ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމު، އޭނާގެ ދާއިރާކަމުގައިވާ ބ.މާޅޮހުގެ ކަނޑުތޮށިލުމަށް ބޭނުންވާ ސިމެންތީގެ އެހީއެއް ވެދެއްވައިފިއެވެ. ސިމެންތީގެ މި އެހީ ސަލީމު ދެއްވާފައިވަނީ މާޅޮހު ކައުންސިލުގެ އެދިވަޑައިގަތުމަކަށް ކަމުގައި މާޅޮހުގެ ތަރައްގީގައި މުހިއްމު ރޯލެއް އަދާކުރައްވަމުން ގެންދަވާ ބޭފުޅަކު ނަން ޖެހުމަށް އުޒުރުވެރިވަމުން ވިދާޅުވިއެވެ.
” މާޅޮހު ކައުންސިލްގެ ފަރާތުން ސަލީމުގެ އަރިހުން އެދުނީ 100 ކޮތަަޅުގެ ސިމެންތިއަށް . އެހެން ނަމަވެސް އެއަދަދު އިތުރުކޮށް 150 ކޮތަޅު ސިމެންތި ސަލީމްވަނީ ދެއްވާފައި ” އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ސަލީމްގެ ފަރާތުން ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެއްވުމަށް އޭނާ މެދުވެރިވެގެން ކުރިންވެސް މަސައްކަތްތަކެއް ކޮށްފައިވާނޭ ކަމަށެވެ. އެގޮތުން އޭނާ ފާހަގަ ކުރެއްވި އެއް ކަމަކީ ރަށުގެ އެންމެންގެ އެންމެ ބޮޑު ޝަކުވާ އަކަށް ވެފައިވާ ނަރުދަމާގެ މަސައްކަތެވެ. މީގެ ދެއަހަރެއްހާ ދުވަސްކުރިން އެމަސައްކަތް ކުރުމަށް ބޭނުންވާ ތަކެތި ހޯދުމަށް އޭނާ އިސް ނަގައިގެން ސަލީމު އަރިހަށް ދިޔަ ކަމަށާ އެކަމުގައި ސަލީމު ހުންނެވީ ވަރަށް ޕޮޒިޓިވްކޮށް ކަމުގައެވެ.
” ސަލީމު ވިދާޅުވީ އެމަސައްކަތުގެ ޕްރޮޕޯސަލެއް ހުށަހެޅުމަށް. އެހެންނަމަވެސް ރަށުކައުންސިލްގައި އެވާހަކަ ދެންނެވުމުން ވިދާޅުވީ އެކަން ކުރާނެ އެހެންބަޔަކު ހޯދައިފި ކަމަށާ މާޅޮހުގައި ސިޓީ ހޮޓާ އަޅަން ހަވާލު ވެފައިވާ މީހުން ނަރުދަމާގެ މަސައްކަތް ކޮށްދޭގޮތަށް ހަމަ ޖެހިފައިވާކަމަށް. ”
އޭނާ ވިދާޅުވީ މިއީ އެންމެ ކަމެއްގެ ވާހަކަ ކަމުގައެވެ. މިނޫނަސް މުޅިރައްޔިތުންނާ ގުޅޭ ކަމަކު ސަލީމުގެ އަރިހަށް ހިނގައްޖެނަމަ ދުވަހަކުވެސް ނާކާމިޔާބާއެކު އެނބުރި އަންނަން ނުޖެހޭކަމުގައެވެ.
މިކަމާބެހޭ ގޮތުން މައުލޫމާތު ސާފުކޮށްލުމުން ސަލީމު ވިދާޅުވީ އޭނާގެ ދާއިރާގެ ކުރިއެރުމަށާ ތަރައްގީއަށް ރައްޔިތުން އެދުނު ކޮންމެ ކަމެއް ކުރެއްވުމަށް މަސައްކަތް ކުރައްވާފައި ވާނޭކަމުގައެވެ. އެއީ ސަރުކާރުގެ ތެރެއިންކަމަށް ވިޔަސް އެހެން ފަރާތެއް މެދުވެރިވެގެން ކުރަންޖެހޭ ކަމެއްކަމުގައި ވީނަމަވެސް ނުވަތަ އަމިއްލަ ގޮތުން ކޮށްދޭންޖެހޭ ކަމެއް ކަމުގައި ވިޔަސް އެކަން ކޮށްދިނުމަށް ކުރެވެންހުރި ހުރިހާ މަސައްކަތް ތަކެއްވެސްކޮށްދެއްވަމުން ގެންދަވާކަމުގައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މަޖިލީހުގެ އެތެރެއާއި ބޭރުގައިވެސް މަސައްކަތްކުރައްވަމުން ގެންދަވާނީ ރައްޔިތުންގެ ޚިޔާލާއި ވިސްނުމާއެކު ރައްޔިތުންނަށް ފައިދާހުރި ކަމްކަން ކޮށްދިނުމަށެވެ.
“އަޅުަގަނޑުގެ ދާއިރާގެ ރައްޔިތުން އަޅުގަނޑު އިންތިޚާބު ކޮށްފައި ވަނީ މިދެންނެވި މަސައްކަތް ކުރަންކަން އަޅުގަނޑު ހަނދާން ނައްތައެއް ނުލާނަން. ” ސަލީމު ވިދާޅުވިއެވެ.