ސަލީމްގެ ފުރިހަމަ ތާއީދު އަޝްރަފަށް

medium_98454.jpg

އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ބ. އަތޮޅު ކައުންސިލްގެ އޭދަފުށި ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާނެކަން މިރަށު ތަރިވިދިގޭ ޢަބްދުﷲ އަޝްރަފް ހާމަކުރެއްވުމާ ގުޅިގެން އެކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މަރުހަބާ ވިދާޅުވެއްޖެއެވެ.

އަތޮޅު ކައުންސިލްގެ އޭދަފުށީ ދާއިރާގެ ގޮނޑިއަށް އަޝްރަފް ވާދަކުރައްވަން ނިންމެވުމާ ގުޅިގެން އެކަމާ މެދު ދެކެވަޑައިގަންނަވާ ގޮތް ހާމަކުރައްވަމުން އޭދަފުށީ ވޮއިސް އަށް ސަލީމް ވިދާޅުވީ އަޝްރަފް އެގޮތަށް ނިންމެވިކަން އެނގިވަޑައިގަތުމުން ވަރަށް އުފާފުޅު ކުރެއްވި ކަމަށާއި އަޝްރަފްއަށް އޭނާ ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށެވެ.

އަޝްރަފް އާ ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ އަޝްރަފަކީ ކުރިއްސުރެވެސް އޭނާ ވަރަށް އިހްތިރާމްކުރައްވާ ބޭފުޅެއްކަމަށާއި، އަޝްރަފްއާ ދޭތެރޭ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ. ” އަބްދުﷲ އަޝްރަފް އަކީ އަޅުގަނޑު ކުރިއްސުރެވެސް ވަރަށް އިހްތިރާމް ކުރާ ބޭފުޅެއް. އަޝްރަފް ކަހަލަ ތައުލީމީ ޤާބިލް މީހަކު މިދާއިރާގެ ގޮނޑިއަކަށް ކުރިމަތިލުމަކީ ދާއިރާގެ ރައްޔިތުން އުފާކުރަންޖެހޭނެ ކަމެއް. އަޅުގަނޑަށް ޔަގީން އަޝްރަފް ތަފާތު ދައްކާނެކަން. އަނެއްކާ އަޝްރަފް އަކީ ވަރަށް އަހުލާގު ރަނގަޅު އަދި ވަރަށް ބިނާކުރަނިވި ޚިޔާލު އަބަދުވެސް ފާޅުކުރައްވާ ބޭފުޅެއް. އެހެންވީމަ އަޅުގަނޑަކަށް ހިޔެއް ނުވޭ އެއަށްވުރެ ވަކި ގާބިލް ބޭފުޅަކު މިދާއިރާއަށް ކުރިމަތިލާނެއެކޭ” ސަލީމް ވިދާޅުވިއެވެ.

ބ. އަތޮޅު ކައުންސިލްގެ އޭދަފުށީ ދާއިރާގެ ގޮނޑިއަށް ކުރިމަތިލާން ޢަބްދުﷲ އަޝްރަފް ނިންމެވިކަން ހާމަކުރައްވާފައިވަނީ މިދިޔަ އާދީއްތަ ދުވަހު ފޭސްބުކް ގައި އެނާ އާއްމުކުރެއްވި ޕޯސްޓެއްގައެވެ.

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ ގެ އެސިސްޓެންޓް ޑިރެކްޓަރެއްގެ މަގާމުގައި މިހާރު ހުންނެވި އަޝްރަފް ވަނީ 2001 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރާއި ހަމައަށް އޭރުގެ ބ. އަތޮޅު އޮފީހުގައިވެސް މަސައްކަތްކުރައްވާފައެވެ. އޭގެ ފަހުން ޖެންޑަރ މިނިސްޓްރީގެ ފަރާތުން އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކުގެ ތެރެއިން ހަތަރު ސެންޓަރެއްގައި މެނޭޖަރ އެއްގެ ގޮތުން މަސައްކަތްކުރައްވާފައެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީގައި ސައިކޮލޮޖީއިން ބެޗްލާސް ޑިގްރީ ހާސިލްކުރައްވާފައިވާ އަޝްރަފް މިހާތަނަށް ވަނީ އިޖްތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާއިން އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް އަތޮޅު ފެންވަރުގަޔާއި އަދި ގައުމީ ފެންވަރުގައިވެސް ކުރައްވާފައެވެ.

އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އަޝްރަފް ވާދަކުރައްވާނީ ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައެވެ. މި އިންތިޚާބު ބާއްވާގޮތަށް މިހާރު ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top