ހިތުގެ ލޮލަށް ފެންނަނީ އޭނާގެ އުފާވެރި މިޒާޖާއި ބަރާބަރާށް ކަންކުރުމަކީ ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް ގެންގުޅޭ އުސޫލުކަމުގައި ބުނާ ބ.އަތޮޅުގޭގެ ބަނޑޭރިކަމުގެ މަގާމުގައި މީގެ ދިހަވަރަކަށް އަހަރު ކުރިން ހުންނެވި ބަނޑޭރި އެވެ. އެއަށްވުރެ ދުވަސްވީ މީހުންގެ ގާތުގައި އެއީ ބ.އޭދަފުށީ ރަތްކަށިމާގޭ އަލީމޫސާއެވެ. އެއީ އޭނާ އަމިއްލައަށް ތައާރަފްވެފައިވާ ގޮތެވެ. އަލީމޫސާ ފިޔަވައި އޭދަފުށީގައި ފުރިހަމަ ނަމުން މުޚާތަބް ކުރެވޭ އެހެން މީހަކު ނުހުރެއެވެ. އަލީމޫސާ ގެ ވަނަމަކީވެސް އަލީމޫސާއެވެ.
އުމުރުން ފަސްދޮޅަހުގެ ފަހުގެ އަހަރުތައް ގުނަމުން އަންނަ އަލީ މޫސާ އޭދަފުށީގެ ނަޒަރުން “ގެއްލިގެން” އުޅޭތާ އަހަރު ތަކެއް ވެއްޖެއެވެ. އަތޮޅުގޭގެ ބަނޑޭރިކަމުގެ މަގާމު އެމްޑީޕީ ސަރުކާރުން އުވާލުމުން 38 އަހަރު ވަންދެން އަދާކުރި ވަޒީފާ ގެއްލުމާއެކު އޭނާވެސް ގެއްލި ދިޔައީއެވެ. އެކަަމަކު އޭނާ ހުރީ ގަދަވެ ހެޔޮހާލުގައެވެ. ދިރިއުޅުން މާލެއަށް ބަދަލު ކުރީއެވެ. އެއީ އޭނާގެ ދަރިންގެ އެދުމާއެކު އެދަރިން ވެސް އުޅެނީ މާލޭގައިކަމަށް ވާތީއެވެ.
އަލީމޫސާ އަކީ އޭނާގެ “ދުވަހުގައި ” އޭދަފުށީގެ ތަރިއެކެވެ. މޮޅު ފުޓްބޯޅަ ކުޅުން ތެރިއެކެވެ. އެހާމެ މޮޅު ޓޭބަލް ޓެނިސް ކުޅުންތެރިއެއްވެސް މެއެވެ. އޭނާއާ އެއްހަމައިގާ ހިފަހައްޓާލެވޭވަރުގެ ޓޭބަލް ޓެނިސް ކުޅުންތެރިއަކު އަދިވެސް އޭދަފުށީގައި އުފެދިފައެއް ނުވެއެވެ.
މޮޅު ކުޅިވަރު ކުޅުންތެރިއެއްގެ ގޮތުގައާއި ބސމދ ޖަމްއިއްޔާގެ ހިންގާ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ހޭދަކުރި ދުވަސްވަރު އަލީ މޫސާ ފާހަގަ ކުރެވިފައިވަނީ ނިކަން މަޖާ އަދި ވަރަށް ހަލަބޮލި ޒުވާނެއްގެ ގޮތުގައެވެ. ކުދަކުދިންނާ ވަރަށް ސަމާސާ ކުރާ އަދި ޒުވާނުންގެ ވެސް ނިކަން ގާތް އެކުވެރިއެއްގެ ގޮތުގައެވެ. ދޫފަރިތަކަމަކީ އޭނާއާ މެދު އެހެން މީހުންގެ ސަމާލުކަން ހުއްޓުނު އެއް ސަބަބެވެ.
