ޚާލިދުގެ ދަނޑުން: ރޯދައަށް ކޮޕީފަތް ހެއްދުމަށް ވަރަށް ފަސޭހަގޮތެއް

halidh.jpg

ލިޔުނީ: ޚާލިދު ޔޫސުފް

ކޮޕީފަތަކީ ރާއްޖޭގެ މާހައުލުގައި ވަރަށް ފާސޭހައިން ހެއްދިދާނެ، ހަށިގަނޑަށް ވަރަށް ފައިދާކުރަނިވި ފަތެކެވެ. ޚާއްސަގޮތެއްގައި ކޮޕީ ފަތުގެ ޑިމާންޑް ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހު ބޮޑުވެގެންދެއެވެ. މިއަހަރުގެ ރަމަޟާންމަސް ކައިރިވަމުންދާއިރު މިހަފްތާގެ ކޮލަމްގައި އަޅުގަނޑު އަލިއަޅުވާލާނީ ކޮޕީފަތް ހެއްދުމުގައި ސަމާލުވާންޖެހޭ ކަންކަމުގެ މައްޗަށެވެ.

ކޮޕީފަތަކީ ރާއްޖެފަދަ ހޫނު ގައުމެއްގައި، އަދި ޚާއްސަކޮށް ގޯތިތެރޭގައި އޮންނަ ހުސްބިމުގައި ހެއްދުމަށް ވަރަށް ފަސޭހަ ގަހެކެވެ. ކޮޕީގަސް މުޑުވައްކުރާނީ ކުޑަކޮތަޅެއްފަދަ އެއްޗަކަށް ކަޅުވެލި އެޅުމަށްފަހުއެވެ. ވެލީގެ ފެންވަރު ދަށްނަމަ 3 ވެއްޔަށް 1 ކާދު (ގަސްކާނާ) ގެ މަގުން ކޮންމެވެސް ބާވަތެއްގެ ކާދެއް އެއްކުރެވިދާނެއެވެ. އެގޮތުން ޔުނިގްރޯއަކީ ވަރަށް އާންމުކޮށް ކާދުގެ ގޮތުގައި ދަނޑުވެރިން ރާއްޖޭގައި ބޭނުންކުރާ ބާވަތެކެވެ.

ގަސްތައްރުވާނީ ގަސް 8 އިންޗިއަށް ހެދި ރަނގަޅަށް މޫލުމުންނެވެ. ގަސްތައް ރުވަންވާއިރަށް އިންދުމުގެ އެއްދުވަސްކުރިން އިންދާތަން ފަސްގަނޑުޖަހައި ތައްޔާރުކުރަންވާނެއެވެ. އެގޮތުން ބެޑްގެ ސައިޒް ދިގުމިން 18 ފޫޓް ފުޅާމިން 3 ފޫޓް ބެޑަކަށް 20ކިލޯގެ ކާދުއަޅައި ތައްޔާރުކޮށް ރަނގަޅަށް ފެންޖަހަންވާނެއެވެ. ހަންބުރިފަދަ އެއްޗެއްގައި އިންދާނަމަ ކޮތަޅަށް ވެލިއަޅަން ތައްޔާރުކުރި މިންގަނޑަށް ވެލި ތައްޔާރުކުރުމުން ރަނގަޅުވާނެއެވެ. ގަސްތައް ރުވާތާ ދެތިންދުވަހު ދާ ނުވަތަ ފަން ބޭނުންކޮށްގެން ގަސްތައް ގަދަ އަވިން ހިޔާކޮށްލުމަކީ މުހިއްމުކަމެކެވެ. ގަހަށް ފެންދިނުމުގައި ރަނގަޅީ ބިންގަނޑު އަބަދުވެސް ގިނަވަގުތު ތެތްކަން ހުންނަވަރަށް ފެންދިނުމެވެ.

ބިމުގައި ގަސްރުވާތާ 10 ދުވަސްފަހުން އެން. ޕީ. ކޭ އެކުލެވޭ ގަސްކާނާއެއް ފެނާއެއްކޮށްގެން 10-14 ދުވަހުން ބިމަށް އަަޅާށެވެ. އަދި އެން. ޕީ. ކޭ އެކުލެވޭ ގްރެނިއުލް ފާޓިލައޒަރ (އޮއްކާނާ) އެއް އެޅުމަކީ ގަސްތައް ރަނގަޅަށް ހެދިބޮޑުވުމަށް ބޭނުންކުރެވިދާނެ ކާނާއެކެވެ. މިކާނާ ބޭނުންކުރާނީ ކޮންމެ 14 ދުވަހަކުން އެއްފަހަރުއެވެ.

