ޝާހުއަށް ވަޒީފާ ލިބުމާއެކު އާއިލާ އުފަލުން ފޮޅިފައި

ޝާހް-އާއިލާ.jpg

ޝާހް ، މަންމަ ޝާފީގާ އާއެކު އޭނާއަށް ބޮޑުބޭބެ ކިޔާ ކުއްޖަކު އުރާލައިގެން - އީވީ ފޮޓޯ

އީވީގެ ޓީމް އެގެއަށް ދިޔައިރު ޝާހުގެ އާއިލާ އޮތީ އެގޭތެރެއަށް ޖަމާވެފައެވެ. ބައްޕަ އިނީ މަހުން ލަފައިގެން މަސްކަނޑާށެވެ. ޝާހު ހުރީ ބައްޕަ އަބްދުއްރަޝީދު މަސް ކަނޑާތާ ކައިރީގައި އޭނާއަށް ބޮޑުބޭބެ ކިޔާ ކޮއްކޮ އުރާލައިގެން ނިކަން އުފަލުންނެވެ. އަހަރެންގެ ކޮނޑުގައި އަޅުވާފައި އޮތް ކެމެރާ ފެނިފައި އަބްދުއްރަޝީދު އޭނާގެ އަންހެނުން ސަފީގާ އަށް ގޮވާލާފައި މިމީހުންނަށް އަވަހަށް ސައި ހަދާށޭ ބުނެލިއެވެ.

އަހަރެމެންގެ ތައާރަފުގައި އެއްޗެއް ނުބުނެވި އުޅެނިކޮށް ފުރަތަމަވެސް ވާހަކަ ދައްކަން ފެށީ ޝާހުގެ ބޮޑުދައިިތަ ޒަރީނާއެވެ.

” އަހަރެމެނެް މިތިބީ ވަރަށް އުފަލުން. ޝާހުއަށް ވަޒީފާ ލިބުމަކީ މުޅި އާއިލާ އަށް ޔާމީން ކޮށް ދެއްވި ވަރަށް ބޮޑު ހެޔޮ ކަމެއް. ވަކި މި އާއިލާއަކަށް ނޫން. އަހަރެމެން ކަހަލަ ޚާއްސަ އެހީއަކަށް ބޭނުންވާ ދަރިން ތިބި ހުރިހާ އާއިލާއަކަށްވެސް. މިއީ ރައީސް ޔާމީނު ކޮންދެއްވި ވަރަށް ބޭނުންތެރި އަދި ބިނާ ކުރަނިވި ކަމެއްގެ ގޮތުގައި އަހަރެމެން ދެކެނީ. އޭނާގެ ވާހަކަ ނުނިމި އުޅެނިކޮށް އެހެން ބޮޑުދައިތައަކު ފަށައިފިއެވެ.

” ރައީސް މައުމޫންގެ 30 އަހަރު ނިމި ދިޔައީ . ރައީސް ނަޝީދުގެ ވެރިކަން ނިމި ރައީސް ވަހީދު ގެ ވެރިކަންވެސް ނިމިގެން ދިޔައިރު މިއިން ކުއްޖަކަށް އަޅާލި ރައީސަކު ނެތް.  އެކަމަކު ރައީސް ޔާމީން އަށް މިކަހަލަ ކުދިންވެސް ގައުމުގައި އެބައުޅޭކަން އެނގި އެކުދިންނަށް ދިރުމާއި މުސްތަގްބަލް ގެނެސް ދެއްވައިފި. އެހެންވީމާ ބުނެވޭނީ ރައީސް ޔާމީން ވަރެއް ހަމަނެތޭ. ” އެމީހުންގެ ޝުއޫރުތައް ފާޅުކުރަންފެށީ އަހަރެމެންނަށް  ވާހަކައެއް ބުނެލުމުގެ ފުރުސަތެއް ނުދީއެވެ.

ޝާހު. އީވީގެ ޓީމަށް އިންޓަވިއު ދެނީ. ވަޒީފާ ލިބުމާއެކު އޭނާގެ އާއިލާއަށް ވަނީ ބަޔާންކުރަންދަތި އުފާވެރިކަމެއް ގެނުވާފައި/ / ފޮޓޯ: އީވީ

ޝާހު. އީވީގެ ޓީމަށް އިންޓަވިއު ދެނީ. ވަޒީފާ ލިބުމާއެކު އޭނާގެ އާއިލާއަށް ވަނީ ބަޔާންކުރަންދަތި އުފާވެރިކަމެއް ގެނުވާފައި/ / ފޮޓޯ: އީވީ

އެ ދެ ބޮޑުދައިތައިންގެ ވާހަކަ މެދު ކަނޑުވާލީ ޝާހުގެ މާމަ އާމިނާ (އައިނަ ބޮޑުދައިތަ )އެވެ.

