ފުށި ފަންނަކީ އޭދަފުށީގެ ދެކުނު ފަރާތުގެ ހިއްކި ބިމުގައި ގޮނޑުދޮށާ ކައިރީގައި ވަގުތީ ގޮތުން ހަދާފައިވާ ޕާކަށް އާއްމުން ކިޔައިއުޅޭ ނަމެކެވެ. އެއީ ރަސްމީ ހައިސިއްޔަތެއް ލިބިގެން ހަދާފައިވާ ތަނެއް ނޫނެވެ. އޭދަފުށީގެ ބިން ހިއްކުމާ ގުޅިގެން އެދިމާލުގައި އުފެދުނު ރީތި މޫދަކީ ހަގީގަތުގައި އެތަން ޕާކަކަށް ވުމުގެ އަސްލެވެ. ރަށުގެ އެއްވެސް ދިމާއެއްގައި ރީތި މޫދެއް ނެތުމުގެ އުނިކަން އޭދަފުށީ ރައްޔިތުން އިހްސާސްކުރަން ޖެހިފައިވާ ދަނޑިވަޅެއްގައި މިފަދަ މޫދެއް ލިބުމަކީ އެތައް ބަޔަކަށް ލިބުނު އުފާވެރިކަމެކެވެ. ޚާއްސަކޮށް މޫދަށް އެރި ކަސްރަތުކޮށްލައި އުޅެެން ބޭނުންވެފައިތިބި އުމުރުން ދުވަސްވީ މީހުންނާއި ހަށިގަނޑު ރީތިކުރުމަށާއި ދުޅަހެޔޮ ސިއްހަތަކަށް ޓަކާ ފަތާ ޓްރެކެއްގެ ބޭނުން ބޮޑުވެފައި ތިބި ޒުވާން ދެ ޖިންސުގެ ކުދިންނަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ.
ބިންހިއްކުމަށް ފަހު ގޮޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން ލާފައިވާ އުސް ތޮށިގަނޑަށް އަރައި އެތަނުން ފައިބައިގެން ނޫނީ މޫދަށް އެރެވޭނޭ ގޮތެއް ނެތުމާއެކު މި ކަން ފަހިކޮށްދިނީ މެދު އަވަށަށް ނިސްބަތްވާ އަށެއްކަ މީހުންނެވެ. މޫދަށް އެރެން ބޭނުންވާ މީހުންނަށް ތޮށިގަނޑު ހުރަސްކޮށް ކުޑަކުޑަ ބްރިޖަކުންލާފައި އަރާ ފޭބޭ ގޮތަށް އެ ކުޑަކުޑަ ބްރިޖް އެތަނުގައި ހެދުމާއެކު ގިނަބަޔަކު މޫދަށް އެރޭ ސަރަހައްދަކަށް އެތަން ވިއެވެ. އެމީހުންގެ މަސައްކަތުގައި ފޯރި ހިފީ އެހިސާބުންނެވެ. މި މަސައްކަތް ޝުކުރުވެރިކަމާއެކު ބަލައިގަތުމުންނެވެ. އެއަށްފަހު އެތަނުގައި މޫދަށް އެރުމަށް ފަހު ފެންވެރޭނެ އިންތިޒާމު ހަމަޖެއްސިއެވެ. މަޑުމަޑުން އެތަނަށް ދިރުން އައިސް މުޅި ސަރަހައްދު މިއަދު ވެފައިވަނީ މައިޒާނަކަށެވެ. ނުވަތަ ހިތްފަސޭހަ ޕާކަކަށެވެ. ޖޯލިފަތިތަކާ ހަޓްތަކުގެ އިތުރުން ކުޑަކުދިންނާއި ބޮޑެތި މީހުން މިނިވަންކަމާއެކު ހެއްލައި އުޅޭ އުދޯލިތަކާ އަށިތަކާ މިނޫނަސް ހިތްފަސޭހަ ކޮށްލައި ތާޒާ އަރާމު ވައިފެނުގައި ޖެހިލަން އެތަނަށް ދާ މީހުންނަށް ބޭނުންވާ ވަސީލަތްތަކާއެކު ހަވީރުކޮޅު އެތަން ފެންނަނީ ހަރަކާތްތެރި އަދި މަޖާ ޕާކެއްގެ ގޮތުގައެވެ. އެންމެފަހުން އެސަރަހައްދަށް ފުށިފަންނުގެ ނަންވެސް ދެވުނީއެވެ.
