މާޅޮހު ގާދިރުގެ “މަސްހުނި ރުނބާ”

DSCN4154.jpg

އަބްދުލްގާދިރު ޔޫސުފް ބ.މާޅޮސް ގޮލްފް

އޭނާއަކީ އާދަޔާ ޚިލާފު މިއުޒިޝަނެކެވެ. މޮޅު ކެޔޮޅެކެވެ. ޓުއަރގައިޑެކެވެ. މާލެއަށާ ބ.އަތޮޅުގެ ރިސޯޓުތަކަށް ފުޅާ ދާއިރާއެއްގައި ކުރުނބާ އެކްސްޕޯޓް ކުރާ އެކްސްޕޯޓަރެކެވެ. ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރާތާ ޑަބަލް ޕެންޝަން ލިބެން ކައިރިވެފައިވާ ތަޖްރިބާކާރު ޓީޗަރެއްމެއެވެ. މި ނޫނަސް ކިތަންމެ ރެކޯޑެކެވެ. އޭނާ ކުރިއަރާފައިވަނީ ވަކި މިވެނި ފަންނަކުންނޭ ބުނެފިނަމަ އެވާނީ ބޭ އިންސާފު ނިންމުމަކަށެވެ. އެހެންކަމުން މުޅި ދިރިއުޅުމަށް ބަލާލާއިރު ސިފަކުރެވެނީ މަސްހުނި ގަނޑެއްގެ ގޮތުގައެވެ. ރަހަތައް ހެޔޮވަރުކޮށްލުމަށް ބޭނުންވާ ހުރިހާ އެއްޗެއް ހަމަކޮށްގެން މޮޑެފައިވާ މީރު މަސްހުނި ގަޑެކޭ އެއް ގޮތަށް އޭނާގެ ދިރިއުޅުންވެސް ވަނީ ކާމިޔާބު ދިރިއުޅުމަކަށް ބޭނުންވާ ހުރިހާ ކަމެއް ހަމަވެފައެވެ. ހަމައެއާއެކު އޭނާގެ ދިރިއުޅުން މިހާ ހިސާބަށް އައިސްފައިވަނީ ރީތި އަދި އަހާލަން ޝައުގުވެރި ވާހަކަތަކަކާ އެކުގައެވެ. އޭނާއަކީ ބ.އަތޮޅުގެ އެންމެންގެ އެކުވެރި މާޅޮހު ގާދިރުއެވެ.

މާޅޮހު ގާދިރު ފެނުމުގެ ކުރިން ވެސް އޭނާގެ އަޑު އަހަމެވެ. ޕޮޕް މިއުޒިޝަނެއްގެ ގޮތުގައެވެ. ސަމާސާ އަދަބުގެ އުސްތާޒެއްގެ ގޮތުގައެވެ. ކުޅަދާނަ މުމައްސިލެއްގެ ގޮތުގައެވެ. އަދި ނިކަން މަޖާކޮށް އަތޮޅުގެ ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ ކޮމޭޑިއަންއެއްްގެ ގޮތުގައެވެ. އެއަޑު އަތޮޅު ތެރޭގައި ގަދަ ވެފައި އޮންނާތީވެ އޭނާއާ ބައްދަލު ކޮށްލުން އޮތީ ނުފުދިފައިވާ އެދުމެއްގެ ގޮތުގައެވެ.

އެއްދުވަހަކު ހަމަ ސީދާ ދަތުރު ހަދައިގެން މާޅޮހަށް ދިޔައީ އޭނާއާ ބައްދަލު ކޮށްލުމަށެވެ. އެރަށަށް ގޮސް ގާދިރުގެ ގެއާ އަރާ ހަމަވެފައި ގޭގެ ނަން ބޯޑަށް ބަލާލީމެވެ. އާދަޔާ ޚިލާފު ނަމެކެވެ. ގޮލްފް އެވެ. އަނެއްކާ ގޮލްފް ކުޅުމަށް މާ ކުޅަދާނަ މީހަކީ ބާއޭ ހިތަށްއެރިއެވެ. މަޑުމަޑުން އެނަން ކިޔާލެވުނެވެ. ކައިރީގަ ހުރި އެކުވެރިޔާ އަށް އެއަޑު އިވިގެން އޭނާ ވެސް ބުނެލިއެވެ. ” އާނ ގޮލްފް. މާނައަކީ ގާދިރު ލޯބިވާ ފަރީދާ . ” ފަރީދާއަކީ އޭނާގެ އަނބިމީހާއެވެ. ގެއަށް ނަންދީފައިވަނީ އަނބިމީހާގެ ނަމާ ގުޅުވައިގެންނެވެ. ގެއަށް ވަނުމުން އެނގުނީ ހެނދުނުކޮޅު އެނާ މާލެ ފުރައިގެން ގޮސްފައިވާކަމެވެ. އެކަމަކު އެގެއިން ލިބުނު ހޫނު މަރުހަބާ ހަނދާންކުރަމެވެ.

