
ކެންސަރު ބައްޔާ ހަމީދު ކުރި ހަނގުރާމަ އީވީގެ ޓީމަށް އޭނާ ކިޔައިދޭއިރު، އޭނާގެ މަންމަ ޒާހިދާ ފަހަތުގައި/ ފޮޓޯ އީވީ ޓީމް
ޖީސީއީ އޯލެވެލް އިމްތިހާނުން މުޅިރާއްޖޭގެ ގަދަ 10ގައި ހިމެނުމާއެކު އޭދަފުށީ ކާނޭޝަންމާގޭ ހަމީދު ޢަބްދުﷲގެ އުފާވެރިކަން އިންތިހާއަށް ދިޔައެވެ. ކުރިމަގާމެދު ފުރަތަމަ ފަހަރަށް ޚިޔާލީ ދުނިޔެއެއްގައި ރީތި ތަސައްވަރެއް ކުރަހަމުން ދިޔައެވެ. މެދު މަދަރުސީ ތައުލީމުގެ ދާއިރާއިން އޭނާ ހޯދި ކާމިޔާބާ އެކު މަތީ ތައުލީމުންވެސް މި ނަތީޖާ ނުހޯދެންވީ ކީއްވެތޯ އަމިއްލަ ނަފުސާ ސުވާލު ކުރެވުނެވެ. އޭނާ އުޅުނީ އެދުނިޔޭގައެވެ.
ހަމީދުގެ އޯލެވެލް ނަތީޖާ ލިބުމާއެކު 16 އަހަރުގެ ހަމީދުއާއި އޭނާގެ ކުޑަކުޑައާއިލާއަށް ލިބުނު އުއްމީދު ކުރެވިފައިނެތް ކުއްލި އުފާވެރިކަމުގައި މުޅި އާއިލާގެ މުސްތަގްބަލް އުޖާލާ ވެއްޖެކަމުގައި މަންމައާއި ބައްޕަ ހީކުރިއެވެ. ތޫނު ދަރިފުޅުގެ ނަތީޖާގެ ޗާޓުން ދައްކައިދިނީ އޭނާގެ މުސްތަގްބަލްގެ ފަހިކަން އެކަންޏެއް ނޫނެވެ. އޭލެވެލްގައިވެސް އެފަދަ ރަން ނަތީޖާއެއް ހޯދައިގެން އާއިލާ ހިނިތުން ކުރުވާނެކަމުގެ ޔަގީންކަމެވެ. އެހެންނަމަވެސް އެ އުފަލުގެ ތެރޭގައި މި ކުޑަކުޑަ އާއިލާ އަަށް ހޭދަކުރެވުނީ މަދު ދުވަސް ކޮޅެކެވެ. މުޅި އާއިލާ ކަރުނައިގެ ފުންކަނޑެއްގެ ތެރެއަށް ގަންބުވާލީ ހީވެސް ނުކުރާކަހަލަ ގޮތަކަށެވެ. އޭ ލެވަލްއަށް ކިޔަވަން ފެށުނުތަނާހެން ހަމީދުއަށް އާދަޔާ ޚިލާފު ގޮތްތަކެއް ވާން ފެށީއެވެ.
” ބޮލުގައާއި ކަންފަތް ކައިރީގައި ގޮއްތަކެއް ލައި ބޮލުން އިސްތަށި ފައިބަން ފެށުމުން ބ.އަތޮޅު ހޮސްޕިަޓަލަށް ފުރަތަމަ ދެއްކީ. އެތަނުން ޖަހަނީ އިންޖެކްޝަނެއް. ދެން އެގޮތުންވެސް ނަތީޖާއެއް ނުނިކުމެ ވާގޮތެއްވެސް ނޭނގުމުން ހޮސްޕިޓަލުން ލަފާދިނީ މާލެއަށް ގޮސް ޑޮކްޓަރަކަށް ދައްކަން. ” ކެންސަރު ބަލީގެ ފުރަތަމަ މަރުހަލާގައި ކަން ހިނގިގޮތް ކިޔައިދެމުން ހަމީދު ބުންޏެވެ.
