އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހަދާ ނަކަލީ އަޑާއި ވީޑިއޯ މެދުވެރިކޮށް ކުރާ މަކަރާއި ހީލަތްތަކުން ރައްކާތެރިވުމަށް ދިވެހި ފުލުހުން މިއަދު އާންމުންނަށް އިލްތިމާސްކޮށްފިއެވެ.
އެކްސްގައި ފުލުހުން ކުރި ޕޯސްޓެއްގައި ފާހަގަކޮށްފައިވަނީ، އިތުބާރުކުރާ މީހެއްގެ މޫނު ފެނި، އަޑު އިވުނަސް، އެއީ ކޮންމެހެން އެ މީހާކަމަށް ނުވެދާނެ ކަމަށެވެ.
ފުލުހުންގެ ޕޯސްޓުގައި ބުނެފައިވާ ގޮތުގައި، ކުށްވެރިން މިހާރު ބޭނުންކުރަނީ އޭއައިގެ އެހީގައި ތައްޔާރުކުރާ ޑީޕްފޭކް ޓެކްނޮލޮޖީއެވެ. އެ ޓެކްނޮލޮޖީ މެދުވެރިކޮށް ހަދާ ފޭކު އަޑާއި ވީޑިއޯ ބޭނުންކޮށްގެން، މީހުން ދަންނަ ފަރާތްތަކުގެ ސިފައިގައި ހުރެ ކުށްވެރިން އެކި މީހުންނާ ވާހަކަ ދައްކާ ކަމަށް ފުލުހުން ބުނެއެވެ.
ޑީޕްފޭކް ޓެކްނޮލޮޖީގެ ސަބަބުން، މަކަރާއި ހީލަތްތައް ދެނެގަތުން އިތުރަށް އުނދަގޫވަމުންދާ ކަމަށް ވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ.
އެހެންވެ އަބަދުވެސް ސަމާލުވެ ތިބުމަށާއި، އަވަސް އަރުވާލައިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ފުލުހުން އެދިފައިވެއެވެ. ޝައްކު އުފެދޭ ފަދަ އެދުމެއް ލިބިއްޖެނަމަ، މައުލޫމާތު ހިއްސާކުރުމުގެ ނުވަތަ ފައިސާ ޓްރާންސްފަރ ކުރުމުގެ ކުރިން، އިތުބާރުކުރެވޭ ގޮތްގޮތުން އެ އެދުމުގެ ހަގީގަތް ކަށަވަރުކުރުމަށް ވެސް ފުލުހުން ނަސޭހަތްތެރިވެފައިވެއެވެ.
އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި އަކީ ކޮމްޕިއުޓަރު ސައިންސުގެ ގޮތްޕެއްގެ ގޮތުގައި ބެލެވޭ، އާންމުގޮތެއްގައި އިންސާނީ ބުއްދި ބޭނުންކޮށްގެން ކުރަންޖެހޭ ކަންކަން އަމިއްލައަށް ކުރުމުގެ ގާބިލުކަން ލިބިފައިވާ މެޝިން ނުވަތަ ސޮފްޓްވެއަރ އެކެވެ.
މީގެ ތެރޭގައި ލިބޭ މައުލޫމާތުން ކަންކަން ދަސްކުރުމާއި، ބުއްދީގެ ބޭނުންކޮށްގެން މައްސަލަތައް ހައްލުކުރުމާއި، ބަހާއި މުއާމަލާތްތައް ދެނެގަތުމާއި، ތަފާތު ނަމޫނާތައް ވަކިކުރުމުގެ އިތުރުން މުހިންމު ނިންމުންތައް ނިންމުން ހިމެނެއެވެ.
އެގޮތުން، އޭއައިގެ ބޭނުން އިތުރުވަމުންދާއިރު ގިނަ ބަޔަކު ދަނީ މި ޓެކްނޮލޮޖީގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރަމުންނެވެ.





