މާބަނޑުދުވަސްވަރު ވަރަށް ގިނަ އަންހެނުންނަށް މިމައްސަލަ ކުރިމަތިވެއެވެ. ބައެއް އަންހެނުންނަށް މެއިން ދިލަނެގުން ފުރަތަމަ ވެސް ކުރިމަތިވަނީ މާބަނޑުވުމަށްފަހުގައި ކަމަށްވުމަކީ ވެދާނެ ގޮތެކެވެ. މާބަނޑު ދުވަސްވަރު ގިނަ މީހުންނަށް މެއިން ދިލަނެގުމުގެ އުނދަގޫތައް ވާންފަށަނީ އާންމުކޮށް ބަނޑަށް 3 މަސްވުމަށްފަހު ގައެވެ. ނޫނީ ބަނޑަށް ފުރަތަމަ 3 މަސް ފާއިތުވެ ދިއުމަށްފަހު ގައެވެ. ނަމަވެސް ފުރަތަމަ 3 މަހުގެ ތެރޭގައި ވެސް މެއިން ދިލަނެގުމަކީ މަދުން ނަމަވެސް ދިމާވެދާނެ ކަމެކެވެ. ބަލިވެ އިންނަ ކޮންމެ 10 އަންހެނުންގެ ތެރެއިން 8 އަންހެނުންނަށް މާބަނޑުވުމަށްފަހު، ކޮންމެވެސް ދުވަސްވަރެއްގައި މެއިން ދިލަނެގުން ކުރިމަތިވާކަން ފާހަގަ ކުރެވެއެވެ.
ސަބަބު
މާބަނޑު ދުވަސްވަރު މެއިން ދިލަނަގަނީ ބަލިވެއިނުމާއި ގުޅިގެން ހަށިގަނޑުގައި އިތުރުވެގެންދާ ހޯރމޯންތަކުގެ ސަބަބުން (ޚާއްޞަކޮށް ޕްރޯޖެސްޓަރޯން) ކާތަކެތި ހިގާ ހޮޅި އާއި، މައިދާ ވަކިކޮށްދޭ ވޭލްގެ މަސްތައް ދޫވެ، ކާތަކެތި އެސިޑާއި އެކު އަބުރާ ކާތަކެތި ހިނގާހޮޅިއަށް ދިއުމުންނެވެ. ދިލަނަގާހެން ހީވާކަހަލަ އިހްސާސެއް ކުރެވެނީ އެސިޑްތައް ކާތަކެތި ހިގާހޮޅީގެ އެތެރޭ ކައިރިފަށުގައި ބީހި، އޭގެ އަސަރުކުރުމުންނެވެ. މެއިން ދިލަނެގުމުގެ އިހްސާސް ބޮޑަށް ހުންނަނީ މޭމަތިން ”ހިތް” އޮންނަ ހިސާބުގައެވެ. އިގިރޭސިބަހުން މެއިން ދިލަނެގުމަށް ”ހާރޓްބާން”(Heartburn)އޭ ކިޔަނީ މިސަބަބާހުރެއެވެ.
މާބަނޑު ދުވަސްވަރު ރަހިމުގައިވާ މަހުން ޕްރޯޖެސްޓަރޯން އުފައްދައި ދޫކުރެއެވެ. މިހޯރމޯންގެ ސަބަބުން ރަހިމުގެ މަސްތައް ހަމައަކަށް އަޅުވައިދިނުމުގެ އިތުރުން، ކާތަކެތި ހިނގާހޮޅިއާއި، މައިދާ ވަކިކޮށްދޭ ވޭލްގެ މަސްތައް ވެސް ދޫވެ،ހަމައަކަށް އަޅުވައިދެއެވެ. މިއީ ތަބީޢީ ގޮތެއްގައި ވަކި ހަމައެއްގެ މަތިން ހުޅުވި ލެއްޕޭ ވޭލް އަކަށް ވުފައި، ޕްރޯޖެސްޓަރޯން ހޯރމޯންގެ ސަބަބުން ވޭލް ކުރުގެޅި ފިތި ބެދިފައި ހުރުމުގެ ބަދަލުގައި ، ދޫވެ، ނޫނީ ފޭވެ ހުޅުވި ހަމައަކަށް އެޅުމުގެ ނަތީޖާއަކީ ބަނޑުގައި ހުންނަ އެސިޑްތައް މައްޗަށް ގޮސް ކާތަކެތި ހިނގާހޮޅިއަށް ވާޞިލްވުމެވެ. މިހެންވުމުން މާބަނޑު މީހާއަށް މެއިން ދިލަނެގުން އިހުސާސް ކުރެވޭނެ އެވެ.
