މެސީގެ ހެޓްރިކާއެކު، ރެއާލް ބަލިކޮށް ބާސާ ލީގުގެ އުއްމީދު އާކޮށްފި

ރޭގެމެޗްގައި ލަނޑުޖެހުމަށްފަހު މެސީ އުފާފާޅުކުރާއިރު ރެއާލްގެ ކުޅުންތެރިން ދެރަވެފައި / ފޮޓޯ އޭޕީ

ރޭގެމެޗްގައި ލަނޑުޖެހުމަށްފަހު މެސީ އުފާފާޅުކުރާއިރު ރެއާލްގެ ކުޅުންތެރިން ދެރަވެފައި / ފޮޓޯ އޭޕީ

ސްޕެނިޝް ލީގުގައި މެސީގެ ހެޓްރިކާއެކު އެލް ކްލެސިކޯގައި ބާސެލޯނާ މޮޅުވެ ލީގު ހޯދުމަށް ކުރަމުން އަންނަ އުއްމީދުތައް އާކޮށްފިއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ރޭގެ މިމެޗްގައި ބާސެލޯނާ، ރެއާލް މެޑްރިޑްގެ މައްޗައް ކުރި ހޯދީ 4 ލަނޑު 3 ލަނޑުންނެވެ.

މިމެޗްގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީވެސް ބާސެލޯނާއިންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިނިއެސްޓާއެވެ. އެއަށްފަހު ފުރަތަމަ ހާފްގައި ފުރަތަމަ ފަހަރަށް ރެއާލް މެޑްރިޑުން ދެލަނޑުޖަހާ ލީޑުނެގިއެވެ. އެއީ ގާތް ގާތުން ބެންޒަމާ ކާމިޔާބުކޮށްދިން 2 ލަނޑާއެކުއެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން މެސީ ވަނީ ބާސެލޯނާއަށް ގޯލެއް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

އަގު ބޮޑު ކުޅުންތެރިންތަކެއް ފެނިގެންދިޔަ މިމެޗްގައި ދެވަނަ ފަހަރަށް ލީޑު ނެގީ ރެއާލް މެޑްރިޑުންނެވެ. މި ލީޑު އެޓީމަށް ނަގައިދިނީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި މިވަގުތު ހުރި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އޭގެ ކުޑައިރުކޮޅެއްފަހުން ރެއާލްގެ ރާމޮސްއަށް ވަނީ ރެފްރީ ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ. މި ރަތް ކާޑަކީ ބްރެޒިލްގެ ތަރި ނެމާއަށް ކުރި ފައުލަކާ ގުޅިގެން ދެއްކި ރަތްކާޑެކެވެ. މިއީ އޭނާގެ ކެރިއަރުގައި އޭނައަށް ދެއްކި 19 ވަނަ ރަތް ކާޑެވެ.

މެޗްގެ ނަތީޖާ ހަމަހަމަކޮށް މޮޅުވި ލަނޑު ބާސެލޯނާއަށް ކާމިޔާބު ކޮށްދިނީ އެޓީމަށް ލިބުނު 2 ޕެނަލްޓީއަކުން ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަޤާމް 4 ފަހަރަށް ހޯދައިފައިވާ ލިޔޮނަލް މެސީއެވެ. މި ލަނޑުތަކާއެކު އެލް ކްލެސިކޯއެއްގައި ކުޅުނު 25 މެޗުން މެސީވަނީ މުޅި ޖުމްލަ 21 ލަނޑު ކާމިޔާބުކޮށް ރެކޯޑް މުގުރާލައިފައެވެ. މި ރެކޯޑް ކުރިން އޮންނަނީ ރެއާލް މެޑްރިޑްގެ ކުރީގެ ތަރި ޑީ ސްޓެފާނޯ އަތުގައެވެ. އޭނާ ވަނީ އެލް ކްލެސިލޯއެއްގައި ކުޅުނު 30 މެޗުން 18 ލަނޑު ރެއާލް މެޑްރިޑަށް ކާމިޔާބުކޮށްދީފައެވެ.

މިނަތީޖާއާއެކު ކުޅުނު 29 މެޗުން 69 ޕޮއިންޓާއެކު ބާސެލޯނާ އޮތީ ޓޭބަލްގެ 3 ވަނައިގައެވެ. ރެއާލް މެޑްރިޑް އޮތީ ކުޅުނު 29 މެޗުން 70 ޕޮއިންޓާއެކު ޓޭބަލްގެ 2 ވަނައިގަވެ. ތާވަލްގެ އެއްވަނާގައި 70 ޕޮއިންޓާއެކު އޮތީ އެތްލެޓިކޯ މެޑްރިޑެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top