ރައްޔިތުންގެ އަޑު: އާއިލީ ނުފޫޒު ބޭނުންކޮށްގެން ތައުލީމީ މަރުކަޒުގެ ވަޒީފާ ދެނީ ކީއްވެ؟

IMG_20170104_082544.jpg

މިއީ ބ. އަތޮޅުގެ އާންމު ރައްޔިތުންގެ ފަރާތުން މިނޫހަށް ލިބޭ ސުވާލުތަކުގެ ތެރެއިން ކަމާބެހޭ އިދާރާތަކުން މައުލޫމާތު ހޯދައި، ކޮންމެ ހޮނިހިރު ދުވަހަކު ގެނެސްދިނުމަށް ހަމަޖެހިފައިވާ ކޮލަމެކެވެ. މިހަފްތާގެ ސުވާލުތައް ހާއްސަ ކޮށްލަނީ ބ. އަތޮޅު އަތޮޅު ތައުލީމީ މަރުކަޒަށެވެ.

ސުވާލު: ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އިސްމަގާމްތަކުގައި ތިއްބެވި ގިނަ ބޭފުޅުންނަކީ އެއްއާއިލާއަކަށް ނިސްބަތްވާ ބަޔަކަށް ވާތީ، ސްކޫލްގެ ކަންކަން ނިންމުމުގައި މަސްލަހަތު ފުށުއަރާގޮތަށް ބައެއް ފަހަރު ކަންކަން ނިންމަމުންދާކަމުގެ އަޑު ފެތުރެއެވެ. އަދި ވަޒީފާއަަށް މީހުން ނެގުމާއި، ކޮންޓްރެކްޓް މަސައްކަތްތައް ހަވާލުކުރުމުގައި ސްކޫލް އެޑްމިނިސްޓްރޭޓަރ، ނުފޫޒު ބޭނުންކުރާކަން ފާހަގަކުރެވެއެވެ. މިއީ ހަގީގަތެއްތޯ؟

ޖަވާބު: މިސްކޫލަށް ވަޒީފާތަކަށް މީހުން ހޮވަނީ ސްކޫލްގެ ފަރާތަކުން ނޫނެވެ. މިއީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ދަށުން ހިނގާ ތަނަކަށްވާތީ، ވަޒީފާއަށް މީހުން ހޮވަނީ އެކަމަށް އެންމެ އެކަށީގެންވާ މީހުންބަލައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުންނެވެ. ވަކި އާއިލާއަކަށް ނިސްބަތްވާ ބަޔަކު އިސްމަގާމްތަކުގައި ތިއްބެވިކަމަށް ވާނަމަ އެއީ މިދެންނެވިގޮތުން ދިމާވެފައިވާ އިއްތިފާގެކެވެ.

ކޮންޓްރެކްޓް މަސައްކަތްތައް ހަވާލުކުރުމުގައި ވަކިފަރާތެއްގެ ނުފޫޒުފޯރުވާ ވާހަކައާ ގުޅޭގޮތުން ދަންނަވަމެވެ. ގާނޫނުތައް ހެދިފައި އޮންނަގޮތުން ސަރުކާރުގެ އެއްވެސް ފައިސާއެއް ގަވާއިދާ ހިލާފަށް ހަރަދުކުރުމަކީ ކުރެވިދާނެ ކަމެއްކަމަކަށް ނުދެކެމެވެ. އެގޮތުން ބ. އަތޮޅު ތައުލީމީ މަރުކަޒުން އެސްޓިމޭޓް އުސޫލުން މިހާތަނަށް ކުރުވާފައިވާ އެއްވެސް މަސައްކަތެއް ގަވާއިދާ ހިލާފަަށް ކޮށްގެން އެކަމުގެ ޝަކުވާ ރަސްމީގޮތެއްގައި މިތަނަށް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް ސްކޫލްގައި ކުރަންޖެހޭ ކުދިކުދި މަރާމާތުތައް ފަދަ ކަންކަންވެސް ކުރުވަނީ ހަމަޖެހިފައި އޮންނަ އުސޫލުންނެވެ.

އަދި ދަންނަވަމެވެ. މިމަރުކަޒަކީ އެންޓި ކޮރަޕްޝަން ކޮމިޝަނުންނާއި، އޮޑިޓަރ ޖެނެރަލްގެ އޮފީހުންވެސް ސަރުކާރުގެ އެހެނިހެން މުވައްސަސާއެކޭވެސް އެއްފަދައިން ބަލައި ޗެކްކުރާ ތަނަކަށް ވާތީ ތިޔަ ވިދާޅުވިފަދަ ކަމެއް ފާހަގަކުރެވިގެން ރިޕޯޓް ކުރެވިފައި ނެތްވާހަކަ ދެންނެވީމެވެ.

ޖަވާބު ދެއްވީ: ބ. އަތޮޅު ތައުލީމީ މަރުކަޒު

ސުވާލުތައް މެއިލް ކުރައްވާނީ: [email protected] އަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top