
ގޮއިދޫގެ ސަޕޯޓަރުން 2013 ވަނައަހަރު އަތޮޅު ޗެލެންޖް މުބާރާތުގައި ޓީމަށް ސަޕޯޓް ކުރަނީ. މިއަދުގެ މެޗް ބަދަލުކުރުމަށް ބަރުހަތިޔާރަކަށް ބޭނުންކުރާނީ ސަޕޯޓަރުންކަމަށް ގޮއިދޫން ބުނޭ / ފޮޓޯ: އީޓީ
މިއަދަކީ ބ. އަތޮޅުގައި ބާއްވާ އެންމެބޮޑު ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗް ކުޅޭ ދުވަހެވެ. މި މެޗްގައި ބައްދަލުކުރާނީ މިދިޔަ އަހަރުގެ ޗެމްޕިއަން ފެހެންދޫއާއި، މުބާރާތުގެ އެންމެ ކާމިޔާބު ޓީމްކަމުގައިވާ ގޮއިދޫ ޓީމެވެ.
މިއަދުގެ މެޗަށް ނުކުންނައިރު ގޮއިދޫ ވަނީ މިއަހަރުގެ މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ރެކޯޑް ދަމަހައްޓާފައެވެ. ފެހެންދޫ، މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ގޮއިދޫ އަތުން ބަލިވީ ވަރަށް ވާދަވެރި ކުޅުމަކަށްފަހު 3-1 ގެ ނަތީޖާއަކުންނެވެ. ނަމަވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ ކުޑަކުޑަ ފެހެންދޫ މިދިޔަ އަހަރު ޗެމްޕިއަންކަން ހޯދީ ގޮއިދޫ ކުޑަކަކޫމައްޗަށް ތިރިކޮށްގެންކަމުގައެވެ.
ކޯޗުންގެ ބަސް
ގޮއިދޫ ކޯޗް އިޤްބާލް މިއަދު ބުނީ ޓީމްގެ ތެރޭގައި އެންޖަރީގެ މައްސަލަ އުޅޭކަމަށާ، އެކަން ފޫބައްދަށް ބަދަލުތަކެއް ފުރަތަމަ އެގާރައަށް އަންނާނެކަމަށެވެ. އަދި ޓީމްގެ މެދުތެރޭގައި އެންމެ ބޮޑު ދައުރެއް އަދާކުރާ ބައްސާމަށް ސެމީ ފައިނަލް މެޗްގައި ދެއްކި ރަތްކާޑާއެކު އޭނާވެސް މިއަދު މެޗުން ނުފެންނާނެއެވެ.
“މާޖީ، ބެންޑޭ، ވިޝާމްގެ އެންޖަރީއެއް އެބައުޅޭ. އެހެންނަމަވެސް އަޅުގަނޑުމެން ހާސްވާންޖެހޭ ހިސާބަކަށް އެއްވެސް ކަމެއް ނުދޭ.” އިގްބާލް ބުންޏެވެ
ފެހެންދޫ ޓީމްގެ ކޯޗާ ހަވާލާދީ މެނޭޖަރ މޫސަ ބުނީ ކައިރި ކައިރީގައި ކުޅެވުނު މެޗްތަކާއެކު މުހިއްމު ދެ ކުޅުންތެރިއަކަށް އަނިޔާވެފައިވާ ކަމަށާ، އެކަން ފޫބައްދާނެ “ހަތިޔާރު ” ހޯދާފައިވާކަމަށެވެ.
