ހަނދާނުގެ ފަތްފުށްތަކުން : ބޮޑުބޭބެއާއި އަހަރެން

bodubeybe1ps.jpg

“ޖާނޭވާލޭ ކަބީނެހީ އާތޭ، ޖާނޭ ވާލޯންކީ ޔާދު އާތޭހޭ” އުރުދޫ ޅެމެއްގައިވެއެވެ. ވަކިވެގޮސްފައިވާ މީހުން ފަހަރެއްގައިވެސް އެނބުރި ނާންނާނެއެވެ. އެކަމަކު އެމީހުންގެ ހަނދާންތައް އަބަދުވެސް އާދެއެވެ.

އާއެކެވެ. މަރުވެގޮސްފައިވާ މީހުންނަކީ އެނބުރި އަންނާނެ ބައެއް ނޫނެވެ. އެހެންނަމަވެސް އެމީހުންގެ ހަނދާންތައް އަބަދު އާވެ އާލާވެ ހުރެއެވެ. އެކަމުގެ ބޮޑުކުޑަމިން ގުޅިފައިވަނީ ދުނިޔޭގައި އެމީހުން ކޮށްފައިވާ އަމަލުތަކުގެ މައްޗަށެވެ.

އަހަރެންގެ ލޮބުވެތި ބޮޑުބޭބެ މިދުނިޔެ ދޫކުރިތާ މިހާރު 7 އަހަރު ވަނީއެވެ. ނަމަވެސް އެ ހަނދާންތަކަކީ އަހަރެންގެ ދިރިއުޅުމުގެ ބައެކެވެ. އުފާވެރި ކޮންމެ މުނާސަބާއެއް ފާހަގަކުރާއިރު އާއި ކޮންމެ ހިތާމައަކާ ކުރިމަތިލާންޖެހޭ ހިނދުވެސް އެމަރުހޫމުގެ ހަނދާންތައް އައިސް ލޮލުން ކަރުނަ ހިލުވާލައެވެ. އުފަލުގެ ވަގުތުގައި އުފަލުގެ ކަރުނައެވެ. ހިތާމައިގެ ވަގުތު ހިތާމައިގެ ކަރުނައެވެ. އެފަދަ ވަގުތުތަކުގައި ބޭބެ ދުނިޔޭގައި ހުންނެވިއިރު ދިރިއުޅުމުގައި ދިމާވާ މުހިއްމު ކަންކަން ހިއްސާކުރާއިރު ދީފައިވާ ހިތްވަރުގެ ބަސްތަކާ ދުނިޔެއަކީ ދުނިޔެކަން ދަސްކޮށްދިނުމުގައި ނަގައިދީފައިވާ އަގުބޮޑު ފިލާވަޅުތަކުންނެވެ.

އަހަރެން މިދައްކަނީ އޭދަފުށީ ހިޔަލީގޭ އަބްދުލްހަލީމު މޫސާގެ ވާހަކައެވެ. އެއީ އަހަރެންގެ އަސްލު ބޮޑުބޭބެއެއް ނޫނެވެ. އަހަރެންގެ ކާފައާ އެއްބަނޑު އެއްބަފާ މޫސާ ހުސޭނު (ދޮންކަލޯބެ)ގެ ދަރިއަކަށް ބޮޑުބޭބެއެއް ނުކިޔޭނެދޯއެވެ. އެހެނަސް އަހަރެމެންގެ އާއިލާވެސް އަބްދުލްހަލީމަށް ބޮޑުބޭބެގެ ނަމުން މުޚާތަބުކުރަނީ އޭނާގެ ދިރިއުޅުން އެގޮތް މިގޮތަށް އެނބުރެމުން ދިޔައިރުވެސް އޭނާ ދުނިޔެއިން ނިމިގެން ދިޔައީ މުޅި އާއިލާގެ ބޮޑުބޭބެއެއްގެ ގޮތުގައި ނިކަން ލޯތްބާއެކު ތަފާތު ކުރުމެއްނެތި އެންމެންނަށްވެސް ހަމަހަމަ ގޮތެއްގައި ޚިދުމަތް ކޮށްދީފައެވެ. މާލީ ގޮތުންނާއި ފަންނީ ގޮތުން ވެސް މެއެވެ. ބޮޑު ސިންގާ އާއިލާއަކަށް ވާތީ އާއިލާގެ ތެރޭގައި ބައެއްފަހަރު ޚިޔާލު ތަފާތުވުން ތަކާއި ހަމަނުޖެހުންވެސް ހުންނާނެތާއެވެ. އެފަދަ ވަގުތުތަކުގައިވެސް އިންސާފު ގާއިމުކޮށްދޭ އާއިލާގެ ގާޒީއަކީ އެއީއެވެ.

ކުޑަކުޑަ މިސާާލެކެވެ. އަބްދުލް ހަލީމުގެ ކޮއްކޮ އަބްދުލް އަޒީޒު މޫސާ (އަޒީ) އާއި އަހަންނަކީ އުމުރުގެ ގޮތުން އެއްވަރުގެ ދެމީހުންނެވެ. އަޒީއާ އަހަންނަކީ އެންމެ ޅައިރުން ފެށިގެން ބޮޑުވަންދެން އެއްގޯތީގެ ދެގެއެއްގައި އެއް ބަދިގެެއިން ކައިގެން “އެއްފޮތުން ކިޔަވައިގެން” އެކުގައި އުޅެ ބޮޑުވި ދެމީހުންނެވެ. އެއްފުރައިގެ ދެކުދިންގެ މެދުގައި އޮންނަ ވާދަވެރިކަމާ ތޮޅުމުގެ ކަންތައް އަހަރެމެންގެ މެދުގައިވެސް އޮތެވެ. ބައެއްފަހަރު މިކަން ބޮޑުވެގެންގޮސް ދެމަންމައިން ދެބަސްވުމާ ހަމައަށް އާދެއެވެ. އަހަރެން ކުށްވެރިވާކަމަށް މަންމަ ނިންމައިފިނަމަ އިސްތިއުނާފަށް ހުށަހަޅަނީ ބޮޑުބޭބެ އަބްދުލްހަލީމަށެވެ. ބޮޑުބޭބެ ނިޔާ ކަނޑައަޅާއިރު އޮންނަނީ ދެމީހުންވެސް ކުށްވެރި ވެފައެވެ.

އަހަރެންގެ އުމުރުން 15 އަހަރުގައި ކިޔަވަން މާލެއަށް ބަދަލުވީ އިރު އަބްދުލްހަލީމު ހުންނެވީ މާލޭގައެވެ. އޯޑިޓް އޮފީހުގެ އެސިސްޓެންޓް އެކައުންޓެންޓެއްގެ މަގާމުގައެވެ. އަހަންނާމެދު ބަލަމުން ގެންދިޔައީ އޭނާގެ އަސްލު ކޮއްކޮއެއް ފަދައިންނެވެ.

އަބްދުލްހަލީމުގެ ވާހަކަ އިތުރަށް ކުރިއަށް ގެންދިއުމުގެ ކުރިން އޭނާ އުޅެބޮޑުވަމުން އައި އޭދަފުށީގެ މަސްރަހު އޮތްގޮތް ބަލައިލަމާ ހިނގާށެވެ.

