ބަލިބައްޔާއި ބަލިވުމާ ބެހޭގޮތުން ބައެއް މީހުން ބުނާ ބައެއް ވާހަކަ

ހިކލހކ.jpg

(ޑރ.އަބްދުލްޤަފޫރު ޢަބްދުއްރަޙީމް)

1 ބަލިވުމަކީ، ބައެއް ފަހަރު، ސިއްހަތު ރަނގަޅު ކަމުގެ ނިޝާނެކެވެ.

2 ބަލި މީހަކަށް ބޭސްދީ ފަރުވާކުރާށެވެ. ހިތާމަވެރި މީހަކަށް ފަރުވާކުރުމަށްޓަކައި ރީތި މިއުޒިކީ ރާގެއް އޭނައަށް އިއްވާށެވެ.

3  ބަލިބަލި، ބައެއް ފަހަރު، ޒިޔާރަތް ކުރަނީ ބާރު ދުވެލީގެ އަސް އަހުގެ ބުރިކަށި މަތީގަައެވެ. ނަމަވެސް، އެނބުރި ދަނީ ހިނގާފައެވެ.

4 ވަރަށް ގިނަ ފަހަރަށް، ކަލޭ އަޅާ ވޭނަކީ، ކަލޭގެ އަމިއްލަ ނަފްސުގެ ކިބައިގައިވާ ބޭސްވެރިޔާ، ކަލޭގެ ބައްޔަށް ފަރުވާކުރުމަށްޓަކައި ދޭ ވަރަށް ވެސް ހިތި ބޭހެކެވެ.

5 ދިރިއުޅުމަކީ ވެސް ބައްޔަކަށް ވެދެއެވެ. އެ ބައްޔަށް ފަރުވާ ލިބެނީ އަށެއްކަ ގަޑިއިރު ނިދައިގެންނެވެ.

6 ބައެއް ދުވަސް ދުވަހު، ކަލޭގެ ހިތުގެ ތެރޭގައި ކިޔާނޭ ލަވައެއް ނެތި ހިނގައިދާނެއެވެ. އެހެން ވިޔަސް، ކޮންމެ ވެސް ލަވައެއް ކިޔާށެވެ!

7 ރަނގަޅު ސިއްހަތެއްގެ އަގުވަޒަން ކުރެވެނީ ބަލިވުމުންނެވެ. އާދެ، ސިއްހަތަކީ ސިއްހަތު ސަލާމަތުން ހުންނަ މީހާގެ ބޮލުގައި އެޅިފައިވާ ތާޖެކެވެ. އެ ތާޖު ފެންނަނީ ހަމައެކަނި ބަލި މީހުންނަށެވެ.

8 ބައެއް ފަހަރު، ކަލޭގެ ފިކުރުތަކާއި ޚިޔާލުތައް ވެސް ކަލޭ ބަލިވުމުގެ ސަބަބަކަށް ވެދެއެވެ.

9 ހެޔޮ ބަސްތައް ބޭނުންކޮށްގެން ކުރާ ވައުދުތައް އަޑު އަހާ އަހާ އަހަރެން ބަލިކޮށްލައިފިއެވެ.

10 ބަލި ނުވެ، ފަރުވާއެއް ލިބުން ނޯވެއެވެ.

11  ބަލިވެދާނެތީ އަބަދު އުޅޭ ނަމަ، ކަލޭ ބަލިވާކަށް ލަހެއް ފަހެއް ނުވާނެއެވެ. ކަލޭގެ އަމިއްލަ ނަފްސުގެ ރީތިކަން ކަލޭ ގަބޫލުކުރާ ނަމަ، ކަލޭ ވާނީ ރީތި މީހަކަށެވެ.

12 ކޮންމެ ބަލި މީހެއް ވެސް، އޭނާއަށް ފަރުވާ ކުރާނޭ ބޭސްވެރިއަކު، އޭނާގެ ހަށިގަނޑު ތެރޭގައި ގެންގުޅެއެވެ.

13 އުއްމީދަށް ވުރެ ވަކިން ވަރުގަދަ ބޭހެއް ނުވެއެވެ. ހެޔޮ ގޮތެއް މާދަމާ ވާނޭ ކަމަށް އުއްމީދުކުރުން މަތީ ދެމިހުންނާށެވެ!

14 އަހަރުމެންގެ ޒަޚަމްތައް ފަސޭހަވެ ދިޔުމަށްޓަކަައި، އެ ޒަޚަމްތަކާ ކުރިމަތިލުމުގެ ހިއްވަރު ހޯދަން ޖެހެއެވެ.

15 ހީ، ހިނިތުންވެވޭނެ ނަމަ، ހީ، ހިނިތުންވާށެވެ. ހުނުމަކީ އެންމެ އަގު ހެޔޮ ބޭހެވެ.

16 ޒަޚަމްވެފައިވާ ކަލޭގެ ހިތާއި އެ ހިތް އަޅާ ވޭނާއި މި ކަންކަން، ކަލޭގެ ސާހިބުވަންތަ ރަސްކަލާނގެ ހަޟުރަތަށް ގެނެސް، އެވާހަކަތައް ބަޔާން ކުރާށެވެ. އެކަލާނގެ އަށް ފޮހެ ނުލެއްވޭނޭ އެއްވެސް ހިތާމައެއް ދުނިޔެ މައްޗަކު ނުވެއެވެ.

17 ބޭހުގެ ބޭނުމަކީ ބަލި މީހާ ހިތްހަމަޖައްސައި ދިނުމެވެ. ބަލީގެ ފަރުވާ، ގުދުރަތުން ދެމުންދާއިރުއެވެ.

18 އަމިއްލަ ހަށިގަނޑަށް ބަލައިގެން، ރައްކާތެރިވެ، އުޅޭށެވެ. މި ދުނިޔޭގައި ކަލޭ އުޅެން އޮތް ހަމައެކަނި ތަނަކީ އެއީ އެވެ.

19 އިންސާނާގެ ރޫހަށް، އޭނާގެ ބަލީގެ ފަރުވާއަކީ ކޮބައިކަން އެނގެއެވެ. ނަމަވެސް، މި ވާހަކަ ބުނެދޭން އުޅޭ އިރު، މިކަމަށް ހުރަސް އަޅާ އިންސާނާގެ ހިތުގެ އަޑު މަޑުކުރެވޭތޯ ބެލުމަކީ ވަރަށް ވެސް އުނދަގޫ ކަމެކެވެ.

20  އިންސާނާ އެކުލެވިގެން ވަނީ ޖިސްމާއި ރޫހުންނެވެ. ކާނާއަކީ އޭނާގެ ޖިސްމުގެ ޣިޛާއެވެ. އަދި، ނަމާދަކީ އޭނާގެ ރޫހުގެ ޣިޛާއެވެ. އެހެންވެ، ސިއްހަތު ސަލާމަތުން ބެހެއްޓުމަށްޓަކައި ރަނގަޅު ކާނާ އޭނާގެ ޖިސްމަށް ދޭން ޖެހޭ ފަދައިން، އޭނާގެ ރޫހު ރަނގަޅު ސިއްހަތެއްގައި ދެމެހެއްޓުމަށްޓަކައި، އެ ރޫހުގެ ޣިޛާ، ކާނާ، އެރޫހަށް ދޭން ޖެހެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top