އޭގެ ދުވަސްކޮޅެއް ފަހުން އޭނާއާ ބައްދަލުވީ އޭދަފުށިންނެވެ.

ކެފޭއެއްގައި ކޮފީއަކަށް އިންސާފު ކުރަމުން ދިޔައިރު އެކޮފީތައްޓާ އެކު އަހަރެމެންނަށް އަސްލު މާޅޮހު ގާދިރު ދައްކައިދިނެވެ.

1980ގެ ކުރީ ކޮޅު އޭނާއަކީ ޕްރައިމަރީ ޓީޗަރެކެވެ. އުމުރުން 21 އަހަރުގެ ޒުވާންކަމާ އެކު އަންނާނެ ހުރިހާ ޖޯޝެއް ގާދިރުއަށްވެސް ހުރީއައިސްފައެވެ. މާޅޮހު ސްކޫލްގައި ކިޔަވައި ދިނުމުގެ އިތުރުން އޭނާ އުޅުނީ މާޅޮހު މާރެސް ޖަމިއްޔާގެ މިއުޒިކް ގްރޫޕްގެ އިސް މީހެއްގެ ގޮތުގައެވެ. އެ ޖަމިއްޔާގެ ބޮޑުބެރު ގްރޫޕްގައި ބޮޑުޖެހުމާއި ބޮޑުބެރުގެެ ހަމަތަކަށް މޮޅަށް ފައިހަމަކޮށް ނަށަމުން އެ ނެށުމުގެ ޖާދޫގައި ޖިއްސުއްލަތީފުން ޖައްސުވަމުން ގެންދާ ޒުވާނެއްގެ ގޮތުގައެވެ. ގާދިރު ތައާރަފްވީ ހިސާބަކީ މިއީއެވެ. އޭގެ ފަހުން އެޖަމިއްޔާގެ މިއުޒިކް ގްރޫޕުންނެވެ. ލަވަކިއުމުގެ ފަންނަކީ އޭނާގެ ފަންނެއްނޫނެވެ. އެކަމަކު އެކަންވެސް ކުރަމުން ޝޯ ހުށަހަޅައިދެމުން ދިޔައިރު މީހުންގެ ސަމާލުކަން ބޮޑަށް ލިބިގެން ދިޔައީ ޝޯ ހުށަހަޅައި ދިނުމަށެވެ. ހަމައެއާއެކު މި ދާއިރާގައި އާކަމެއް ތަޖްރިބާ ކޮށްލުމުގެ ބޭނުމުގައި  މިއުޒިކް ކުޅޭ އިންސްޓްރޫމަންޓެއް އުފެއްދީއެވެ. ރާއްޖޭގެ މިއުޒިކީ ހަޔާތުގެ އެންމެ ފެހި ދުވަސްވަރު ނުވަތަ ފަސްދޮޅަހުގެ އަހަރުތަކުގެ ފަހުކޮޅު ގިޓާގެ ބަދަލުގައި އުފެއްދި ގާދިރުގެ ބަހުން ނަމަ “ބުންފޮށި “ރީބްރޭންޑްކޮށް އަލުން ބ. އަތޮޅަށް ތައާރަފްކޮށްދިނީ ގާދިރުއެވެ.