ހަތްދިހަ ވަރަކަށް އަހަރު ފަހަތަށް ޖެހިފައި ދެން ބަލާއިރު އޭދަފުށި އޮތީ ބޮޑު ހަތަރު ބާރު ނުވަތަ ހަތަރު އާއިލާގެ މައްޗަށް ބެހިފައެވެ. މުޅިރަށް ކޮންޓްރޯލް ކުރަނީ އެ ހަތަރު އާއިލާއިންނެވެ. ހާޖީބޭ އާއިލާއާއި  މުހައްމަދު ތަކުރުފާނު އާއިލާއާއި ކުޑައަލިބޭގެ އާއިލާގެ އިތުރުން އަހުމަދު ތަކުރުފާނުގެ އާއިލާއެވެ. ހާޖީބޭ އާއިލާގެ އެންމެ އިސް މީހެއްގެ ގޮތުގައި ހުންނެވީ މުއްސަނދިކަމާއި ސިޔާސީ ބާރުތަކާ ޝާނާ ޝައުކަތާ އެކު ވެރިކަމުގައި ހުންނެވި އޭދަފުށީ ޔޫސުފް ކަލޭފާނެވެ. އޭދަފުށީގެ ތަރައްގީގެ ބާނީ އެވެ. ސިޔާސީ ގޮތުންނާއި ރަށުގެ ކަންކަން އޭނާ ބޭނުންފުޅު ވާގޮތަށް ކުރިއަށް ގެންދެވުމަށް އޮތް ޗެލެންޖަކީ މުހައްމަދު ތަކުރުފާނުގެ އާއިލާ ކަމަށް ދެކެވަޑައިގެން އެއާއިލާ “ސައިޒަށް ގެންނެވުމަށް” ނެންގެވި ސިޔާސީ ހަތިޔާރަކީ މުހައްމަދު ތަކުރުފާނުގެ ދޮށީ ދަރިކަނބަލުން އާމިނަތު މުހައްމަދު (އައިމިނާފުޅު) އާއި ކައިވެނި ބައްލަވައި ގަތުން ކަމުގައި އޭދަފުށީގެ ތާރީޚް ދިރާސާ ކުރެއްވި ބޭފުޅަކު ވިދާޅުވިއެވެ.

އައިމިނާފުޅު މިހާރުވެސް ދުނިޔޭގައި އެބައިންނެވިއެވެ.( 5 ޖެނުއަރީ 2017 )

ދެން އޮތް އަހުމަދު ތަކުރުފާނުގެ އާއިލާއާއި ހާޖީބޭގެ އާއިލާ އޮތީ ދެފަރާތުގެ މެދުގައި ކުރެވިފައިވާ ކައިވެނި ތަކުން ގުޅާލެވިފައެވެ. ވެރިކަމުގެ ބާރުތައް ކޮނޑު އަޅައިގެން ހުންނެވީ ހާޖީބޭ އާއިލާއިން މައިދާނަށް ނުކުމެ ހުންނެވި ޔޫސުފްކަލޭފާނެވެ.

ވަކިން އޮތް އަނެއް އާއިލާއަކީ ހަސަނުގެ ހުސޭނުގެ އާއިލާއެވެ. ވަކި ފަރާތަކަށް ނުޖެހި ވަކި ޝަޚްސެއްގެ ގޮތުގައެވެ. ހުސޭނުގެ ތިން ފިރިހެން ދަރިންނަކީ އަލީ ހުސޭން (ކުޑައަލިބެ ) އާއި އަބޫބަކުރު ހުސޭން ( ދޮންކަލޭފާނު ) އާއި މޫސާ ހުސޭން (ދޮންކަލޯބެ) އެވެ.

ދޮންކަލޭފާނު

ދޮންކަލޭފާނު

މާލެދަތުރުކުރާ ނާލު ބައްތެއްޔާ އޮޑިދޯނިފަހަރާއި ފަޅުރަށްތައް ހުރުމާއެކު ރައްޔިތުންގެ ގިނަބަޔަކު މަސައްކަތް ކުރަމުން ގެންދިޔައީ މިއާއިލާގެ ހިޔާވަހިކަމުގައެވެ. އަހަރެމެން އެންމެ ކުޑައިރު ދުށް ޒުވާން ކެޔޮޅުންނާއި ފަޅުވެރިން މުސްކުޅިވެ ގައިބާރު ދެރަވެ ދުނިޔެ ދޫކުރުމާ ހަމައަށް އުޅެފައިވަނީ މިއާއިލާގެ އުނގުތެރޭގަ އެވެ.

އަހަރެމެންނާ ހަމައަށް އާއިލާ ދެމިގެން އައިއިރު މި ތިންބެއިން ދިރިއުޅެނީ ވަކިންނެވެ. އެކަމަކު ވަރަށް ގާތް ގުޅުމެއް އޮވެއެވެ. ކުރުކޮށް ބުނާނަމަ އެއްގޭގެ ސުފުރާމަތީގައި ހުންނަ އެއްޗިއްސަކީ އަނެއް ދެގޭގެ ސުފުރާ މަތީގައިވެސް ހުންނާނެ އެއްޗިއްސެވެ.

އަބްދުލް ހަލީމަކީ ދޮންކަލޯބެ އާއި ކިޔަވާގެ ސިއްތި ކައިވެނި ކުރައްވައިގެން ލިބުނު 8 ދަރިންގެ ތެރެއިން ދޮށީ މީހާ އެވެ. އަހަންނަކީ ކުޑައަލިބޭގެ ހައްވައަށް ލިބުނު ނުވަ ދަރިންގެ ތެރެއިން ދޮށީ މީހާއެވެ. އާއިލީ ގޮތުން އަހަންނާ ބޮޑުބޭބެއާ އޮތް ގާތްކަމަކީ މިއެވެ.

ހައްވަ (އަހަރެންގެ ލޮބުވެތި މަންމަ) ބައްޕަ (މޫސާ މުހައްމަދު) އާ ކައިވެނި ކުރައްވައިގެން ބަދަލުވީ ދޮންކަލޯބެގެ ހިޔަލީގެއާ ޖެހިގެން ހުރި ދޮންކަލޭފާނުގެ ކުޑަކުޑަ ކުދިރަތްމާގެ، އަށެވެ. ދޮންކަލޭފާނުގެ ދަރިންގެ މަންމަ ނިޔާވުމުން އެހެން މީހަކާ ކައިވެނި ކުރައްވައިގެން އުޅުއްވަމުން ގެންދެވީ އަނބިކަނބަލުންގެ ގޭގައެވެ.

ހިޔަލީގެއާއި ކުދިރަތްމާގެއަކީ އެއް ގޯއްޗެއްގައި ހުރި ދެ ގެއެވެ. އެހެންވީމާ އަހަރެން އުފަންވެ ޒުވާން އުމުރާ ހަމައަށް އައީ  ބޮޑުބޭބެއާ އެއް ގެއެއްގައި ކަމަށް ބުނެވިދާނެއެވެ. ތިމާގެ ކަމުުގެ ގުޅުން އެހާގާތް ނޫން ކަމަކު ހިތާހިތުގެ ގުޅުން އެހާގާތްވި ސަބަބަކީ މިއީ ކަމަށް ވެދާނެއެވެ.

