މުރަނގަފަތް – ޕްރޮޓީންސް އިން މުއްސަދިވެފައިވާ ފަތެއް

05-19-14_wt_moringa_shutterstock.jpg

މުރަނގަ އަކި ރާއްޖޭގެ ކޮންމެ ހިސާބެއްގައިވެސް ފަސޭހަ ކަމާއެކު ހައްދާލެވޭ އެއްޗެކެވެ. ސިއްހީ ވަރަށްގިނަ ފައިދާ އެކުލެވިގެންވާ މުރަނގައަކީ ކިތަންމެ ފައިދާ ހުރި ކާނާއެއްކަމުގައި ވިޔަސް ދިވެހިން އާއްމުކޮށް ކައި އުޅޭ ތަރުކާރީ ނުވަތަ ފަތްޕިލާވެލީގެ ތެރޭގައި މުރަނގަ ނުހިމެނޭ ކަމީ އަޖައިބުވާންޖެހެ ކަމެކެވެ. ހަމަގައިމުވެސް ބޭރުން ގެނެވޭ ކެރެޓާއި ކެބެޖްފަދަ ތަރުކާރިއަށް ވުރެ ހުރިހާ ގޮތަކުންވެސް މުރަނގައިގެ ފައިދާ ބޮޑުވާނެކަމަށް ސިއްހީ މާހިރުން އިއްތިފާގު ވެއެވެ.

މުރަނގަ ފަތުން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް

މުރަނގަ ފަތަކީ ޕްރޮޓީންއިން މުއްސަނދިވެފައިވާ ފަތެކެވެ. 100 ގުރާމްގެ މުރަނގަ ފަތުގައި 9.8 ގްރާމްގެ ޕްރޮޓީން ހުރެއެވެ. މިއީ ދުވާލެއްގެ މައްޗަށް މީހަކަށް ބޭނުންވާ ޕްރޮޓީންގެ 17.5 އިންސައްތަ އެވެ. ހިއްކާ މުގުރާފައި ހުންނަ މުރަނގަ ފަތުގައި އެތައް ބައިވަރު އެމިނޯ އެސިޑް ހުންނާނެ އެވެ.

މުރަނގަ ގަހުގައި ހުންނަ ޅަކުރިތަކަކީ ވިޓަމިން އޭ އިން މުއްސަދިވެފައިވާ އެއްޗެކެވެ. 100 ގްރާމުގެ މުރަނގަ ފަތުގައި 7564 އިންޓަނޭޝަނަލް ޔުނިޓްގެ ވިޓަމިން އޭ އެކުލެވިގެން ވެއެވެ. ވިޓަމިން އޭ އަކީ ތަފާތު ގިނަ ފައިދާތަކެއް ހަށިގަނޑަށް ފޯރުކޮށްދޭ އެންޓިއޮކްސިޑެންޓެކެވެ.  ވިޓަމިން އޭ އިން ، ހަށިގަނޑުގައިވާ ތެތްދުލިފަށަލަތަކަށް ލިބޭ ގެއްލުންތައް މަރާމާތުކޮށް ރަގަޅުކުރުން، ދިފާޢީ ބާރު ރަގަޅުކޮށްދިނުން، ލޮލުގެ ފެނުން ރަގަޅުކޮށްދިނުން އަދި ހަމުގެ ދުޅަހެޔޮކަން ދެމެހެއްޓުން ފަދަ ކަންތައްތައް ހިމެނެއެވެ.

މުރަނގަ ފަތުގައި ވިޓަމިންސީ ވެސް ގިނަ އަދަދަކަށް އެކުލެވިގެންވެއެވެ. 100 ގުރާމްގެ މުރަނގަ ފަތުގައި 57.7 މައިކްރޯގްރާމްގެ ވިޓަމިން ސީ ހުރެއެވެ. ވިޓަމިން ސީ އަކީ އެންޓިއޮކްސިޑެންޓަކަށް ވުމުން ފްރީ ރެޑިކަލް ތަކުގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުމުން ދުރުކޮށްދީ، ބަލިތަކުން ދިފާއުވުމަށް އެހީތެރިވެދެއެވެ.

މުރަނގަ ފަތުގައި ވިޓަމިން ބީ ގެ ތަފާތު ވައްތަރުތައް ކަމުގައިވާ ފޯލިކް އެސިޑް، ޕައިރިޑޮކްސިން، ނިއެސިން، ތިއެމިން، ރައިބޯފްލެވިން، ޕެންތޮނިކް އެސިޑް، އެކަށީގެންވާ މިންވަރަކަށް ހުރެއެވެ. މީގެތެރެއިން ގިނަ  ވިޓަމިން ތަކަކީ ހަށިގަނޑުގައި ހިނގާ ކާބޯހައިޑްރޭޓް، ޕްރޮޓީން، އަދި ފެޓް މެޓަބޮލިޒަމްގެ މަސައްކަތުގައި ކޯ-އެންޒައިމް އެއްގެ ދައުރު އަދާކުރާ ވިޓަމިން ތަކެކެވެ.

މުރަނގަ ފަތުގައި ވިޓަމިން ކޭ، ވިޓަމިން ޑީ، އަދި ވިޓަމިން އީ ވެސް ހުރެއެވެ. މުރަނގަ ފަތުގައި ކެލްސިއަމް، ދަގަނޑު، ކޮޕަރ، މެންގަނީޒް، މެގްނީޒިއަމް، ޒިންކު، އަދި ސިލެނިއަމް އެކަށޭނަ މިންވަރަކަށް ހުރެއެވެ. ދަގަނޑަކީ ހަށިގަނޑުގައި ލޭރަގަޅުކޮށްދޭ މާއްދާ އެކެވެ.

މުރަނގަ ފަތުގައި ދަގަނޑު ގިނަ އަދަދަކަށް އެކުލެވޭތީ މިއީ ލޭމަދުވެފައިވާ މީހުން އާދަކޮށް ކެއުމަށް ބޭނުންކުރެވިދާނެ ފަތެކެވެ. ކެލްސިއަމް އަކީ ކަށިތައް ވަރުގަދަކޮށްދީ، ކަށިފީވުމުން ދުރުކޮށްދީ، ކަށިތައް ދުޅަހެޔޮކޮށް ހުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. ޒިންކަކީ މަނި އުފެއްދުމަށާ، ހަމާއި، އިސްތަށީގެ ހެދިބޮޑުވުމުގައި މުހިއްމު ދައުރެއް އަދާކުރާ މައުދަނެކެވެ.

މުރަނގަ ފަތް ބޭނުންކުރުމުން ލިބިދާނެ އެހެނިހެން ފައިދާތަކުގެ ތެރޭގައި ބަނޑުގައި ހެދޭ ފާރު ފަސޭހަވުމަށް އެހީތެރިވުން، ހަށިގަނޑުގައި އުފެދޭ ދުޅަތައް ތިރިކޮށްދިނުން، ހުޅުތަކުގެ ރިހުން ލުއިކޮށްދިނުން، ހަމުގެ މައްސަލަތަކަށް ލުއިކަން ގެނެސްދިނުން، ލޭގެ ޕްރެޝަރު ކޮންޓްރޯލްކުރުން، އަދި ތަފާތު ބަލިތަކުން ދިފާޢުކޮށްދިނުމަށް އެހީތެރިވެދިނުން ހިމެނެއެވެ.

މަސްދަރު: ސިއްހަތު ޑޮޓް ބްލޮގް

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top