ބޯފެނުގެ ގޮތުގައި އޭދަފުށީގައި ޒަމާނުއްސުރެ ފެށިގެން ބޭނުންކުރަމުންއައި ހަސަންބެ ވަޅު ކުއްލިއަކަށް ގެއްލިއްޖެއެވެ. އޭދަފުށީގެ ރަސްމީ ދަނޑުގެ އިމުން ބޭރުގައި ހުރި ވަޅު ކުއްލިއަކަށް ގެއްލިފައިވަނީ އޭދަފުށީ ކައުންސިލާ އެމްއާރްޑީސީ ގުޅިގެން ދަނޑު ހިމެނޭ އޭރިޔާގެ ބިން އެއްވަރު ކުރަމުން ދަނިކޮށްކަން ފާހަގަ ކުރެވިފައިވެއެވެ.
މިކަމާބެހެ ގޮތުން ސުވާލު ދެންނެވުމުން އޭދަފުށީ ކައުންސިލްގެ ޒިންމާދާރު ވެރިޔާ ނިއުމާ އަހުމަދު ފުރަތަމަ ވިދާޅުވީ އެކަން އެނގޭނީ އެމަސައްކަތް ކުރިބަޔަކަށް ކަމުގައެވެ. އެކަމަކު ދެން ވިދާޅުވީ ވަޅު ނައްތާނުލާކަމަށާއި އެވަޅަކީ މީހުން ބުއިމަށާއި ކެއްކުމަށް ގިނަބަޔަކު މިހާރުވެސް ބޭނުންކުރަމުންދާ ވަޅަކަށް ވާތީވެ ވަޅު ހުންނާނީ ބިމާހަމައަށް ތަޅާލުމަށްފަހު މަތި އަޅާފައިކަމަށެވެ.
އިތުރަށް ނިއުމާ ވިދާޅުވީ ދެން އެވަޅުން ފެންލިބޭނީ ފެން އިސްކުރު ވެދުވެރިކޮށްގެން ކަމުގައެވެ.
ނިއުމާ އެހެން ވިދާޅުވިޔަސް އެވަޅުގައި މަތިއަޅާފައި ހުރިކަމުގެ އެއްވެސް ނިޝާނެއް އީވީގެ ޓީމް އެތަނަށް ގޮސް ބެލި ބެލުމުން ފެންނާކަށްނެތެވެ. ފަހަރުގައި އެއީ މާމޮޅަށް މަތިއަޅާފައި ހުރުމުން ފާހަގަ ނުވީ ކަމށް ވެދާނެއެވެ. އެހެންނަމަވެސް ވަޅުގައި މަތިއަޅާނަމަ ބިމާހަމައަށް ތަޅާލުމަށްފަހު އެވަޅުގެ މަތީގައި ބޭއްވުމަށް ސިމެންތީގެ ކޮންކުރީޓް މަތިގަޑަކާއި ވަޅުގެ ވަށައިގެންވާ ކައިރިފަށްވެސް ހަދަން ޖެހޭނެކަމަށް ވާއިރު އެފަދަ އެއްވެސް ކަމެއް ކުރާތަން އެއްވެސް މީހަކަށް ނުފެނުމަކީ އެވަޅު ތަޅާ ކުދިކުދި ކޮށްލިކަމަށް ގިނަ ބަޔަކު ތުހުމަތު ކުރާކަމެކެވެ.
އިތުރަށް މައުލޫމާތު ހޯޯދާލުމަށް އެހިސާބުގަނޑުގައި ދިރިއުޅޭ މީހުންނާ ވާހަކަ ދައްކާލުމުންވެސް އެވަޅުގައި މަތިއެޅިކަން ނުވަތަ ތަލާލާފައި އެވަޅު ނައްތާލިކަން އެއްވެސްމީހަކު ކަށަވަރުކޮށެއް ނުދިނެވެ.
“އަހަރެން ޜޭގަނޑު 11 ޖަހަންދެން މަސައްކަތް ކުރާތަން ބަލަން ހުރިން. އޭރުވެސް ވަޅު ހުރި. އެކަމަކު ހެނދުނު އައިސް ބަލާލިއިރު ވަޅެއް ނެތް. ” އެސަރަހައްދުގައި ދިރިއުޅޭ މީހަކު ބުންޏެވެ.
“ބޮޑަށް ބެލެވެނީ ވަޅުގެ ދުވަސް ދުއްވާލީކަމަށް. މަތިއަޅާފައި ހުރިނަމަ އެތަން ނުފެންނަންވީ ކީއްވެ؟ ” އެހެން މީހަކު އޭނާގެ ޚިޔާލު ފާޅު ކުރިއެވެ.
މި ވަޅު ނައްތާލަން އުޅޭ ކަމުގެ ވާހަކަ ރަށުތެރޭގައި ދެކެވެމުންދާތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. އެކަމާބެހޭ ގޮތުން ކުރިން ކައުންސިލްމެންބަރު ރިޒާ އީވީއަށް މައުލޫމާތު ދެމުން ވިދާޅުވީ އެވަޅު ނައްތާލުމުގެ ވިސްނުމެއް ނެތް ކަމަށާއި ވަޅު މަތި އެޅުމަށްފަހު މިހާރެކޭ ވެސް އެއްފަދައިން ރައްޔިތުންނަށް އެޥަޅުގެ މީރުފެން ފޯރުކޮށްދޭނެކަމަށެވެ.
އެހެންނަމަވެސް އެވަޅުގެ ނިޝާނެއް މިހާރު ފެންނާކަށް ނެތެވެ. މީީގެ ސާޅީހަކަށް އަހަރު ކުރިން އޭދަފުށީ ކަންމަތީގޭ އަލްމަރްހޫމް ހަސަން މުހައްމަދު (ހަސަންބެ ) ސަދަގާތެއްގެ ގޮތުގައި މީހުންނަށް ބޯފެން ފޯރުވައިދިނުމުގެ ގޮތުން ބިނާކޮށްފައިވާ މިވަޅު ނުވަތަ މި ތާރީޚީ ބިނާ ނައްތާލައިފިނަމަ އޭގެ މާނައަކީ ރައްޔިތުންގެ ބޭނުންތަކަށް ވިސްނުމަކީ ރަށް ހިންގަން އިސްކޮށްފައި ތިއްބެވި ބޭފުޅުންގެ ކުރިމަތީގައި މުހިއްމުކަމަކަށް ނުވަނީކަމަށް ބުނެވިދާނެއެވެ.
ޔަގީނުންވެސް އެނގޭ ކަމަކީ ހަސަންބެވަޅު ގެއްލިއްޖެކަމެވެ. އެތަނުގައި ފެންނަން ނެތްކަމަވެ. ސުވާލު އުފެދެނީ އެވަޅަށް ހެދި ގޮތަކާ މެދުއެވެ. ކައުންސިލަރު ރިޒާ ވިދާޅުވެފައިވަނީ އެވަޅު ނެތިކޮށް ނުލާނެކަމަށާއި ބިމާ ހަމައަށް ތަޅާލިނަމަވެސް ރައްޔިތުންނަށް އެވަޅުގެ ފެން ލިބޭނެ ގޮތް ހައްދަވައިދެއްވާނެކަމަށެވެ. ޒިންމާދާރުވެރިޔާ ނިއުމާވެސް ވަޅާ ބެހޭ ގޮތުން ވާހަކަދެއްކެވީ މިކަހަލަ ގޮތަކަށެވެ. އެކަމަކު މިހާރު އެވަޅު ކޮބާހެއްޔެވެ. މަތިއަޅާފައި އެބަހުރި ހެއްޔެވެ؟