އެއް ހާދިސާއެވެ. އަޅުގަނޑުގެ އުމުރުން އޭރުވާނީ ދިހަވަރަކަށް އަހަރެވެ. ރަށަށް މަސް ނުބާނާތީވެ ލައިގެންކާ އެއްޗެއް ނެތުމުން މެންދުރާއި ރޭގަނޑުވެސް ކާންޖެހެނީ ހަކުރާ ބަތާއެވެ. އެ ކެއުން ނުކާންވެގެން އެއްރެއަކު ރޯން އިންދާ ބޮޑުބޭބެއައިސް ރޮނީ ކީއްވެތޯ މަންމަ ގާތު އަހައިފިއެވެ. ވެގެން އުޅޭގޮތް މަންމަ ކިޔައި ދިނުމުން ބޮޑުބޭބެ ކިޔައިދެއްވީ ލަވައެކެެވެ. އެދުވަސްވަރު މަސްއޮޑި އިބްރާހީމް ޚަލީލު ކިޔާފައިވާ ނިކަން ރީތި ދިވެހި ލަވައެއްގެ ރާގުގައެވެ. ” ޝާމިލް އުފާވެވިދަނީތޯ އަހާ!. އިލްހާމް ލިބުމަށް އެދޭހެޔޮ އަހާ. ވާނޭ މަޒާ ދޭހިތް އުފާ،  މި ރާގުގައެވެ. އިބްރާހިމް ފުޅުގެ ކާފަދަރިއަކުވެސް  މި ލަވަ ވަރަށް ފަހުން ކިޔާފައި ވެއެވެ.  މިލަވަ އަހަރެން ދަސްކުރީ ބޮޑުބޭބެ ގާތުންނެވެ. އެކަމަކު މިއަދު ބޮޑުބޭބެ އެލަވަ ކިޔައިދެއްވީ އެރާގުގައި އެހެން ލަވަ އެކެވެ. އަހަންނަށް ހަދާފައިވާ ލަވައެއްގެ ގޮތުގައެވެ. ” މީތަދު ޒަމާނޭ ވަރަށްވެސް އިނގޭ، ދޫތައް ހިތާ ރުޅި ޒަމާނޭ އިގޭ، ވާނޭ މަޖާ ހަކުރާ ބަތާ، މިރޭ ހުރިގޮތޭމީ ރުހޭށޭ ކަލޭ!”

ހިނި ފަޅައިގެން ހިނގައްޖެއެވެ. މަންމެވެސް ހެނީއެވެ. ބަތްތަށި ހުސްކޮށްލެވުނު ގޮތެއްވެސް ނޭގުނެވެ. އަބްދުލް ހަލީމް ތިއީ ހާދަ ރީތިކޮށް ލަވަވެސް ހަދާ މީހެއްތާއޭ މަންމަ ބުނި އަޑު އެހީމެވެ.

ބޮޑުބޭބެ ނުވަތަ އަބްދުލްހަލީމް މޫސާ އުފަންވީ 30 ޖެނުއަރީ 1952 ގައެވެ. މުއްސަނދި އާއިލާއެއްގެ އުގަށް އުފަންވިކަމުގައި ވިޔަސް އެދުވަސްވަރަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ތަދުމަޑު ދުވަސްވަރަކަށް ވާތީ އެކަމުގެ އަސަރު ބޮޑުބޭބެއަށާއި އާއިލާއަށްވެސް ކުރި އެވެ.

އޭނާ އިބްތިދާއީ ތައުލީމާއި ސާނަވީ ތައުލީމު ނިންމީ އޭދަފުށީ މަދްރަސަތުލްބަހިއްޔާ އިންނެވެ.  އޭގެފަހުން މަތީ ތައުލީމަށް މާލެ ބަދަލުވެ މަޖީދިއްޔާއިން ތައުލީމު ހާސިލް ކުރުމަށް ލިބުނު ފުރުސަތު ދޫކޮށްލެއްވީ އާއިލާއާ ދެކޮޅަށެވެ. އޭނާ ބޭނުންވީ ޚާއްސަ ކްލާހަކުން ކިޔަވައިގެން އަވަހަށް ސަނަދު ނަގާށެވެ.

ހަނދުމަ ކުރުން ހުއްޓެވެ. ބޮޑުބޭބެ މާލެއަށް ދިޔައިރުވެސް އޭނާހުރީ އެއްނަންބަރު ކާތިބުކަމުގެ ސަނަދުނަގަން ބޭނުންވާ ވަރަށް ކިޔަވައިގެންނެވެ. އިތުރަށް ކިޔަވަން ބޭނުންވި ހަމައެކަނި މާއްދާއަކީ ހިސާބުގެ ވަކިބައެކެވެ. އޭރު ރާއްޖޭގައި ދެމުން އައި އެންމެ މަތީ ސަނަދަކީ ސެކްރެޓަރީކަމެވެ. ސެކްރެޓަރީކަމުގެ ސަނަދުން ފެށިގެން އޭނާ ބޭނުންވާ ހުރިހާ ސަނަދެއްވެސް ވަނީ ނަގާފަ އެވެ. ހިސާބު އިލްމަށާ ދިވެހިލިޔުން އޭރުގެ ނިސްބަތުން ބަލާއިރު އެއީ އޭދަފުށީގެ ނަންބަރު އެކެކެވެ.

އިށިދެގެން.ކަނާތުން ވާތަށް : މ.ދީފްރަމްގޭ އިސްމާއީލްމަނިކު، ދޮންކަލޯބެ ( އަބްދުލްހަލީމުގެ ބައްޕަ ) ، ދޮންދީދީ. ކޮޅަށް- ކަނާތުން ވާތަށް: އަޒީ ، ސިއްތި (އަބްދުލްހަލީމުގެ މަންމަ ) އަބްދުލްހަލީމް

އިށިދެގެން.ކަނާތުން ވާތަށް : މ.ދީފްރަމްގޭ އިސްމާއީލްމަނިކު، ދޮންކަލޯބެ ( އަބްދުލްހަލީމުގެ ބައްޕަ ) ، ދޮންދީދީ.
ކޮޅަށް- ކަނާތުން ވާތަށް: އަޒީ ، ސިއްތި (އަބްދުލްހަލީމުގެ މަންމަ ) އަބްދުލްހަލީމް

ވަރަށް ޒުވާންއިރު ސަނަދުތައް ނެންގެވުމަށްފަހު ސަރުކާރުގެ  ޚިދުމަތަށް ވެންނެވި އެވެ. ފުރަތަމަ އަދާކުރެއްވީ އެޓޮލްސް ޑިވިޜަންގެ އެއްނަންބަރު ކާތިބުކަމެވެ. އޭރު މިފަދަ މަގާމަކީ އަލަށް ވަންނަ މީހަކަށް ލިބޭ އެންމެ މަތީ މަގާމެވެ. ސެކްރެޓަރީކަން ލިބެނީ ވަޒީފާގެ ތަޖުރިބާހުރި މީހުންނަށެވެ.

އެހިސާބުންވެސް ކިޔެވުން ނިންމައެއް ނުލައެވެ. އެގޮތުން ސަރުކާރުން 1971ގައި ހިންގަވަން ފެއްޓެވި ނިޔަމި ކަމުގެ ކޯހުގައި ބައިވެރިވިއެވެ. އެކޯހުގައި އޭދަފުށިން ބައިވެރިވި އަނެކަކީ ކެޕްޓަން ރަޝީދުގެ ނަމުން މަޝްހޫރުވެފައިވާ 30އަހަރަށް ވުރެ ގިނަދުވަހު އާގުބޯޓުފަހަރުގައި ކެޕްޓަންކަން ކުރެއްވި ގުލްބަކާގޭ އަހުމަދު ރަޝީދުއެވެ.  މިހާރު ހުންނެވީ ރާއްޖޭގެ ހާބަރ މާސްޓަރ ކަމުގެ މަގާމުގައެވެ.