އެ ބިރުވެރި އަދި ހަޔާތުގައި ހަނދާން ނައްތާނުލެވޭނެ ހާދިސާގެ ވާހަކަ ހަމީދު ކިޔައިދެމުން ދިޔައިރު އޭނާގެ މޫނުމަތިން މާޔޫސީކަމާ ދެރަވުމުގެ އެއްވެސް އަލާމާތެއް ނުފެނެއެވެ. އޭނާ އިނީ ހިނިތުންވެފައެވެ. އެ ހިނިތުންވުމުގައި ފޮރުވިފައިވާ ކޮންމެވެސް ބޮޑު ވާހަކައެއް ވާނޭކަން ޔަގީނެވެ. އެކަމުގެ ވާހަކަ ދެއްކުން މި ވަގުތަކާ މުނާސަބެއް ނޫނެވެ.
އޭނާގެ ވާހަކައާއެކު ކަރުނުން ދެލޯފުރިގެން އައީ ހަމީދުގެ ސީދާ މޫނަށް ބަލަހައްޓައިގެން އޭނާގެ ގާތުގައި އިން މަންމައެވެ. ހަމީދުގެ ބައްޔަކީ ކެންސަރުކަން އެނގުމާއެކު މައި ލަގޮނޑިއަށް ކެތްކުރުމުގެ ބާރު ލިބުނުކަމަށް ޓަކައި ﷲގެ ކިބަފުޅަށް ޝުކުރުވެރިވާކަމަށް ބުނުމުގެ އިތުރުން އެންމެ ބަހެއްވެސް މަންމަ އަކަށް ނުބުނެވުނެވެ،. އަޑު ބެދުނީއެވެ. އަރުތެރޭގައި އަޑު ތާށިވީ ކަހަލައެވެ. އޭނާއިނީ ހަމީދުއަށް ބަލަހައްޓައިގެން ދައްކާ ވާހަކައަށް ބޮލުގެ އިޝާރާތުން އާނ ހޫނ ކިޔާލަކިޔާލައެވެ.

ކެންސަރާ ދެކޮޅަށް ހަމީދު ކުރި ހަނގުރާމަ އޭނާގެ މަންމަ ފެންކަޅިވެ ހުރެ އީވީއަށް ކިޔައިދޭއިރު، ހަމީދު އަޑުއަހަނީ / ފޮޓޯ: އީވީ ޓީމް
ހަމީދުގެ ވާހަކަ ކުރިއަށް ގެންދަމުން ބުނީ މާލެއަށް ގޮސް ފުރަތަމަ އައިޖީއެމް ހޮސްޕިޓަލަށް ދެއްކިކަމުގައި ވިޔަސް އެތަނުން ލަސްވާތީވެ އަމިއްލަ ކްލިނިކަކުން ފަރުވާ ހޯދަން ފެށި ކަމުގައެވެ.
“އެ ކްލިނިކުން އަޅުގަނޑުގެ ކަންފަތް ކައިރީގައި ލާފައި އިން ބޮޑު ގޮށް ފަޅާލައިގެން ޓެސްޓެއް ހެދުމަށްފަހު ލިއުމެއް ދީފައި އެދުނީ އިންޑިއާގެ އާރްސީސީ ހޮސްޕިޓަލަށް ދެއްކުމަށް. އޭގެ ކުރިން އެއީ އަޑުއަހާ ނަމެއް ނޫން. އިންޑިއާއަށް ގޮސް އާރްސީސީ އަށް ދެއްކުމުން ޓެސްޓްތަކެއް ހެދުމަށްފަހު ބުނީ އަޅުގަނޑުގެ ބައްޔަކީ ކެންސަރުކަމަށް. ހަމައެއާއެކު އެތަނުން އެކަމުގެ ލިއުމެއްވެސް ދިން. އެހެންނަމަވެސް އެބައްޔަށް ފަރުވާހޯދުމުގެ މާލީ ތަނަވަސްކަން ނެތުމުން ރާއްޖެއައިސް ފައިސާ ހޯދައިގެން އެނބުރި އާރްސީސީ އަށް ދިޔައީ . ” ވަރަށް ހަމަޖެހިލައިގެން އިނދެ ހަމީދު ވާހަކަ ދައްކަމުން ދިޔައެވެ.
