ރަމަޟާންމަހުގެ މިހާހިސާބަށް އައިއިރު ބ. އަތޮޅުގެ ބަޒާރުގައި ކަރާގެ އަގުތަށް ވަރަށް ބޮޑަށް ދަށްވެ، ކުރުނބާގެ އަގު މައްޗަށް ގޮސްފައިވާކަމަށް ދައްކައިފިއެވެ.
ބ. އަތޮޅުގެ އެންމެ ބޮޑު މާކެޓް އޭދަފުށީ ވިޔަފާރިވެރިން ބުނަނީ ކަރާ ކިލޯއެއްގެ އަގު ރޯދަމަސް ފެށުނުއިރު ހުރީ ވިހިރުފިޔާއިން މަތީގައިކަމަށާ، އެއަގު އިއްޔެ 15 ރުފިޔާއަށް ދަށްވެފައިވާކަމަށެވެ.
ބ. އަތޮޅުގެ ވިޔަފާރީގެ އެއްބާރު “ފަސްމުގޫ” ފިހާރައިން ބުނީ ކަރާގެ އަގު ދަށްވެފައިވަނީ ރ. އަތޮޅުގެ ދަނޑުވެރި ރަށްރަށުން ގެންނަ ކަރާ އިތުރުވެ، ވިކޭއަދަދު ދަށްވެގެން ކަމަށެވެ. އަދި އަންނަ ހަފްތާގައި އިންޑިޔާ ކަރާ ބާޒާރަށް ނުކުންނާނެކަމަށާ، އޭރުން އަގުތައް މިހާރަސްވުރެވެސް ދަށްވާނެކަމަށް ފަސްމުގޫއިން ބުންޏެވެ.
ކަރާގެ އަގު ދަށްވިނަމަވެސް ފަނިގިރުމަށް އެންމެ ޑިމާންޑް ބޮޑު ކުރުނބާގެ އަގު ރޯދަމަސް ފެށުނުއިރާ އަޅާ ބަލާއިރު ވަނީ މައްޗަށް ގޮސްފައެވެ. އޭދަފުށިގައި އެންމެ ފުޅާކޮށް ކުރުނބާ ވިޔަފާރިކުރާ “ހީނާ އައިޓަމްސް” އިން ބުނީ ކުރުނބާގެ އަގު ކުރިން ހުރީ 20ރ އަށް ކަމަށާ، މިހާރު 22ރ އަށް މަތިވެފައިވާ ކަމަށެވެ. އެފިހާރައިން ބުނީ ކުރުނބާ ލިބޭވަރު ދުވަހެއް ދުވަހަކަށް މަދުވަމުންދާތީ، އަގު އުފުލުމަކީ އަދިވެސް އެކަށިގެންވާ ކަމެއްކަމަށެވެ.
ކުރުނބާގެ ސްޓޮކް އެންމެ ބޮޑު ބ. މާޅޮހާ، ކަމަދޫ އަދި ކެންދޫން ބުނަނީ ބ. އަތޮޅުގެ މާކެޓަށް މިހާތަނަށް ދިހަވަރަކަށް ހާސް ކުރުނބާ ނެރެވިއްޖެ ކަމަށާާ، ރުއްރުކުގެ މަތިވަރު މިހާރު ދަށްވަމުން އަންނަ ކަމަށެވެ.
ކުރުނބާގެ އަގު މަތިވެ، ކަރާގެ އަގު ވެއްޓުނުއިރު، ރޯދަމަހަށް ހާއްސަކޮށް ބޭނުންކުރާ ހަނީ މެންގޯއާއި، ފޭރު އަދި ރަންބުސްތާނާއި، ފަޅޯގެ އަގުތައް މަތިނުވެ ހިފެހެއްޓިފައިވާކަމަށް ވިޔަފާރިވެރިން ބުނެއެވެ. އަދި ފިޔާ ބިސް އަލުވީގެ އަގުތައްވެސް އެކަށީގެންވާ އަގެއްގައި ހިފެހެއްޓިފައިވާކަމަށް ވިޔަފާރިވެރިން ބުނެއެވެ.