ތަދު ކަނޑުވާ އިންޖެކްޝަނެއް ޖަހައިނުދިނުމުން ޑޮކްޓަރަށާއި ފުލުހުންނަށް މަރުގެ އިންޒާރުދީ ބިރުދެއްކި މީހެއްގެ މައްޗަށް ކުށް ސާބިތުވެ، އޭނާ އެއްލައްކައަށް ވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކުރުމަށް ޙުކުމްކޮށްފިއެވެ.
މިކަން ހިންގާފައިވަނީ އދ. އޮމަދޫ ޞިއްޙީ މަރުކަޒުގެ ޑޮކްޓަރަށް ދެއްކުމަށްފަހު އަޙްމަދު ނާފިޢު ނަމަކަށް ކިޔާ މީހެކެވެ.
އަޙްމަދު ނާފިޢުގެ މައްޗަށް، އެވަގުތު އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ދެ ދަޢުވާއެއް އުފުލި ނަމަވެސް، ޝަރީޢަތުގެ މަޖިލީހުގައި އޭނާ ވަނީ އެ ދެ ދަޢުވާއަށްވެސް އިންކާރުކޮށްފައެވެ. ނަމަވެސް ހުށަހެޅިފައިވާ ހެކި ޤަރީނާތަކުގެ އަލީގައި ދެ ދަޢުވާވެސް އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ވަނީ ސާބިތުވެފައެވެ.
ފުރަތަމަ ދަޢުވާއަކީ، މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުގެ ރޭ 20:30 އެހައިކަންހާއިރު، އދ. އޮމަދޫ ޞިއްޙީ މަރުކަޒުގައި މަސައްކަތްކުރައްވާ ޑޮކްޓަރު ސު ތިންޒާރ އަންގް އަށް ނާފިޢު ދައްކައި، ތަދު ކަނޑުވަން އިންޖެކްޝަން ޖަހައިދިނުމަށް އެދުމުން އިންޖެކްޝަންގެ ބަދަލުގައި ޑޮކްޓަރު ބޭސް ދިނުމުން، އެކަމާ ހިތްހަމަނުޖެހިގެން ޑޮކްޓަރު މަރާލާނެކަމަށް ބުނެ ބިރުދެއްކި މައްސަލައެވެ.
މި މައްސަލަ ސާބިތުވުމުން އޭނާގެ މައްޗަށް ކަނޑައެޅި 22 ދުވަހާއި 12 ގަޑިއިރުގެ ޖަލު ޙުކުމް ވަނީ 4,500 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްފައެވެ.
އަދި މި ފައިސާ 15 ސެޕްޓެންބަރު 2024 އިން ފެށިގެން 4 މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ވަނީ އަމުރުކޮށްފައެވެ.
ދެވަނަ ދަޢުވާއަކީ، 23 ޖޫން 2024 ދުވަހުގެ ރޭ 21:18 އެހައިކަންހާއިރު، އޮމަދޫ ޞިއްޙީ މަރުކަޒު ތެރޭގައި އޭނާ އަޑުގަދަކޮށް ހަޅޭއްލަވަމުން ދަނިކޮށް، އެގޮތަށް ޢަމަލުނުކުރުމަށް ފުލުހުން ނަޞޭޙަތްތެރިވުމުން، ފުލުހުންނާ ދިމާލަށް މަރާލާނެ ކަމަށާއި އެރަށު ޕޮލިސް ޕޯސްޓުގައި ރޯކޮށް ގެއްލުންދޭނެ ކަމަށް ބުނެ ބިރުދެއްކި މައްސަލައެވެ.
މި ކުށް ސާބިތުވެގެން އޭނާގެ މައްޗަށް އިއްވި 1 އަހަރާއި 6 މަހާއި 21 ދުވަހުގެ ޖަލު އަދަބު ވަނީ 112,200 (އެއްލައްކަ ބާރަ ހާސް ދުއިސައްތަ) ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްފައެވެ. މި ފައިސާ އެއް އަހަރު ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ޚަލާޞްކުރުމަށް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.
މި ދެ މައްސަލައިގައި އޭނާ ދައްކަންޖެހޭ ޖޫރިމަނާގެ ޖުމްލަ ޢަދަދު 116,700 (އެއްލައްކަ ސޯޅަ ހާސް ހަތްސަތޭކަ) ރުފިޔާއަށް އަރައެވެ.
މި ދެ ޤަޟިއްޔާ ބައްލަވައި ޙުކުމް ކުރެއްވީ އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އާމިނަތު ނިޔާޝާއެވެ.





