އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މުގައްރިރުކަމަށް މިފަހަރުވެސް މަޖިލީހުގެ ނައިބު ރައީސް އޭދަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ސަލީމް، އައްޔަންކޮށްފިއެވެ.
މިކޮމެޓީގެ ނައިބު މުގައްރިރަކަށް އައްޔަން ކުރައްވާފައިވަނީ ފުވައްމުލަކު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަލީ ފަޒާދު އެވެ.
މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާ ސަލީމާއި، އިގްތިސޯދީ ކޮމިޓީގެ މުގައްރިރުކަން ކުރައްވާ ފަޒާދު އައްޔަންކުރަން ބަޖެޓު ކޮމިޓީން ނިންމީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
ދެ ބޭފުޅުންގެ ނަންތައް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު މަމްދޫޙް ޔޫނުސްއެވެ. ތާއީދުކުރެއްވީ ކެލާ ދާއިރާގެ ޕީއެންސީ މެންބަރު ޢަބްދުﷲ ޝަރީފެވެ.
މި އަހަރުގެ ބަޖެޓު ދިރާސާކުރަން މިދިޔަ އަހަރު އެކުލަވައިލި ކޮމިޓީގެ މުގައްރިރުކަން ވެސް ކުރެއްވީ ސަލީމެވެ. އަދި އެ ފަހަރު އެ ކޮމިޓީގެ ނައިބު މުގައްރިރަކީ ވެސް ފަޒާދެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލަ ކުރިއަށް ދާތީ ކޮމިޓީގެ ބައްދަލުވުން ވަނީ ނިންމައިލައިފައެވެ.





