ކުކުޅުބިސް – އާދައިގެ އެއްޗެއްނޫން

121.jpg

ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމަށް ކުކުޅުބިސް ކެއުމަކީ ރަނގަޅު ކަމެކެވެ. ނަމަވެސް ބިސް ކެއުމާ ބެހޭގޮތުން ތުންތުންމަތިން ދެކެވެމުން އަންނަ ވާހަކައެއް އޮވެއެވެ. އެއީ ބިހުގެ ގޮބޮޅި ކެއުމަކީ ރަނގަޅުކަމެއް ނޫންކަމުގެ ވާހަކައެވެ. އެއީ ހަށިގަނޑުގައި ކޮލެސްޓްރޯލްގެ މިންވަރު މަތިކޮށް އެކަމުގެ ސަބަބުން ގެއްލުންތައް މެދުވެރިކުރުވާ އެއްޗެއްކަމަށް ވަރަށްގިނަ މީހުންނަށް އޮންނަނީ ހީވެފައެވެ. އެހެންކަމުން ބިހަކީ ހަށިގަނޑަށް ފައިދާ ލިއްބައިދެނިވި އެއްޗެއް ނޫންކަމަށް އެފަދަ ބައެއްމީހުން ބުނެއެވެ. ނަމަވެސް މިއީ ވަރަށްބޮޑު ކުށްހީއެއްކަން ފަހުގެ ހޯދުންތަކުންވަނީ އެނގިފައެވެ. ބިހާ ބެހޭގޮތުން ވަރަށްފަހުން ކުރި ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ޞިއްޙަތު ރަނގަޅު މީހުން ބިސް ކެއުމުގެ ސަބަބުން ސްޓްރޯކް ޖެހުމާއި، ހާޓް އެޓޭކް ޖެހުމަކީ ވާކަމެއް ނޫނެވެ. އެހެންކަމުން ބިހާމެދު ދެކެމުންއައިގޮތް ބަދަލުކޮށްލަންވީ ވަގުތު މިހާރު މިވަނީ އައިސްފައެވެ.

ތިޔައީ ބިސް ކެއުމާ އެހާ ދޯޅުނޫން މީހެއްނަމަ ބިސްކާން ފެށަންޖެހޭ ބައެއް ސަބަބުތައް މި ލިޔުމުގައި ހިމަނާލާނަމެވެ.

ބިހުން ހަށިގަނޑަށް ވިޓަމިންގެ ބާވަތްތައް ލިއްބައިދޭ

ޢާންމުކޮށް މި ބޭނުންކުރެވޭ ކުކުޅު ބިހެއްގައި އަހަރެމެންގެ ހަށިގަނޑަށް ބޭނުންވާ ވިޓަމިންގެ މުހިންމު މާއްދާތަކެއް އެކުލެވިފައިވެއެވެ.

1-      ވިޓަމިން ބީ-2 ނުވަތަ ރިބޯފްލޭވިން

މިއީ ކޮންމެ ދުވަހަކު އަހަރެމެން ކެއުމަށް ބޭނުންކުރާ ބާވަތްތައް ހަށިގަނޑަށް އެތެރެވުމަށްފަހު ހަކަތައަށް ބަދަލުކޮށްލުމަށް އެހީތެރިވޭ ވިޓަމިންގެ ބާވަތެކެވެ.

2-      ވިޓަމިން ބީ-12 ނުވަތަ ކޮބަލަމިން

މިއީ ހަށިގަނޑުގައި ރެޑް ބްލަޑް ސެލް އުފައްދައި އިތުރު ކުރުމަށް މުހިންމު ދައުރެއް އަދާކުރާ ވިޓަމިނެކެވެ.

3-      ވިޓަމިން އޭ ނުވަތަ ރެޓިނޯލް

މިއީ ލޮލުގެ ފެނުމަށް ފުރިހަމަކަން ގެނައުމަށާއި ލޮލުގެ ޞިއްޙަތަށް މުހިންމު މާއްދާއެކެވެ.

4-      ވިޓަމިން އީ ނުވަތަ ޓޮކޮފެރޯލް

މިއީ ހަށިގަނޑުގައި ހުންނަ ސެލްތަކާއި އެކިކަހަލަ ޓިޝޫތައް ހަލާކުކޮށްލުމަށް ހަމަލާދޭ ވިހަ މާއްދާތަކާ ހަނގުރާމަކޮށް ބަލުކުރުމަށް ކޮންމެހެން ބޭނުންވާ މާއްދާއެކެވެ. އެފަދަ ޓިޝޫތަކާއި ސެލްތައް ހަލާކުވެއްޖެނަމަ އެއީ ކެންސަރު ޖެހުމުގެ މަގުފަހިވެދާނެ ކަމެކެވެ. އެހެންކަމުން ބިހަކީ މީހާ ކެންސަރުން ސަލާމަތް ކޮށްދިނުމުގައިވެސް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ.

