ސްޓޯބެރީ އަކީ ހުތްފޮނި އަނގަޔަށް މީރު މޭވާ އެކެވެ. ސްޓޯބެރީ ހުންނަ ގަދަ ރަތްކުލައިގައެވެ. މިއީ މޭވާގެ ގޮތުގައާއި، ފަންޏާއި، ޖޫހުގެ ގޮތުގައި، އަދި ޖޭމު ހަދައިގެން ވެސް ބޭނުންކޮށް އުޅޭ މޭވާ އެކެވެ. ސްޓޯބެރީ އަކީ ހަށިގަނޑަށް ފައިދާހުރި ވިޓަމިންތަކާއި، މައުދަންތައް އަދިވެސް އެހެނިހެން ކާނާގެ ބާވަތްތަކުން މުއްސަދިވެފައިވާ މޭވާ އެކެވެ.
ސްޓޯބެރީ އިން ލިބޭ ޞިއްޙީ ފައިދާތައް
• ލޮލުގެ ފަރުވާ : ލޮލަށްދިމާވާ ހުރިހާ މައްސަލަތަކެއްގެ މައިގަނޑު ސަބަބަކީ ފްރީ ރެޑިކަލްތަކާއި، ބައެއް ކަހަލަ ކާނާގެ ބާވަތްތައް އުނިވުމެވެ. އުމުރުން ދުވަސްވަމުންދާ ވަރަކަށް، މިބުނި މާއްދާތައް އުނިވުމުގެ ސަބަބުންނާއި، ފްރީ ރެޑިކަލްތަކުގެ ސަބަބުން ލޮލަށް ގެއްލުންތައް ވެއެވެ. އެގޮތުން ލޯހިކުން، ލޮލުގެ މައިނާރު ހަލާކުވުން، ލޮލުގެ ފެނުމަށް ބަދަލު އައިސް މެކިޔުލަރ ޑިޖެނެރޭޝަން ކުރިމަތިވުން، ލޯފުސްވުމާއެކު، ލޮލުގައި ޖަރާސީމްއެޅުން ފަދަ ކަންތައްތައް މެދުވެރިވުން ހިމެނެއެވެ. ސްޓޯބެރީގައި ހިމެނޭ، ވިޓަމިން ސީ، ފްލޭވޮނޮއިޑްތައް، ފީނޯލިކް ފައިޓޯނިއުޓްރިއެންޓްތައް، އަދި އިލެޖިކް އެސިޑްގެ ސަބަބުން މަތީގައި ބުނެވުނު ކަންތައްތަކުން ކޮންމެވެސް ރައްކާތެރިކަމެއް ލިބެއެވެ. މީގެ އިތުރުން ލޮލުގެ އެތެރޭގެ ޕްރެޝަރަށް ބަދަލުއައުމަކީ ވެސް ލޮލަށް ގެއްލުން ލިބޭ ކަމެކެވެ. ސްޓޯބެރީގައި ހިމެނޭ ޕޮޓޭސިއަމް އަކީ ލޮލުގެ އެތެރޭގެ ޕްރެޝަރު ރަގަޅު މިންގަނޑުގައި ބެހެއްޓުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.
• ހުޅުތައް ދުޅަވުމާއި ގައުޓް : ހުޅުތައް ދުޅަވާން މެދުވެރިވާ އެންމެ މައިގަނޑު ސަބަބުތަކަކީ، ހުޅުގެ ވަށައިގެންވާ މަސްތަކާއި، ޓިޝޫތައް ހަލާކުވުން، ހުޅުގެ ހަރަކާތަށް ބޭނުންވާ، ހުޅުގެ ތެރޭގައި ހުންނަ ލޮނދިހިކުން، އަދި ޔޫރިކް އެސިޑް ފަދަ ވިހަ މާއްދާތައް ހަށިގަނޑުގައި ޖަމާވުމެވެ. މީގެ އިތުރުން ފްރީ ރެޑިކަލްތަކުގެ ސަބަބުން ވެސް ހުޅުތަކަށް ގެއްލުން ލިބެއެވެ. ސްޓޯބެރީގައި ހިމެނޭ ވިހަ ސާފުކުރާ މާއްދާތަކާއި، އެންޓި އޮކްސިޑެންޓްތަކުގެ ސަބަބުން މިބުނި ގެއްލުންތައް ލިބުން ކުޑަކޮށްދެއެވެ.