ތަގުދީރު ނިޔާކުރިގޮތެވެ. ނެވިކަމުގެ ކޯސް ނިމުމަކާ ހަމައިން އެކޯހުން ބޮޑުބޭބެ ވަކިވާން ޖެހުނީ އެވެ. ހަސަދަވެރިއެއްގެ ނުބައި ރޭވުމެއްގެ ދަށުން ހިނގައި ދިޔަ ކަމެއްގެ ސަބަބުންނެވެ. ނުކުރާ ކުށެއްގައި “ސަރުކާރުގެ ސިއްރެއް ބޭޒާރު ކުރުމުގެ” ތުހުމަތުގައި އެއްއަހަރު ދުވަހުގެ މުއްދަތަށް ރަށަށް ފޮނުވާލެއްވުމާ ހަމައިންނެވެ. ބޮޑުބޭބެއާ ބެހޭގޮތުން ދޮގު ރިޕޯޓެއްކުރީ އޭނާގެ އާއިލާގެ ހެޔޮކަމުގެ ފުރާޅުގެ ދަށުގައި ހުރެގެން އުޅެބޮޑުވި އަތޮޅުގެ އެހެން ރަށެއްގެ ބޮޑުބޭބެއާ އެއްފުރައިގެ މީހެކެވެ. ބޮޑުބޭބެގެ އާއިލާއިން ޚަރަދު ކޮށް ބަހިއްޔާއިން ކިޔަވައިދީ ނިމިގެން މާލެއަށް ބަދަލުވުމަށް ފަހު ކޮށްދިން ހެޔޮކަންތަކުގެ ބަދަލު ދިންގޮތަކީ އެއީއެވެ.

ބޮޑުބޭބެ އެނބުރި އޭދަފުށްޓަށް އައުމުން މުޅި އާއިލާ އެކަމާ ދެރަވެ ހިތާމަ ކުރިނަމަވެސް އުފާކުރި އެކަކު ހުއްޓެވެ. އެއީ އޭނާދެކެ ނުހަނު ލޯބިވާ ކޮއްކޮ އަހަންނެވެ. އަހަރެން އުޅުނީ އަނެއްކާވެސް ސްކޫލުން ދޭ ހޯމްވާކްތައް ހެދުމުގައި ބޮޑުބޭބެގެ އެހީތެރިކަން ހޯދުމުގައެވެ. ރީތި ވާހަކަތަކާ ރަށްފުށުގެ ދިރިއުޅުމާ މާލޭގެ ތަފާތުތައް ވާހަކައެއްގެ ގޮތަށް ކިޔުއްވުމުގައެވެ. އާ ކަންތައްތަކެއް ދަސްކުރެވޭތޯއެވެ. ބޮޑުބޭބެ ލައްވާ ރީތި ލަވައެއް ހަދާލައިގެން އެލަވަ އޭނާއާއި އެއްކޮށް ކިޔޭތޯއެވެ. އޭނާ ލައްވާ މަޖާ ޖޯކްތައް ކިއުއްވައިގެން މަޖާކޮށްލެވޭތޯއެވެ.

އެއްދުވަހަކު ވަރަށް މަޖާ ވާހަކައެއް ކިޔައިދިނެވެ. ބައިސްކޯފަށް ދާ ވާހަކައެވެ. އޭގައި އުޅޭ ރީތި ކުދިންނާއި ފިލްމީ ވާހަކަތައް ކިޔައިދެމުން ދިޔައިރު އަހަރެން ހުރީ ހައިރާންވެފައެވެ. އޭގައި އުޅޭ މީހުން ނޭވާލާ އަޑާ ވާހަކަ ދައްކާ އަޑު އިވޭ ވާހަކަ ބުނަމުން ދިޔައިރު އަހަންނަށް އެކަން ގަބޫލެއް ނުކުރެވުނެވެ. އަހަރެން ތަކުރާރުކޮށް އެހީމެވެ. “ބޮޑުބޭބެ ތިޔަބުނަނީ އެމީހުން ވާހަކަދައްކާ އަޑު އިވޭ ކަމަށާއި އޭގައި އުޅޭ މީހުން އެކަކު އަނެކަކު އަތުގައި ހިފައިގެން ވާހަކަދައްކާ ނަށާއުޅޭ ވާހަކައެވެ. އެކަމަކު އަހަރެމެންނަކަށް އެމީހުން ގަޔަކު އަތެއް ނުލެވެއެވެ. ތިޔަހުރިހާ ކަމެއް ހިނގާއިރު އަހަރެމެންނަށް އެމީހުންގެ ގައިގާ އަތް ނުލެވެނީ ކީއްވެގެން ހެއްޔެވެ. ތިޔަކަން ގަބޫލެއް ނުކުރެވެއެވެ.

“އެމީހުން ނޭވާލާ ހެއްޔެވެ.” އަހަރެން އެހީމެވެ.

ބޮޑުބޭބެ ހެމުންހެމުން އާއެކޭބުނެ އަދިވެސް ބޮޑަށް އަހަރެން ހައިރާން ކުރުވަމުން ގެންދިޔައެވެ. އަހަރެން ގަބޫލެއް ނުކުރަމެވެ. އެންމެ ފަހުން ބޮޑުބޭބެ އޭގެ ހެކި ދެއްކުމަށް ނިންމީ މާލެ ގޮސް ދެމީހުން ބައިސްކޯފަށް ދާށެވެ. އެވާގޮތަކާ މެދު ވަރަށް ވިސްނީމެވެ. އޭގެ ފަހުންވެސް ކިތަންމެ ދުވަހަކު އެހެން އެވަނީ ކީއްވެތޯ ބޮޑުބޭބެއާ ސުވާލުކުރެވުނެވެ. އެކަހަލަ ކޮންމެ ވަގުތަކު “އަނެއްކާ އެއްކަލަ މުހައްމަދު… ” އޭބުނެލައެވެ.

ކިޔެވުމުގެ ރޮގުގައި އެދުވަސްވަރު ބޮޑުބޭބެގެ އެހީތެރިކަން ވަރަށް ބޮޑަށްލިބުނެވެ. ޚާއްސަކޮށް ހިސާބު އިލްމާއި ދިވެހިންނެވެ. އަހަންނަކީ ދިވެހިބަހަށް އޭރުވެސް ކްލާހުން ފާހަގަކުރެވޭ ކުއްޖަކަށްވާއިރު ބޮޑުބޭބެގެ އެހީތެރިކަން ލިބެން ފެށުމުން އަހަރެން ވެގެން ދިޔައީ އެހެން ކުދިންނަށް އަރާ ހަމަނުކުރެވޭ ވަރުގެ އުހުގައި ކުރި ކުއްޖަކަށެވެ. މިހާރުވެސް ހަމަރަނގަޅަށް ހަނދާން އެބަހުއްޓެވެ. އެއްދުވަހަކު ދިވެހި މުދައްރިސް އަބްދުﷲ އަހުމަދު ލިޔަން ދެއްވި މަޒްމޫނެކެވެ. މައުޟޫއަކީ “އަޅުގަނޑުގެ ހަޔާތުގައި އެއްފަހަރާ އައި ދެ އީދު” އެވެ. އެއީ ޖުލައި 26އާ ބޮޑުއީދު ދުވަސް އެއް ދުވަހެއްގެ ގޮތުގައި އައުމުން މުދައްރިސް ދެއްވި މައުޟޫއެކެވެ. މަޒުމޫނު ލިޔެގެން އަޅުގަނޑަށް ދިހަޔަކުން ހަތަރެއް ލިބުނު އިރު ކްލާހުގެ އެހެން ކުދިންނަށް ލިބިފައިވަނީ އެކެއް، އެކެއްބައި ، ދޭއް، މިކަހަލަ މާކްސް ތަކެކެވެ. އެއީ ބޮޑުބޭބެގެ ދީލަތި އެހީތެރިކަމެވެ.

