“އަހްމަދު އަލީ ނެތްނަމަ ބ.އަތޮޅު ތައުލީމީ މަރުކަޒު މިހާ ރީތިކޮށް ނުފެންނާނެ. އަތޮޅުތެރޭގެ އެތައް މިތަނުގައި ސްކޫލްތަކާއެކު އިމާރާތްކުރި ހެޑްމާސްޓަރ ގެތަކުގެ ތެރެއިން މިއަދު ދިރުމެއް ހުރި އަދި ނަލަކަމާއެކު މިހާރުވެސް ހިންގަމުން އަންނަ ހަމައެކަނި ހެޑްމާސްޓަރ ގެ ނުވަތަ “ދަންދިއްފަރު” ފެންނަންއެހެރީ އަހްމަދު އަލީގެ މަސައްކަތުން. މީގެ އިތުރުން ސީދާ ތައުލީމާ ގުޅުން ނެތް އެކަމަކު ސްކޫލާ ގުޅުވައި ދިނުމަށް އޭދަފުށީގައި އުފައްދާފައި ހުރި ތަންތަން ހަރުދަނާކަމާއެކު ހިންގުމުގައި އަހްމަދު އަލީ ކުޅޭ ދައުރު ބޮޑު ” މިއީ އަހްމަދު އަލީއާއި ބެހޭ ގޮތުން އެ ސްކޫލްގެ އިސްލާމް މުދައްރިސް އައްޝައިޚް އަބްދުލްމަޖީދު މުޙައްމަދު ވިދާޅުވި ބަސްކޮޅެކެވެ.
ސްކޫލްގެ ޕްރިންސިޕަލް އަހްމަދު ރަފީއު ވިދާޅުވީ އަހްމަދު އަލީއާ ހަވާލު ކުރެވޭ ކޮންމެ މަސައްކަތެއްވެސް ވަގުތުގެ ކުރިން ނިންމާލާކަން އެއީ ފާހަގަކުރެވޭ ވަރަށް ޚާއްސަ ސިފައެއްކަމަށާ އޭނާއަކީ ސްކޫލަށް ވަޑައިގަންނަވާ ކޮންމެ ޕްރިންސިޕަލަކަށްވެސް ވަރަށް ބިނާކުރަނިވި ލަފާ ދޭ މީހަކަށް ވާތީ އެއީ އޭނާ މުހިއްމުވާ ސަބަބެއް ކަމުގައެވެ. މީގެ އިތުރުން ސްކޫލްގެ 39 އަހަރުގެ ހަޔާތުގައި އޭނާ ވަނީ ވަރަށް ގިނަ ގޮތްގޮތުން ސްކޫލަށް ގިނަގުނަ ކުރިއެރުންތަކެއް ހޯދައިދީފައެވެ. .
ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އަލީއިމާދުގެ ވާހަކަވެސް ހުރީ މިކަހަލަ ގޮތަކަށެވެ. ވިދާޅުވީ އަހްމަދު އަލީގެ އެންމެ ފާހަގަ ކުރެވޭ ސިފައަކީ ކަންކަން ހާސިލް ކުރުމަށް ގަދައަޅައި މަސައްކަތްކުރުން ކަމުގައާއި އޭނާއަކީ ވަރަށް ހިތްވަރުގަދަ ،ކެރޭ މީހެއް ކަމުގައެވެ.
ސްކޫލާ ގުޅުން ހުރި އޭދަފުށީގެ އިސް ރައްވެއްސަކު އަހްމަދު އަލީ ސިފަކުރީ ސްކޫލްގެ ފުރާނައިގެ ގޮތުގައެވެ. ތައުލީމީ މަރުކަޒު ދިރި އޮންނަނީ އަހްމަދު އަލީގެ ސަބަބުން ކަމުގައެވެ. އޭނާ އިތުރަށް ވިދާޅުވީ ރަށުގެ އެއްވެސް މުވައްސަސާ އެއްގައި ވަޒީފާގެ ލޯބީގައި އަހްމަދު އަލީ މަސައްކަތްކުރާ ގޮތަށް ތަނުގެ ކުރިއެރުމަށާއި ރައްޔިތުންނަށް ބޭނުންވާ ގޮތަށް ޚިދުމަތް ކުރާ މީހަކު ނޫޅޭ ކަމުގައެވެ. އެގޮތަށް މަސައްކަތްކުރާނަމަ ސްކޫލަށް ލިބިފައިވާ ކުރިއެރުން އެހެން އޮފީސްތަކަށްވެސް ލިބޭނެކަމަށެވެ.
ކޮންމެއަކަސް ބ.އަތޮޅު ތައުލީމީ މަރުކަޒަށް 39 އަހަރު ފުރޭ މި އުފާވެރި މުނާސަބަތުގައި މިއަދުވެސް 39 އަހަރުގެ ހަނދާންތަކާއެކު ޚިދުމަތުގައި ދެމިހުރީ ހަމައެކަނި ސްކޫލްގެ ސްކޫލް އެޑްމިނިސްޓްރޭޓަރގެ މަގާމުގައި ހުންނެވި އަހްމަދު އަލީއެވެ. އެންމެންގެ ދޮންބޭބެއެވެ.