މީގެ އިތުރުން ޕްރޯޖެސްޓަރޯން ހޯރމޯންގެ ސަބަބުން ކާތަކެތި ، ކާތަކެތި ހިނގާހޮޅިއާއި، މައިދާ، އަދި ގޮހޮރުގެ ތެރޭގައި ދައުރުވަމުންދާ “ރާޅުބާނީގެ” ހަރަކާތް ވެސް ލަސްކުރުވައެވެ. މިހެންވުމުން ހަޖަމުވުމުން ލަސްވާގޮތް ވެއެވެ. މާބަނޑުވުމަށްފަހު، ވިހަން ކައިރިވެގެން އަންނައިރު، ބޮޑުވެފައިވާ ބަނޑުގެ ސަބަބުން ވެސް ބަނޑުގައި ހުންނަ އެސިޑްތައް މައްޗަށް ގޮސް މެއިން ދިލަނެގުމުގެ އިހުސާސް މާބަނޑު މީހާއަށް ކުރެވުމަކީ ވެދާނެ ގޮތެކެވެ.
އަލާމާތްތައް
- މެއިން ދިލަނެގުން އިހުސާސްވުން
- ކެއުމަށްފަހު މަތިންއަރާގޮތްވުން
މެއިން ދިލަނެގުން ކުޑަކޮށް ލުއިކުރުމަށް ކުރެވިދާނެ ކަންތައްތައް
މިކަމުން ސަލާމަތްވުމަށް އަންނަނިވި ކަންތައްތައް ކުރެވިދާނެއެވެ.
- ގޭސް އުފައްދާ ފަދަ ކާބޯތަކެއްޗާއި ދުރުހެލިވުން : އެގޮތުން ދުރުހެލިވާންޖެހޭ ބާވަތްތަކުގެ ތެރޭގައި އެނާޖީ ޑްރިންކްސް، ފިޒީ ޑްރިންކްސް، ކާބޮނޭޓެޑް ޑްރިންކްސް، ކެފެއިން އެކުލެވޭ ބުއިންތަކާ ކާތަކެތި، ޗޮކްލެޓް، ހުތްމޭވާއި، އެފަދަ މޭވާ ޖޫހުގެ ވައްތަރުތައް، ޓޮމާޓޯ، ރެވި، ރާހުތް، ޕްރޮސެސްކުރި އެއްގަމު މަސް، އަދި ހަވާދުލީ، ކުޅިކޮށް ހަދާފައި ހުންނަ ކާބޯތަކެތި، އަދި މާގިނައިން ތެޔޮއަޅައިގެން ހަދާފައި ހުންނަ ކާބޯތަކެތީގެ ބާވަތްތަކާ ދުރުހެލިވުން މުހިއްމެވެ.
- އެއްފަހަރާ މާގިނައިން ނުކެއުން : އޭގެ ބަދަލުގައި ލުއިކޮށް ކުދިކުދި އެތިކޮޅުން ގިނަގިނައިންކެއުން ( ދުވާލަކު 6 ނުވަތަ 8ފަހަރު ) މުހިއްމެވެ. މިގޮތަށް ކެއުން ބެހެއްޓުމުން ބަނޑުގައި ގޭސް އުފެދޭ މިންވަރު ކުޑަވާނެ އެވެ. ސަބަބަކީ ކައިރިކައިރިން އިރުއިރުކޮޅާ ކެއުމުން، ކާތަކެތި ބަނޑުގައި ހުންނަ އެސިޑްތައް ހަމައަކަށް އަޅުވައިދޭތީ އެވެ. ކާއިރު އެއްފަހަރާ ކާތަކެތި ދިރުވާލުމުގެ ބަދަލުގައި ރަނގަޅަށް ކާތަކެތި ހަފައިގެން ލަސްލަހުން ކެއުން ބުއްދިވެރި އެވެ. ކެއުމަށްފަހު އަރާމުކޮށްލުމަކީ ވެސް މުހިއްމު ކަމެކެވެ.
