ރަމަޟާންމަހަކީ ކެއިން ބުއިމުގައި ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ މައްސަރެކެވެ. ޚާއްސަގޮތެއްގައި ތަފާތު ސިއްހީ މައްސަލަތައް ދިމާވާ ފަރާތްތަކުން މިކަމަށް ވިސްނަންޖެހެއެވެ.
ބ. އަތޮޅު ހޮސްޕިޓަލްގެ ޕަބްލިކް ހެލްތް ޔުނިޓްގެ ހެޑް ސިދުގީ އަބްދުﷲ އަކީ ވޭތުވެދިޔަ 30 ހަށްވުރެ ގިނަ އަހަރު ސިއްހީ ދާއިރާގައި ޚާއްސަގޮތެއްގައި ބ. އަތޮޅުގެ އާންމު ސިއްހަތާގުޅޭ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ފުންނާބު އުސް ބޭފުޅެކެވެ. މިކޮލަމްގައި މިހަފްތާ މިއަލިއަޅުވާލަނީ ރަމަޟާންމަހު ކެއިން ބުއިމުގައި ދިމާވާ މައްސަލަތަކާއި، އެފަދަ މައްސަލަތައް ދިމާވާ ގޮތާއި، އެކަންކަމުން ސަލާމަތް ވުމަށް ކުރެވިދާނެ މުހިއްމު ބައެއް ކަންކަމާ ގުޅޭ ސުވާލުތަކަށް ސިދުގީ ދެއްވި ޖަވާބެވެ.
ސުވާލު: ރަމަޟާންމަހު ރޯދަ ވީއްލާ ވަގުތު ބައެއް މީހުން ވަރަށް ގިނައިން އެއްފަހަރާ ކައި އުޅެއެވެ. މިކަމުގެ ސަބަބުން ބައެއް މީހުން ވަރުބަލިވުމާއި، ތަފާތު ސިއްހީ މައްސަލަތައް ދިމާވާކަން ފާހަގަ ކުރެވެއެވެ. މިއީ ކިހިނެއް ވާކަމެއްތޯ. އަދި ރޯދަ ވީއްލައިގެން ކެއުމަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ؟
ސިދުގީ: ނުކައި ހުރެފައި ރޯދަ ވީއްލާގަޑީގައި މާގިނައިން ކެއުމުގެ ސަބަބުން ތަފާތު ސިއްހީ މައްސަލަތައް ދިމާވޭ. އެކަހަލަ ކަންކަން ވަރަށް ގިނައިން ފާހަގަކުރެވޭ. ހަގީގަތުގައި ވާގޮތަކީ ހުސްބަނޑާ އެހާ ގިނައިރު ހުރެފައި ކެއީމަ ވާގޮތެއް އެއީ. އެންމެ ގިނައިން ފާހަގަ ކުރެވެނީ ގޭސްޓްރިކް ގެ މައްސަލަތައް. މިކަން ހައްލުކުރެވޭނީ ހަށިގަނޑަށް އެންމެ ބޭނުންވާ ލުއި ކާނާއެއް ބޭނުން ކޮށްގެން. ފުރަތަމަ ބޮޑު ކެއުމެއް ކެއުމަށްވުރެ، ދިޔާ އެއްޗެއް ބުއިން އެންމެ މުހިއްމީ. ހާއްސަ ގޮތެއްގައި ކުޅި އެއްޗެތި، ތެޔޮ އަދި ހަވާދުން ހަދާފައި ހުންނަ އެއްޗެތި ވީހާވެސް މަދުން ކެއުން.
ސުވާލު: ރަމަޟާންމަހުގެ ރޯދައަށް ހުންނައިރު ގާތްގަނޑަކަށް 14 ނުވަތަ 15 ގަޑިއިރު ނުކައި ހުންނަން އެބަޖެހޭ. ބައެެއް މީހުން ރޯދަައަށް ހުންނައިރު ވަރަށް ވަރުބަލިވާތީވެސް އުޅޭ. ރޯދައަށް ހުންނައިރު ހަށިގަނޑުގައި ހަކަތަ ގިނައިރު ހިފެހެއްޓުމަށް ހާރުކާއިރު ކޮންކަހަލަ ކާނާއެއް ބޭނުންކުރުންތޯ ރަނގަޅީ؟
ސިދުގީ: ވަރަށް ރަނގަޅު ސުވާލެއް ތިޔައީވެސް. ހާރަށް ހަމަ ރަނގަޅީ ކާބޯހައިޑްރޭޓްސް ހިމެނޭ ކާނާ ކެއުން، އަދި ވިޓަމިންސް މިނެރަލްސް ކަހަލަ މާއްދާތައް ހިމެނޭ ކާނާ. މިސާލަކަށް ތެޔޮ، ހަވާދު، އަދި ކުޅި އެއްޗެތި އެއްގޮތަކަށްވެސް ނުކާންވީ، އެފަދަ ކާނާގެ ސަބަބުން ރޯދައަށް ހުންނައިރު އުނދަގޫތަކާ ކުރިމަތިވާނެ. ބޮޑަށް ރަނގަޅުވާނީ ބަންޕެން ކަހަލަ ނުވަތަ ބަތް ކެއުން.
ސުވާލު: ފާއިތުވި ރަމަޟާންމަސްތަކަށް ނަޒަރު ހިންގާލާއިރު ބ. އަތޮޅުން ސިއްހީ މައްސަލަތައް ދިމާވެގެން ޑޮކްޓަރަށް ދަންކަން އައިސްފައި ހުރީ ކޮންކަހަލަ މައްސަލަތަ ތަކެއްގައިތޯ؟
ސިދުގީ: ބޮޑަށް ހަމަ ހަޖަމުކުރުމުގެ ނިޒާމްގެ މައްސަލަތައް ކުރިމަތިވެގެން އަންނަނީ. އެއީ ބޭރަށް ހިންގުމާ، ގޭސްޓްރިކް މައްސަލަތައް އާންމުކޮށް ހަމަ ދިމާވޭ.