އޮށާޅަނެގުމުން ރައްކާތެރިވާނީ ކިހިނެއް

acne-treatments-1.jpg

ގައިގެ އެކި ހިސާބުތަކުގައި ވަކިން ޚާއްޞަކޮށް މޫނުގައި ބިހި ނެގުމަކީ، ފުރާވަރުގެ ވަރަށް ގިނަ ޒުވާނުންނަށް ކުރިމަތިވާ ކަމެކެވެ. އެކަމަކު މިއީ ވަކި ޢުމުރަކަށް ޚާއްޞަ ހަމުގެ ބައްޔެއް ނޫނެވެ. ޓީން އޭޖްއަށް ވުރެ މަތިން ، ޢުމުރުން 20 އަހަރާއި 30 އަހަރާއި ދެމެދުގެ މީހުންނަށްވެސް މިކަމާއި ކުރިމަތިލާން ޖެހެނީ މަދެއްކޮށެއް ނޫނެވެ.

ބައެއް ފަހަރަށް މޫނުގައި ނުވަތަ ގައިގައި ބިހިނެގުމަކީ ވަކި ޢުމުރަކަށް އެޅީމަ ކޮންމެހެން ދިމާވާން ޖެހޭކަމެއް ކަމަށް ހީކޮށް އެކަމަށް ފަރުވާނުކޮށް ދޫކޮށްލެވޭ ތަން އާދެއެވެ. މިކަމުގެ ނަތީޖާއަކަށްވަނީ ބަލި ފަސޭހަނުވެ ، މޫނުގައި ވަޅުގަނޑު ހެދި ތިމާގެ ސޫރައަށް ވެސް އެކަމުން އަސަރުކުރުމެވެ. އަދި މިކަމުގެ ސަބަބުން ނަފްސާނީ މައްސަލަތައްވެސް ވަރަށް ގިނަ ޒުވާނުންނަށް ކުރިމަތިވެއެވެ.

މިފަދަ ޞިއްޙީ ކޮންމެ ކަމެއްގައިވެސް އޮތް އެންމެ ބުއްދިވެރި ގޮތަކީ، ކަމާއި ގުޅޭ ޑޮކްޓަރަކަށް ދައްކައި އޭނާގެ ލަފާގެ މަތިން ވީހާވެސް އަވަހަކަށް ފަރުވާ ލިބިގަތުމެވެ.

އޮށާޅަ ނަގަނީ ކީއްވެ؟

އޮށާޅަ ނެގުމަށް ވަރަށް ގިނަ ބަހާތަކެއް ހިއްސާވެއެވެ. ތިރީގައި އެވަނީ މިގޮތުން ފާހަގަކޮށްލެވޭ ބައެއް ކަންކަމެވެ.

  1. ފުރާ ވަރަށް އަރަމުން އަންނަ ދުވަސްވަރުގައި ހަށިގަނޑުގެ ހޯރމޯންގެ މިންވަރު އިތުރުވެއެވެ. މިހޯރމޯންތައް ހަމުގައި ހުންނަ ތެޔޮ އުފައްދާ ގްލޭންޑްތަކުގެ ސައިޒާއި މަސައްކަތް އިތުރުކުރެއެވެ.
  2. ތެޔޮ އުފައްދާ ގްލޭންޑްތަކުން ބޭރުކުރާ ތެޔޮ ހަމުގެ ފަށަލައާއި ހަމައަށް ގެނެސްދޭ ކެނަލްތައް ހަމުގަ ހުންނަ ޕްރޮޓިން މާއްދާއެއް ކަމުގައިވާ ކެރަޓިން އިން ބެދެއެވެ.
  3. ގްލޭންޑްތަކުގެ މަސައްކަތް އިތުރުވެ، ކެނަލްތައް ބެދުމުގެ ސަބަބުން ހަމުގައާއި ތެލުގައި އުޅޭ ބެކްޓީރިއާ އިތުރުވެއެވެ. މިކަމުގެ ސަބަބުން ހަމުގައި އިންފްލެމޭޝަން ( ދުޅަވެ ފުއްޕުން) އުފެދެއެވެ.

އޮށަޅައަށް ފަރުވާ ކުރަމުންދާއިރު، މޫނު ދޮވުމަށް އިރުޝާދު ދެވުނުކަމުގައި ވިޔަސް އެއީ ހިރަފުހުން ނުވަތަ ހަޑިން ޖެހޭ ބައްޔެއް ނޫނެވެ. ބައެއް ބިހީގައި ހުންނަ ކަޅު ތަންކޮޅަކީ ހިރަފުސް ކަމަށް ބައެއް މީހުނަށް ހީވެއެވެ. އެކަމަކު އެއީ ތެޔޮ ކެނަލްތައް ހިކި އޮކްސިޑޭޓްވުމުގެ ސަބަބުން ކުރިމަތިވާ ކަމެކެވެ.

