އޮނަތިރީސް މިލިޔަޔަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ބ. ކެންދޫގައި ސަރުކާރުން ތަރައްޤީކުރި އާ ބަނދަރުގެ މަސައްކަތް ނިމި އާންމުކޮށް ހުޅުވާލައިފިއެެވެ.
އަމިއްލަ ކުންފުންޏެއްކަމުގައިވާ ކެޕިޓަލް އިންވެސްޓްމަންޓާ ހަވާލުކޮށްގެން ހެދި މިބަނދަރު ނިމި އާންމުކޮށް ބަނދަރު ހުޅުވާލީ މިހަފްތާތެރޭގައިކަމަށް އެރަށު ކައުންސިލުން ބުނެއެވެ. ކެންދޫ ކައުންސިލުން ބުނީ މަސައްކަތް މުޅިން ނިމުމާއެކު، ބަނދަރުގެ ހުރިހާ ސަރަހައްދެއް އާންމުކޮށް ހުޅުވާލިނަމަވެސް، ރަސްމީކޮށް ސަރުކާރުން މިމަޝްރޫއު ނިމުން ފާހަގަކުރާ ދުވަހެއް ނޭނގޭކަމަށެވެ.
ކެންދޫ ކައުންސިލްގެ މެމްބަރ އަހްމަދު ސަލީމް އީވީއަށް ވިދާޅުވީ އާ ބަނދަރާއެކު ކެންދޫގެ ރައްޔިތުންނަށް އާދުވަހަކަށް އަލިވިލިފައިވާކަމަށާ، ކުރުކޮށް ދަންނަވާނަމަ، އޮޑިވެރިންނަށް މިހާރު ހަމަޖެހިގެން ނިދާލެވޭނެކަމަށެވެ. އޭނާ ވިދާޅުވީ ބަނދަރުގެ ފެންވަރާމެދު ބުނާނެ އެއްވެސް އެއްޗެއް ނެތްކަމަށާ، މިއީ ސަރުކާރުން ކެންދޫ ރައްޔިތުންނަށް ކޮށްދެއްވި ވަރަށް ބޮޑު އިންވެސްޓްމަންޓެއްކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.
“ބަނދަރުގެ ފެންވަރާމެދު އެއްވެސް ޝައްކެއްނެތް. ވަރަށް ފުރިހަމަ، ވަރަށް ކޮލިޓީ ބަނދަރެއް ﷲ އިރާދަފުޅުން ލިބިފައިމިއޮތީ. ރައްޔިތުންނަށް ލިބުނު ހިތްހަމަޖެހުމަކީ ކުރުކޮށް ދަންނަވާނަމަ މިހާރު ހަމަޖެހިލައިގެން އަރާމުގައި ގޭގައި ނިދާލެވުން. މޫސުން ގޯސްވެއްޖިއްޔާ އޮޑިވެރިންނަށް ހަމަޖެހިލައިގެން މިހާރު ނިދާލެވޭ. އެއީ ކުރިން ކުރެވޭކަމެއްނޫން” ރައްޔިތުންނަށް ލިބުނު ލުއިފަސޭހަކަން ސިފަކޮށްދެއްވަމުން ސަލީމް ވިދާޅުވިއެވެ.
ކެންދޫގައި އާބަނދަރެއް ތަރައްޤީމިކުރީ ކުރިން ބޭނުންކުރަމުންދިޔަ ބަނދަރު ސުނާމީ ކާރިސާގައި ވަރަށް ބޮޑަށް ހަލާކުވެފައިވާތީކަމަށް ކެންދޫ ކައުންސިލުން ބުނެއެވެ.
ކައުންސިލުން ބުނީ ސަރުކާރުން ކުރިއަށްގެންދެވި މިމަޝްރޫޢުގެ ދަށުން އެރަށުގައި 580 ފޫޓް ދިގު ބޮޑު ބަނދަރެއް ހެދިއިރު މިބަނދަރުގައި 145 މީޓަރުގެ ބޮޑުހިލައިގެ ކަނޑުތޮށްޓެއްވެސް ލާފައިވާކަމަށެވެ. އަދި ކުރިން ބޭނުންކުރި ބަނދަރާއި، ނެރުން ތިލަވެފައިވާ ސަރަޙައްދު 3.5 މީޓަރަށް ފުންކުރެވިފައިވާކަމަށެވެ.
ކެންދޫ ކައުންސިލުން ބުނީ ބަނދަރު ނިމުނުއިރު ބަނދަރުގެ އެއްގަމުތޮށްޓާއި އިންވެގެން ޕޭމަންޓެއް ހެއްދެވުމުގެ އިތުރުން ނެރު ބައްތި ޖެހުމުގެ މަސައްކަތްވެސް މިމަޝްރޫޢުގެ ދަށުން ކުރެވިފައިވާކަމަށެވެ. އެކައުންސިލުން ބުނީ ބަނދަރާ ގުޅިގެން މިހާރު ކުރަންއޮތް ހަމައެކަނި މަސައްކަތަކީ ބަނދަރު ބައްތިތައް ދިއްލުމުގެ މަސައްކަތް ކަމަށާ، އެކަން ކައުންސިލުން މިހާރު ފަށައިގެން ކުރިޔަށް ގެންދަމުންދާކަމަށެވެ.