ނޮވެންބަރު3ގެ އައްޑަނަ ފަސް ބޭފުޅަކަށް އަރުވައިފި

ae6bc983-287f-4e4c-8f83-6a0274a4d69f.jpg

ނޮވެންބަރު 3 ގެ ޝަރަފުގެ އައްޑަނަ ބޭފުޅަކަށް އެރުވުމަށްފަހު އޭނާގެ އާއިލާއާއި ރައީސް މުއިއްޒު ފޮޓޯއަކަށް ހުއްޓިގެން-- ރައީސް އޮފީސް

ދިވެހިރާއްޖޭގެ ފަޚުރުވެރި ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމީ ޖަލްސާގައި، ނޮވެންބަރު ތިނެއްގެ އައްޑަނަ ފަސް ބޭފުޅަކަށް އަރުވައިފިއެވެ.

ޖުމްހޫރީ މައިދާނުގައި އޮތް ނަސްރުގެ ދުވަހުގެ ޚާއްސަ ޖަލްސާގައި ނޮވެންބަރު ތިނެއްގެ ޝަރަފުގެ ޚާއްސަ އައްޑަނަ ދެއްވީ ނޮވެންބަރު ތިނެއްގެ އެ ބިރުވެރި ވަގުތު ސިފައިންގެއިން ހަނގުރާމާއިގެ މައިދާނަށް ނިކުންނެވި ފަސް ބޭފުޅުންނެވެ. މިއީ ސިފައިންގެ ރެކީ ޕެޓްރޯލްގެ ބޭފުޅުންނެވެ.

އެ ބޭފުޅުންނަށް މި ޝަރަފުވެރި އައްޑަނަ ހަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ރޭގެ ޖަލްސާގައި ނޮވެންބަރު 3 ގެ އައްޑަނަ ޙަވާލުކުރެވުނީ، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ދިން ޢުދުވާނީ ހަމަލާގެ ވަގުތުގައި، ގައުމުގެ ދިފާޢުގައި ނުރައްކާތެރި ހާލަތުގައި ރެކީ ޕެޓްރޯލަށް ނިކުންނެވި ބޭފުޅުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވި 5 ބޭފުޅުންނަށެވެ. އެ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، ސާޖެންޓް ފަސްޓްކްލާސް (ރިޓަޔާޑް) އިބްރާހީމް ޝަރީފް، ސްޓާފް ސަރޖެންޓް (ރިޓަޔަރޑް) ޙުސައިން ޢަލީ، ސާޖެންޓް (ރިޓަޔާޑް) ޙުސައިން މަނިކު، ކޯޕްރަލް (ރިޓަޔަރޑް) ޢަބްދުﷲ ނަސީމް، ލާންސް ކޯޕްރަލް (ރިޓަޔަރޑް) ޢަބްދުﷲ މުފީދު އެވެ.

ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާ ކުރިމަތިވި ދުވަހު ސިފައިންގޭގައި ތިއްބަވާ ހަނގުރާމައިގެ މައިދާނަށް ނިކުންނެވީ ނުވަ ބޭފުޅެކެވެ. އޭގެ ތެރެއިން ތިން ބޭފުޅަކު ޝަހީދުވި އެވެ. ރެކީ ޕެޓްރޯލްގެ ކޮމާންޑަރަކަށް ހުންނެވި ކުރީގެ ޑިފެންސް މިނިސްޓަރު އަދި ކުރީގެ ޗީފް އޮފް ޑިފެންސް ރިޓަޔާޑް މޫސާ އަލީ ޖަލީލެވެ.

މި ޖަލްސާގައި، 1988 ނޮވެންބަރު 3 ގެ ހާދިސާ ސިފަކޮށްދޭ ޚާއްޞަ ތަމްސީލެއް “ލޭގެ ޖިހާދު” ގެ ނަމުގައި ދިވެހި ސިފައިން ވަނީ ހުށަހަޅައިދީފައެވެ. މީގެ އިތުރުން، މި ޖަލްސާގައި ދިވެހި ސިފައިންގެ ޤައުމީ ލަވަ އަލްބަމް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ނެރެދެއްވާފައެވެ. އަދި ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

މި ޝަރަފުވެރި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނާއި، ދައުލަތުގެ ވަޒީރުންނާއި، ސަރުކާރުގެ އިސްވެރިންގެ އިތުރުން ޢިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top