ރޯދަމަހާއި، އަލީ ޔަހްޔާގެ ޅައުމުރުގެ ހަނދާންތައް

IMG_20170419_221148.jpg

އޭދަފުށީ ހުސްނުހީނާގޭ އަލީ ޔަޙްޔާ - ފޮޓޯ :އޭދަފުށީ ވޮއިސް

1942ވަނަ އަހަރު އުފަންވި އޭދަފުށީ ހުސްނުހީނާގޭ އަލީޔަޙްޔާ އަކީ އޭދަފުށީގެ ތާރީޚްގައި ވެރިކަން ކުރި ބޭފުޅުންގެ ލިސްޓުން ޖާގަ ހޯއްދެވުމުގެ އިތުރުން ރަށަށް ގިނަ ޚިދުމަތްތަކެއްވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އޭދަފުށީގެ ކަތީބުކަމުން ރިޓަޔަރ ވުމަށްފަހުވެސް އޭނާ ވަނީ ރަށު ކައުންސިލްގައި ކައުންސެލަރެއްގެ ގޮތުން އޭރު ތިއްބެވި ޒުވާން އެހެން ކައުންސެލަރުންނަށް ގޮން ޖައްސަވައި އޭނާގެ އަސްލު އަގު ދައްކާލާފައެވެ. އެންމެ ކުޑަމިނުން މީހަކު މަރުވުމުން ދެން ކަންކުރާނޭ ތަރުތީބު މަގު ކައުންސިލަށް ދަސްކޮށްދިން މީހަކީ އެއީ އެވެ.

ވެރިކަމުގެ ހަޔާތުގައި ޖުމްލަ ސާޅިހަށްވުރެ ގިނަ އަހަރު ހޭދަކުރެއްވުމަށްފަހު މިހާރު އަލީ ޔަހްޔާ ވަނީ “ގެއްލިފައެވެ. ” އަލީ ޔަހްޔާ ކޮބާ ހެއްޔެވެ.

އޭނާ އެބަހުންނެވިއެވެ. އުމުރުން 75 އަހަރުގައިވެސް އޭނާފެންނަނީ ޒުވާނެއްގެ ގޮތުގައެވެ. ވަޒީފާ އަދާ ކުރައްވަނީ ރެޑްވޭވް ކުންފުނީގައި މާލޭގައެވެ.

މިފަހަރު މި އުޅެނީ އަލީގެ ގައުމީ ޚިދުމަތުގެ ވާހަކަ ދައްކާކަށް ނޫނެވެ. ރޯދަމަހާ އެކު ރޯދަ ސުފުރާމަތިން ބައްދަލު ކޮށްލީ އަލީމެންގެ ޅައުމުރާއި ޒުވާން އުމުރު ރޯދައަށް ތައްޔާރުވާ ގޮތާއި ރޯދަމަސް ހޭދަކުރާ ގޮތް އޮޅުން ފިލުވާލެވޭތޯއެވެ.

އޭދަފުށީގެ ވަރަށް އާދައިގެ އާއިލާއަކަށް އުފަންވި އަލީ ޔަޙްޔާގެ ހަނދާން ހުންނަން ފެށިއިރު ރޯދަމަސް ބައްދަލުކުރަނީ އެހާ އުފާވެރި ދުުވަސްތަކެއްގެ ގޮތަކު ނޫނެވެ. ދެވަނަ ބޮޑުހަނގުރާމައިގެ ސަބަބުން މުޅި ރާއްޖެއަށް އާއްމުވި ބޮޑުތަދުގެ ދުވަސްވަރު ކަމަށް ބުނަމުން އަލީ އަށް ވެސް ހޭލެވުނީ ބޮޑު ތަދުގެ ތެރެއަށެވެ. އޭނާ ރޯދަމަސް ތަސައްވަރު ކުރީމިގޮތަށެވެ.