އެނގޭ ހެއްޔެވެ. ބޮޑުބޭބެއަކީ މޮޅު ޅެންވެރިއެއްވެސް މެއެވެ. އޭނާގެ ޝާއިރާނާ ޚިޔާލުތައް ބަސްތަކުން އަމުނާލައިގެން ރީތި ޅެންތަކާއި ލަވަތަކުން އޮއްސަންފެށީ ހަނދުވަރާއި މާމެލާމެލީގެ ބަހުރުވައިން ރީތި އަންހެން ކުއްޖަކާ މުޚާތަބު ކޮށެވެ.

އެއްދުވަހު އެގެއަށް ދިޔައިރު ބޮޑުބޭބެ އިނީ އެމަސައްކަތުގައެވެ. އަހަރެން ފެނުމުން ހީލާފައި ބުންޏެވެ.” ތިޔަ އައީ ހަމަ ނިމުނުތަނާއެވެ.” ދެން ދިއްކޮށްލީ އޭނާ ހަދާފައި އޮތް ލަވައެކެވެ.

އަހަރެން އަހާލީމެވެ. “ކާކަށް ހެދި ލަވައެއް.؟” އޭނާ ވަރަށް ހިނިއައިސް ހުރެގެން ބުނެލީ ވިސްނާލުމުން އެކަން އެނގޭނެ ކަމަށެވެ. އަހަރެން ވިސްނަންފެށީމެވެ. މައިގަނޑު ފަށާފައިވަނީ “ހީލާށޭ ޔާރު ޔާރު … ” ކިޔާފައެވެ. ”ޖާނޭ ކިޔޫން ބާރު ބާރު މެރެދިލް” މި ރާގުގައެވެ. އެއްވަނަ ކަޑި ފަށާފައިވަނީ “ނަޒަރެއްވެސް ނުދެމެއްނޫންހޭ ….” ކިޔާފައެވެ. ދެވަނަ ކަޑި ފެށުން އޮންނަނީ، “ޖަރީކޮށް ދެއްވާނަންހޭ….”  އަދި ތިންވަނަ ބައިތު ފަށާފައި އޮންނަނީ، “ކާނާއެއްކަމުގައި ވާނޭ …” އެވެ. ވިސްނާ ވަރުބަލި ވީއިރުވެސް ނޭގުމުން ދެން ބުނީ ކޮންމެ ކަޑިއެއްގެ ފެށޭ ދެވަނަ އަކުރު ކިޔާލުމަށެވެ. އަހަރެން އަކުރުތަކަށް ދަމާލާފައި ޒަ-ރީ-ނާ ކިއުމާއެކު ބޮޑުބޭބެ ހިނި ފަޅައިގެންދިޔައެވެ.

އެއީ ބޮޑުބޭބެގެ ހަތަރު ކުދިންގެ މަންމަ އަދި ލޮބުވެތި އަނބިކަނބަލުން މަރުހޫމާ ޒަރީނާއާ ގުޅުނު ދުވަސް ވަރެވެ. ޒަރީނާމެންގެ ގެ ހުންނާނީ ހިޔަލީގެ ކުރިމަތިން އަނެއް ފަރާތުގައެވެ. އޭނާ ނަމާދަށް އަންހެނުންގެ މިސްކިތަށް  ދިއުމަށް އަންނާނީ ހިޔަލީގެ ގޯޅިތެރެ ހުރަސްކޮށްފައެވެ.

އަމިއްލަ ރަށުގައި ބަންދުގައި ބޮޑުބޭބެ ހޭދަކުރެއްވި އެއްއަހަރު ނިމުމާއެކު މިނިވަންވުމަށް ފަހުވެސް  މަޑު ކުރެއްވިއެވެ. މި ދުވަސްތަކުގެ ތެރޭގައި އޭނާ ދަސްކޮށްފައިވާ މާލިމީ ކަމުގެ ތަޖުރިބާ ގެ ބޭނުން ކުރެއްވިއެވެ. ބައެއްރޭރޭ ތަރިތަކުގެ ނަންނަމާ ތަރިތައް ބަލައިގެން ކަނޑުދަތުރު ކުރާ ގޮތުގެ މައުލޫމާތުވެސް އަހަންނަށް ދެއެވެ. މީގެ އިތުރުން މަރްހޫމް ޔޫސުފް ކަލޭފާނުގެ އާއިލާއިން ދުއްވަމުން ގެންދިޔަ “މިޔާޒް ” ބޯޓުގެ ކެޕްޓަނެއްގެ ގޮތުގައި އައްޑުއަށް ކުރެއްވި ފުރަތަމަ ދަތުރު ހިމެނިގެން ދިޔައީ އަނެއްކާވެސް އަހަންނަށް މެދުވެރި ކުރުވި ހިތުން ނުފިލި، މަޖާ އެކަމަކު ލަދުގަތް ދެރަވި ހާދިސާ އަކަށެވެ.

އެދަތުރު ނިމިގެން ރަށަށް އައުމުން އަހަންނަށް ގެނައި ހަދިޔާ ކޮބައިހޭ އަހާލުމުން ދެއްވީ ލަވައެކެވެ. ބޮޑުބޭބެ އެލަވަ ދީފައި ރާގާއެކު ކިޔާލަދެއްވިއެވެ. “އޭ އޭމަގޭ ހިތާއޭ މަސްތީވެވޭ ޝަރާބީ ،ރޭތަކުގެ އިޝްގު ބަތަލާ ނުގަބޫލުތޯ މަލާއޭ……. “

މިހާރުވެސް އިވެމުން އަންނަ ލަވައެކެވެ.

އައްޑޫން ގެނެސްދެއްވި މިލަވަ ރީތިކަމުން ހަމައެވަގުތު އަހަންނާ އެއް ކްލާހުގައި އުޅޭ އެކުވެރި ވަހީދު ޓީ (މުހައްމަދު ވަހީދު ތަނޑިރަތްމާގެ) އަށް ދައްކާލަން އެގެއަށް ދިއުމަށް ބޮޑުމަގަށް ނުކުތް ތަނުން އޭނާ ފޮތްބޮނޑި ހިފައިގެން މެންދުރު ފަހު ސެޝަން އަށް ސްކޫލަށް އަންނަނީއެވެ. އަހަރެންވެސް ތައްޔާރުވެލައިގެން ސްކޫލަށް ތަންކޮޅެއް އަވަހަށް ދިޔައީ ޓީޗަރުން އައުމުގެ ކުރިން ދެމީހުން އެކުގައި ރާގުގައި ސްކޫލް ތެރޭގައި ތިބެގެން ކިޔާލުމަށެވެ. ރީތި ލަވައެއް ލިބުމުން ވަހީދުޓީ އަށް ފޮނިދައްކާލާށާވެސް އެކުގައެވެ.

އަހަރެމެން ދެމީހުން އިދާރާގެ ފުރަގަހުގައި ތިބެގެން ހީނހީނފައި ނިކަން ޖަޒުބާތުގައި އެލަވަކިޔަމުން ދިޔައިރު އަޑުއަހަން އިދާރާގައި މީހަކު އިންނެވި ކަމެއް ނޭނގެއެވެ.

