ރާއްޖޭގައި ދަނޑުވެރިކަން ކޮށްއުޅޭ މީހުންނަކީ މަދު ބައެކެވެ. ދަނޑުވެރިކަން ކުރާ މީހުން ހައްދައި އުޅެނީ ޒަމާނުއްސުރެ އެއްބާވަތްތަކެކެވެ. މާފަހި، ތީފަރިދޫ، އަންހެނުންފުށި، ތޮއްޑޫ، ކާށިދޫ ފަދަ ސީދާ ދަނޑުވެރިކަމަށް އަމާޒުކޮށްގެން ދަނޑުވެރިކަން ކުރާ ރަށްރަށުން އާ ވައްތަރުތައް މަދުމަދުން ދިވެހި ބާޒާރަށް ތައާރަފްނުކުރާ ވާހަކައެއް ނޫނެވެ.
އެހެންނަމަވެސް އަވައްޓެރި ދަރަވަންދޫގައި އަލަނާސި ހައްދަން ފަށައިފިއޭ ބުނީމާ އެވާނީ އުފާވެރި ޚަބަރަކަށެވެ. ހަމަ ހަގީގަތުގައިވެސް ދަރަވަންދޫ މީހުން އެކަން ކާމިޔާބު ކޮށްފިއެވެ. އީވީގެ ޓީމް އެރަށަށްގޮސް އަލަނާސި ހައްދާފައިވާ ތިން ގެއަކަށް ޒިޔާރަތްކޮށް އެތަން ވަނީ ލޮލުން ދެކިފައެވެ.

ބ. ދަރަވަންދޫ ދިލްބަހާރުގޭގައި އަލަނާސި ހައްދާފައިވާ ސަރަހައްދު. މިގޭގައި އަލަނާސި ހައްދާތާ ގިނަދުވަސްތަކެއް ވަނީ ވެފައި. އީވީ ފޮޓޯ
އެމީހުން ބުނާ ގޮތުގައި މިއީ އެހާ އުނދަގޫކަމެއްވެސް ނޫނެވެ.
“މިއި ލަންކާއިން ގެނައި ކުރިއަކުން އުފެއްދި ގަސް ތަކެއް. ގަސްތައް ހެދި ފޯދުނީމާ އެގަހުން ޖަހާ ނިރު އަނެއްކާވެސް އިންދަނީ.” ފަންސާހަކަސް ގަސް އަލަނާސި ހައްދާފައިވާ އެރަށު ދިލްބަހާރުގޭގެ ބޭފުޅެއްކަމުގައިވާ ނާސިހު މައުލޫމާތު ދިނެވެ. ނާސިހު ބުނީ މިދަނޑަކީ އޭނާގެ މަންމަ ހައްދަމުންދާ ދަނޑެއްކަމަށާ، މިކަން ކުރާތާ ބާރަވަރަކަށް އަހަރުވެއްޖެކަމަށެވެ.
މިއަލަނާސި ދަނޑުގައި މިހާރުވެސް ދޮންވެ ފައްކާވެފައިވާ އަލަނާސިއާ ހަރުވެފައިވާ ވިއްސަކަށް ގަނޑު އަލަނާސި އެބައޮތެވެ.

ބ. ދަރަވަންދޫ ދިލްބަހާރުގޭގައި ހައްދާފައިވާ އަލަނާސި ގަސްތަކާ ބެހޭ މައުލޫމާތު ނާސިހް އީވީއަށް ކިޔައިދެނީ. އަލަނާސިއަކީ ހައްދަން ފަސޭހަ މޭވާއެއްކަމަށް އޭނާބުނި / އީވީ ފޮޓޯ
މަންމަ ރަށުގައި ނެތުމާއެކު އީވީއަށް މައުލޫމާތުދެމުން ނާސިހު ބުނީ އަލަނާސިއަކީ ހައްދަން އެހާ އުނދަގޫ އެއްޗެއް ނޫންކަމަށާއި މިގަސްތަކަށް ފެންދޭންވެސް އެހާބޮޑަށް ބޭނުންނުވާކަމަށެވެ. އަދި ރަނގަޅީ އަވި ދިން ވަރެއް ކަމުގައެވެ. މީގެ އިތުރުން ބަލި ތައްވެސް ޖެހުން ދުރުކަމުން މިއީ ވަރަށް ފަސޭހައިން ހެއްދިދާނެ އެއްޗެއްކަން މިހާރު ތަޖްރިބާ ކުރެވިއްޖެކަމަށެވެ.
ދިލްބަހާރުގޭގައި ހައްދާފައިވަނީ ހަމައެކަނި އަލަނާސިއެއް ނޫނެވެ. އެގޭގައި ވަނީ މޭބިސްކަދުރުވެސް ހައްދާފައެވެ. މޭބިސްކަދުރު ވެޔޮއޮތީ މިހާރު އޮތީ މަރުވާން ކައިރިވެފައި ކަމަށް ވިޔަސް އެ ވެލުން މޭބިސްކަދުރު ފުދޭވަރަކަސް ލިބުނު ކަމަށް ނާސިހް ބުންޏެވެ. “ރަށުން ބޭރުގައި ދުވަސް ކޮޅަކު އުޅެން ޖެހުމުން އަޅާނުލެވުމުން ދިމާވި ގޮތެއް މިއީ . ” މަރުވަމުންދާ މޭބިސްކަދުރު ވެލުގައި އަތްލައިގެންހުރެ ބުންޏެވެ.

ބ. ދަރަވަންދޫ ދިލްބަހާރުގޭގައި ހައްދާ އަލަނާސި ގަސްތަކުން ދޮންވެފައިވާ އަލަނާސިގަނޑެއް ނާސިހް ދައްކާލަނީ. މިގޭގައި މިވަގުތު ވިއްސަކަށް ގަނޑު އަލަނާސި ހަރުވެ ދޮންވާން ތައްޔާރުވެފައިވޭ / އީޥީ ފޮޓޯ
ނާސިހް ބުނީ މޭބިސްކަދުރަކީވެސް ހައްދަން އުނދަގޫ އެއްޗެއް ނޫންކަމަށާއި ރާއްޖޭގެ ބިމުގައި އަލަނާސިއާ މޭބިސްކަދުރު ހެއްދިދާނެކަން މިހާރު ޔަގީން ވެފައިވާ ކަމުގައެވެ.