ށ. ޅައިމަގަށް ނަގޫ ރޯޅިއެއް އަރައި އެރަށުގެ ބައެއް ގެތަކަށާއި ގުދަންތަކަށް ގެއްލުންވެފައިވާއިރު ވިއްސައިގެން ދިޔަ ޓިނުގަނޑަކުން ޖެހި މީހެއްގެ ބޯ ފަޅައިގެން ދިޔަ ކަމަށް ނެޝެނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރެޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފިއެވެ.
ޅައިމަގު ކައުންސިލްގެ ނައިބު ރައީސް އާދަމް އަޒުމް ވިދާޅުވިގޮތުގައި އެ ރަށަށް ނަގޫރޯޅިއަރާފައިވަނީ މިއަދު ހެނދުނު 7:30 ހާއިރުއެވެ.. ނަގޫރޯޅި އެރީ ރަށުގެ އުތުރު ފަރާތުން ކަމަށާއި ފައިބައިގެން ދިޔައީ ދެކުނު ފަރާތުންނެވެ.
މި ހާދިސާގައި ވިއްސައިގެން ދިޔަ ޓިނުގަނޑަކުން ޖެހި މީހެއްގެ ބޯ ފަޅައިގެން ގޮސް ފަރުވާދީފައިވާ ކަމަށާއި، ނަގޫރޯޅީގެ ސަބަބުން ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކައުންސިލުން ކުރަމުންދާ ކަމަށް އެންޑީއެމްއޭއިން ބުނެފައިވެއެވެ.
މެޓް އޮފީހުން މިއަދުގެ އިރު އޮއްސި 18:00 އަށް މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވަނީ ބުނެފައެވެ.
މެޓުން ވަނީ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭތީ، ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.





