ބ. ދޮންފަނުން މިދުވަސްވަރު ޑެންގީހުން ފެންނަ މިންވަރު އިތުރުވަމުންދާތީ، އެކަން ކޮންޓްރޯލް ކުރުމަށްޓަކައި ބ. އަތޮޅު ހޮސްޕިޓަލުން އެރަށުގައި ފިޔަވަޅުތަކެއް އަޅައިފިއެވެ.
ބ. އަތޮޅު ހޮސްޕިޓަލުން ބުނީ ހޮސްޕިޓަލްގެ ކަމާބެހޭ ފަރާތްތަކުން ބުރާސްފަތިދުވަހު އެރަށަށް ދަތުރުކޮށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި، އެރަށް މަދިރިއަށް ފޮގް ކުރުމާއި، ރައްޔިތުންނާއި، ބައްދަލުކޮށް ސަމާލުކަން ދޭންޖެހޭ ކަންކަމާބެހޭގޮތުން މައުލޫމާތު ދެވިފައިވާކަމަށެވެ.
ބ. އަތޮޅު ހޮސްޕިޓަލްގެ ސީނިއަރ ކޮމިއުނިޓީ ހެލްތް އޮފިސަރ ސިދުގީ އަބްދުﷲ ވިދާޅުވީ ދޮންފަނުގައި ޑެންގީއަށް އިތުރު ފިޔަވަޅުތަކެއް އެޅީ އަތޮޅުގެ އެހެންރަށްރަށާ ހިލާފަށް މިދުވަސްކޮޅު އެރަށުން ޑެންގީ ފެންނަ މިންވަރު އިތުރުވެގެންކަމަށެވެ.
“މާސިރިއަސް ނޫންނަމަވެސް ދޮންފަނުގައި މިދުވަސްކޮޅު ޑެންގީ އަތޮޅުގެ އެހެންރަށްރަށާ ހިލާފަށްއިތުރު، އެހެންވީމާ، މަދިރިން ރައްކާތެރިވުމަށާ، މަދިރި އުފެދޭ ތަންތައް ނައްތާލުމަށް ސަމާލުކަން ދޭން ރައްޔިތުންނަށް އެންގުނު. ދެން ފޮގް ކުރީ” ސިދުގީ ވިދާޅުވިއެވެ.
ބ. އަތޮޅު ހޮސްޕިޓަލުން ބުނީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް ޑެންގީހުމާއި، އާންމު އެހެނިހެން ބަލިތަކުން ރައްކާތެރިވުމަށް އަތޮޅުތެރޭގައި ހާއްސަ ޕްރޮޤްރާމްތައް ހިންގުމަށް ހަމަޖެހިފައިވަކަމެވެ.