ލިޔުނީ: ޚާލިދު ޔޫސުފް
ބަޔޯޕެސްޓިސައިޑަކީ ގުދުރަތީ ތަފާތު ބާވަތްތައް ބޭނުންކޮށްގެން ތައްޔާރުކުރާ ބޭހެކެވެ. ގޯތި ތެރޭގައި ގަސް ހައްދަމުންދާ ފަރާތްތަކަށް ދިމާވާ ގޮތްނޭގޭ ބަލިތަކާއި، ތަފާތު ފަނިފަކުސާ ގެ ސަބަބުން ގަސްތައް މަރުވެ ހައްދަމުންދާ ދަނޑުތައް އެއްކޮށް ހަލާކުވަމުން ދެއެވެ. އެހެންކަމުން މުޅި ދުނިޔެއަށް ތަފާތު ކެމިކަލް ބޭސް ތައާރަފް ވުމާއެކު އެފަދަ ބޭސްތައް ވަނީ ގަސްހައްދަމުންދާ ފަރާތްތަކުގެ މެދުގައި މަގްބޫލު އެއްޗަކަށް ވެފައެވެ. މިގޮތުން ގަސްހައްދަމުންދާ ފަރާތްތަކުން ގިނަ އަދަދަކަށް ކެމިކަލް ބޭސް ބޭނުންކުރެވެމުންދެއެވެ.
ގިނަ މިންވަރަކަށް ކެމިކަލް ޕެސްޓިސައިޑްތައް ބޭނުންކުރުމުން އޭގައި ހިމެނޭ ވިހަ ކެމިކަލްގެ މާއްދާ ތަކުގެ އަސަރު ތިމާވެއްޓަށާއި އިންސާނުންނަށް ކުރެއެވެ. އަދި ބައެއް ފަހަރު ކެމިކަލް ޖަހާ ގަސްތަކުން ބޭހުގެ އަސަރު ނުކެޑެނީސް ތަރުކާރީއާއި މޭވާ ބޭނުންކުރެވޭތަން އާދެއެވެ. މިއީ ވަރަށް ގެއްލުން ހުރި ކަމެކެވެ. މީގެ އިތުރުން ބިންގަނޑުގައި ހަރުލާފައި ހުންނަ ކެމިކަލްގެ މާއްދާތައް ބިމަށް ހިނދި ބައެއް ރަށްރަށުގެ ފެންފަށަލަ ވަނީ ތަޣައްޔަރު ވެފައެވެ. މި ގޮތުން ތަޣައްޔަރު ވެފައިވާ ފެން ބޭނުންކުރުމުން ހަމުގެ ބަލިތަކާއި މިނޫން ވެސް އެހެން ބަލި ތައް ޖެހޭ ގޮތް ދިމާވެއެވެ.
ގަސްގަހަށް ޖެހޭ ބަލިތަކާއި ފަނި ފަކުސަ ނައްތާލުމަށް ތިމާވެއްޓާ ރައްޓެހި ގެއްލުން ކުޑަ ބޭސްތަކާއި، ގޮތްތައް އެކި ފަރާތްތަކުން އަންނަނީ ހޯދަމުންނެވެ. މިފަދަ މައުލޫމާތުތައް ދަނީ އެކި ފެންވަރުގައި އާއްމުންނަށް ހޭލުންތެރި ޕްރޮގްރާމްތައް ހިންގަމުންނެވެ. މިގޮތުން މިހުށައަޅާލަނީ އާއްމުކޮށް ދިވެހި ރާއްޖެއިން ލިބެން ހުންނަ ބާވަތްތައް ބޭނުންކޮށްގެން ތައްޔާރު ކުރެވިދާނެ ބައެއް ބަޔޯ ޕެސްޓިސައިޑެވެ. މިބޭސް ބޭނުންކުރާނެ ގޮތާއި އެއިން ކޮންޓްރޯލް ކުރެވޭނެ ބަލި ހިމެނިފައިވާނެއެެވެ. މިފަދަ ބޭސްތައް އަމިއްލައަށް ބޭނުންކުރުމުން ގަސް ހެއްދުމަށް ކުރެވޭ ޚަރަދުތައް ކުޑަވެ ސިއްހަތަށް ގެއްލުން ނުދޭ ކާބޯތަކެއްޗާއި މާގަސްތައް ހެއްދިދާނެއެވެ.