ކެންސަރުގެ ވާހަކަ ބުނުމުން އެއީ ނުރައްކާތެރި އަދި ވޭންހުރި ފަސޭހަވުމާމެދު ވެސް ޝައްކު ތަކެއް ހުރި ބައްޔެއްކަން އެނގުނަސް އެކަމާ ދެރަވާކަށް ހަމީދުއަކަށް ނޭނގުނެވެ. އެއީ އޭނާގެ އިމާންކަމުގެ ވަރުގަދަ ކަމާއި ކޮންމެކަމެއް ހިނގާނީވެސް ރަނގަޅަށް ކަމުގައި އަބަދުވެސް ގަބޫލުކުރާތީ ކަމަށް ވެދާނެކަމުގައި ހަމީދު ބުންޏެވެ.
ހަމީދު ބުނީ ކެންސަރަށް ފަރުވާ ހޯދުމަށް އާރްސީސީގައި 10 މަސްދުވަހު މަރާ ހަނގުރާމަ ކުރަމުން ދިޔައިރުވެސް ދިރިއުޅުމާމެދު އުއްމީދު ކަނޑާނުލާކަމަށެވެ.
“އުއްމީދު ކަނޑައެއް ނުލަން. މާދަމާ ވާނޭ ގޮތާމެދު ވިސްނުމަށް ޚިޔާލަކަށް ވެސް ނާދޭ. ހިތަށް އަރަނީ ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށޭ. ” ހަމީދު ބުންޏެވެ.
އެހަނދާންތައް އާކުރަމުން އޭނާ ބުނީ އެ ދުވަސްތަކުގެ ތެރޭގައި ކެމޯ ތެރަޕީ 8 ފަހަރު އަދި ރޭޑިއޭޝަން 20 ފަހަރު ދީފައިވެއެވެ
“އެއިން ކޮންމެ ކަމަކީވެސް ވޭން ހުރި ކަމެއް. ކެމޯ ދީފި ދުވަހެއް ވިއްޔާ ގައިގަ ނުހުންނާނެ ހަމައެއްވެސް ވަރެއް. އެއްވެސް ހަކަތައެއް. ވަރަށް ވޭންހުރި ކަމެއް އެއީ. ” ހަމީދު ކިޔައިދިނެވެ.
އެހެންނަމަވެސް މިހާރު އެހުރިހާ ކަމެއް ނިމި އޭނާ ވަނީ އޭލެވެލްވެސް ފުރިހަމަ ކޮށްފައެވެ.
“އާރްސީސިގައި 10 މަސްދުވަސްް ހޭދަކުރުމަށްފަހު އެމީހުން ބުނީ ތިންމަސް ފަހުން ދައްކަން އައުމަށް. އޭގެ ފަގުން ހަމަސްދުވަސް ފަހުން.މިހާރު ދައްކަން ޖެހެނީ އަހަރަކު ްއެއް ފަހަރު. މިހާރަކު ބޭހެއްވެސް ނުކަން.ހާލުވެސް ބަރާބަރު.
ހަމީދުގެ އުމުރުން 16 އަހަރުގައި އޭނާގެ މުޅި ދިރިއުުޅުން އެފުށް މިފުށަށް ޖައްސާލި ހާދިސާގެ ފަހުން މިހާރު ފަސް އަހަރުވަނީއެވެ. މިހާރު އޭނާއަކީ ކެންސަރުގެ ބިރުވެރި އަދި ވޭންހުރި ބަލިން ﷲގެ ހެޔޮ ރަހްމަތާ އެތައް ސަތޭކަ ބައެއްގެ ހެޔޮ ދުއާއިން މުޅިން ރައްކާތެރިވެފައިވާ މީހެކެވެ.