“ޅަ ބަބުކެޔޮ ކޮށައިގެން މަޑުކޮށްގެން އޭގެ ދިޔަކޮޅާއެކު ކަނީ .އެއީ ހާރު .ރޯދަ ވީއްލަނީ ބަތްޕެން ކޮޅެއް ނުވަތަ ފުއްޑިޔަ ކޮޅެއް ކަހަލަ އެއްޗަކުން. އެއީ ގޮދަންފުށް ކޮޅަކަށް ފެން އަޅައިގެން ވަރަށް ދިޔާ ކޮށް ކައްކާ އެއްޗަކަށް ކިޔާ ނަމެއް. އެއަށް ގަރުދިޔަކޮޅެއް ނުވަތް ރެހިކޮޅެއް އަޅައިގެން .ބަނޑުހައި ވޭ، އެކަމަކު ކުރާނެކަމެއްނެތް ތާ ! ”

އެހެންނަމަވެސް ޒުވާންއުމުރަށް އަޅައިގަނެ އަތްފައި ކޮށައިގެން މަސައްކަތް ކުރަން ފެށިފަހުން އެ މަންޒަރު ބަދަލުވެ ރޯދަމަސް ތިޔާގި މަހަކަށް ބަދަލު ވިއެވެ. ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ކުރާކަންތައް އަލީ ޔަހްޔާ ކިޔައިދެއްވަން ފެއްޓެވިއެވެ.

ޝަޢުބާން މަހަށް ހަނދުބެލުމާއެކު ދެންއެވީ ރޯދަ މަހަށް ތައްޔާރުވާން ފަށާށެވެ.

ދިގުދެމިގެންވާ ބަރަކާތްތެރި އަޅުކަމަކަށް ވާތީ އެމަހަށް ތައްޔާރު ވުމުގެ ގޮތުން އެންމެ ފުރަތަމަ ކުރާ މަސައްކަތަކީ ގޯތި ގެދޮރު ތާހިރު ކުރުމެވެ.

“މުޅި ގޯއްޗަށާއި ތަޅުންނާޅާ ހުންނަ ގޭގޭގެ އަށިއަށި ދަށަށްވެސް ދޮންވެލި ލައި ގޭގޭގައި ހިފާ ގެންގުޅޭ ސާމާނުވެސް މޫދަށް ގެންގޮސްގެން ކޮންމެ އަހަރަކު ރޯދަ އަށް ދޮންނާނެ. މިކަން ކުރާނީ ވަރަށް ފޯރީގަ. މީގެ އިތުރުން ބަދިގޭ ދުމަށި މަތީގައި އަޅާފައި އޮންނަ އޮށިތަކާއި ފިޔަންތަކަށް ދާންދެންވެސް މޫދަށް ގެންގޮސްގެން ދޮންނާނެ. މިމަސައްކަތުގައި އަންހެނުންނާ ފިރިހެނުންވެސް އެއް ރޫހެއްގައި ބައިވެރިވާނެ.” އަލީ ކިޔައިދެއްވިއެވެ.

މިއާއެކު ބަދިގޭގައި ކައްކަން ހަދާފައި ހުންނަ އުނދުންތައް ވެސް ރޯދައަށް އާކޮށް އެމަސައްކަތްކުރަން ދަންނަ ކުޅަދާނާ އަންހެނުންލައްވާ ނިކަން ރީތިކޮށް ހަދާނެއެވެ.

އަންހެންވެރިން ރޯދަމަހަށް ވާވަރަށް ގަނޑުކޮށް ހަވާދު ގަނެ ހަވާދުތައް އަވީލައި ހުނިހަވާދު ހިލައި ރޯދަމަހަށް ޚާއްސަކޮށް ހަވާދު ހަދައެވެ.

ދެން އޮންނާނީ ރޯދައަށް ހަނދު ބެލުމެވެ. އަލީ ބުނި ގޮތުން ރޯދައަށް ހަނދުބަލާ ރެއަށް އިރު އޮއްސުމާއެކު ހަނދުބެލުމަށް ރައްޔިތުން ނުކުމެ ހަނދު ފެނޭތޯ ބަލާނެއެވެ. ކުޑަކުދިން ލޯނާށީގައި އިންނަ ލޮލުން ހަނދު ބެލުމަށް އަތިރިމައްޗަށް ގޮސް އެލޯވަޅުން ހަނދުފެނޭތޯ ބަލާނެއެވެ. އެރޭ ހަނދު ފެނިއްޖެނަމަ ރަށުގެ އެކި ދިމާލުން ހަނދު ބަޑި ޖަހާނެއެވެ. އެއާއެކު ރޯދައަށް ތައްޔާރުކޮށްފައި ހުންނަ އަންބަލަން ކައިރީގައި އެކި އެކި ގްރޫޕްތައް ކައި ބޮއި މަޖާ ނަގާއިރު ހީވާނީ އީދެއް އައިސްގެން އުޅޭ ހެންނެވެ.