މީގެ އިތުރުންވެސް ބަޔޯޕެސްޓިސައިޑް ތައްޔާރުކުރެވިދާނެ ވަރަށް ގިނަ ފަތްޕިލާވެލި ރާއްޖެއިން ލިބެން ހުރެއެވެ. އާއްމުކޮށް ބަޔޯޕެސްޓިސައިޑް ތައްޔާރުކުރުމަށް ހިތިރަހަ ހުންނަ ނުބައި ވަސްދުވާ، ކިރު ހުންނަ ގަހުގެ ބާވަތްތައް ބޭނުންކުރެވިދާނެއެވެ. ބޭސްޖެހުމުގެ ކުރިން ދޮންވެފައިވާ މޭވާއާއި ތަރުކާރީ ކަނޑަންވާނެއެވެ. ބޭސްޖަހާއިރު ތިމާގެ ރައްކާތެރކަމަށްޓަކާ އަޅަން ޖެހޭ ފިޔަވަޅުތައް ފުރިހަމަ ކުރުމަށާއި ބޭސް ގެންގުޅުމަށްފަހު އަތް ދޮންނަން ވާނެއެވެ. މި ފަދަ ބޭސްތައް ތައްޔާރު ކުރާއިރު އެފަހަރަށް ބޭނުންވާ ވަރަށް ތައްޔާރު ކުރުން ރަނގަޅު ވާނެއެވެ.
މުގުރި މިރުސް ބޭސް
ބޭނުންވާ ތަކެތި
1ސައިސަމުސާ މުގުރި މިރުސް
1 ލޮނުމެދު
1 ކުޑަ ފިޔާ
1 ލިޓަރު ފެން
1 މޭޒުމަތީ ސަމުސާ ދޮންނަ ކުނޑި
ބޭސް ތައްޔާރުކުރާނެ ގޮތް
ލޮނުމެދާއި ފިޔާ ކުދިކޮށް ކޮށާލުމަށް ފަހު މުގުރިމިރުހާއި އެއްކޮށްލާށެވެ. ދެން ފެނާ އެއްކޮށްލާފައި އެއްގަޑިއިރުވަންދެން ބެހެއްޓުމަށް ފަހު ފުރާނާލާށެވެ. ފުރޭނި ފެނުގެ ތެރެއަށް ދޮންނަކުނޑިއަޅާ ރަނގަޅަށް ގިރާލާށެވެ.
ބޭނުންކުރާނެ ގޮތް
ބަލި ޖެހިފައިވާ ގަސްތަކަށް ރަނގަޅަށް ސްޕްރޭ ކޮށްލާށެވެ.
ކޮންޓްރޯލް ކުރެވޭނީ
ގަސްގަހުގެ ފަތްކާ ފަނި ފަކްސާގެ ބާވަތްތަކަށް
ފިޔާބޭސް
ބޭނުންވާ ތަކެތި
1 ކިލޯ ފިޔާ
1ލިޓަރު ފެން
ބޭސް ތައްޔާރު ކުރާނެ ގޮތް
ބޮކި ޖަހަންދެން ފެން ކައްކާށެވެ. ފިޔާ ކުދިކުދިކޮށް ކޮށާފައި އޭގެ ތެރެއަށް ކެކިކެކިހުރި ފެންއަޅާފައި މަތި ބަންދު ކޮށްފައި 24 ގަޑިއިރުވަންދެން ބަހައްޓާށެވެ.
ބޭނުންކުރާނެ ގޮތް
ތައްޔާރުކުރި ބޭހާއި 10ލިޓަރު ފެން އެއްކޮށްގެން ސްޕްރޭ ކުރާށެވެ. ރަނގަޅީ ހެނދުނު ހެނދުނާ ނުވަތަ ހަވީރު ފިނިޖެހުމުންނެވެ
ކޮންޓްރޯލް ކުރެވޭނީ
ސްކޭލްސް، ސްޕައިޑަރމައިޓްސް، ތްރިޕްސް
އެޑިޓަރުގެ ނޯޓް: “ޚާލިދުގެ ދަނޑުން” މިކޮލަމަށް ލިޔުއްވާ ބޭފުޅަކީ ދަނޑުވެރިކަން ކުރާނޭގޮތް ދަސްކޮށްދިނުމަށް ރާއްޖޭގެ ވަރަށްގިނަ ސަރަހައްދުތަކުގައި ޓްރޭނިނގް ޕްރޮގްރާމްތައް ހިންގަވައި، އެދާއިރާގައި 25 އަހަރަށްވުރެ ގިނަދުވަހުގެ ތަޖުރިބާ ލިބިލައްވާފައިވާ އޭދަފުށި ދޮންދުނބުރިގޭ ޚާލިދު ޔޫސުފެވެ. އެގްރިކަލްޗަރް މިނިސްޓްރީގައި އާދައިގެ ވަޒީފާއަކުން 1992 ވަނަ އަހަރު ދިވެހި ދަނޑުބިންތަކަށް ނުކުންނެވި ޚާލިދަކީ މިއަދު އެގްރިކަލްޗަރ މިނިސްޓްރީގެ ސީނިއަރ ފީލްޑް އޮފިސަރުގެ މަޤާމްގައި ހުންނެވި ބޭފުޅެކެވެ. އޭނާވަނީ ދަނޑުވެރިކަމުގެ ގިނަ ކޯސްތަކަކާއި، ޓްޜޭނިންގް ޕްރޮގްރާމްތައް ރާއްޖެއާއި، ރާއްޖެއިން ބޭރުން ފުރިހަމަ ކުރައްވާފައެވެ.