“އަނިޔާގެ މައްސަލަތަކާހުރެ ޝާހީން އާއި ޝާން މިއަދުގެ މެޗަކުން ނުފެންނާނެ. އެހެންނަމަވެސް އެއަށްވުރެ ރަނގަޅު ޕްލޭނެއް ޓީމުން ރާވާފައި އޮންނާނީ. ” މޫސަ ބުންޏެވެ
ހުރިހާވެސް ބަޔަކީ ސަޕޯޓަރުން
އަތޮޅު ޗެލެންޖް ފުޓްބޯޅަ މުބާރާތުގައި ސަޕޯޓަރުންގެ ފޯރި އެންމެ ގަދައީވެސް ފެހެންދުއާ ގޮއިދުއެވެ. ކިތަންމެ އާބާދީ ކުޑަޔަސް ފެހެންދޫގެ ސަޕޯޓަރުންގެ އަޑު މިދިޔަ އަހަރާ، މިއަހަރުވެސް އޭދަފުށީ ދަނޑުން ކެނޑޭ ވަގުތުކޮޅެއް ނުފެނެއެވެ. ގޮއިދޫއަކީ ސަޕޯޓަރުންގެ ބ. އަތޮޅުގެ ރަސްގެފާނުކަމުގައި ބުނެވިދާނެއެވެ.
ގޮއިދޫ ޓީމްގެ މެނޭޖަރ ރިޔާޒް ބުނީ މޫސުން ގޯސްނަމަވެސް ސަޕޯޓަރުން މިއަދުވެސް ދަތުރު ކުރާނެކަމަށާ، ޓީމު ހަމަޔަކަށް އެޅުވުމުގައި ސަޕޯޓަރުން 90 މިނެޓު ދެމިތިބޭނެކަމަށެވެ.
“ބަށި މުބާރާތަށް ބެލިކަމުގައި ވިޔަސް މިކަން ފެންނަން އޮންނާނީ. މިއަދުވެސް ބަރު ހަތިޔާރެއްގެ ގޮތުގައި ސަޕޯޓަރުން ބޭނުންކުރާނީ”
ފެހެންދޫ ޓީމްގެ މެނޭޖަރ މޫސަ ބުނީ އާބަދީ ކުޑަނަމަވެސް ފެހެންދޫގެ އަޑު ދަނޑުން ބޭރުގައި މެދު ނުކެނޑޭނެ ކަމަށާ، މޫސުން ގޯސްވިޔަސް ސަޕޯޓަރުން ދަތުރުކުރާނެކަމަށެވެ.
“މިއަދުގެ މޫސުން ވަރަށްގޯސް. އެހެންނަމަވެސް ސަޕޯޓަރުން ދުލެއް ނުދޭނެ. ފެހެންދޫގެ ބަޔަކު މިއަދު މާލެއިންވެސް އޭދަފުއްޓަށް ދަތުރުކުރާނެ ޓީމަށް ސަޕޯޓްދޭން”

ފެހެންދޫ ޓީމްގެ ސަޕޯޓަރުން މިދިޔަ އަހަރުގެ ފައިނަލް މެޗަށްފަހު އުފާފާޅުކުރަނީ. ގޮއިދޫއަށް ވުރެ ސަޕޯޓް ދަށްނުވާނެކަމަށް ބުނޭ / ފޮޓޯ: އީޓީ
މުބާރާތުގެ ތާރީހަށް ބަލާއިރު ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރެއިން ދެ އަހަރުގެ ޗެމްޕިއަން ގޮއިދޫ ހޯދިއިރު އެޓީމަކީ ވޭތުވެދިޔަ ހަތަރު އަހަރުވެސް އެންމެ ފޭވަރިޓް ޓީމެވެ. ފެހެންދުއަށް އޮތް ޗެލެންޖަކީ އެއީއެވެ. ފެހެންދޫ މިމުބާރާތަށް ފުރަތަމަ ނުކުތީ 2014 ވަނައަހަރުއެވެ. އެއަހަރު ގްރޫޕް ސްޓޭޖުން ވަކިކަމުގައިވިޔަސް އެޓީމް މިދިޔަ އަހަރު ޗެމްޕިއަންކަން ހޯދީ ފޭވަރިޓް ގޮއިދޫ ބަލިކުރުމަށްފަހުއެވެ. އެހެންކަމުން މިއަދުގެ ފައިނަލަކީ ގޮއިދޫއަށްވެސް ފަސޭހަ މެޗަކަށް ނުވާނެއެވެ.