ކްލާހަށް ވަންނަ ރަނގަބީލު ޖެހުމާއެކު އަހަރެމެންގެ ކްލާސް ކުދިންް ސްކޫލްގެ އެތެރެއަށް ވަންނަނިކޮށް ބައްޕަގެ އަޑުން އަހަރެން ސިއްސުވާލިއެވެ. “އިދާރާއަށް އާދޭ ! “

އަހަރެން ގެންގޮސް ދެއަތް މައްޗަށް ނަގާފައި ބެހެއްޓީ އެހެން މީހުންނަށް ފުރަގަސްދީގެންނެވެ. އޭރު މުދައްރިސުންވެސް އިދާރާއަށް (އޮފީހަށް )ވަންނަމުންދެއެވެ. ކޮންމެ މުދައްރިސަކުވެސް އަހަރެން ހުރި ގޮތް ފެނިފައި ބައްޕައާ ސުވާލުކުރަމުން ދިޔައެވެ. “ކިހިނެއް މުހައްމަދަށް ވެފައި މިހިރީ؟”

މަރްހޫމް މުސާ ޔޫސުފް (މާއްޑޫ ކުޑަކަތީބު )ގާތު ބައްޕަ ބުނުއްވިއެވެ. “ވީގޮތަކީ މީނަ މިއުޅެނީ އުމުރަށް ވުރެ މާބޮޑު ވެގެން. އަޑުގެ ކޮޅަށް “އޭ އޭމަގޭ ހިތާއޭ ކިޔައިގެން ފާޑެއްގެ ލަވައެއް ކިޔަނީ …ކޮންތަނަކުން ގެނައި ލަވައެއް ކަމެއްވެސް ނޭގެ.”

ވަރަށް ލަދުގަތް ދުވަހެކެވެ.

މިޔާޒްބޯޓުގެ މާލިމީކަން ދޫކޮށްލައްވައި ބޮޑުބޭބެ ޕާޓްޓައިމަށް ބަހިއްޔާގައި ހިސާބު ކިޔަވައި ދެއްވައި ދަރިވަރުންގެ ހިސާބު ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކޮށްދެއްވިއެވެ.

އެހެންނަމަވެސް އޭނާ މާލެ ބަދަލުވެ އަނެއްކާވެސް ކުރިން އަދާކުރަމުން ގެންދެވި އޯޑިޓް އޮފީހުގެ ސެކްރެޓަރީ ކަމުގެ މަގާމު އަދާކުރައްވަން ފެއްޓެވިއެވެ.

އަޅުގަނޑު މާލެ ބަދަލުވީ އެހިސާބުންނެވެ.

ދުވަސް ކޮޅެއްގެ ފަހުން އޯޑިޓް އޮފީހުން އޮޑިޓަރުން ތައްޔާރުކުރާ ކޯހެއް ހިންގަވަން ފެއްޓެވުމަށް ކުރެއްވި އިއުލާނާ ގުޅިގެން އެކޯހުގައި އަޅުގަނޑު ބައިވެރި ކުރެވޭތޯ ބޮޑުބޭބެ މަސައްކަތް ކުރެއްވިއެވެ. ކޯހުގައި ބައިވެރިކުރުމަށް ހަމަޖެހިފައިވަނި ސަރުކާރުގެ އޮފީހެއްގައި ވަކި ފެންވަރެއްގެ ވަޒީފާ އަދާކުރާ މީހުންނަށް ވެފައި އަހަންނަކީ ސަރުކާރުގައި ނޫޅޭ މީހަކަށް ވާތީއެވެ. ބޮޑުބޭބެގެ މަސައްކަތުން އެކޯހުގައި ބައިވެރިވުމުގެ ޝަރުތު ހަމަނުވިޔަސް ކޯހުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް ދޭ ޓެސްޓްގައި ބައިވެރި ކުރުވިއެވެ. ސަރުކާރުގެ އޮފީސްތަކުގައި ވަޒީފާ އަދާކުރާ، ކާތިބުކަމުގެ ސަނަދު އޮތް ގިނަ ބަޔަކު ބައިވެރިވިޔަސް ފާސްވީ މަދު ބައެކެވެ. އަހަރެން ވަރަށް ރަނގަޅަށް ފާސްވުމުން ބޮޑުބޭބެ ހުރީ ވަރަށް އުފާ ވެފައެވެ. އެކަމުގެ ސަބަބުން އެކޯހުގައި ބައިވެރިވެވޭގޮތް ވީމައެވެ.

ކްލާސް އޮންނަނީ ރޭގަނޑު 8:00 ން 11 އަށެވެ. ކިޔަވައިދެއްވަނީ އިސްމާއީލް ފަތުހީއެވެ.

އެއްރެއަކު ކްލާސް ކަޓުވާލައިފީމެވެ. ތޮއްޑޫ ސޯސަން ކްލަބުގެ ބަނޑިޔާ ޖެހުން އޮތްވާހަކަ އިވިގެންނެވެ. މުހައްމަދު ރަޝީދު ބުނުމުންނެވެ. އެރޭ ކްލާހަށް ނުގޮސް ދިޔައީ ބަނޑިޔާ ޖަހާތަން ބަލާށެވެ. ޝޯ ނިމިގެން 12 ޖަހާކަށް ހާއިރު އަހަންނާ ރަޝީދުއާ ދެމީހުން އޭނާ ހުންނަ ގ.ބަހާރީގެއާ އަރާ ހަމަކުރިއިރު ކަމަކުދާކަށްނެތެވެ. ދޮރާށީގެ ދެފަރާތުގައި މިތިބީ ދެމީހުންގެ ދެ ބެލެނިވެރިންނެވެ. މަރުހޫމް މުހައްމަދުހަސަން އާއި ބޮޑުބޭބެއެވެ. ވަރަށް ބޮޑަށް ރުޅިއައިސްފައި ހުރެ ބޮޑުބޭބެ ފުރަތަމަވެސް ސުވާލުކުރީ ކްލާހަށް ނުގޮސް  ދިޔައީ ކޮންތާކަށްތޯއެވެ. ބޮޑުބޭބެ ރުޅިއައުމުން ވަރަށް ދެރަވިއެވެ. އަހަންނާ ވަރަށް ސަމާސާކޮށް ވަރަށް ލޯބިން އުޅޭ އެހާގާތް ބޭބެ ރުޅިއައުމުން ރޮވުނެވެ. ވީގޮތް ކިޔާ ދިނުމުން އަނެއްކާވެސް އެ ބާރު މިނުގައި ބޮޑުބޭބެ ބުންޏެވެ. “މައިންބަފައިންނަށް ނުލިބޭ މިންވަރުން ޚަރަދު ކޮށްގެން މާލެ ފޮނުވީ ކްލާހަށް ނުގޮސް ނާޗަރަންގީ ކުޅޭތަންތަން ބަލަން ހެއްޔެވެ. ؟…………….”

ބޮޑުބޭބެ އެރޭ އަހަރެން ދެކެ އެހާބޮޑަށް ރުޅިއައީ ކިޔެވުމަށް އިހުމާލު ވުމުންނެވެ. ކޯހުގައި އަހަރެން ބައިވެރި ކުރީ އޭނާއާ އެއް ފެންވަރުގެ މީހަކަށް ހެދުމުގެ ނިޔަތް އޮތީމާ ކަމުގައި ފަހުން ބުންޏެވެ.