ކޮޕީގަހަކީ ބަލިމަދު ކާނާގެ މައްސަލަތައްވެސް ޖެހުން ދުރުގަހެކެވެ. ނަމަވެސް މިގަސް ހައްދަމުންދާއިރު ދިމާވާ އާންމު ކާނާގެ މައްސަލައެއްގެ ގޮތުގައި ފަތްތަކުގެ ކައިރި ދަނބުވުން ފާހަގަކުރެވެއެވެ. މިގޮތަށް ދިމާވާން ފެށުމުން ފޮސްފަރަސް ގިނަ ކާނާއެއް ބޭނުންކުރުމުން ވަރަށް ފަސޭހައިން ހައްލުވެގެންދާނެއެވެ.

ކޮޕީގަސް ހައްދަމުންދާއިރު ވީހާވެސް ގިނައިން އޯގަނިކް ކާނާ (ޔުނިގްރޯ / ފާރޓީޕްލަސް / މަސްކުނޑި) ބޭނުންކުރުމަކީ ފަސްގަނޑު ގިނަދުވަހު މުއްސަދިކޮށް ބޭއްވުމަށް އެޅިގެންދާ ރަނގަޅު ފިޔަވަޅެކެވެ. ކޮޕީގަސް ހައްދާއިރު ފަތުގެ ކުރިތަކުން ފަނީގެ މައްސަލަ ދިމާވުމަކީވެސް އެކަށިގެންވާ ކަމެކެވެ. މިހެން ދިމާވެއްޖެނަމަ ފަނިއަޅާތާ ކުރީކޮޅުގައި ފަނިތައް ނަގާށެވެ. މިގޮތަށް ކޮންޓްރޯލް ނުކުރެވޭނަމަ އޯމޯފެން ނުވަތަ މިރުސްފެންފަދަ އޯގަނިކް ބޭހެއް ބޭނުންކުރުން ރަނގަޅުވާނެއެވެ.

ނިންމާލުމުގެ ކުރިން ކޮޕީފަތް ހައްދާ ފަރާތްތަކުން ވިސްނަވަންޖެހޭ ނުޤުތާއެއް ދަންނަވާލާނަމެވެ. އެގޮތުން އަބަދުވެސް ވިސްނަންޖެހޭނީ ކޮޕީގަހުގެ ފަތުގެ ސައިޒު ބޮޑުކުރުމަށް އުޅުމާއި، ގިނަބޭސްތައް ކާރިކާރީގައި ޖެހުމަކީ ނުރައްކާތެރި ކަމެއްކަމުގައެވެ. ބޭސް ބޭނުންކުރަންވާނީ އެ ބޭނުންކުރަން އޮންނަ އުސޫލުގެ ތެރެއިންކަން ހަނދާން ބަހައްޓަން ވާނެއެވެ. އެހެންނޫންނަމަ ޒަމާންތަކެއް ފަހުން އެދަނޑު ބިމަކުން ތަފާތު މައްސަލަތައް ފެނުމުގެ ފުރުސަތު ބޮޑުވާނެއެވެ.

އެޑިޓަރުގެ ނޯޓް: މިއީ ދަނޑުވެރިކަމުގެ ފަންނީ ބައެއް މައުލޫމާތު ކިއުންތެރިންނަށް ގެނަސްދިނުމަށްޓަކައި އަލަށް ފަަށާ ކޮލަމެކެވެ. “ޚާލިދުގެ ދަނޑުން” މިކޮލަމަށް ލިޔުއްވާ ބޭފުޅަކީ ދަނޑުވެރިކަން ކުރާނޭގޮތް ދަސްކޮށްދިނުމަށް ރާއްޖޭގެ ވަރަށްގިނަ ސަރަހައްދުތަކުގައި ޓްރޭނިނގް ޕްރޮގްރާމްތައް ހިންގަވައި، އެދާއިރާގައި 25 އަހަރަށްވުރެ ގިނަދުވަހުގެ ތަޖުރިބާ ލިބިލައްވާފައިވާ އޭދަފުށި ދޮންދުނބުރިގޭ ޚާލިދު ޔޫސުފެވެ. އެގްރިކަލްޗަރް މިނިސްޓްރީގައި އާދައިގެ ވަޒީފާއަކުން 1992 ވަނަ އަހަރު ދިވެހި ދަނޑުބިންތަކަށް ނުކުންނެވި ޚާލިދަކީ މިއަދު އެގްރިކަލްޗަރ މިނިސްޓްރީގެ ސީނިއަރ ފީލްޑް އޮފިސަރުގެ މަޤާމްގައި ހުންނެވި ބޭފުޅެކެވެ. އޭނާވަނީ ދަނޑުވެރިކަމުގެ ގިނަ ކޯސްތަކަކާއި، ޓްޜޭނިންގް ޕްރޮގްރާމްތައް ރާއްޖެއާއި، ރާއްޖެއިން ބޭރުން ފުރިހަމަ ކުރައްވާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top