ރަށުގެ އަންހެން ކުދިންގެ މެދުގައި އެއީ އެންމެ މަގުބޫލު ޒުވާނާއެވެ. ޝާއިރީ ޚިޔާލާތުގެ މުއްސަނދި ކަމާއެކު އަންހެންކުދިންގެ ހިތްތައް ފަތަހަ ކުރައްވަމުން އޭރު އަލީ މޫސާ ގެންދިޔައީ ރަށުގެ އެހެން ޒުވާނުންނަށް ގޮންޖަހަމުންނެވެ. ކުޅަދާނަ ޝާއިރުންގެ ލޯބީގެ ޅެންތައް މޮޑިފައިކޮށް އޭގެ އަސްލު ނުގެއްލޭގޮތަށް ސީދާ އޭނާ ބޭނުން މީހަކާއި މުޚާތަބުކޮށް ބޭނުންވާ ގޮތަށް އަތުރާލުމުގައި އޭނާގެ ކުޅަދާނަކަން ދައްކައިދީފައިވަނީ މީހުން ހައިރާން ކުރުވާވަރަށެވެ. އެޅެންތައް ކިޔާލުމުގައި އޭނާގެ ފަރިތަކަމާއި ގެންގުޅުނު ހަމަތަކަކީވެސް ޖާދޫއެކެވެ. އެޖާދޫގައި އޭނާ ބޭނުންވާ މީހުން ދިޔައީ ޖައްސަމުންނެވެ. އޭރުގެ ޒުވާނުންގެ މެދުގައި އެންމެ މަޝްހޫރުވެގެންދިޔަ މަރްހޫމް ސައިކުރާ ނައީމު ހައްދަވާފައިވާ “ޔަމަންގެ މައުސޫމާ” އަކީ އަންހެން ކުދިން ފަތަހަ ކުރުމަށް ގެންގުޅުނު އެންމެ ވަރުގަދަ ހަތިޔާރެވެ. އެދިގު ޅެން ފަރިތަ ކަމާއެކު އޭނާ ހިތުން ކިޔާނެއެވެ. ބައެއް ފަހަރު އޭގައިވާ ނަންތައް އޭނާ ބޭނުން ނަމަކަށް ބަދަލު ކޮށްގެންނެވެ. އަޖައިބެއްފަދަ މޮޅަށެވެ.
އަލީ މޫސާގެ އެންމެ ޒުވާން އިރުން ފެށިގެން 2012ވަނަ އަހަރާ ހަމައަށް އުޅެމުން ގެންދިޔައީ ރައްޔިތުންނާ އެކު ރައްޔިތުންގެ ޚިދުމަތުގައެވެ. އުމުރުން 15 އަހަރު ނުފުރެނީސް އޭނާ ވަނީ ރައްޔިތުންނަށް ޚިދުމަތް ކުރަން ފަށާފައެވެ. ރައްޔިތުންގެ ފިހާރަ، ރޯޝަނީ އިސްޓޯރުގައެވެ. ވަޒީފާއަކީ ޕިޔޯނުކަމަށް ވީނަމަވެސް އެތަނުގައި ކުރަންޖެހޭ ހުރިހާ ކަމެއްކުރަމުން ދިޔައީ އޭނާ އެވެ. ޕިޔޯނު ކަމުން ފެށިގެން މެނޭޖަރަކާ ހަމައަށެވެ. އެވަޒީފާ އަދާކުރަމުން ބސމދ ޖަމިއްޔާގެ ރަން ޒަމާނުގައި އެ ޖަމިއްޔާގެ އިންތިޒާމު ސެކްރެޓަރީކަމުގެ ބުރަ މަސްއޫލިއްޔަތުވެސް އުފުލަމުންނެވެ.
ރޯޝަނީ އިސްޓޯރުގެ ދިގު ފެންޑާގައި އޭރު ހުރި ޓޭބަލް ޓެނިސްކުޅޭ މޭޒަކީ އޭނާ ޓޭބަލް ޓެނިސްގެ ދުނިޔެއަށް ނެރެދިން ތަނެވެ. އޭނާގެ ބާރު ޝޮޓްތަކާއި ކުޅެމުންދާ ވަގުތު ތަކުގައިވެސް ދުލުން ފާޅުކުރާ ޝުއޫރުުތަކަކީ ގިނަބަޔަކު ވަރަށް ގަޔާ ވެގެން ބަލަމުން ދިޔަ މަންޒަރެކެވެ.
ޓޭބަލް ޓެނިސްގެ ރޮނގުން މުޅި އޭދަފުށިން ހޮވާލެވޭ އެއްނަންބަރު ކުޅުން ތެރިއެއްގެ ގޮތުގައި އަލީމޫސާ ހޮވުނީ މި މޭޒުގައި ކުޅެގެންނެވެ.
ދުވަސްތައް ތާރީޚުގެ ތެރެއަށް އޮބެމުން ގޮސް 1980ވަނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހަށް ދުނިޔެ ކުރިމަތިލީ އަލީ މޫސާއަށް އުފާވެރި ޚަބަރަކާ އެކުގައެވެ. އަތޮޅުގޭގެ ބަނޑޭރިކަމުގެ ވަޒީފާ ލިބުނު ދުވަހަކީ އެއީއެވެ.
އަލީ މޫސާ ބުނީ ބަނޑޭރިކަމުގެ މަގާމަކީ ފުދޭވަރަކަށް ބުރަ ވަޒީފާއެއްކަމާ އޭނާގެ އެންމެ ބޮޑުމަސްއޫލިއްޔަތަކީ އަތޮޅުގޭގެ ފަރިއްކޮޅުގެ ކަންކަން ބެލެހެއްޓުން ކަމުގައެވެ.