ބުންފޮށި ތައްޔާރުކޮށްފައި ހުންނަނީ އެ އުފެއްދި ދުވަސްވަރު ރާއްޖެއަށް ސައިފަތް އިމްޕޯޓްކޮށްގެން ގެންނަ ހަތަރެސްކަން ފޮށިގަނޑުގައެވެ. ފަރާތެއްގައި ދޮޅުފޫޓް އަދި އުސްމިނުގައި ދެފޫޓު ހުންނަވަރުގެ އާދައިގެ ޕްލައިވުޑްފިލާ ފާޑުގެ ފިލައަކުން ހަދާފައި ހުންނަ ފޮށި ގަނޑުގައެވެ. އޭގެ މަތިގަޑުގެ މެދުގައި ކަންވާރުފަށެއް ލާފައި އަނެއްކޮޅު ހަރުކޮށްފަ ހުންނާނީ ދަޑިއެއްގައެވެ. ވާންކޮށް ހުންނަ މިކަންވާރުފަށުގައި ކޮށްޓާލުމުން ނުކުންނާނީ ގިޓާއިން ނުކުންނަ ކަހަލަ ވަރުގަދަ ބުން އަޑެއްކަމަށް ގާދިރު ބުންޏެވެ.

ގާދިރުގެ މި އުފެއްދުން ނުވަތަ ބުންފޮށި ވެގެން ދިޔައީ މީހުންނަށް މާބޮޑަށް މަގްބޫލު މަޝްހޫރު އެއްޗަކަށެވެ. ބުންފޮށީގެ ވަރުގަދަ ބުން އަޑު ބ. އަތޮޅު ކަނޑުއޮޅިތަކުން ނުކުމެގެން ރިސޯޓްތަކަށާއި ރ. އަތޮޅާ ހަމައަށް ވެސް ގޮސް ރ. އަތޮޅުގައިވެސް ގާދިރުވަނީ އޭގެ ޖާދު ދައްކުވާފައެވެ.

މާރެސް ގްރޫޕްގެ އެ މަޝްހޫރުކަން ގޮސް ހުއްޓެނީ ގާދިރުއާ ހަމައިންނެވެ. ގާދިރުއަކީ ގްރޫޕްގެ “އޯލް އިން ވަން ” އެވެ. މީހުންގެ ލޭ ކައްކުވާލާ ގޮތަށް ނުވަތަ މޮޅު ކޮމެޑިއަންއެކޭ އެއްގޮތަށް އޭނާ ޝޯ ހުށަހަޅައިދީފައި ވުމީ ޝޯތައް ވައިގާ ހިފުމުގެ އެންމެ ބޮޑުސަބަބެވެ. ގާދިރު ބުނީ މިހާރުވެސް މާރެސް ޖަމިއްޔާ އާއެކު އޭނާ ޝޯއެއްް ދިނުމަށް ބުންފޮށި ހިފައިގެން ނުކުމެއްޖެނަމަ އަޖައިބެއް ފަދަ ބޮޑު ތަރުހީބެއް ލިބޭނެކަމާމެދު އެއްވެސް ޝައްކެއް ނެތްކަމަށެވެ. އެ މިއުޒިކް ކުޅެދިނުމަށް މިހާރުވެސް ރ. އަތޮޅުންނާއި ބ. އަތޮޅުގެ ބައެއް ރިސޯޓުތަކުން ރިކުއެެސްޓް އަންނަކަމަށް ބުންޏެވެ.

މީހުންނަށް ގާދިރު ގެ އަސްލު ސިފަ ފެނިފައިވާ އަނެއްގޮތަކީ ފަތުރުވެރިންނަށް ޚިދުމަތްދޭ މީހެއްގެ ގޮތުގައެވެ. މިކަމުގައިވެސް އޭ ޓު ޒެޑް އެވެ. ގެސްޓާ ހަވާލުވުމަށްފަހު އޭނާއަށް ދޭން ޖެހޭ ހުރިހާ ޚިދުމަތެއް ދޭނީއޭނާއެވެ. ޓުއަރ ގައިޑެއްގެ ގޮތުންނާއި ގެސްޓްހައުސް މެނޭޖަރެއްގެ ގޮތުގައެވެ. ޖީއާރްއޯއެއްގެ ގޮތުގައެވެ. މޮޅު ޝެފެއްގެ ގޮތުގައެވެ.

އެކަމާ ކުރިމަތިލީގޮތް ކިޔައިދެއްވިއެވެ.

