ރައީސުލްޖުމްހޫރިއްޔާ އޭދަފުށްޓަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ދެވަނަ ފަހަރަށް އަނެއްކާވެސް ފަސްކުރައްވައިފިއެވެ.
ރައީސްގެ ދަތުރުފުޅު ފުރަތަމަ ތާވަލް ކޮށްފައިވަނީ މިމަހުގެ 18ގައި އޭދަފުށްޓަށް ވަޑައިގަންނަވާ ގޮތަށެވެ. އެހެންނަމަވެސް އެތާރީޚް މިމަހުގެ25 އަށް ބަދަލުކުރެއްވުމަށް ފަހު މިއަދު އަނެއްކާވެސް މިވަނީ ފަހުގެ ތާރީޚަކަށް ދަތުރުފުޅު ފަސްކުރައްވާފައެވެ.
އީވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސްގެ ދަތުރުފުޅު ފަސްކުރެއްވި ކަން ރައީސް އޮފީހުން މިއަދު ވަނީ އޭދަފުށީ ކައުންސިލަށްވެސް އަންގައިފަ އެވެ.
ރައީސް ޔާމީނަށް މަރުހަބާ ދެންނެވުމަށް މީގެ ދެހަފްތާއެއްހާ ދުވަސް ކުރިން ފެށިގެން ރަށުގެ ބަނދަރު ސަރަހައްދު އަންނަނީ ވަރަށްބޮޑަށް ޒީނަތްތެރި ކުރަމުންނެވެ.
ރައީސްގެ މި ދަތުރުފުޅަކީ ރ އަދި ބ އަތޮޅުގެ ބައެއް ރަށްރަށުގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތައް ބައްލަވާ ލެއްވުމަށާއި ސަރުކާރުން ހިންގި މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.