
ހިތާދޫ ފަޅުން ބުރާސްފަތިދުވަހު ދާޖަހައިގެން ދޮންނޫމަސް ހިފާފައި. ބ. އަތޮޅުގެ ބައެއް ރަށްރަށުގެ ފަޅުފަޅަށް މަދުންނަމަވެސް މިފަދަ އައިންތައް ވަދޭ / ފޮޓޯ: ހިތާދޫ އޮންލައިން
ހިތާދޫ ފަޅުތެރަށް ދޮންނޫމަސް އައިންތަކެއް ވަނުމުން ބަޔަކު ދާޖަހައި ގިނައަދަދެއްގެ ދޮންނޫމަސް ހިފައިފިއެވެ.
ހިތާދޫ ބަނދަރުން ހުޅަނގު ދެކުނު ފަރާތު ފަޅުތެރަށް ދޮންނޫމަސް އައިންތައް ވަންނަތާ ތިން ދުވަސް ވެއްޖެކަމަށްހިތާދޫން އީވީއަށް މައުލޫމާތުދިން އެރަށު މީހަކު ބުންޏެވެ. އޭނާ ބުނީ މިއައިންތަކުގައި ދާޖަހައި މަސްހިފާފައިވަނީ ބުރާސްފަތިދުވަހުކަމަށާ، ގާތްގަޑަކަށް 250 ހެއްހާ މަސް އެދުވަހު ހިފާފައިވާ ކަމަށެވެ.
“ވަރަށްބޯކޮށް މަސްވަންނަތާ ދެތިން ހަތަރުދުވަހެއް ވެދާނެ. ދާޖަހައިގެން ނެގި ދުއިސައްތަ ތިންސަތޭކަމަސް. ދެން ގޭގެއަށް ބަހާލީ މަސްތައް. މިހާރުވެސް ކޮންމެވެސް ވަރަކަށް ފަޅުގާ އެބައޮތް ކަންނޭގެ” އެމީހާ އީވީއަށް ބުންޏެވެ.
ހިތާދޫ ފަޅުތެރެއަށް ދޮންނޫމަސް ގަނޑެއް ވަތްއިރު ބ. އަތޮޅުގެ ބައެއް ރަށްރަށުގެ ފަޅުފަޅަށްވެސް ވަރަށްމަދުން މިފަދަ މަސްއައިންތައް ވަދެއެވެ.