އޮސްޓްރޭލިއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން (އަމްފާ) އާއި ‘ދަ ރީޑިންގ ރޫމް’ ގުޅިގެން، ބައިނަލްއަޤްވާމީ ލިޔަންކިޔަން ދަތުމުގެ ދުވަހާއި ބައިނަލްއަޤްވާމީ ގާރލް ޗައިލްޑް ދުވަސް ފާހަގަކުރުމުގެގޮތުން، ކ. ގުރައިދޫ ސްކޫލުގައި ޚާއްޞަ ޙަރަކާތްތަކެއް ހިންގައިފިއެވެ.
ގުރައިދޫ ސްކޫލުގައި މިއަދުގެ މެންދުރުކުރި ދަންފަޅީގައި ކުރިއަށް ގެންދިޔަ މި ހަރަކާތްތަކަށް އެ ސްކޫލުގެ ފަރާތުން ބޮޑު ތަރުހީބެއްވަނީ ލިބިފައެވެ.
ގުރައިދޫ ސްކޫލަކީ ގްރޭޑް އެކަކުން 10 އަކާއި ހަމައަށް ތަޢުލީމު ފޯރުކޮށްދޭ ސްކޫލެކެވެ.
ޖުމްލަ 248 ދަރިވަރުން ކިޔަވަމުންދާ ގުރައިދޫ ސްކޫލުގައި ބޭއްވި މި ހަރަކާތުގައި ގްރޭޑް ތިނަކާއި އާއި ގުރޭޑް ނުވައަކާ ދެމެދުގެ ހުރިހާ ދަރިވަރުން ބައިވެރިވިއެވެ.
މިއަދު ބޭއްވުނު ހަރަކާތްތަކުގެ ތެރެއިން ބައިނަލްއަޤްވާމީ ގާރލް ޗައިލްޑް ދުވަސް ފާހަގަ ކުރުމުގެ ހަރަކާތް ޝަރަފުވެރި ކޮށްދެއްވީ ރާއްޖޭގައި ހުންނަ އޮސްޓްރޭލިއާގެ ހައިކޮމިޝަނުގެ ސެކަންޑް ސެކްރެޓަރީ ސާޝާ މެކްގިލަންއެވެ.
ސާޝާ މެކްގިލަންގެ ވާހަކަފުޅުގައި، ބައިނަލްއަޤްވާމީ ގާރލް ޗައިލްޑް ދުވަސް ފާހަގަކުރަން އދ އަށް ނިންމި ސަބަބުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި އަންހެން ކުދިންގެ ޙައްޤުތަކުގެ މައްޗަށް ފުޅާދާއިރާއެއްގައި ވާހަކަފުޅުދެއްކެވިއެވެ. މީގެއިތުރުން، އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑް (DFAT) ގައި ސާޝާ މެކްގިލަން އަދާކުރައްވަމުން ގެންދަވާ ޑިޕްލޮމެޓިކް ކެރިއަރާއި އެ ދާއިރާގެ ތަޖުރިބާތައް ދަރިވަރުންނާއި ހިއްސާ ކުރެއްވިއެވެ.
ބައިނަލްއަޤްވާމީ ލިޔަންކިޔަން ދަތުމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ‘ދަ ރީޑިންގ ރޫމް’ އިންވަނީ ފޮތްކިޔުމުގެ ޝައުގުވެރިކަން އާލާކުރުމުގެ މަގުސަދުގައި ދަރިވަރުން ބައިވެރިކޮށްގެން ވާހަކަ ކިޔުމުގެ ސެޝަންތަކެއް ކުރިޔަށް ގެންގޮސްފައެވެ.
މި ސެޝަންތައް އަމާޒު ކުރެވުނީ ގުރޭޑް ތިނަކުން ފެށިގެން ގުރޭޑް ހަތެއްގެ ދަރިވަރުންނަށެވެ.
އަމްފާއިން މަޢުލޫމާތު ދިންގޮތުގައި ގުރައިދޫ ސްކޫލުގައި ހިންގުނު ހަރަކާތްތަކުގެ ސަބަބުން ދަރިވަރުންގެ މައުލޫމާތު މުއްސަނދިވެ، އެކުދިންގެ ހޭލުންތެރިކަން ވަރަށްބޮޑަށް އިތުރުވެގެން ދާނެއެވެ. އަދި މިއަދުގެ ހަރަކާތްތަކަކީ ވަރަށް ކާމިޔާބު ހަރަކާތްތަކަކަށް ވެގެން ދިޔަކަމަށްވެސް އެފަރާތުން މައުލޫމާތު ދެއްވި އެވެ.







