ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ، ބީއެމްއެލްމެދުވެރިކޮށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ ގޮތް ހަދަނީ

f6242ab1-ed54-4588-af9f-b35d47e8a874.jpg

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް (އެމްއެސްއެމްއީ) ބޮޑެތި ލުއިތަކެއް ހޯއްދަވައިދެއްވުމުގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް އެމެރިކާ ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމާއި، ބައިނަލްއަޤްވާމީ ސަބްސްކްރިޕްޝަންތަކަށް ފައިސާ ދެއްކޭނެ މަގު އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަހިކޮށްދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން އިއުލާން ކުރެއްވީ “މޯލްޑިވްސް އެކްސްޕޯ 2026” ގެ އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ބައިނަލްއަޤްވާމީ ބާޒާރުގައި ވިޔަފާރިކުރާ ދިވެހި އުފެއްދުންތެރިންނަށް ބީއެމްއެލްގެ ގޭޓްވޭ މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ހިސާބަކުން ވެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖެހުމަކީ އެ ވިޔަފާރިތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުން، އެގޮތަށް ލިބޭ ޑޮލަރު އެއްވެސް ހުރަހެއްނެތި ކާޑު މެދުވެރިކޮށާއި ރެމިޓެންސްގެ ޒަރީޢާއިން ރާއްޖެއިން ބޭރުން މުދަލާއި ޚިދުމަތް ހޯދުމަށް ބޭނުންކުރެވޭނެ މަގުވެސް ތަނަވަސްވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެއާއެކު، ވިޔަފާރިތަކުން ބޭނުންކުރާ ޒަމާނީ އެކި ޚިދުމަތްތަކަށް ދައްކަންޖެހޭ ސަބްސްކްރިޕްޝަން ފީތައް ވެސް ދަތިކަމެއް ނެތި ދެއްކޭނެ އިންތިޒާމު އެ ތާރީޚުން ފެށިގެން ހަމަޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިއީ އެމްއެސްއެމްއީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވައި، ވިޔަފާރިތަކުގެ އާމްދަނީ އިތުރުކޮށް ކުރިއެރުވުމަށްޓަކައި ސަރުކާރުން ނިންމެވި ނުހަނު މުހިންމު ނިންމެވުމެއް ކަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top