” އަތޮޅުގެއިން ފަރިއްކުޅުވަނީ ހަމައެކަނި އަތޮޅުވެރިންނާއި އަތޮޅު އޮފީހުގެ ސީނިއަރ ބައެއް މުވައްޒަފުންނެއް ނޫން. އޭގެ އިތުރުން މިނިސްޓަރަކު ވަޑައިގެންނެވި ނަމަވެސް ނުވަތަ ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދެއް އޭދަފުށްޓަށް ޒިޔާރަތްކުރިކަމަށް ވިޔަސް އެބޭފުޅުންގެ ފަރިއްކޮޅު ހަމަޖެއްސުމަކީ އަހަރެންގެ މަސްއޫލިއްޔަތު. ބަރާބަރަށް ގަޑިން ގަޑިއަށް ތައްޔާރު ކުރުމާ ކެއްކުމަށް ބޭނުންވާ ތަކެތި ހޯދުމަކީ އަހަރެން ކުރަންޖެހޭ ކަންކަން. ހަމަ އެގޮތަށް ކެއުމުގެ ރަހަތަކަކީވެސް ޗެކް ކުރަން ޖެހޭ ކަންކަން. ” ބަނޑޭޜީގެ މަސްއޫލިއްޔަތާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އަލީމޫސާ ބުންޏެވެ.
އަލީ މޫސާ ބުނީ 38 އަހަރުދުވަސްވަންދެން އަދާކުރި ވަޒީފާއާމެދު އޭނާ އެންމެ ފަޚްރުވެރިވަނީ އޭނާގެ މަސައްކަތާ މެދު އެއްވެސް އަތޮޅުވެރިއަކު ނުވަތަ މިނިސްޓަރަކު ވިިޔަސް ހިތްހަމަ ނުޖެހުން ފާޅު ކޮށްފައިނުވާތީއެވެ. އޭގެ އިތުރުން އެބޭފުޅުންގެ ފަރާތުން ލިބުނު ހިތްވަރުގެ ބަސްތައް ޝުކުރުވެރިކަމާއެކު ފާހަގަކުރެއެވެ.
ބަނޑޭރީގެ މަގާމު އުވާލުމުން އެވަޒީފާއިން ވަކިވެގެން އޭނާ ގެއަށް އައީ އެހެންވަޒީފާއަކަށް ދިއުމުގެ ޚިޔާލެއްނެތިއެވެ. ބޭނުމަކީ ކޮބާހޭ ބުނަމުން އަލީ މޫސާ ބުނީ އުމުރުގެ ބޮޑުބައި ސަރުކާރަށާ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ހޭދަކުރުމުގެ ހިތްހަމަޖެހުން ލިބުމުން ފުދޭ ކަމުގައެވެ. ދުނިޔޭގައި އުޅުމުގެ ހަގީގީ މަގުސަދު މުޅިން ފުރިހަމަވީ އެކަކުވެސް ނުހުންނާނެކަމާއި އަހަންނަކީވެސް އޭގެ މީހެއްކަމުގައި ހީކޮށްލައިފިނަމަ އޭގެ މާނަ އެނގޭނެކަމުގައެވެ.
އަލީމޫސާ ދިރިއުޅެނީ މާލޭގައި ދަރިންނާއި ކާފަ ދަރިންގެ ގާތުގައި އުފަލުންނެވެ. އެހެންނަމަވެސް މުޅި އުމުރު ވަރަށް ބިޒީ މީހެއްގެ ގޮތުގައި ހޭދަކޮށްފައިވާތީ މަސައްކަތެއް ނުކޮށް ހުންނަން ޖެހޭތީ ބައެއްފަހަރު ފޫހިކަން އިހްސާސް ކުރެވޭނެކަން ގަބޫލު ކުރަން ޖެހެއެވެ. ހަމައެއާއެކު އުމުރުން ދުވަސް ވިޔަސް ދުޅަހެޔޮކަމާއެކު ދިރިހުރުމަށް ހެލިފެލިވެ އުޅެން ޖެހޭނެތީ މިހާރު ވަޒީފާއަކަށް ދާން ފަށައިފިއެވެ. އޭނާ ވަޒީފާ އަދާކުރަނީ މާލޭގައި ހުންނަ ބޮޑު ފިހާރައެއްގައެވެ.
“އެ ބޮޑު ފިހާރައިގާ ހަމައެކަނި އުޅޭ ދިވެއްސަކީ އަހަރެން . އަހަންނަކީ ސޭޓު. ދެން އުޅެނީ މުޅިންވެސް ބިދޭސީންް. ” އަލީ މޫސާ މިހާރު އަދާކުރާ ވަޒީފާ އާ ބެހޭގޮތުން ބުނީ މިހެންނެވެ.