” ސްކޫލްގެ ޕްރިންސިޕަލް މާލެއަށް ބަދަލުވަމުން އޭނާގެ ގެ އަހަންނާ ހަވާލުކުރުމުން އެތަން ބަދަލުކުރީ ގެސްޓްހައުސް އަކަށް. އެތަނަށް އަންނަ ގެސްޓުންނަށް ދޭން ޖެހޭ ހުރިހާ ޚިދުމަތެއް މިދެނީ އަހަރެން. އެއީ ކެއުންކަމަށް ވިޔަސް ނައިޓް ފިޝިންގކަމަށް ވިޔަސް ގައިޑެއްގެ ގޮތުންކަމަށްވިޔަސް ހަމަހުރިހާ ކަމެއްވެސް މިކުރަނީ އަހަރެން. ” ގާދިރު ބުނީ  ޚިދުމަތް ރަނގަޅުކަމުން އެއިން ކޮންމެ މީހަކުވެސް އެނބުރި ދަނީ އަދިވެސް އަންނަން ބޭނުންވާ ވާހަކަ ބުނަމުން ކަމުގައެވެ.

އަބްދުލްޤާދިރު ޔޫސުފް އީވީއަށް އިންޓަވައިު ދެނީ / އީޥީފޮޓޯ: ޕްރިންސް ނަވާ ފޮޓޯގްރަފީ

ގާދިރުގެ ހަފްތާގެ ޓޭބަލް ބަލާލާއިރު ދެން ފާހަގަ ކުރެވެނީ ކުރުނބަލުގެ ވިޔަފާރިއެވެ.

“ވީގޮތަކީ މާލޭގެ ބޭފުޅަކުގެ އާލާސްކަން ފުޅުގެ ފަރުވާއަކަށް ގަވާއިދުން ކޮންމެ ހަފްތާއަކުވެސް ކުނރުބާ ފޮނުވަން ޖެހުނީ. އެއީ ފެށުނު ހިސާބު. ” އެކަން ފުޅާވަމުންއައިސް މިހާރު ގާދިރުއަކީ އެރަށުގެ 15 ގޯތީގެ ރުއްގަނޑުގައި އަޅާ ހުރިހާ އެއްޗެއްގެ ވެރި މީހާއެވެ. ޑިމާންޑާ އެއްވަރަށް ސަޕްލައި ކުރެވޭހާ ގާބިލްކަން ލިބިފައިވާ ބ. އަތޮޅުގައި މި ރޮނގުން އެންމެ ކުރީގައި ހުރި ވިޔަފާރިވެރިޔާއެވެ.

ކުރުނބަލުގެ ވިޔަފާރީގެ ވާހަކަ ދައްކަމުން ދިޔައިރު އެންމެ ފާހަގަކުރެވުނީ ކުރުނބާ އާ ބެހޭ ގޮތުން ކުރިން އެނގިފައި ނެތް މައުލޫމާތު ތަކެއް ލިބުމުންނެވެ.

” ކުރުނބާ ބެހިގެންވަނީ ތިން ބަޔަކަށް. އެއީ ޔަންގް ކޮކޮނަޓް، މިޑްލް ކޮކޮނަޓް އަދި އޯލްޑް ކޮކޮނަޓް. ޔަންގްކޮކޮނަޓަކީ ދިވެހިން މިކިޔާ މިރިއާ ޖެހިގެން ކިރިޔާ ހެވާ ލާފައި ހުންނަ އެންމެ ތުއްތުކުދިންނަށް ދޭ ސައިޒްގެ ކުރުނބާ . މިޑްލް ކޮކޮނަޓަކީ ސަމުސަލުން މަޑުމަޑުން ކަހާލެވޭ ވަރުގެ ޅަ ކުރުނބާ .އަދި އޯލްޑް ކޮކޮނަޓަކީ ހެޕީ ޓައިމެއްގައި ފްރެންޑުންނާއެކު އުތުވާލައިގެން ކާލެވޭވަރުގެ ދިވެހިން ޒަމާނުއްސުރެ ކުރުނބަލުގެ ގޮތުގައި ބޭނުން ކުރާ ސައިޒް. ” ގާދިރު ކިޔައިދިނެވެ.

ގާދިރު ބުނީ  ކުރުނބާ ސަޕްލައި ކުރާއިރު މިކަންކަމަށް ވަރަށް ވިސްނާ ކަމަށާއި އެމީހަކު ބޭނުންވައްތަރެއް، ފޮނުވުމުގެ ކުރިން އޮޅުން ފިލުވާ ކަމުގައެވެ.