” ޝާހުއަށް ވަޒީފާ އެއްް ލިބުމުން ލިބުނު އުފަލުގެ ކޮޅެއްވެސް ނެތް. އެކުދިންނަކީ ބަލި ކުދިންނެއް ނޫން. ހަށިގަނޑުގައި ވަރުހުރި ބުނި ކޮންމެ ކަމެއް ވެސް އުފަލާއެކު ކުރެވޭ ވަރުގެ ޖާނުން ވަރުގަދަ ކުދިން. އެކުދިންނަށް މި މަގު ހުޅުވައި ދިނުމުން ލިބުނު އުފާ ބުނެދޭކަށް ނޭގެ. ” އުފަލުންގޮސް އޮހުމަށް ތައްޔާރުވެފައިވާ ކަރުނަތައް ފޮހެލަމުން މާމަގެ ޚިޔާލުވެސް ފާޅުކުރިއެވެ.

ޝާހު -މާމަ އައިމިނާ އާއެކު

ޝާހު -މާމަ އައިމިނާ އާއެކު

ޝާހުގެ މާމާއާ ތިން ބޮޑުދައިތަގެ އިތުރުން އާއިލާގެ އެހެން މެންބަރުން ކޮޅެއްވެސް ހިމެނޭ ގޮތުން އެމީހުންގެ އުފާވެރި މި މާހައުލުގައި ހިފާފައި ހުރި އަޑަކީ ޝާހުއަށް ވަޒީފާ ލިބުމުން އެމީހުން ފާޅުކުރަމުން ގެންދިޔަ ޝުއޫރުތަކާއި އިހްސާސް ތަކެވެ.

އަހަރެމެންނަށް ތިބެން ޖެހުނީ އެމީހުން ދައްކާނެހާ ވާހަކައެއް ދައްކާ ނިމެންދެން އަޑު އަހާށެވެ.

” މީގައި އެންމެ އުފާވަނީ ވަޒީފާ އާ ގުޅިގެން ޝާހުއަށް އައި ރަނގަޅު ބަދަލު ތައް. ކުރީގައި ހުންނަ ގަދަ ރުޅިގަނޑު މުޅިން ފިލައި ހިނގައްޖެ. ގޭތެރޭގައިވެސް އުޅެނީ ވަރަށްރީތި ކޮށް. ޒިންމާދާރު މީހެއްގެ ގޮތް މިހާރު އޭނާގެ ކިބައިން އެބަފެނޭ. ” މަންމަ ޝަފީގާ ހުރީ ޖަޒުބާތުން ފޯވެފައެވެ.

“އޭނާގެ މިޒާޖުގައި ހުރި ނޭދެވޭ ހުރިހާ ސިފައެއް މިހާރު ހީވަނީ ފިލައިގެން ހިނގައްޖެހެން.” އެހެން ބޮޑުދައިތައެއްކަމުގައިވާ ޝަރީފާ އިތުރު ކޮށްލިއެވެ.

ޝަފީގާގެ ތިން ފިރިހެން ދަރިންނަކީވެސް ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނެވެ. އެކުދިންގެ ޖިސްމާނީ އުނިކަމެއް ނެތެވެ. ޝާހުއަކީ ދޮށީ މީހާއެވެ. ހަމައެކަނި މައްސަލައަކީ ވާހަކަދެއްކުމުގައި ކޮންމެވެސް ވަރެއްގެ އަޅައިގަތުމެއް ހުރުމާއި ސިކުނޑީގައި ކުޑަ ހަމަނުޖެހުމެއް ހުރުމެވެ. އެކުދިން ގޭތެރޭގައާއި ގެއިން ބޭރުގައި އުޅޭ އިރުވެސް އުޅެނީ ރީތިކޮށެވެ. މީހަކަށް އުނދަގުލެއް ނުކުރާނެއެވެ.  ބަސްއަހާ ކުދިންނެވެ. ނަމާދަށް މިސްކިތަށްވެސް ދެއެވެ.

މުޖްތަމައުން އެކަހެރި ވެފައި ތިބި މިފަދަ ކުދިންނަށް ވަޒީފާ ދީ އެކުދިންގެ ބޭނުން ހިފެން ހުރި ދާއިރާ ތަކަށް ނެރެ މުޖަތަމައުއާ އެކުދިން ގުޅުވާލަ ދިނީ ރައީސް ޔާމީން އެވެ. މި ގޮތުން މިދިޔަ މަހު ވަނީ ފެނަކަ ކޯޕަރޭޝަންގެ އަތޮޅު ތެރޭގައި ހިންގާ އިންޖީނުގެ ތަކުން އެފަދަ ކުދިން ކޮޅަކަށް ވަޒީފާ ހަމަޖައްސައިދީފައެވެ. ޝާހުއަކީ އެތަނުން އެކެކެވެ.