އެހެންނަމަވެސް އޭނާގެ ބައްޔަށް އެހީތެރިވި މީހުންގެ މަތިން ހަނދާންނައްތައެއް ނުލައެވެ. އޭނާގެ މަންމަވެސް ޖަޒުބާތުން ފުރިގެން އިދެ ބުނީ ހަމީދުއަށް ފަރުވާ ބޭނުންވި ވަގުތު އޭދަފުށި ރައްޔިތުންގެ ފަރާތުންނާއި ބ.އަތޮޅުގެ ރަށްތަކުގެ އިތުރުން ރިސޯޓުތަކުން ލިބުނު އެހީތެރިކަން ދުވަހަކުވެސް ހަނދާން ނުނެތޭނެ ކަމުގައެވެ. ވަގުތުން ވަގުތަށް ހަމީދުއަށް ބޭނުންވާ މާލީ އެހީތެރިކަން އަހަރެމެންނަށް ފޯރުކޮށްދިނީ އެމީހުންގެ ދަރިއަކު ބަލިވެގެން ފަރުވާއަށް ޚަރަދު ކުރާ ބީދައިންނެވެ.
ހަމީދުގެ ވާހަކަވެސް ހުރީ ހަމަ މިގޮތަށެެވެ.
“ގަބޫލު ކުރެވެނީ އެއީ އިލާހީ ރަހްމަތެއްކަމަށް. ﷲ ކަމަކަށް ވާށޭ ވަޙީ ކުރައްވައިފިނަމަ އެކަމެއް ވާކަށް ލަހެއް ފަހެއް ނޯންނާނެކަމުގެ ތެދުކަން އިތުރަސް އެނގިގެން ދިޔައީ. އެއީ އަޅުގަޑަށް އެހީވުމަށް ގޮވާލެވުނު ހިނދު އެހީ ލިބިފައިވަނީ ހީވެސް ނުކުރާހާ ކުޑަކުޑަ ދުވަސްކޮޅެއްގެ ތެރޭގައި. އޭދަފުށީ ރައްޔިތުން އަޅުގަނޑަށް އެންމެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފަސްލައްކައެއްހާ ރުފިޔާ ހޯދައިދިނުމަކީ އަޅުގަނޑު މިދުނިޔެއަށް އަލުން ގެނެސްދިނުމަށް ވެދެއްވި ގުރުބާނީއެއްގެ ގޮތުގައި ކަމަށް އަޅުގަނޑު ދެކެނީ. މިކަމަށް ޓަކާ އަޅުގަނޑަށް އެހީތެރިވުމަށް ގޮވާލެއްވި ފަރާތްތަކަށާއި އަޅުގަނޑަށް އެހީވެދެއްވި ހުރިހާ އަޚުންނާއި އުޚްތުންނަށާއި އަޅުގަނޑަށް ހެޔޮ ދުއާ ކޮށްދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާ ކުރަން.” ހަމީދުގެ ޝުކުރުގެ ލިސްޓް ނިންމާލީ ޝުކުރު އަދާކުރަންޖެހޭ އިތުރު ފަރާތެއްގެ ނަން އުނިވެފައިވާނަމަ އެކަމަށް މާފު އެދެމުން އެފަރާތްތަކަށްވެސް ޝުކުރުއަދާކުރަމުންްނެވެ.
ހަމީދުގެ ބައްޕަ އަބްދުﷲ އިނީ އޭނާގެ ދަރިފުޅުގެ ވާހަކަތަކާއެކު އާރްސީސީ ހޮސްޕިޓަލުގައި ކެންސަރުގެ ގަދަވޭނަށް ކެތްކުރުމުގެ ހިތްވަރު ހޯދަމުން ގެންދިޔަ އޭނާގެ ދަރިފުޅު ހަމީދުގެ އެދުވަސްތަކުގެ ހަނދާންތަކުގެ ތެރޭގައެވެ. ފެންކަޅިވެފައިވާ ދެލޮލުން އަހަރެމެންނަށް ބަލާލާފައި ބުނީ އެއީ އަސަރުގަދަ ހިތްދަތި ހަނދާންތަކެއް ކަމުގައެވެ.