ދެން އޮތީ އަމިއްލަ ދިރިއުޅުމުގެ ވާހަކައެވެ.

އެންމެ ފުރަތަމަވެސް ފެށީ ގޭގެ ނަމުންނެވެ.

“އަޅުގަނޑުގެ ނަމަކީ އަބްދުލް ގާދިރު   ގޭގެ ނަމަކީ ގޮލްފް. “

ގޮލްފްގެ މާނައަކީ ‘ގާދިރު ލޯބިވާ ފަރީދާ ‘ކަމުގައި ބުނަމުން އޭނާ ވަރަށް އުފާވެލާފައި ބުނީ ދިރިއުޅެނީ ދެމީހުން ވަރަށް ލޯބިންކަމަށާއި ދެމީހުންވެސް އެއްވަރަކަށް ހިއްސާ ވެގެން ކަމަށް ވާއިރު އެވިސްނުން ހުރިހާ ދިމާއަކަށްވެސް ދާންވާނެ ކަމުގައެވެ. ދަރިންނަށް ނަން ކިޔާފައިހުންނަނީވެސް އެގޮތަށް ބަލައިގެންނެވެ.

އަންހެނުންނަށް ތައުރީފު ކުރަމުން އޭނާ ބުނީ ކޮންމެ ކާމިޔާބު ފިރިހެނެއްގެ ފަހަތުގައި އަންހެނަކު ހުންނާނެކަމަށް ބުނާބުނުމަކީ ތެދެއްކަމަށް ވާނަމަ އޭނާގެ ކާމިޔާބީގެ ފަހަތުގައި ހުރީ އޭނާގެ ލޯބިވާ އަނބިމީހާއެވެ. އޭނާގެ އަންހެނުންނަކީ އޭނާފަދައިން ދިރިއުޅުމަށް މަސައްކަތް ކުރާ ހީވާގި އަންހެނެއް ކަމަށާއި އަނބިމީހާ އާމެދު ފަޚުރުވެރިވާ ގިނަ ކަންތައްތަކެއްވެސް އެބަހުރިކަމަށް ބުނަމުން  އެއް ކަންތައް އީވީއާ ހިއްސާ ކުރިއެވެ.

“ރޭގަނޑު އިރާކޮޅު ދެމީހުން އެކުގައި ރޯނު ވެށުމަށް ދުވާލު ވަގުތު ގައި އޭނާ ހުންނާނެ ނިލި އަޅާފައި .ރޭގަނޑު އެއީ ދެމީހުން އެކުގައި އެ ނިލިތަކުން ރޯނުވަށާ ވަގުތު.” އެކަން ނުކޮށް އެއްވެސް ރެއަކު ނިދަން ނުދާކަމުގައި ގާދިރު ބުންޏެވެ.

ދިރިއުޅުން ކިހާ އުފާވެރިތޯ އަހާލުމުން ގާދިރު ބުންޏެވެ. “އުފާވެރިވާނީ މިހާވަރަށް ނޫންތަ .އިނދެގެން މިއުޅެނީ އޭނާ ބޮލަށް ވައްޓާލި ލިބާހާއެކު .ކައިވެންޏަށް މިހާރު 31 އަހަރު. 5ދަރިން އެބަތިބި.”

ގާދިރުބުނި ގޮތުގައި މައްސަލައެއް ނެތް ދިރިއުޅުމަކީ އަސްލު ދިރިއުޅުމެއް ނޫންކަމާއި އެއަށް ކިޔަންޖެހޭނީ އެހެން ނަމެއްކަމުގައެވެ. އެހެންނަމަވެސް ކާމިޔާބު ދެމަފިރިންނަކީ އެމައްސަލަ ދިގު ނުދަންމައި އަވަހަށް ހައްލުކޮށްލާ މީހުންކަމުގައެވެ.

