އަންނަ ރޯދަމަހު ރައްޔިތުންނަށް މަސްދަޅު ބެހުމަށް ބަޖެޓްކުރި އަދަދު އިތުރުކަމަށް ބަޖެޓް ފޮތުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ބަޖެޓްގެ ހިސާބު އަދަދުތަކަށް ބަލާއިރު، މިއަހަރުގެ ރޯދަމަހު މަސްދަޅު ބެހުމަށް 86.8 މިލިއަން ރުފިޔާ ވަނީ ބަޖެޓްކޮށްފައެވެ. މިދިޔަ އަހަރުގެ ރޯދަމަހު މަސްދަޅުކޭހަށް 81 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. ބަޖެޓްފޮތަށް ބަލާއިރު، މިފަހަރު ރޯދައަށް މަސްދަޅުކޭސްބެހުމަށް 86.8 ރުފިޔާ ކަނޑައެޅިއިރު، 2028 ވަނަ އަހަރު މިއަދަދު 90.9 މިލިއަން ރުފިޔާ އަދި ޖެހިގެން އަންނަ އަހަރު 95.2 މިލިއަން ރުފިޔާ ޚަރަދުވާނޭކަމަށް ވަނީ އަންދާޒާކޮށްފައެވެ.
ސަރުކާރުން އާންމުކުރި މައުލޫމާތަށް ބަލާއިރު، މިދިޔަ ރޯދަމަހު 111,000 އަށް ވުރެ ގިނަ ގޭބިސީތަކަށް މަސްދަޅު ބެހިއެވެ. މީގެ ތެރޭގައި މާލެ ސަރަހައްދުގެ 40 ހާހަށްވުރެ ގިނަ ގޭބިސީތަކަށް މަސްދަޅު ދޫކުރިއިރު އަތޮޅޫތެރޭގެ 70 ހާހަށްވުރެ ގިނަ ގޭބިސީތަކަށް ވަނީ މަސްދަޅު ބަހާފައެވެ.
ނިމިގެންދިޔަ ރޯދަމަހަށް ހާއްސަކޮށް ސަރުކާރުން ހަދިޔާކުރި މަސްދަޅު ކޭސްތައް، ބަހަން ފެށީ ޖަނަވަރީ މަހުގެ 24 ގައެވެ. މަސްދަޅު ކޭސްތައް ދޫކޮށްފައިވަނީ މިފްކޯގެ އައުޓްލެޓްތަކުންނާއި މަސްދަޅޫކޭސް ބެހުމަށް ހާއްސަކުރި ތަންތަނުންނެވެ.





