ކަރަންޓުބިލަށް ފިއުލްސާޗާޖް ނަގަން ފެށުމުން ކަރަންޓުގެ އަގު އަނެއްކާވެސް ބޮޑުވެއްޖެއެވެ.
މިއީ މިދިޔަ ފެބްރުއަރީމަހުން ފެށިގެން ކަރަންޓުބިލް ބޮޑުވެފައި ވަނިކޮށް ފިއުލްސާޗާޖް ކަރަންޓުބިލުގައި ހިމަނާ ފުރަތަމަ މަހެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނީ ކަރަންޓުބިލުގައި ސާޗާޖު ހިމަނަން ނިންމީ އެކުންފުންޏަށް ސެޕްޓެމްބަރ 19 ވަނަދުވަހުން ފެށިގެން ޑިސަލް ގަންނަން ލިބޭ އަގު ބޮޑުވެފައިވާތީ އެވެ. އެދުވަހުން ފެށިގެން ޑީސަލް ލިޓަރެއް ގަންނަން ލިބެނީ 8.12 ރ.އަށް ކަމަށް ފެނަކައިން ބުނެއެވެ.
ފެނަކަ ކޯޕަރޭޝަނަށް ޑީސަލް ގަންނަން ލިބޭ އަގު ލިޓަރެއް 8ރ. އަށް ވުރެ ބޮޑުވާ ނަމަ އިތުރުވާ ކޮންމެ 10 ލާރިއަކަށް ތިން ލާރި ފިއުލް ސާޗާޖުގެ ގޮތުގައި ނެގުމުގެ ހުއްދަ މޯލްޑިވްސް އެނާޖީ އޮތޯރިޓީން ދީފައިވެއެވެ.
މިދިޔަ ފެބްރުއަރީ މަހު އެނާޖީ އޮތޯރިޓީން ކަރަންޓްގެ އަގަށް ގެނައި ބަދަލާ ގުޅިގެން، މާލެ އާއި މާލެ ސަރަހައްދުގައި ކަރަންޓް ޔުނިޓަކަށް ނަގާ އަގަށް ވުރެ ފެނަކަ އިން ކަރަންޓް ދޭ ރަށްރަށުގައި ޔުނިޓަކަށް ނަގާ ރޭޓު ބޮޑެވެ.
ކަރަންޓް ބިލު ބޮޑުވާތީ އެ ޝަކުވާ ރައްޔިތުންގެ ފަރާތުން ލިބެމުންދާކަމަށް ވިދާޅުވެ ރޭޓްތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް މިއަހަރުގެ ކުރީކޮޅު ރައީސް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ކަރަންޓުގެ އަގަށް އޭގެ ފަހުންބަދަލެއް އައިސްފައިނުވާކަން ފާހަގަކުރެއެވެ.