• ކެންސަރު : ސްޓޯބެރީގައި ހިމެނޭ ވިޓަމިން ސީ، ފޮލިކް އެސިޑް، އެންތޯސިއެނިން، ކްއެރެސްޓިން، އަދި ކެއެމްޕްފިރޯލް ފަދަ މާއްދާތައް ގުޅިގެން ކެންސަރުގެ ސެލްތަކާއި، ޓިއުމަރުތަކާއި، ދެކޮޅަށް ހަނގުރާމަކުރުމަށް ވަރުގަދަ ޓީމެއް އުފެދިގެން ދެއެވެ. ކޮންމެ ދުވަހަކު ސްޓޯބެރީ ކެއުމަކީ ފާހަގަކުރެވޭ ވަރަށް ކެންސަރު ސެލްތައް ބޮޑުވާމިންވަރު ދަށްކުރެވޭ ކަމެކެވެ.
• ސިކުނޑީގެ މަސައްކަތް : އުމުރުން ދުވަސްވުމުން، ހަދާންނެތުމާއި، ހިނގާބިނގާވެ އުޅުމަކީ އުދަގޫކަމަކަށް ވެއެވެ. މިގޮތަށް ދިމާވަނީ އުމުރުން ދުވަސްވަމުންދާ ވަރަކަށް، ސިކުނޑިއާއި، ނާރުތަކުގެ ނިޒާމް ވެސް ދުވަސްވެ ހަލާކުވާތީ އެވެ. އުމުރުން ދުވަސްވުމަށް މަގުފަހިކުރުވާ ފްރީ ރެޑިކަލްތަކަކީ މިބުނި ޓިޝޫތަކަށް ވެސް ގެއްލުންދޭ މާއްދާ ތަކެކެވެ. ނަތީޖާއެއްގެ ގޮތުން ސިކުނޑީގެ ޓިޝޫތައް ހަލާކުވާން ފަށައި، ނާރުތައް ނިކަމެތިވާން ފަށައެވެ. ސްޓޯބެރީގައި ހިމެނޭ ވިޓަމިން ސީ އަދި ފައިޓޯކެމިކަލްތައް ފްރީ ރެޑިކަލްތައް ނިއުޓްރަލައިޒްކޮށް، ނާރުތަކުގެ ނިޒާމްގެ މަސައްކަތަށް އާދިރުމެއް ގެނެސްދެއެވެ.
• ލޭގެ ޕްރެޝަރު މަައްޗަށްދިއުން : ސްޓޯބެރީގައި ޕޮޓޭސިއަމް، އަދި މެގްނީޒިއަމް ގިނައަދަދަކަށް ހުރެއެވެ. މިއީ ސޯޑިއަމް ގިނަވުމުގެ ސަބަބުން މަތިވެގެންދާ ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް ވަރަށް ބޭނުންތެރި މާއްދާ ތަކެކެވެ.
• ހިތުގެ ބަލިތަކާއި ހިތާއި ލޭހޮޅިތަކުގެ ދުޅަހެޔޮކަން : ސްޓޯބެރީގައި ފޮލިކް އެސިޑް، އަދި ފައިބަރު ހުރުމާއި، ސަރުބީ ނެތުން، އަދި ފައިޓޯކެމިކަލް ތަކާއި، އެންޓި އޮކްސިޑެންޓްތައް ހުރުމަކީ ހިތުގެ މަސައްކަތަށް އެކަމުން މަންފާ ލިއްބައިދޭ ކަމެކެވެ. އެއީ މިބުނި މާއްދާތަކަކީ ހަށިގަނޑުގެ ސަރުބީ މިންވަރު ދަށްކޮށްދޭ މާއްދާތަކަކަށް ވާތީ އެވެ. މީގެ އިތުރުން ވިޓަމިން ބީ ގެ ތެރޭގައި ހިމެނޭ ބައެއް ވައްތަރުތަކަކީ ހިތުގެ މަސްތައް ވަރުގަދަކޮށް، ހިތުގެ މަސައްކަތް ފުރިހަމަކުރުމަށް އެހީތެރިވެދޭ މާއްދާ ތަކެކެވެ.