މިތަން މިފެންވަރަށް ތަރައްގީ ކޮށްފައިވަނީ މަދު ބައެއްގެ ދީލަތި އެހީތެރިކަމާވެސް އެކުގައެވެ. އެއީ ވަގުތީ ތަނެއް ކަމުގައި ވިޔަސް އެތަން ތަރައްގީ ކުރުމަށް ފޫގަޅައިގެން ތިބި ގްރޫޕްގެ މެންބަރުން ބޭނުންވާ ގިނަ ކަންތައްތަކެއް އަދިވެސް ހުރީ ފުރިހަމަ ނުކުރެވިއެވެ.
އެހެންކަމުން މިދިޔަ ބޮޑު އީދުގައި އެތަނަށް ޒިޔާރަތްކުރި އޭދަފުށީ އާއިލާއެއްގެ ޒުވާން މެންބަރުންނަށް މިކަން ހުށަހެޅިއެވެ. މި މަސައްކަތަށް ކޮންމެވެސް މިންވަރެއްގެ އެހީއެއް ވުމަށެވެ. މަންޒަރު ބަދަލުވީ އެހިސާބުންނެވެ.
އޭދަފުށީގެ އެއާއިލާގެ މީހުން އެ މަސައްކަތް ފެނިފައި ސާބަސްދިނީ ބަސްތަކަކުންނޫނެވެ. އެމީހުން ބޭނުންވީ މުޅި ތަނުގެ ކޮންސެޕްޓް ބަދަލުކޮށް އޭދަފުށީގެ އާބާދިއާ އެއްވަރުގެ ކުޑަކުދިންގެ ރީތި ޕާކެއް އެތަނުގައި ތަރައްގީ ކުރާށެވެ. އެކަމުގެ ޔަގީންކަން ވަގުތުން ދިނެވެ. އެއީ އެއާއިލާގެވެސް އުފަން ބިންކަމަށް ވެފައި އުފަންރަށަށް އެމީހެއްގެ ނިސްބަތުން ކޮންމެވެސް ކަމެއް ކޮށްދިނުމަކީ ރަށުގެ ކޮންމެ ދަރިއަކުވެސް ނުވަތަ ކޮންމެ އާއިލާއެއްވެސް ކުރަންޖެހޭނެ ކަމެއްކަމަށް ގަބޫލު ކުރެވިގެންނެވެ.
މިމަސައްކަތް ފެށިގެން މިހާރު ކުރިއަށް ދަނީއެވެ. ރަސްމީ ގޮތުން ކުރަންޖެހޭ ހުރިހާ ލިޔެކިއުމުގެ މަސައްކަތް ފުރިހަމަކުރުމަށްފަހު މީގެ ހަފްތާއެއްހާ ދުވަސްކުރިން ހައުސިންގ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލަކާއެކު ސާވޭ ޓީމެއް ވަޑައިގެން އެބިން ވަނީ ބަލާފައެވެ. ހަމައެއާއެކު ޕާކް ހަދައި ތަރައްގީ ކުރުމަށް އޭދަފުށީ ކައުންސިލުން އެ ސަރަހައްދުން 5000 އަކަފޫޓްގެ ބިން މިހާރުވަނީ ދޫކޮށްފައެވެ.
އެއާއިލާގެ މެންބަރަކު ނަން ނުޖެހުމަށް އެދި އިތުރަށް ބުނީ ކުޑަކުދިންގެ ޕާކެއް އަމިއްލަ ރަށުގައި ތަރައްގީ ކުރާ ހިތްވި އަނެއް ސަބަބަކީ ކޮންމެ އަމިއްލަ ބަޔަކު އިސްނަގައިގެން މިފަދަ ކަމެއް ކުރަން ފަށާފައިވާތީ އެކަމަށް ހިތްވަރު ދިނުމުގެ ގޮތުންކަމުގައެވެ. ކުޑަކުދިންގެ ޕާކަކީ އެކުދިން ހެދި ބޮޑުވުމަށާއި ނަފްސާނީ ދުޅަހެޔޮކަމަށާ ސިއްހަތަށްވެސް ނުހަނު ބޭނުންތެރި ކަމަކަށް ވާއިރު މިއީ ރަށު ކައުންސިލުން އިސްނަގައިގެން ކުރަންޖެހޭ ކަމަކަށް ވެފައި ނުވަތަ އެތައް ޖަމިއްޔާ ތަކެއް ހަރަކާތް ތެރިވާ މިރަށުގެ އެއިންއެއްވެސް ދިމާއަކުން މިފަދަ އިޖްތިމާއި ކަމެއް ކުރަން ނޫޅެ އަމިއްލަ ބަޔަކު އިސް ނަގާފައިވާތީއެވެ.