ރޯދަ ކުރުކުރުމުގެ ގޮތުން މާގިނަ ކަންކަމެއް ނުކުރިނަމަވެސް ރޯދަ މަހު ހަވީރު އިރުއޮއްސޭތަން ބަލަން ބައެއް ކުދިން އަތިރި މައްޗަށް ދާނެކަމަށް އަލީ ބުންޏެވެ. އަނެއްބައި ކުދިން ތިބޭނީ ބޮޑުމަގުގައި ރޯދަ ވީއްލަން ސަންގު ގޮވާ އަޑު އެހުމަށެވެ.

އަލީ ބުނިގޮތުން ރޯދަމަހުގެ ރޭތަކަކީ ވެސް އުފާވެރި ރޭ ތަކެކެވެ. ތަފާތު ކުޅިވަރުތައް ކުޅެއުޅުމާއި ޚާއްސަކޮށް ހަނދުވަރުމަތީގައި ހިރި ކުޅުމާއި ގަނޑުފިއްލާއާއި ފީކޯތް ފަދަ ކުޅިވަރުތަކަކީ ނިކަން ފޯރީގައި ކުޅެމުން ދިޔަ ކުޅިވަރު ތަކެކެވެ. އަދި ތިމާގެ ގޭގޭގެ ދައުވަތަށް ގޮސް ތަރާވީސް ހެދުމަކީ ނިކަން އެކުވެރި ޖައްވެއްގައި ކުރަމުން ގެންދިޔަ ކަންކަމެވެ.

އެންމެ ޚާއްސަ ގޮތެއްގައި އަލީ ފާހަގަ ކުރީ މިހާރާ ޚިލާފަށް އޭރު ރައްޔިތުންގެ މެދުގައި އޮތް ގަދަފަދަ އެކުވެރިކަމަށެވެ.

“އަވައްޓެރި ގެއަކަށް މަސްބާނައިގެން އަތުވެއްޖެނަމަ މުޅި އެހިސާބުގެ ހުރިހާ ގެއަކަށް ލައިގެން ކާއެއްޗެތި އެލިބުނީ. އެކޮންމެހެން ބަލާދިޔައަސް ނުދިޔައަސް ލިބޭ ގޮތަށް އޮންނަނީ.”

އެހާ ގާތް އެކުވެރިކަމާއެކު ރޯދަމަސް ވޭތުކުރާއިރު އެކުވެރިކަމާ އެއްބަނޑު އެއްބައެއްވަންތަކަމުގެ ދެވަނަ މިސާލަކަށް އޭނާ ނެންގެވީ ހާރު ދަމުގައި ކަން ހިނގާ ގޮތެވެ.

” ހާރުދަމު ކޮންމެ ގެއަކުހެން ކާށި ބިންނާނެ. ބޭނުމަކީ ހާރަށް ކޮންމެ ގެއަކުހެން މަސްފިހެފައި ހުންނާނެތީ އެއާއެކު ކެއުމަށް ބޯކިރު ނެގުމަށް ބޭނުންވާތީ. އެއްގެއިން ކާށި ބިންނަ އަޑު އިވުމުން އަނެއްގެއިންވެސް ހޭލާނެ. އެގޮތަށް ގޮސް މުޅި ރަށް އެގަޑީގައި ހޭލާނެ.”

އަލީ ބުނީ އޭރާ މިހާރުގެ ރޯދަމަސް ތަފާތުވަނީ މީހުންގެ އެކުވެރިކަން އޭރު މާބޮޑަށް ވެސް ވަރުގަދަ ކަމުންނެވެ. އޭރުގައި އެހުންނަ އަޚްވަންތަކަން މިހާރުވެސް ހުންނަ ނަމަ އަޅުގަނޑުމެނގެ މުޖްތަމައު އޮންނާނީ އިސްލާމީ ރިވެތި އުސޫލުގައި ވަރަށް ބޮޑުތަން އިސްލާހުވެފައިވާ މުޖްތަމައެއްގެ ގޮތުގައެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top