އާއަހަރާ ދިމާކޮށް ބ. އޭދަފުށީގައި ވިދަމުން އަންނަ ޑައުން ޓައުން ބޮޑުބެރު ގްރޫޕްގެ ޝޯތަކެއް ރިސޯޓްތަކުގައި ދޭންފަށައިފިއެވެ.
ޑައުން ޓައުން ބޮޑުބެރު ގްރޫޕުން ބުނީ ކްރިސްމަސް އާއި ނިއުއިޔާގެ ޝޯތަކަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާ، މިދިޔަ ހަފްތާ ތެރޭގައި ގުރޫޕަށް ވަރަށް ބާރުބޮޑުވިކަމަށެވެ. ޑައުންޓައުންގެ ފައުންޑަރ މެމްބަރ އަދި ލީޑަރ އިސްމާއީލް ހަސީބު އީވީއަށް މައުލޫމާތު ދެމުން ބުނީ ރިސޯޓްތަކުގައި ދޭޝޯތައް ބާރު ބޮޑުވެ ކެންސަލް ކުރާ ހިސާބަށްވެސް މިއަހަރު ދިޔަ ކަމަށާ، ގުރޫޕްގެ މެމްބަރުން މިދުވަސްކޮޅު ވަރަށް ބިޒީކަމަށެވެ.
“ކޮންމެ ރެއަކު ޝޯދެމުން މިދަނީ ރިސޯޓްތަކުގައި. ވަރަށް ބިޒީ. ވަރަށް ބިޒީ. ދެންމެ އެފުރީ ސޮނެވާއަށް ގްރޫޕް. މިރޭ ނިންމާފައި މާދަމާރޭ އޮތްތަނެއްވެސް ބަލާލަންޖެހޭނީ” ހަސީބު ބުންޏެވެ.

ޑައުންޓައުން ބޮޑު ބެރު ގްރޫޕް ޝޯއަކަށް ފުރަން ތައްޔާރުވެފައި. ކްރިސްމަސް އާއި އާއަހަރާ ދިމާކޮށް ގިނަ ޝޯތަކެއް ރިސޯޓްތަކުގައި ދަނީ ދެމުން / ފޮޓޯ ޑައުންޓައުން
ހަސީބު ބުނީ އާއަހަރާއި، ކްރިސްމަސް އާ ދިމާކޮށް ޑައުންޓައުން އަށް އެންމެ ޑިމާންޑް ބޮޑުވީ މިއަހަރު ކަމަށާ، އަންނަ އަހަރަށް ބޭންޑް ރީ ބްރޭންޑްކޮށް، ބެކަޕް ޓީމެއް ހަދަން ވިސްނަމުންދާކަމަށެވެ. އަދި ބ. އަތޮޅުގައި ރިސޯޓްތައް އިތުރުވަމުންދާއިރު ގިނަ ފުރުސަތުތަކެއް އާން،މުކޮށް ލިބޭކަމަށްވެސް ހަސީބު ބުންޏެވެ.
“ރިސޯޓްތަކުން ވަރަށް ރަގަނޅު އަގެއް ލިބޭ މިކަމަށް. އެހެންވީމަ، މިހާރުވެސް ބޭންޑް ވަރަށް ބޮޑަށް ރީއެރޭންޖް ކުރަމުން މިދަނީ. ކޮލިޓީ ބެރާއި، ސާމާނު ހޯދަމުން މިދަނީ”
މީގެ ހައެއްކަ އަހަރުކުރިން އޭދަފުށީގައި އުފެދުނު ޑައުންޓައުން ބޮޑު ބެރު ގްރޫޕުން ދަނީ އަތޮޅުގެ މުހިއްމު މުނާސަބަތުތައް ފާހަގަކުރުމަށްވެސް ކޮންމެ އަހަރަކު ޝޯތައް ދެމުންނެވެ. އަދި އިޖްތިމާއީ ހަރަކާތްތަކުގައިވެސް ޑައުންޓައުން ދަނީ ފާހަގަކުރެވޭ ދައުރެއް އަދާކުރަމުންނެވެ.