- ކާވަގުތު މާގިނައިން ދިޔާތަކެތި ނުބުއިން : ކާވަގުތު މާގިނައިން ދިޔާތަކެތި ބުއިމަކީ ބަނޑުއަވަހަށް ފުރޭނެ ކަމެކެވެ. އަދި ބައެއް ފަހަރު އޭގެ ސަބަބުން ބަނޑަށް އުނދަގޫވެދާނެ އެވެ. ދިޔާތަކެތި ބުއިން ރަނގަޅީ އެއްފަހަރު ކެއުމާއި، އަނެއް ފަހަރު ކެއުމާއި ދެމެދުގެ އޮންނަ ވަގުތުގައެވެ. އެގޮތުން ދުވާލަކު މަދުވެގެން 12-8 ތަށީގެ ފެން ބުއިމަކީ އެދެވިގެންވާ ކަމެކެވެ. ދިޔާތަކެތި ބޯއިރު ވެސް ލަސްލަހުން ބުއިން މުހިއްމެވެ. ދިޔާތަކެތި ބޯއިރު ކަޅުސައި،ކޮފީފަދަ ބުއިންތަކާއި ދުރުހެލިވުން މުހިއްމެވެ. އޭގެ ބަދަލުގައި ކުޑަކޮށް ފިނިކޮށްލައިގެން ކިރު ތަށްޓެއް ފަދަ އެއްޗެއް އެތިފޮދުފޮދުން ބޮވިދާނެއެވެ.
- ކައިނިމިގެން ޗުއިންގަމެއް ހަފާލުން : ޗުއިންގަމް ހެފުމަކީ ކުޅުބޭރުކުރުމަށް އެހީވެދޭ ކަމެކެވެ. ކުޅަކީ އެސިޑްތައް “ނިއުޓްރަލައިޒް” (ހަމައަކަށް އަޅުވައިދޭ) އެއްޗެކެވެ.
- ނިދަން ކައިރިކޮށްފައި ނުކެއުން : ނިދަން އޮށޯންނަންވާނީ ކައިނިމޭތާ އެންމެ މަދުވެގެން 3-2 ގަޑިއިރު ފަހުންނެވެ.
- ނިދަންއޮންނައިރު ބޯދަށަށް އިތުރު ބާލީހެއްލައި ބޯ ކުޑަކޮށް އުފުލައި އުސްކޮށްގެން އޮވެ ނިދުން : މިގޮތަށް އޮށޯވެގެން އޮތުމުން އެސިޑްތައް ކާތަކެތި ހިނގާހޮޅިއަށް އެރުން ކުޑަކޮށްދޭނެ އެވެ.
- ގަޔަށްދޫކޮށް ހުންނަ ފަސޭހަ ހެދުންލުން : މާގަޔަށް ޚާއްޞަކޮށް އުނަގަނޑާއި ބަނޑުމައްޗަށް ބާރުކޮށް ހުންނަ ހެދުންލުމަކީ ބަނޑަށް އުނދަގޫވާނެ ކަމެކެވެ.
- ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުން : ދުންފަތުގެ އިސްތިއުމާލުކުރުމަކީ ބަނޑުގައިވާ ދަރިފުޅަށް އޭގެ ނޭދެވޭ އަސަރުކުރާ ކަމެކެވެ. މީގެ އިތުރުން ބަނޑުގައި އުފެދޭ ގޭހުގެ މިންވަރު އިތުރުވާނެ ކަމެކެވެ.
- ހަށިގަނޑުތެދަށްބަހައްޓައިގެންއިނުން: ކާން އިށީދެގެން އިންނަ ވަގުތު ހަށިގަނޑު ތެދަށް ބެހެއްޓުމަކީ ރަނގަޅު ކަމެކެވެ. ކައި ނިމިގެން ވެސް ގަޑިއެއްހާއިރު ވަންދެން ހަށިގަނޑު ތެދަށް ބަހައްޓާށެވެ.
މައުލޫމާތު: ސިއްހަތު ބްލޮގް