މީގެ އިތުރުން ބިހުގައި އެކުލެވޭ ވިޓަމުންގެ ބާވަތްތަކުގެ ތެރެއިން ވިޓަމުން ބީ-2 އާއި ވިޓަމިން އޭއަކީ ހަށިގަނޑުގައި ހުންނަ ސެލްތައް އިތުރުކޮށް ބޮޑުކޮށްދިނުމުގައި އެހީތެރިވާ މުހިންމު ވިޓަމުންތަކެވެ. އެހެންކަމުން އެއީ ކުޑަކުދިން ހެދިބޮޑުވުމުގައި އިސްދައުރެއް އަދާކުރާ މާއްދާތަކެކެވެ. ކުޑަކުދިންނަށް ޢާންމުކޮށް ބިސް ކާންދިނުމަކީ މި ސަބަބާހުރެ މުހިންމު ކަމެކެވެ.

އެކިއެކި ވިޓަމުންތަކުގެ އިތުރުން ބިހުން އަހަރެމެންގެ ހަށިގަނޑަށް މިނަރަލްސްގެ އެކިއެކި ބާވަތްތައްވެސް ފޯރުކޮށްދެއެވެ. ކުކުޅު ބިހަކީ އޭގައި ވަރަށް ގިނަ މިންވަރަކަށް ފޮސްފަރަސްއާއި، ޒިންކް އަދި ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެބައި އެކުލެވޭ އެއްޗެކެވެ. ކަންނެތްކަމާއި ވަރުބަލިކަން ފިލުވައިލާ ޙަރަކާތްތެރި މީހަކަށް ވުމަށް ދަގަނޑުގެބައި ވަރަށް މުހިންމުވާނެއެވެ. ބިހުގައި އެކުލެވޭ މިނަރަލްތަކުގެ ތެރޭގައި ހިމެނޭ ޒިންކްއަކީ ހަށިގަނޑުގެ ދިފާޢީ ނިޒާމު ރަނގަޅު ކުރުމަށް އެހީތެރިވާ މާއްދާއެކެވެ. އަދި އެއީ ކާނާގެ ގޮތުގައި ހަށިގަނޑަށް އެތެރެވާ ކާނާގެ ބާވަތްތައް ހަކަތައަށް ބަދަލުކޮށްލުމުގައި މުހިންމު ދައުރެއް އަދާކުރާ މިނަރަލެކެވެ. ފޮސްފަރަސްއަކީ ދަތްތަކާއި ކަށިތަކުގެ ދުޅަހެޔޮކަމަށް މުހިންމު މިނަރެލެކެވެ.

ކުކުޅު ބިހުގައި މަދުމިންވަރަކަށް ނަމަވެސް އަޔޮޑިން އެކުލެވެއެވެ. އަޔޮޑިންއަކީ ތައިރޮއިޑް ހޯމޯންސް އުފެއްދުމަށާއި، ކެންސަރުން ރައްކާތެރިކޮށްދޭ މާއްދާއެއް ކަމަށްވާ ސެލޭނިއަމް މަތީ މިންވަރަކަށް އެކުލެވޭ ބާވަތެކެވެ.

ކުކުޅު ބިހަކީ މިހާ ފައިދާބޮޑު އެއްޗަކަށްވާތީ، ކޮންމެހެންވެސް ދުވަހުގެ ކެއުމުގެ ތެރޭގައި ކުކުޅު ބިސް ހިމެނުމަކީ މުހިންމު ކަމެކެވެ. ޚާއްޞަކޮށް ހެދިބޮޑުވަމުން އަންނަ ޢުމުރުގެ ކުޑަކުދިންނަށާއި ޢުމުރުން ދުވަސްވީ މީހުންނަށް އެމީހުންގެ ހަށިގަނޑަށް ބޭނުންވާ ވިޓަމިންނާއި މިނަރަލްގެ މުހިންމު ބައިތައް ހަށިގަނޑަށް ފޯރުކޮށްދިނުމަށް ކުކުޅު ބިހަކީ މުހިންމު އެއްޗެއްކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top