ބޮޑުބޭބެގެ އާ ކައިވެނީގެ ދުވަސްތައް ނުނިމެނީސް އޭނާއަށް ވަޒީފާގެ ކުރިއެރުން ލިބުނެވެ. ވަޒީފާ ބަދަލުވީ ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއަށެވެ. އަނބިކަބަލުންނާއި ވަކިވެ ލަންކާއަށް ބަދަލުވުމަކީ އެއްގޮތަކަށްވެސް ބޭނުންކަމެއް ނޫންކަމަށް އަހަރެންގެ ގާތު އެތައް ފަހަރަކު ބުންޏެވެ. އެހެންނަމަވެސް ވަޒީފާގެ ކުރިއެރުމާއެކު ނަސީބު އައިސް އަތުގައި ހިފުމުން އެކަމަށް ފުރަގަސްދޭކަށް ނުވާނެތާއޭވެސް ބުނެއެވެ.

އެކަމުގައި ވަރަށް ބޮޑަށް ވިސްނަމުން ދިޔައެވެ. ބޮޑުބޭބެއާ ބައްދަލުކުރަން މ.ދީފްރަމްގެއަށް ދެވުނީ ނިންމާނޭ ވަކި ގޮތެއް ނޭނގިފައި އިންދައެވެ. ހަމަ ފެނުމާއެކު އެވާހަކަ ފަށައިފިއެވެ. އަހަރެންގެ ޚިޔާލަކީ ކޮބައިތޯ އެހިިއެވެ. އަހަރެން ބުނީމުއެވެ. ގުރުއަތުލަމާ ހިނގާށެވެ. ގުރުއަތުން ދިމާވާނީ މިކަމުގައި ﷲ ރުއްސަވާގޮތް ކަމުގައި ބަލާނީއެވެ. ތިޔައީ މާރަނގަޅުގޮތެކޭ ބުނެ އެއް ކަރުދާސްކޮޅުގައި ”ލަންކާއަށް” އަނެއް ކަރުދާސް ކޮޅުގައި “މާލެ” ލިޔެ ބޮނޑިކޮށްލުމަށްފަހު ކަރުދާސްކޮޅެއް ނަގާށޭ ބުނުމުން ބިސްމިﷲ ކިއުމަށްފަހު ކަރުދާސްކޮޅެއް ނެގިއެވެ. ކަރުދާސްކޮޅުގައި އޮތީ ލަންކާ އެވެ. ހަމަ ވަގުތުން އެގޮތް ނިންމިއެވެ.

ބުނަން މި އުޅެނީ ކޮންމެ ކަމެއްގައިވެސް އެހެން މީހުންގެ މަޝްވަރާ އަހާވާހަކައާއި އެކަމަށް ވަކި އުމުރެއްގެ މީހަކުވެސް ނުބަލާކަމެވެ. އެހެންނޫންނަމަ އަހަރެންގެ ޚިޔާލާއި މަޝްވަރާއެއް ނާހާނެ ނޫން ހެއްޔެވެ؟

ބޮޑުބޭބެގެ ވަޒީފާ ބަދަލު ކުރެެއްވީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ އެކައުންޓެންޓެއްގެ މަގާމަށެވެ. ނުވަތަ ބަޖެޓް ބެލެހެއްޓުމަށެވެ. އެތަނަށް ފޮނުވަނީ ވަރަށް ގާބިލު އަދި އޮޑީޓު އޮފީހުގައި މަސައްކަތް ކޮށް ތަޖްރިބާ ހުރި މީހުންނެވެ. އެއީ އޭރު އޯޑިޓް އޮފީސް ހިންގަވަމުން ގެންދެވި އިލްޔާސް އިބްރާހީމްގެ ހޮވުމެވެ.

ވެލާނާގޭގައި މަސައްކަތް ކުރެއްވިއިރު އޮފީހުގެ ގާތް ދެރަހްމަތްތެރިންކަމުގައިވާ މޫސާ ޔޫސުފާއި އިބްރާހީމް ފުޅު

ވެލާނާގޭގައި މަސައްކަތް ކުރެއްވިއިރު އޮފީހުގެ ގާތް ދެރަހްމަތްތެރިންކަމުގައިވާ މޫސާ ޔޫސުފާއި އިބްރާހީމް ފުޅު

ދިވެހި އެމްބަސީގެ ތަޖްރިބާތައް ހިއްސާކުރަމުން އެއީ ވަރަށް ބޮޑަށް ނަސްލީ އިމްތިޔާޒު އޮތް ތަނެއްގެ ގޮތުގައި  ބޮޑުބޭބެ ފާހަގަކުރެއްވިއެވެ. އެމްބަސީ ހިންގަވަން ހުންނެވީ މަރުހޫމް ހުސެން އަލި ދީދީއެވެ. އޭނާގެ ނައިބަކަށް ހުންނެވީ މައުމޫން އަބްދުލް ގައްޔޫމެވެ. މައުމޫންގެ ރީތި ސިފަތަކާ މައުމޫންގެ ހިތްތިރިކަމާ ލިބުނު އަގުހުރި މައުލޫމާތުތައް ބޮޑުބޭބެ ސިފަކުރީ އޭނާއަށް ވަދެވުނު އިލްމީ މަދަރުސާއެއްގެ ގޮތުގައެވެ. ހުސެން އަލިދީދީ މައުމޫން އާއިމެދު ކަންތައް ކުރެއްވި އިހާނެތި ގޮތްތަކާ އެތަނުގެ މުވައްޒަފުންނާ މެދު ގެންގުޅުއްވި ތަފާތު ކުރުންތައް ސިފަކުރެއްވީ އެއްވަނަ ދަރަޖައިގެ ނަސްލީ އިމްތިޔާޒުގެ ގޮތުގައެވެ.

ވަޒީފާގެ މުއްދަތު ހަމަކޮށް ލަންކާއިން އެނބުރިއައިސް އަނެއްކާވެސް އޯޑިޓްއޮފީހުގައި ދުވަސްކޮޅެއް ވަންދެން މަސައްކަތްކުރެއްވި އެވެ. އެއަށްފަހު ވެލާނާގެ އެކައުންޓެންޓްގެ މަގާމަށް ބަދަލުވީ އިލްޔާސްގެ އެދިވަޑައިގަތުމަކަށް ކަމުގައި ގަބޫލު ކުރެވެއެވެ. އޯޑިޓް އޮފީސް ހިންގަމުން ގެންދެވީ އިލްޔާސް އިބްރާހީމް ކަމަށްވެފައި ވެލާނާގޭ އޮފީސްވެސް ހިންގަވަމުން ގެންދެވީ އިލްޔާސް ކަމަށް ވާތީއެވެ.

ނާސިރު ވެރިކަމުން ވަކިވެވަޑައިގަތުމާ ހަމައަށް ބޮޑުބޭބެ މަސައްކަތްކުރެއްވީ ނާސިރު އަރިހުގައި ވެލާނާގޭގަ އެވެ. ހަމައެއާއެކު ވެރިކަމުން ވަކިވެވަޑައިގެން ނާސިރު ސިންގަޕޫރަށް ހިޖުރަކުރެއްވިއިރުވެސް އަރިހުގައި ބޮޑުބޭބެ ގެންދެވިއެވެ.

އެހެންނަމަވެސް އެ މާހައުލު ބޮޑުބޭބެއާ ބީރައްޓެހި ވުމުންކަމެއް ނުވަތަ ތުއްތު ދަރިފުޅު ފާތުމަތު ހަލީމާއި އަނބިކަބަލުންގެ ހަނދާނުން ހިތް އަނދާ އެނދުންތަކަށް ކެތް ނުކުރެވުނީ ކަމެއް ނޭގެއެވެ. ދުވަސްކޮޅެއް ވުމަށްފަހު އެނބުރި މާލެ އަތުވެއްޖެއެވެ. ދެން މަސައްކަތް ކުރެއްވީ ކާބަފައިން ދިރިއުޅުމަށް ކުރެއްވި އޮޑިދޯނިފަހަރު އުފައްދައިގެން މަސްވެރިކަން ކުރުމެވެ.