“އެއީ މި ޚިޔާލު އައި ގޮތަކީ. ހިތަށް އެރީ މި ސަރަހައްދު އެއްކޮށް ކުޑަކުދިންގެ ޕާކަކަށް ބަދަލު ކޮށްލަން ވީއޭ. މިކަން ކުރަން މިއަށް ވުރެ ރަނގަޅު ވަގުތެއް ނާންނާނެއޭ.”
އޭނާ ބުނީ މިކަހަލަ ކޮންމެ ކުރަން ދިމާކުރާއިރުވެސް ދިމާވާ އެންމެ ބޮޑު މައްސަލައަކީ މަސައްކަތް ކުރާނޭ މީހުން ލިބުމުގެ ދަތިކަން ކަމަށާ އެކަމަކު ޕާކްގެ މަސައްކަތުގައި މި ގްރޫޕް ތިބީ ހަމަހިލޭ ސާބަހަށް މިކަން ކޮށްދޭގޮތަށް ކަމުން އެއީ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ލިބޭ ވަރަށް ބޮޑު ބާރެއްކަމުން ކަމުގައެވެ.
” ކުޑަކުދިންގެ ޕާކަކަށް ވިޔަސް މިތަނުގައި ހުންނާނީ ހަމައެކަނި އެކުދިންނާ ގުޅޭ ޓޯއީސް އާއި ކުޅޭ މެޝިންތަކެއް ނޫން. މީގެ އިތުރުން ބޮޑެތި މީހުން ކަސްރަތުކުރާ ކޯނަރަކާ ކަސްރަތު ކުރާ މެޝިންފަދަ އެއްޗެތިވެސް ހުންނާނެ. މީގެ އެއް ޝިޕްމަންޓް މިހާރު ހުންނާނީ އޭދަފުށީގައި. އިތުރު ޝިޕްމެންޓެއްވެސް މިހާރު އޮތީ މާލެއައުމުގެ މަގުމަތީގައި. ” ޕާކާ ބެހޭ މައުލޫމާތު ދެއްވަމުން އާއިލާގެ މެންބަރަކު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިހާރު ކުރިއަށް ދަނީ މިތަން ޑިޒައިންކޮށް ކުރެހުމުގެ މަސައްކަތް ކަމަށާއި އަންނަ ހަފްތާގައި މި މަސައްކަތް ނިމޭނެކަމުގެ ޔަގީންކަން ލިބިފައިވާކަމުގައެވެ.
ޕާކް ޑިޒައިންކޮށް ކުރެހުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ހައުސިންގމިނިސްޓްރީގެފަރާތުން މާލޭގެ ޕާކްތައްވެސް ޑިޒައިންކުރާ ޓީމުންނެވެ. އެ ޓީމުގެ އިސް މެންބަރެއްކަމުގައިވާ ހައުސިންމިނިސްޓްރީގެ ޑިރެކްޓަރޖެނެރަލް ޒުހޫރު އީވީއާ ވާހަކަ ދައްކަވަމުން ވިދާޅުވީ މި ހިސާބުގަނޑުގައި ހުންނާނެ އެންމެ ރީތި ޕާކަށް މި ޕާކް ވެގެން ދާނޭކަމަށާއި ކުރިއަށް އޮތް ހަފްތާގައި ކުރެހުން ނިންމުމަށްފަހު ހަވާލު ކުރާނެކަމަށެވެ. އޭދަފުށްޓަށް ނިސްބަތްވާ ޒުހޫރުއަކީ އޭދަފުށީ ކާމިލްޕޫނީމާގޭ މަރްހޫމް މުހައްމަދު ހަސަންގެ ދަރިކަލެކެވެ.
އާއިލާއިން ބުނީ ކުރެހުން ލިބުނުހާ އަވަހަކަށް މަސައްކަތް ފަށާނޭކަމަށާއި އަމާޒަކީ އަންނަ ކުޑައީދަށް ޕާކުގެ ބޭނުން ކުރަން ފެށޭވަރުވުން ކަމުގައެވެ.
ޕާކާބެހޭ މައުލޫމާތު ދީ ނިންމާލަމުން އެންމެ ފަހުން ބުނީ މިކަމުގައި އެއްވެސް ސިއްރު އެޖެންޑާއެއް ނޯންނާނެ ކަމަށާ މިއީ ސިޔާސީ ގޮތުން ނުވަތަ އެހެންވެސް ގޮތަކުން ބަދަލެއް ބޭނުންވެގެން ކުރާ ކަމެއް ނޫންކަމުގައެވެ. ހަމައެކަނި އަމިއްލަ ރަށް ދެކެ ލޯބިން ޕާކަކަށް ބޭނުންވާނެ އެންމެންނަށް އާއިލާގެ ފަރާތުން ކުރާ ހަދިޔާ އެއްކަމުގައެވެ.