މެދުމިނުގެ ނުވަތަ އާދައިގެ އެންޓިބެކްޓީރިއަލް ( ބެކްޓީރިއާއީ އިދިކޮޅަށް މަސައްކަތްކުރާ ) ސައިބޯންޏެއް ބޭނުންކޮށްގެން ، ދުވާލަކު ދެ ފަހަރު މޫނުދޮންނާށެވެ. މޫނުގެ ހަމަކީ ތެޔޮ ހަމެއްކަމުގައިވާނަމަ، އެއަށް ވުރެ ގިނައިން ދޮންނަންވާނެއެވެ.

ހަމައެފަދައިން ބޮލުގައި ޤަވާޢިދުން ޝޭމްޕޫލުމަކީ ވެސް އޮށާޅައަށް ފަރުވާކުރުމުގައި ވިސްނަން ޖެހޭކަމެކެވެ. އިސްތަށިގަނޑު ބޮޑަށް ތެޔޮވި ވަރަކަށް ، ދޮންނަން ޖެހޭ މިންވަރު އިތުރުކުރަން ޖެހޭނެއެވެ. ހަމަ އެފަދައިން މޫނަށް ތެޔޮ ފޭބިޔަނުދިނުމަށްޓަކައި، އިސްތަށިގަނޑު މޫނުމައްޗަށް ނުވެއްޓޭގޮތަށް ފުނާ އެޅުން ރަނގަޅުވާނެއެވެ.

އަބަދުވެސް ބޭނުންކުރާ ކޮސްމެޓިކްސްއަކީ ވޯޓަރ ބޭސްޑް ނުވަތަ ފެނުން ހެދިފައިވާ ( އިންގްރޭޑިއެންޓްސް ބަލާއިރު އެންމެ ފުރަތަމަ ފެން ހިމެނިފައިވާ) އެއްޗެއްކަމަށް ހަދާށެވެ.

ވެސްލިންއާ، ކޮކޯ ބަޓަރއާ، ކޯލްޑް ކްރީމްއާ، ވިޓަމިން އީ ތެޔޮ ފަދަ ގްރީސް ހިމެނިފައިވާ ތަކެތި ބޭނުންކުރުމަކީ ރަނގަޅުކަމެއް ނޫނެވެ. މޫނުގެ ހަމަކީ ހިކި ނުވަތަ ހަރު ހަމެއް ކަމުގައިވާނަމަ، ޑޮކްޓަރގެ ލަފާގެ ދަށުން ހަމާއި ގުޅޭ ކަހަލަ މޮއިސްޗަރައިޒަރއެއް ބޭނުންކުރާށެވެ.

ހިރުވާތީ ނުވަތަ އެނޫންވެސް ސަބަބުތަކާއި ހުރެ ބައެއް މީހުން، ބިހިފަޅާ ، ކޮށްޓާ ހަދައެވެ. އެކަމަކު، މިހެން ކަންތައް ކުރުމުން، އިންފެކްޝަން އިތުރަށް ފެތުރި، ކުރިން ސަލާމަތުން ހުރި ހިސާބުތަކުގައިވެސް ބިހި ނަގަން ފަށައެވެ.

އާދައިގެ އޮށާޅައަށް ފަރުވާކުރުމުގައި ބޭނުންކުރެވޭ ކްރީމް ނުވަތަ ސޮލިއުޝަންގެ ބޭނުމަކީ، އިތުރަށް ބިހިނެގުން ހުއްޓުވުމެވެ. ކްރީމް ހާކަމުންދާއިރު ބައެއް ފަހަރަށް މޫނުގެ ހަން ހިކި، ފިޔާތޮށި ކުލައަށް ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަކު އެއީ އާދައިގެކަމެކެވެ. މިގޮތަށް ކަންތައް ދިމާވިޔަސް ބޭސްހޭކުން ހުއްޓާނުލާށެވެ. އެކަމަކު ބޭހުގެ ސަބަބުން މޫނުކަހާ ހިރުވާ ގޮތްވާކަމުގައިވާނަމަ، ބޭސް ބޭނުންކުރާ ދޭތެރެ ދުރުކޮށްލާށެވެ.

މާގިނައިން އޮށާޅަ ނަގާފައިވާކަމުގައިވާނަމަ، ބޭނުންކުރާ ޓްރޮޕިކަލް ބޭހާއި އެކު އެންޓި ބައޮޓިކްސް ގުޅަ ބޭނުންކުރެވިދާނެއެވެ. ބޭހުގެ އަސަރު އެކި މީހުންނަށް ކުރަނީ އެކި ވަރަށް ކަމުގައިވާތީ ޢާއްމު ގޮތެއްގައި ކޮންމެ 4 ނުވަތަ 5 ހަފުތާއަކުން، ބިހިތައް ރަނގަޅަށް ކޮންޓްރޯލްވަންދެން، ބޭހުގެ ބާރުގަދަ ކުރެވިދާނެއެވެ

އެކްނި ސަރޖަރީ

ސާރޖެރީ ހަދައިގެން މޫނުގައި ހުންނަ އޮށާޅަތައް ތަންކޮޅެއް އަވަސް މުއްދަތެއްގެ ތެރޭގައި ސާފުކުރެވިދާނެއެވެ. ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި މިޚިދްމަތް ލިބޭނެމަގުވަނީ ތަނަވަސް ވެފައެވެ