އެހަނދާންތައް އާކުރަމުން އަހުމަދު އަލީ ވިދާޅުވީ ތައުލީމީ މަރުކަޒުގެ ހަޔާތުން އަހަރެއް ފުރޭ ކޮންމެ ދުވަހަކީވެސް އަމިއްލަ ދަރިއެއްގެ އުފަންދުވަސް ކަމުގެ އިހުސާސް ކުރެވޭ ދުވަހެއް ކަމުގައެވެ. ބ.އަތޮޅު ތައުލީމީ މަރުކަޒާއި އަހްމަދު އަލީއާ ގުޅުން ހުރީ ކިހާ ވަރަކަށްތޯ އީވީ އިން ދެންނެވުމުން ވިދާޅުވީ ބ. އަތޮޅު ތައުލީމީ މަރުކަޒާ އޭނާއާ ގުޅިފައިވަނީ ކިރާ ހަކުރު ފަދައިން ކަމުގައެވެ. އެއީ ވަކި ނުކުރެވޭނެ ދޭތިކަމަށް ވާފަދައިން ދޮންބޭބެއާއި އެސްކޫލްވެސް ވަނީ ގުޅި ލާމެހިފައެވެ.
އިސްޖަހައިގެން އިނދެ އެހަނދާންތަކާއެކު އަހްމަދު އަލީ 39 އަހަރުގެ ކުރިއަށް ގޮސް އޮބާލިއެވެ.
1978 ވަނައަހަރު ރާއްޖެތެރޭގައި ޔުނިސެފްގެ ފަރާތުން އަޅައިދިން ފުރަތަމަ ނަމޫނާ ސްކޫލް ނުވަތަ ބ. އަތޮޅު ކޮމިއުނިޓީ ސްކޫލަކީ ރާއްޖެތެރެ ތައުލީމީ އާމަންހަޖަކާއެކު ދިވެހިން އޭރު ތައުލީމާމެދު ދެކެމުން އައި ހަނި ދާއިރާ ފުޅާ ކޮށްލުމަށް އެޅި ފުރަތަމަ ފިޔަވަޅެވެ. ތައުލީމީ ގޮތުން ވަރުގަދަ އިންގިލާބީ ބަދަލަކަށް އަތޮޅުތެރެ ހޭލައްވައިލުމުގެ ފުރަތަމަ ތަޖްރިބާވެސް މެއެވެ.
ސްކޫލް ހުޅުވުމުގެ ތައްޔާރީ ތައް ވަމުން ދިޔަ އިރު އެތަނަށް ބޭނުންވާ ޓީޗަރުންވެސް ދިޔައީ ތަމްރީނުކުރެވެމުންނެވެ. އިންސަވިސް ޕްރައިމަރީ ޓީޗިންގެ ކޯސްގެ ނަމުގައި އޭރުގެ އެޑިއުކޭޝަން ޕްރޮޖެކްޓް އޮފީހުގެ ބެލުމުގެ ދަށުން ކޮންމެ އަތޮޅަކުން ދެކުދިން ބައިވެރި ކޮށްގެން މި ކޯސް ކުރިއަށް ގެންދިޔައިރު މި ސްކޫލަށް ބޭނުންވާ ޓީޗަރުން ހޯދުމަށް އިއުލާނުކުރުމުން ކޯހުގައި ބައިވެރިވި އެކަކީ އަހްމަދު އަލީއެވެ. އެއްއަހަރު ދުވަހުގެ ކޯސް ނިންމުމަށް ފަހު ސްކޫލުން އޭނާއަށް ވަޒީފާ ހަމަ ޖެހުނުއިރު މުޅި ސްކޫލްގައި ކިޔަވަމުން ގެންދިޔައީ އުމުރުން ހައަހަރު ފުރި ހަތް އަހަރު ނުފުރޭ، އިނގިލިކުރިން ގުނާލެވޭހާ މަދު ކުދިން ކޮޅެކެވެ.
އޭނާގެ މި އާ ވަޒީފާގައި ރަނގަޅަސް ހަމަޖެހި ނުލެވި އުޅެނިކޮށް ދަރަވަންދޫގައި ހުޅުވި ބ. އަތޮޅު މަދަރުސާ އަށް ވަޒީފާ ބަދަލު ކުރެއްވިނަމަވެސް އޭގެ ދެއަހަރެއްހައި ދުވަސް ފަހުން އަނެއްކާވެސް ބ.އަތޮޅު ކޮމިއުނިޓީސްކޫލްގައި ޚިދުމަތް ކުރަން ފެއްޓިއެވެ.
