ފްރޭންކް ރިބެރީ

ފްރޭންކް ރިބެރީ

ފްރޭންކް ރިބެރީ

ފަގީރު ޢާއިލާއަކަށް އުފަން ފްރާންސްގެ ރިބެރީއަކީ މިދިޔަ އަހަރު ފީފާއިން ހޮވި ތިންވަނައަށް އެންމެ މޮޅު ކުޅުންތެރިޔާއެވެ. ފްރާންސްގެ ކުރީގެ ކުޅުންތެރިޔާ ޒައިނުއްދީން ޒިދާންގެ ބަހުންނަމަ އެގައުމުގެ ފުޓްބޯޅައިގެ “ޖަވާހިރަކީ” ރިބެރީއެވެ.

ކުޑައިރު އާދައިގެ ދިރިއުޅެމުން އުޅެމުންއައި ރިބެރީއަށް ވަނީ އެދުވަސްވަރު ހިތި ތަޖުރިބާތަކެއް ކުރަން ޖެހިފައެވެ. މިގޮތުން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ، އުމުރުން އެންމެ ދެ އަހަރުގައި ބަދުނަސީބު ގޮތަކަށް އޭނާއަށް ކުރިމަތިވި ކާރު އެކްސިޑެންޓެވެ. ޢާއިލާއާއި އެކު ކާރުގައި ދުއްވާފައި ދަނިކޮށް ލޮރީއެއްގައި ޖެހި ހިނގި މި އެކްސިޑެންޓާއިއެކު އޭނާއަށް ގިނަ އަނިޔާތަކެއް ވިއެވެ. މިގޮތުން، މިހާރު އޭނާގެ މޫނުމަތިން ފެންނަ ލަކުނަކީ އެ އެކްސިޑެންޓްގެ އަނިޔާގެ ނިޝާނެވެ. ޕްރޮފެޝަނަލް ފެންވަރުގައި ފުޓްބޯޅައިގެ ތެރެއަށް ނިކުތުމުގެ ކުރިން އާމްދަނީ ހޯދުމަށް އޭނާ ކުރި މަސައްކަތަކީ ގެދޮރު އިމާރާތްކުރުމުގެ މަސައްކަތެވެ. ބައްޕަ އާއިއެކު ކުރި މި މަސައްކަތަކީ ރިބެރީ ސިފަކުރާގޮތުގައި ދިރިއުޅުމުގައި ލިބުނު ތަޖުރިބާއެކެވެ.

ފުޓްބޯޅައިގެ ތެރެއަށް ރިބެރީ ނިކުތީ 2005 ވަނަ އަހަރު ތުރުކީގެ ގަލަތަސަރާއީއާއި ގުޅުނު ހިސާބުންނެވެ. އެކްލަބްގައި ހަމަސްދުވަސް ހޭދަކުރުމަށްފަހު 2005 ވަނަ އަހަރު އޭނާ ބަދަލުވީ ފްރާންސްގެ މަޝްހޫރު އޮލިމްޕިކް މާސޭއަށެވެ. ޔޫރަޕްގެ ބޮޑެތި ކްލަބްތަކުގެ ސަމާލުކަން އޭނާ ހޯދީ 2006 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ދެއްކި މޮޅު ކުޅުމާއިއެކުއެވެ.އެފަހަރު ޖަރުމަނުގެ ބެޔާން މިއުނިކަށް ރިބެރީ ގެންދިޔައީ އޭރު ކްލަބްގެ ރެކޯޑް އަގެއްކަމަށްވާ 25 މިލިއަން ޔޫރޯއަށެވެ. ޖަރުމަނަށް ބަދަލުވުމާއިއެކު އޭނާގެ ފަރާތުން ފެންނަމުންދިޔަ މޮޅު ކުޅުމާއިއެކު ރިބެރީއަށް ވަނީ 2008 ވަނަ އަހަރު އެޤައުމުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމްލިބިފައެވެ.

2007 ވަނަ އަހަރުން ފެށިގެން ބެޔާން މިއުނިކަށް ކުޅެމުން އަންނަ މި ކުޅުންތެރިޔާ މިހާތަނަށް ވަނީ އެ ކްލަބަށް ކުޅުނު 171 މެޗްގައި 61 ގޯލް ކާމިޔާބުކޮށްދީފައެވެ. އަދި2006 ވަނަ އަހަރު ފްރާންސް ގެ ޤައުމީ ޓީމަށް ކުޅެން ފެށިފަހުން އޭނާ ވަނީ މިހާތަނަށް އެގައުމަށް 16 ގޯލް ކާމިޔާބު ކޮށްދީފައެވެ.

ދަނޑުމަތީގައި ސީރިއަސް ކުޅުންތެރިއެއްގެ ގޮތުގައި ސިފަކުރެވުނު ނަމަވެސް ކްލަބާއި ގައުމީ ޓީމްގައި އޭނާއާއިއެކު އުޅޭ ކުޅުންތެރިން ސިފަކުރާގޮތުގައި ރިބެރީއަކީ ޖޯކަރެކެވެ. މިގޮތުން ދަނޑުން ބޭރުގައި މަޖާ މިޒާޖެއް ގެންގުޅޭއިރު އޭނާ ވަނީ އާދަޔާޚިލާފު ކަންތައްތަކެއްވެސް ކޮށްފައެވެ. މިގޮތުން އޮލިމްޕިކް މާސޭއަށް ކުޅުނު ފަހުމެޗްގައި އޭނާ ވަނީ ދަނޑުމަތީގައި ޓްރެކްޓަރެއް ދުއްވާފައެވެ. މީގެ އިތުރުން 2008 – 2009 ވަނަ ސީޒަންގެ ވިންޓަރ ބްރޭކްގައި ދުބާއީގައި ބެޔާންގެ ކުޅުންތެރިން ހޭދަކުރި ދުވަސްވަރު ޓީމްގެ ބަސް ދުއްވީވެސް ރިބެރީއެވެ. މިފަދަ ކަންކަމުން ޓީމްގެ ކުޅުންތެރިންނަށް ހިނިތުންވުން ގެނެސްދޭ ރިބެރީ ޤަބޫލުކުރާގޮތުގައި ކުޅިވަރުގައި މަޖާކުރުމަކީ ރަނގަޅު މޫޑެއްގައި ހުރުމަށް ބާރުއަޅާކަމެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top