ހަމައެއާއެކު އެދުވަސްވަރަކީ ރާއްޖޭގައި ޔޮޓްދޯނި ފަހަރު އަލަށް އުުފެއްދި ދުވަސްވަރުކަމުން ބޮޑުބޭބެގެ “ނިޔާމަ” ޔޮޓް ދޯނި ބަނދެ ނިންމާލީ އޭރުގެ ލަގްޒަރީ ފެންވަރުގައެވެ. ސަރުކާރުގެ އިސްވެރިންގެ ރަސްމީ ދަތުރުތަކަށާއި ރިސޯޓުތަކުގެ ދަތުރުތަކުގައި ނިޔާމަ ޔޮޓް ދޯންޏަކީ އޭރުގެ ވަރަށް މަޝްހޫރު ޔޮޓްދޯންޏެކެވެ.

ދުވަސްތަކެއްގެ ދިގު ގެޕަކަށް ފަހު އަނެއްކާވެސް އެސްޓީއޯގައި އިލްޔާސް އިބްރާހީމްގެ އަރިހުގައި ވަޒީފާ އަދާކުރައްވަން ފެއްޓެވިއެވެ.

ދިރިއުޅުން އޮތީ މާލޭގައެވެ. އެކަމަކު އޭނާއަކީ އަމިއްލަ ރަށުގެ ކުރިއެރުމާއި ތަރައްގީއަށްވެސް އިސްކަން ދީގެން މަސައްކަތް ކުރި އިޖްތިމާއީ ލީޑަރެކެވެ. އެދުވަސްވަރު މަރުބަލީގައި އޮތް އޭދަފުށީ ބސމދ ޖަމިއްޔާގެ ބަދަލުގައި އާ ޖަމިއްޔާއެއް (އޭދަފުށީ ޒުވާނުންގެ ޖަމިއްޔާ) އުފެއްދުމުގެ މަސައްކަތުގައި އިސް ދައުރެއް އަދާކުރެއްވިއެވެ. މަސްއޫލު ވެރިޔާގެ މަގާމުގައި ހުރެގެން ޖަމިއްޔާ ކުރިއެރުވުމަށް ގިނަމަސައްކަތްތަކެއް ކުރައްވައި އެޖަމިއްޔާއަކީ ރާއްޖޭގައި އުފެދުނު އެންމެ ހަރަކާތްތެރި އެންމެ ކާމިޔާބު އެއް ޖަމިއްޔާކަމުގައި ހެއްދެވިއެވެ. ފުޓްބޯޅައިގެ އިތުރުން އޭދަފުށީ ރައްޔިތުންނާއި މަދަރުސާތަކުގެ ދަރިވަރުންނަށް ޖަމިއްޔާގެ އެހީތެރިކަން ފޯރުވާދީފައިވަނީ ބޮޑުބޭބެގެ މަސްއޫލުވެރިކަމުގައެވެ.

އަބްދުލްހަަލީމް، އޭދަފުށީ ޒުވާނުންގެ ޖަމިއްޔާގެ އަހަރި ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ . ފޮޓޯ :އައިޝަތު ހަލީމް

އަބްދުލްހަަލީމް، އޭދަފުށީ ޒުވާނުންގެ ޖަމިއްޔާގެ އަހަރި ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ . ފޮޓޯ :އައިޝަތު ހަލީމް

އެސްޓީއޯގައި ހަ އަހަރަށް ވުރެ ގިނަ ދުވަހު ހޭދަކުރައްވައި ގެއަށް ބަދަލުވުމާ ހަމައަށް އެތަނުގައި މަސައްކަތް ކުރައްވާފައިވަނީ މެނޭޖަރެއްގެ ގޮތުން ތެދުވެރިކަމާއެކުގައެވެ.

ދިރިއުޅުމުގެ ހަލަބޮލި ދުވަސްތަކާ އުމުރަށް އައި ބަދަލާއެކު ބޮޑުބޭބެގެ ހަށިގަނޑަށް އެކަމުގެ ނުބައި އަސަރު ކުރީ އަހަރެމެން އުންމީދު ކުރިވަރަށް ވުރެ އަވަހަށެވެ. ހަކުރުބަލީގެ ޝިކާރައަކަށް ވެ ފަރުވާ ހޯދަނިކޮށް އިތުރު ބަލިތައްވެސް ބޮޑުބޭބެގެ ނިކަމެތި ހަށިގަނޑަށް ހަމަލާތައް ދެމުން ހަށިގަނޑު ނިކަމެތި ކުރަމުން އައެވެ. ދެން އައީ ދިރިހުރުމާ މަރާ ހަނގުރާމަކުރަމުން ދިޔަ ދުވަސް ވަރެވެ. ދޭތެރެއަކުން ރަނގަޅު ވީކަމުގައި ވިޔަސް ބޮޑުބޭބެގެ އުމުރުގެ ފަހުގެ ދުވަސްތަކުގައި ދިރިހުރުމަށް ހަނގުރާމަ ކުރަމުން ގޮސް ކާމިޔާބެއް ނުލިބި ﷲގެ ހަޟްރަތަށް ދަތުރުކުރެއްވީ 13 ޑިސެމްބަރ 2010ގައެވެ

ބޮޑުބޭބެގެ ވަކިވުމަކީ އޭދަފުށްޓަށް ލިބުނު ފުން ހިތާމައެކެވެ. އެއީ ގައުމަށާއި ރަށަށް ގިނަ ޚިދުމަތް ތަކެއް ކޮށްދެއްވާފައިވާ މަދުން ނޫނީ ނުފެންނާނެ ވަރުގަދަ ޝަޚްސިއްޔަތެކެވެ. މުދައްރިސެކެވެ. މުދައްބިރެކެވެ. މޮޅު ކެޕްޓަނެކެވެ. ފެހުމުގެ ފަންނުގައި އަރާހުރިި މީހެކެވެ. ޒިންމާދާރު ބައްޕައެކެވެ. ވަފާތެރި ފިރިއެކެވެ. ކިޔަމަންތެރި ދަރިއެކެވެ. ކުރުކޮށް ބުނާނަމަ ފަސްމީރު ކުރި ރުކެކެވެ. އޭނާގެ މުޅި ދިރިއުޅުން ހޭދަކޮށްފައި ވަނީ އެހެން މީހުންނަށް އުފާ ހޯދައިދިނުމަށް ޓަކައެވެ. އަމިއްލަ އުފާތައް ގުރުބާންކޮށްލާފައި އެހެން މީހުން އުފަލުގައި ބޭތިއްބުމަށެވެ.

ބޮޑުބޭބެ މި ދުނިޔެ ދޫކުރެއްވިއިރު އަނބިކަނބަލަކާއި ހަތަރުކުދިން ދުނިޔޭގައި ތިއްބެވިއެވެ. އޭނާ ދުނިޔެ ދޫކުރެއްވިތާ 5 އަހަރުފަހުން ހުވަފަތް އަނބިކަނބަލުން ޒަރީނާވެސް ވަނީ ނިޔާ ވެފައެވެ.

“ދާދި އަވަހަށް ނެތި ފަނާވިޔަކަސް އަގެއް ނެތް ޖިސްމުތައް،

ތާއަބަދު ދެމިހުންނަ ހެޔޮ ޒިކުރާއަކަށް ނިމުމެއްނެތޭ. “

 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top