ހަމީދު ގެ ބައްޕަ އަބްދުﷲ )ކ) ހަމީދު ގޮވައިގެން ކެންސަރަށް ފަރުވާކުރުމަށް ކުރެވުނު މަސައްކަތުގެ ވާހަކަ ކިޔައިދެނީ / ފޮޓޯ: އީވީޓީމް
“ހަމީދުގެ މަންމަ އިނީ ރަށުގައި. އަހަރެން ހުރީ ހަމީދުއާއެކު އިންޑިއާގައި. އޭނާ ބަލި އެނދުގައި އޮވެގެން އެއުޅޭ ހާލުދެކެން ހުންނައިރު އެވާހަކަތައް ކިޔައިދޭނެ ގޮތެއްވެސް ނޭނގެ. އެބަލީގައި އޮވެގެން ދަރިފުޅުގެ ހަށިގަނޑުގައި އަޅާ ވޭނުން ކެތްތެރިކަން ކޮޅުންލައިގެން ގޮސް ރޯ ރުއިން އެއީ ބަފައަކަށް ބަލަންކެރޭ ވަރުގެ ކަންތަކެއް ނޫން. އަހަންކެރޭވަރުގެ އަޑުތަކެއްވެސް ނޫން. ވަރަށް ދެރަވި ދުވަސްކޮޅެއް އެއީ. އެހެންނަމަވެސް އެދުވަސް ވެސް ހިނގައްޖެ. އޭނާއަށް ޝިފާ ދެއްވިކަމަށް ޓަކާ ﷲެ ކިބަފުޅަށް ނިހާޔަތަށް ޝުކުރު އަދާކުރަން. އެކަލާނގެ ރަހުމަތުގެ ކޮޅެއް ނެތް. “
ބައްޕަގެ ވާހަކައަށް ފަހު ހަމީދުގެ ވާހަކަ ނިންމާލީ ހުރިހާ އެންމެންނަށްވެސް ޚާއްސަކޮށް ޒުވާނުންނަށް މުހިއްމު މެސެޖެއް ދެމުންނެވެ. ” ހުރިހާ ކުދިންވެސް ވަރަށް ބޮޑަށް ސިއްހަތަށް ބަލާތި! ރަނގަޅު ކާނާ ކެއުމަށާއި ގިނައިން ފެންބުއިމަށް ސަމާލުކަން ދޭތި! ހަށިގަނޑަށް ގެއްލުންދޭ އެއްވެސް ކަމެއް ނުކުރާތި. އެއްވެސް އެއްޗެއް ނުބޯތި! ނުކާތި! އަޅުގަނޑުވެސް މިއުޅެނީ ވަރަށް ބޮޑަށް ސިއްހަތަށް ބަލައިގެން. ރަނގަޅު ކާނާއާއެކު ގިނައިން ފެން ބޮއިގެން. “
އެއީ ކުރު މަޒީއެވެ. މިހާރު ހަމީދުވަނީ އޯލެވެލްވެސް ނިންމައި އެނބުރި މުޖްތަމައުއަށް އައިސްފައެވެ. ދިރިއުޅުމަށް މަސައްކަތް ފެށުމުގެ މަގުމަތީގައެވެ. އެހެންނަމަވެސް ކިޔެވުމައިގެން ކުރިއަށް ދިއުމުގެ އަޒުމް އަދިވެސް ކުރިއަށް އެބައޮތެވެ. އެކަމަކު މިހާރު އޭނާ ބޭނުންވަނީ ވަޒީފާއެކެވެ. “ވަޒީފާއަކަށް އެދި މިހާރުވެސް މިދަނީ މަސައްކަތް ކުރަމުން. އެންމެ ފަހުން އަތޮޅު ހޮސްޕިޓަލުން އިއުލާނު ކުރި ވަޒީފާއަކަށްވެސް މިއުޅެނީ ކުރިމަތި ލައިގެން. ހީވަނީ ވަގުތު ނުޖެހެނީހެން. އުއްމީދު ކުރަނީ ރަނގަޅަށް. ހުރިހާ ކަމެއް ދާނީވެސް ރަނގަޅަށް. “
އެއީ އޭނާގެ އުއްމީދެވެ. އަހަރެމެން އެންމެންގެވެސް އުއްމީދެވެ.