އޭރުންފެށިގެން މެދުކެނޑުމެއްނެތި އޭނާއައީ އެސްކޫލްގައި ޚިދުމަތް ކުރައްވަމުންނެވެ. އެތައް ގޮންޖެހުންތަކެއް ހުރަސް ކުރުމަށް ފަހު އާދައިގެ ޕްރައިމަރީ ޓީޗަރެއްގެ ވަޒީފާއިން ޚިދުމަތަށް ފެއްޓެވި އަހްމަދު އަލީއަކީ މިއަދު އެސްކޫލްގެ ސްކޫލް އެޑްމިނިސްޓޭރޭޓަރއެވެ. ވަޒީފާގެ ކުރިއެރުން މިހާހިސާބަށް އައިއިރު އެތަނަށް ތައުލީމީ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން އައި ބޮޑު ކުރިއެރުން ތަކުގެ އެންމެ ބޮޑު ހިއްސާ ދާރަކީ އަހްމަދު އަލީކަމުގައި އެންމެންވެސް ގަބޫލު ކުރެއެވެ. އޭނާއަކީ އެސްކޫލްގެ ފުރާނަ ކަމަށް ބުނަނީ އެހެންވެގެންނެވެ. ބ. އަތޮޅު ތައުލީމީ މަރުކަޒު، މާލީ ގޮތުންނާއި ތައުލީމީ ގޮތުން މުޅި ރާއްޖެއަށް ގޮންޖަހާލެވޭ ފެންވަރަށް ގެނެސްދީފައިވަނީ އަހްމަދު އަލީކަމާމެދު ދެބަސް ވާނެ މީހަކު މި ފަސްގަނޑުގައި އުޅޭނެހެން ހީއެއް ނުވެއެވެ.
ސްކޫލްގެ ކޮންމެ ކާމިޔާބެއްގެ ފަހަތުގައި ސްކޫލާ ހެދި “މޮޔަ ވެފައި” ހުރި އަހްމަދު އަލީ ވިދާޅުވި ގޮތުގައި ސްކޫލަގައި ވޭތުކުރި ދުވަސް ތަކުގައި މަސައްކަތް ކޮށްފައި އޮންނާނީ ޓާގެޓެއް ބަލައިގެން ކަމުގައެވެ. އެއީ ރާއްޖޭގައި ހުރީ އެންމެ ވަސީލަތްތައް ގިނަ އެންމެ ފެންވަރު ރަނގަޅު ޓީޗަރުން ތިބި ސްކޫލަކަށް މިތަން ހެދޭތޯއެވެ.
” އަޅުގަނޑު މަސައްކަތް ކޮށްފައި ހުންނާނީ އަޅުގަނޑުގެ ފުލް ކެޕޭސިޓީގައި. ސްކޫލްގެ ކަންކަމަކީ އަޅުގަނޑުގެ އަމިއްލަ ދިރިއުޅުމަށް ވުރެ އިސް ކަން ދޭ ކަންކަން. ” އަހްމަދު އަލީ ސްކޫލް ދެކެ ވާލޯބި ކިޔައިދިނީ މި ގޮތަށެވެ.
“ސްކޫލަށް އެވަގުތު އެންމެ ބޭނުންވާ ކަންކަން ހާސިލް ކުރުމަށް އަޅުގަނޑު ޓަކި ނުޖަހާނެ އެއްވެސއް ދޮރެއް ނޯންނާނެ. މިނިސްޓަރ ކަމަށް ވިޔަސް ރައީސުލް ޖުމްހޫރިއްޔާ ކަމަށް ވިޔަސް އަޅުގަނޑު ޖެހިލުމެއް ނުވަން. “
އެހެންވެއްޖިއްޔާ އަހްމަދު އަލީއަށް ޓާގެޓާ ހަމައަށް އާދެވިއްޖެ ހެއްޔެވެ.
” އެއްވެސް ޝައްކެއް ނެތް. އަޅުގަނޑުގެ މަގްސަދު ހާސިލް ވެއްޖެ. ބ. އަތޮޅު ތައުލީމީ މަރުކަޒަކީ ރާއްޖެތެރޭގައި އިމާރާތް ކުރެވުނު ފުރަތަމަ ނަމޫނާ ސްކޫލަށް ވީ ފަދައިން މިއަދު މި މަރުކަޒު ނަމޫނާ ސްކޫލެއްގެ ގޮތުގައި ހިމެނިފައި އޮންނާނީ އެންމެ ރަނގަޅު ނަތީޖާ ނެރެދޭ އެންމެ ގިނަ ކުދިން ގްރެޖްއޭޓް ވެފައި އޮތް ނަމޫނާ ސްކޫލްގެ ގޮތުގައި. އަދި ގައުމަށް ޚިދުމަތް ކުރުމުގައި މި ފުރާޅުގެ ދަށުން ނުކުތް ކުދިންވާނީ އަތޮޅު ތައުލީމީ މަރުކަޒަކުން ނެރުނު އެންމެ ގިނަ ކުދިންކަމަށް. މިއީ އަޅުގަނޑު އެންމެ ފަޚުރުވެރިވާކަމަކީ. “