މިއަދަކީ ކީރިތި ރަސޫލާގެ އީދު މީލާދު

Campaign-to-respect-the-name-Muhammad_0.jpg

ރަބީއުލް އައްވަލް މަހުގެ 12 ވަނަ ދުވަހަކީ މިހާރުވެސް ރާއްޖޭގައި ކިރިތި ރަސޫލާގެ އީދު މީލާދު ނުވަތަ މިޒަމާނުގެ ބަހުން ނަމަ ބާރތުޑޭ ގެ ގޮތުގައި ފާހަގަ ކުރަމުން އަންނަ ދުވަހެވެ. ނަމަވެސް، އެންމެ ހެޔޮ ތިން ޖީލުގައިވެސް މިދުވަސް ފާހަގަކޮށްފައިނުވާ ކަމާއި މިދުވަހަކީ ކަނޑައެޅިގެން އެނގެން އޮތް ދުވަހެއް ނޫންކަން ގިނަ ދަންނަ ބޭކަލުން ވިިދާޅުވެއެވެ.

އައްޝައިޚް އާދަމް ނިޝާން ވިދާޅުވިކަމަށް ދި ސަލަފިއްޔާގައި ވެއެވެ.

“ފަހެ ރަސޫލު الله صلى الله عليه وسلم އަވަހާރަވެވަޑައިގެންނެވި ފަހުން ހަތަރު ޤަރުނު (400 އަހަރު) ވަންދެން އެކަލޭގެފާނުގެ ޢީދު މީލާދު ފާހަގަ ކުރެވިފައެއް ނުވެއެވެ. އެކަލޭގެފާނު ދެކެ ނިހާޔަތަށް ލޯބިފުޅުވާ އަނބިއަނބި ކަނބަލުންނާއި އެކަލޭގެފާނުގެ އެއްވެސް ދަރިކަލަކުވެސް ނުވަތަ ދަރިކަނބަލަކުވެސް އެދުވަސް ފާހަގަ ކުރައްވާފައެއް ނުވެއެވެ. އެކަލޭގެފާނުގެ އެންމެ އަރިސް، އަދި އެކަލޭގެފާނަށްޓަކައި މުޅި ޖާނާއި މާލު ހޭދަކޮށްގެން ތިބި މަތިވެރި އަޞްޙާބު ބޭކަލުން އެކަލޭގެފާނުގެ ޢީދު މީލާދު ފާހަގަ ކުރައްވާފައެއްް ނުވެއެވެ. އަދި އޭގެފަހުން އައި އެންމެ ހެޔޮ ދެޤަރުނު ކަމުގައިވާ ތާބިޢީންނާއި އަތްބާޢުއް ތާބިޢީންގެ ޒަމާނުގައިވެސް އެކަމެއް ކޮށްފައެއް ނެތެވެ. އުއްމަތުގެ އެންމެ މަޝްހޫރު ހަތަރު އިމާމުން ވެސް (އިމާމް އަބޫ ޙަނީފާ، މާލިކް، ޝާފިޢީ އަދި އަޙުމަދު ބިން ޙަންބަލް، މިބޭކަލުންވެސް) އެދުވަސް ފާހަގަ ކުރައްވާފައެއް ނުވެއެވެ. އަދި ސަލަފުންގެ ޢިލްމުވެރިންވެސް މިކަން ކޮށްފައެއް ނެތެވެ.”

ތާރީޚީ ފޮތްތަކަށް ބަލާއިރު ކީރިތި ރަސޫލާ އުފަންވެ ވަޑައިގަތް ދުވަސް ކަމަށް އެކިއެކި ދުވަސްތައް ފެންނާން ހުރި ކަމަށް ޔާސިރު ގާޟީ ފާހަގަކުރައްވައެވެ. ކީރިތި ރަސޫލާގެ ވަނަވަރު ދިރާސާ ކުރި ކުރީގެ ބޭފުޅުންގެ ތެރެއިން އިބުނު އިސްހާގް (150ހ) ހާމަ ކުރައްވާ ގޮތުން ކީރިތި ރަސޫލާ އުފަންވެ ވަޑައިގަތީ އެތުގެ އަހަރުގެ ރަބީއުލް އައްވަލް މަހުގެ 12 ވީ ހޯމަ ދުވަހުއެވެ. ނަމަވެސް އިބުނު އިސްހާގާއި ކީރިތި ރަސޫލާ އާއި ދޭތެރޭ ގާތްގަޑަކަށް ދެގަރުނު ފާއިތުވެ ގޮސްފައިވުމާއި އިބުނު އިސްހާގު އެތާރީޚް ހާމަކުރެއްވި އިރު އޭގެ ރިފަރެންސެއް ނުވަތަ އިސްނަދެއް ހާމަ ކުރައްވާފައި ނުވާތީ އެހެނިހެން ހެކިތައް ހޯދުން މުހިންމެވެ.

ކީރިތި ރަސޫލާގެ އީދު މީލާދު ފާހަގަކުރުމުގައި އަޅުގަނޑުމެން ބަލަންވީ  ރަސޫލާގެ ސީރަތަށެވެ. ދިރާސާ ކުރަންވީ ރަސޫލާގެ ރިވެތި އަޚްލާގާއި ދީން ފެތުރުއްވުމަށް ދިމާވި ގޮންޖެހުންތަކާއެކުވެސް ސާބިތުވެ ހުންނަވައި މުޅި ދުނިޔެއިން ޖަހާލަތުގެ އަނދިރިކަން ފޮހެލެއްވި ގޮތެވެ.

ޝައްކެއްނެތެވެ. ކީރިތި ރަސޫލާގެ މި އީދު މީލާދުގައި ހިތްވަރު ލިބިގަތުން އެންމެ އައުލާކަން ބޮޑުވެގެންވަނީ އެ މާތް ޚުލްގު ފުޅުގައި ހުރި މަތިވެރި ސިފަފުޅުތަކެވެ. އެސިފަފުޅުތަކުގައި ހިފައިގެން ދުނިޔޭގެ ދިރިއުޅުން ނިންމާލުމުގެ އަޒުމް އާކުރުމަކީ މިއަދު ކުރެވޭނެ އެންމެ ހެޔޮކަން ބޮޑު އެއް އަމަލެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top