ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާގައި، ގާތްތިމާގެކަމުގެ ގުޅުން ނުވަތަ ރަޙިމުގެ ގުޅުން ކަނޑައިލުމަކީ މާތްﷲގެ ރަހުމަތުން މަހުރޫމް ވާނެ ކަމެއް ކަމަށާއި ނުރައްކާތެރި، ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން ހަނދާންކޮށްދީ، އެފަދަ މީހަކު ސުވަރުގެއަކަށް ނުވަންނާނެ ކަމަށް ބުނެފިއެވެ.
”ޢާއިލީގުޅުން ހަރުދަނާކުރުމުގެ މުހިންމުކަން“ މި މައުޟޫޢަށް ޚާއްޞަކޮށްފައިވާ މި ޚުޠުބާގައި ޢާއިލީ ގުޅުންތައް ދެމެހެއްޓުމާއި، ކުދިން ހެޔޮ ގޮތުގައި ތަރުބިޔަތު ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައިފައިވެއެވެ.
ޚުޠުބާގައި ބުނިގޮތުގައި އިންސާނީ މުޖުތަމަޢެއް އުފެދެނީ ޢާއިލާތަކަކުން ކަމަށްވާތީ، ހަރުދަނާ މުޖުތަމަޢެއް ބިނާކުރެވޭނީ ޢާއިލާތައް ވެސް ހަރުދަނާކުރެވިގެންނެވެ. މިއަދު މުޖުތަމަޢުގެ އަފުރާދުންގެ އަޚުލާޤީ ފެންވަރު ދުވަހުން ދުވަހަށް ދަށްވުމާއި، ޢާއިލާގެ ތެރޭގައި އޮންނަންޖެހޭ ގުޅުންތައް ނެތި ޢާއިލާތައް ރޫޅި ވިއްސިވިހާލިވުމަކީ އެންމެންގެ ވެސް ޝަކުވާއެއްކަން ފާހަގަކުރަމުން، މުޖުތަމަޢުގެ އަޚުލާޤީ ފެންވަރު ދަށްވާން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ ބޮޑުވަމުން އަންނަ ދަރިން ތަރުބިޔަތުކުރެވޭ ގޮތާއި އެ ދަރިންނަށް ދެވޭ ތަޢުލީމު ކަމުގައި ބަޔާންކުރިއެވެ.
ކުދިންގެ ތަރުބިޔަތާ ގުޅޭގޮތުން ހުތުބާގައި ބަޔާންކުރެއްވީ، ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އުފަންވަނީ އިސްލާމްދީނުގެ ތަބީއީ ފިތުރަތުގެ މަތީގައި ކަމަށެވެ. ނަމަވެސް އެކުއްޖާގެ ވިސްނުމާއި އަމަލުތައް ބައްޓަންވަނީ އެކުއްޖާއަށް ލިބޭ ތަރުބިޔަތާއި ބޮޑުވާ މާހައުލެއްގެ ސަބަބުންނެވެ. މިކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ކީރިތި ރަސޫލާ ﷺ ހަދީޘްކުރައްވާފައިވާ ބަސްފުޅެއް ގެންނެވިއެވެ. މާނައީ: “ކޮންމެ ކުއްޖަކުވެސް އުފަންވަނީ ފިތުރަތުގެ ސާފުކަންމަތީގައެވެ. ފަހެ، އެކުއްޖާ ޔަހޫދީއަކަށް، ނުވަތަ ނަސާރާއަކަށް، ނުވަތަ މަޖޫސީއަކަށް ހަދަނީ އެކުއްޖާގެ މައިންބަފައިންނެވެ.”
އެހެންކަމުން މައިންބަފައިންނާއި ބެލެނިވެރިން ކުދިން ބޮޑެތިކުރުމުގައި ދީނީ ތައުލީމު ދިނުމުގެ އިތުރުން، ގާތްތިމާގެ މީހުންނަކީ ކޮބައިކަން ބުނެދީ، އެމީހުންނަށް އިހްތިރާމްކުރުމަށާއި ރަހިމުގެ ގުޅުން ދެމެހެއްޓުމަށް އަހުލުވެރިކުރުވަން ޖެހޭނެކަން ހުތުބާގައި ހަނދާންކޮށްދެއްވިއެވެ.
އިސްލާމްދީނުގައި ދަމަހައްޓަން އަންގަވާފައިވާ ޢާއިލީ ގުޅުންތަކުގެ ތެރެއިން އެންމެ މުހިންމު ގުޅުމަކީ ރަޙިމުގެ ގުޅުންކަން ފާހަގަކޮށް ޚުޠުބާގައި ބުނީ، އެ ގުޅުމަށް ނަންދެއްވާފައިވަނީ ﷲ ތަޢާލާގެ އިސްމުފުޅު “އައްރަޙްމާން” އާ ގުޅުވައިގެން ކަމަށެވެ. ޤުދުސިއްޔަ ޙަދީޘްތަކުން އެނގޭ ގޮތުގައި، ރަޙިމުގެ ގުޅުން ނުކަނޑައި ދަމަހައްޓައިފި މީހަކާ ﷲ ގުޅުން ޤާއިމުކުރައްވާނެ ކަމަށާއި، އެ ގުޅުން ކަނޑައިފި މީހަކާ އެކަލާނގެ ގުޅުން ކަނޑުއްވައި ވަކިކޮށްލައްވާނެ ކަމަށް ވެސް ބަޔާންކުރިއެވެ.





