރެއެވެ. އާންމުކޮން ގަހަށްޖަހާބޭސް ތައްޔާރު ކުރުމަށް ހިތިރަހަ ހުންނަ، ނުބައި ވަސްދުވާ، ކިރުހުންނަ ގަސްގަހުގެ ބާވަތްތައް ބޭނުންކޮށްއުޅެއެވެ. ބޭސް ޖެހުމުގެ ކުރިން ދޮންވެފައިވާ މޭވާއާއި ތަރުކާރީ ކަނޑަންވާނެއެވެ. ބޭސްޖަހާއިރު ތިމާގެ ރައްކާތެރި ކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ފުރިހަމަކުރުމަށާއި، ގަސްތަކަށް ބޭސް ޖެހުމަށްފަހު ރަގަޅަށް ދޮވެ ހަށިގަނޑު ސާފުކުރުމަކީ މުހިންމު ކަމެކެވެ. މިފަދަ ބޭސްތައް ތައްޔާރުކުރާއިރު އެފަހަރަކަށް ބޭނުންކުރާ ވަރަށް ތައްޔާރު ކުރުމަށާއި އަދި ގަސްހައްދަމުންދާ ފަރާތްތަކުންވެސް މިފަދަ ބޭސްތައް އަމިއްލައަށް ގޭގައި ތައްޔާރުކޮށް ކެމިކަލް ބޭސްތައް ބޭނުންކުރާ މިންވަރު މިހާރަށްވުރެ ބޮޑަށް މަދުކުރުމަށް އަޒުމް ކަނޑައެޅުމަކީ ވަރަށް މުހިންމު ކަމެކެވެ.

ހިތިއޮށު ބޭސް

ބޭނުންވާ ތަކެތި-

110 ގްރާމް ހިތިއޮށް ( ހިއްކާފައި )

6 ތޮޅިމިރުސް ( ކުދިކޮށް ކޮށާފައި )

2 ލީޓަރ ފެން

ބޭސްތައްޔާރު ކުރާނެގޮތް-

ހިތިއޮށް ފުނޑުމަށްފަހު ފެނުގެ ތެރެއަށް އަޅާ 12 ގަޑިއިރު ވަންދެން މަތިޖަހާފައި ބަހައްޓާށެވެ. އެއަށްފަހު އެފެނުގެ ތެރެއަށް ކޮށާފައި ހުރި މިރުސްކޮޅު އަޅާ ރަގަޅަށް ގިރާލުމަށްފަހު ފުރާނާލާށެވެ.

ބޭނުންކުރާނެގޮތް-

ބަލިޖެހިފައިވާ ގަސްތަކަށް ރަގަޅަށް ސްޕްރޭ ކޮށްލާށެވެ.

ކޮންޓްރޯލްކުރެވޭނީ-

ހުދުކޫޑި، އެފިޑް، ޑައިމަންޑް ބެކް މޮތު

އަތައޮށު ބޭސް

ބޭނުންވާ ތަކެތި-

75 ގްރާމް އަތައޮށް ( ހިމުންކޮށް މުގުރާފައި )

3 ލީޓަރ ފެން

ބޭސްތައްޔާރު ކުރާނެގޮތް-

ފެނުގެ ތެރެއަށް މުގުރާފައި ހުރި އަތައޮށް އެޅުމަށްފަހު 45 ގަޑިއިރު ވަންދެން ބަހައްޓާށޭވެ. އެއަށްފަހު އެފެން ރަގަޅަށް ފުރާނާލާށެވެ.

ބޭނުންކުރާނެގޮތް-

ބަލިޖެހިފައިވާ ގަސްތަކަށް ރަގަޅަށް ސްޕްފޭކުރާށެވެ.

ކޮންޓްރޯލްކުރެވޭނީ-

އެފިޑް، ހުދުކޫޑި

ފަޅޯފަތު ބޭސް

ބޭނުންވާ ތަކެތި-

500 ގްރާމް ފަޅޯފަތް

1 ލީޓަރ ފެން

2 ގްރާމް އޯމޯ

5 އެމް،އެލް ކުކިން އޮއިލް

ބޭސްތައްޔާރު ކުރާނެގޮތް-

ފަޅޯފަތް ކުދިކޮން ކޮށާފައި 1 ލީޓަރ ފެނަށް އަޅާ ރަގަޅަށް އެއްކުރުމަށްފަހު 5 ގަޑިއިރު މަތިޖަހާފައި ބަހައްޓާށެވެ. ދެން އޯމޯ އެޅުމަށްފަހު ފޮތިކޮޅަކުން ފުރާނާލާށެވެ.

ބޭނުންކުރާނެގޮތް-

ތައްޔާރު ކުރެވިފައިވާ ބޭހުގެ ތެރެއަށް 2 ލީޓަރ ފެން އަދި ކުކިން އޮއިލް އެއްކޮށްލުމަށްފަހު ސްޕްރޭކުރާށެވެ.

ކޮންޓްރޯލްކުރެވޭނީ-

އެފިޑް، ތްރިޕްސް

އެޑިޓަރުގެ ނޯޓް: މިއީ ދަނޑުވެރިކަމުގެ ފަންނީ ބައެއް މައުލޫމާތު ކިއުންތެރިންނަށް ގެނަސްދިނުމަށްޓަކައި ހުށަހަޅައިދޭ ކޮލަމެކެވެ. “ޚާލިދުގެ ދަނޑުން” މިކޮލަމަށް ލިޔުއްވަމުން ގެންދަވާ ޚާލިދުއަކީ ދަނޑުވެރިކަން ކުރާނޭގޮތް ދަސްކޮށްދިނުމަށް ރާއްޖޭގެ ވަރަށްގިނަ ސަރަހައްދުތަކުގައި ޓްރޭނިނގް ޕްރޮގްރާމްތައް ހިންގަވައި، އެދާއިރާގައި 25 އަހަރަށްވުރެ ގިނަދުވަހުގެ ތަޖުރިބާ ލިބިލައްވާފައިވާ އޭދަފުށި ދޮންދުނބުރިގޭ ޚާލިދު ޔޫސުފެވެ. އެގްރިކަލްޗަރ މިނިސްޓްރީގައި އާދައިގެ ވަޒީފާއަކުން 1992 ވަނަ އަހަރު ދިވެހި ދަނޑުބިންތަކަށް ނުކުންނެވި ޚާލިދަކީ މިއަދު އެގްރިކަލްޗަރ މިނިސްޓްރީގެ ސީނިއަރ ފީލްޑް އޮފިސަރުގެ މަޤާމްގައި ހުންނެވި ބޭފުޅެކެވެ. އޭނާވަނީ ދަނޑުވެރިކަމުގެ ގިނަ ކޯސްތަކަކާއި، ޓްޜޭނިންގް ޕްރޮގްރާމްތައް ރާއްޖެއާއި، ރާއްޖެއިން ބޭރުން ފުރިހަމަ ކުރައްވާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top