ޝާހުއަށް ވަޒީފާ ލިބުމުގެ އުފަލުގައި ހިތްހަމަޖެހިފައި ހުރި ޝާހުގެ ބައްޕަ އަބްދުއް ރަޝީދު ބުނީ މިކަހަލަ ގޮތަކަށް މި ކުދިންގެ ބޭނުން ހިފުމަކީ ކުރަން ޖެހޭ އެކަމަކު މުޖްތަމައުގެ ގިނަދާއިރާ ތަކަކުން ހަނދާންނައްތާލާފައިވާ ކަމެއް ކަމުގައެވެ.

“ސަރުކާރުން އެޅުއްވި މި ފިޔަވަޅުގެ ސަބަބުން އަހަރެން ފަދައިން ޚާއްސަ އެހީއެއް ބޭނުންވާ އެތައް ކުދިންގެ ބެލެނިވެރިން ހިނިތުން ކުރުވައިފި. އެކަމަށް ޓަކާ ސަރުކާރަށް ޝުކުރު އަދާކުރަންޖެހޭ.” އަބްދުއްރަޝީދުގެ ޝުއޫރުތައް ހުރީ މިގޮތަށެވެ.

ޝާހު އޭދަފުށީ އިންޖީނުގޭގައި ޓެކްނިކަލް މުވައްޒަފަކާއެކު މަސައްކަތުގައި. ވަޒީފާލިބުމާ އެކު އޭނާގެ އުޅުމަށް ހެޔޮބަދަލުތަކެއް އަންނަމުންދާކަމަށް އާއިލާއިން ބުނޭ / ފޮޓޯ: އީވީ

ޝާހު އޭދަފުށީ އިންޖީނުގޭގައި ޓެކްނިކަލް މުވައްޒަފަކާއެކު މަސައްކަތުގައި. ވަޒީފާލިބުމާ އެކު އޭނާގެ އުޅުމަށް ހެޔޮބަދަލުތަކެއް އަންނަމުންދާކަމަށް އާއިލާއިން ބުނޭ / ފޮޓޯ: އީވީ

ޝާހު އާ ބެހޭ ގޮތުން އޭނާ ބުނީ ވަޒީފާ ލިބުނުފަހުން މިވީ އެއްމަސްދުވަހުގެ ތެރޭގައި ޝާހު ވަރަށް ބޮޑަށް ބަދަލު ވެއްޖެކަމަށާއި ކުރިން ހުންނަ ނުރަނގަޅު އާދަތަކާއި އޭނާގެ ގަދަ ރުޅިގަނޑު ވެސް މިހާރު މައިތިރި ވެ އުޅުމަށްވެސް މަޑުމައިތިރިކަން އަތުވެއްޖެއެވެ.

” އުއްމީދުވެސް ދުވަހަކުވެސް ނުކުރާ ކަމެއް މިއީ. ވަޒީފާއާއެކު އަހަރެމެންގެ ދަރިފުޅު ޒިންމާދާރު މީހަކަށް ވެއްޖެ. ވަރަށް ބޮޑަށް އޭނާ ބަދަލު ވެއްޖެ. ” އުފަލުންގޮސް އޭނާވެސް ހުރީ ރޮވޭވަރުވެފައެވެ.

ޝާހުއަށް ވަޒީފާ ލިބުމާއެކު  މުޅިއާއިލާގައި ވަނީ އުފާވެރިކަމެވެ. އެ އުފަލުގައި ފެނަކަ ބައިވެރިކުރުމުގެ ގޮތުން އާއިލާއިންވަނީ ފެނަކައިގެ މުވައްޒަފުންނަށް މިވީކުޑަ ދުވަސް ކޮޅުގެ ތެރޭގައި ދެފަހަރު ޖާފަތެއްވެސް ދީފައެވެ.

” އަދި މިހާ ހިސާބުން ނިމުނީއެއް ނޫން. ކުރިއަށް އޮތް ދުވަސް ތަކުގައި ވެސް މިކަހަލަ އެތައް ކަމެއް ފެނިގެންދާނެ. ” ބޮޑުދައިތަ ޒަރީނާގެ ފަހު ބަސް އިއްވިއެވެ.

އީވީގެ ޓީމު އެގެއަށް ދިޔައީ ޝާހުއަށް ވަޒީފާ ލިބުމުން އެމީހުންގެ އިހްސާސްތައް ހުރި ގޮތް އޮޅުން ފިލުވާލާށެވެ. އެމީހުން އެކަމާ މެދު ދެކޭ ގޮތް ބަލާލާށެވެ. ޝާހުއަށް އައި ބަދަލުވެސް އަހާލުމުގެ ބޭނުމުގައެވެ.  އެހެންނަމަވެސް ސުވާލެއް ކޮށްލާނެ ފުރުސަތެއް ނުދީ އަހަރެމެން ބޭނުން ހުރިހާ މައުލޫމާތެއް ތިން ބޮޑު ދައިތައާއި މާމަ އެއްފަހަރާކަހަލަ ގޮތަކަށް އަމުނާލީ އެމީހުން މާ ކުރިން ދަސްކޮށްފަ އޮތް ފިލާވަޅެއްހެން ނިކަން ފަރިތަކަމާއެކުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top