“އަހަރެމެން ދެމަފިރިން ދުވަހަކުވެސް ރުޅިއައިސް ތިބެގެން ނުނިދަން. އޭގެ މާނައަކީ މައްސަލަ ނުޖެހެނީއެއް ނޫނޭ. މާނައަކީ ދުވާލު ވަގުތުތަކުގައި ކިތަންމެ ބާރަކަށް އަޑު ގަދަވެ ޚިޔާލުު ތަފާތުވިޔަސް ނިދަން ދާނީ އެކަން ހައްލުކުރުމަށް ފަހު ހިނިއައިސް ތިބެގެން. އެއްވެސް ރެއަކު ދެމަފިރިންގެ ދެމެދު އެއްވެސް ހިތްހަމަ ނުޖެހުމެއް ނޯންނާނެ. ކުރުކޮށް މި ދިރިއުޅުން ސިފަކުރާނަމަ ބުނެވޭނީ 24 އަވާސް ހެޕީ. ” ހިނިގަނޑެއްޖަހާލަމުން ގާދިރު ބުންޏެވެ.

ގާދިރުގެ ދުވަހުގެ އެޖެންޑާއަށް ބަލާލާއިރު އޭނާއަކީ މުރާލިކަމުގެވެސް އިންތިހާއެވެ.

“ފަތިހު 5ޖަހާއިރު ހޭލައިގެން ފަތިސްނަމާދު ކުރުމަށްފަހު ސްކޫލަށް ދާންޖެހޭ ދުވަހެއްނަމަ 6:45ގައި ސޮއިކުރަން.  6:25ގައި އަޅުގަނޑު ހުންނާނީ ސްކޫލްގައި. ދުވަހަކުވެސް މިއަށްވުރެ ލަސްވެފައެއް ނޯންނާނެ އެންމެ ދުވަހެއް ފިޔަވައި .އެކަމަކު އެއީވެސް އޮޅުމަކުން ވީކަމެއް . ސްކޫލް ނިންމުމަށް ފަހު މެންދުރު ފަހު މަހަށް. މަހުން އަންނާނީ 8.30ގައި. މަސްކަނޑައިގެން ގެއަށް މަސްތައް ގެންނައިރު އޭގައި އެންމެ ކަށްޓެއްވެސް ނީންނާނެ. “

އޭނާއަކީ ތިމާވެށީގެ ދާއިރާގައިވެސް ހަރަކާތްތެރިވަމުން އަންނަ މީހެކެވެ. އޭގެ ތަފްސީލަކަށް ނުގޮސް އޭނާ ދައުވަތު ދިނީ މާޅޮހު ސްކޫލްގައި އެރޮނގުން އޭނާ ކޮށްފައި ހުރި މަސައްކަތްތައް ބަލާލުމަށް އެ ސްކޫލަށް ދިއުމަށެވެ. “އޭރުން އަހަރެން އެރޮނގުން ކޮށްފައި ހުރި ގިނަކަންތައް ތަކެއް ފެނިގެން ދާނެ. “

ގާދިރުގެ ދިރިއުޅުމުގެ އެންމެ ސިކުންތެއްވެސް ބޭކާރު ގޮތުގައި ހޭދައެއް ނުކުރައްވައެވެ. އޭނާގެ ދިރިއުޅުމުން އެނގިގެންދަނީ ދިރިއުޅުމާއި ދިރިހުރުމުގެ ބޮޑުބައި ހޭދަކުރަނީ އެހެންމީހުންނަށް ބޭނުންވާ ކަންކަން ފުރިހަމަ ކޮށްދިނުމުގައި ކަމެވެ. އެއީ ކޮމޭޑިއަންއެއްގެ ގޮތުންކަމަށްވިޔަސް ތައުލީމު އުނގަންނައިދޭ މޮޅު ޓީޗަރެއްގެ ގޮތުންކަމަށްވިޔަސް އުފާވެރި އާއިލާއެއް ބިނާކޮށްފައިވާ ބައްޕައެއްގެ ގޮތުންނާއި ފިރިއެއްގެ ގޮތުން ބެލިކަމަށް ވިޔަސް  އަދި ރައްޔިތުންނާ ގުޅުންހުރި އިޖްތިމާއީ ކަންކަމުގައިވިޔަސް މާޅޮހު ގާދިރުއަކީ ވަރުގަދަ ޝަޚްސިއްޔަތެކެވެ. އޭނާގެ ދިރިއުޅުން މައްސުނި ރުނބައެއްގެ ގޮތަށް ބެލެވެނީ މިހެންވީމަައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top