އިންޓްރާ ލީސަނަލް ކޯރޓީކޯސްޓީރޮއިޑް ތެރަޕީ

މިއީ ، ވަރަށް ހިމަ ކައްޓެއް ބޭނުންކޮށްގެން ކޮންމެ ބިއްސަކަށް (ސިސްޓް) ވަކިން ދެވޭ ފަރުވާއެކެވެ. ނިސްބަތުން ބަލާއިރު، ތަދުކަމެއް އިޙްސާސްކުރަން ނުޖެހޭ މިފަރުވާގައި ކޮންމެ ބިއްސަކަށްވެސް ވަކި ވަކިން ޑިލިއުޓް ކޯރޓިޒޯން އެޅުމުން ބިހިތައް ސާފުވެ ރަނގަޅުވާލެއް އަވަހެވެ

އެކިއުޓޭން ތެރަޕީ

ކޮންވެންޝަނަލް ބޭސްތަކުން ރަނގަޅުނުވާ ވަރަށް އޮށާޅަ ނަގާފައިވާ މީހުނަށް ފަރުވާކުރުމަށްޓަކައި 1982 ގައި ގުޅަ ބޭހެއްކަމުގައިވާ އައިޒޯޓްރިޓިނޮއިން (އެކިއުޓޭން) ތަޢާރަފްކުރެވުނެވެ. މިބޭހުން ދެވޭ ފަރުވާ ގާތްގަނޑަކަށް މެދުނުކެނޑި 5 މަސް ދުވަސްވަންދެން ކުރިއަށް ގެންދަންޖެހެއެވެ. އެކިއުޓޭން ބޭނުންކުރުމުން ޢާއްމުގޮތެއްގައި ބިހިތައް މުޅިންހެން ނައްތާލެވެއެވެ. ނަމަވެސް މިބޭސް ބޭނުންކުރަމުންދާއިރު އޭގެ ސަބަބުން ދިމާވާނެ ސައިޑް އިފެކްޓްސްތަކަށް ވަރަށް ބޮޑަށް ވިސްނަންޖެހޭނެއެވެ

ކުރީގެ ބިހިތަކުގެ ނިޝާންތައް ރަނގަޅުކުރުން

ބިހިރަނގަޅުވިޔަސް އޭގެ ލަކުނު މޫނުމަތީގައި ހުރެއެވެ. ލަކުނުތައް ދުއްވާލެވޭނެ ގޮތްތައް މިއަދުގެ ކުރިއަރާފައިވާ ބޭސްވެރިކަމުގައި ވަނީ ތަޢާރަފްކުރެވިފައެވެ.ލަކުނުތައް ނައްތާލުމުގެ މަސައްކަތް ފެށޭނީ، ބިހިނެގުން ހުއްޓުވުމަށް ފަހުގައެވެ. ކޮސްމެޓިކް ސަރޖަރީ ހަދާ މީހަކަށް ދައްކައިގެން އޭގެ ފަހުން ، ކުރިން މޫނުހުރ ިގޮތަށް ބަދަލު ކުރެވިދާނެއެވެ. އޭގެ އިތުރުން އެކިވައްތަރުގެ ކެމިކަލް އުނގުޅައިގެން ވެސް ހަމުގައި ހުންނަ އާދަޔާއި ޚިލާފު ކުލަތައް ފިލުވާލެވިދާނެއެވެ. މިވައްތަރުގެ ކެމިކަލްތަކުން ކުރާ މަސައްކަތުން ހަމުގެ މަތީފަށަލަ ދުއްވާލައެވެ. ވަރަށް މަތީ ހަކަތަ އެކުލެވިފައިވާ، ލޭޒަރ ދޯދި ބޭނުންކޮށްގެން ވެސް ލަކުނުފިލުވުމުގެ މަގުވަނީ މިއަދު ތަނަވަސް ވެފައެވެ. ލޭޒަރ ގެ ބޭނުން ކުރުމުން ހަމުގެ އެއްމެ މަތީ ފަށަލައިގެ އިތުރުން އެހެން ފަށަލަތައްވެސް އާކުރެވިދާނެއެވެ. އަދި ލޭޒަރއިން ދެވޭ ފަރުވާއިން ހަންގަނޑަށް އިތުރު އޮމާންކަން ގެނެސްދެއެވެ. ލޭޒަރ އިން ފަރުވާ ކުރެވޭ ހިސާބަށް ވުރެ އަޑީގައި ހުންނަ ކުލަތައް ދުއްވާލުމަށްޓަކައި ބޭނުންކުރެވެނީ ޕަންޗުކިޔާ ސަރޖިކަލް ހަތިޔާރެކެވެ.

އާދައިގެ ކުދި ސޮފްޓް ލަކުނު ހުންނަތަންތަން ރަނގަޅުކުރުމަށް، ބޭނުންކުރެވެނީ ތަބަޢީ ޕްރޯޓީންއެއްކަމުގައިވާ ކޮލާޖިން އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top