މިވަގުތު ދިވެހިރާއްޖޭގައި ހިމަބިހި (މީސަލްސް) ޖެހިފައިވާ އެއްވެސް މީހަކު ނެތް ކަމަށާއި، ބަލީގެ ހާލަތު މިހާރު މުޅިން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ސިއްހަތާ ބެހޭ ވަޒީރު ގީލާ ޢަލީ ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުން ފޮނުވި ”އަހާށޭ ބުނާނަން“ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު ގީލާ ފާހަގަކުރެއްވި ގޮތުގައި، ހިމަބިއްސަކީ މީގެ ކުރިން ރާއްޖެއިން ކާމިޔާބުކަމާއެކު ނައްތާލެވިފައިވާ ބައްޔެއް ނަމަވެސް، ރާއްޖެއިން ބޭރަށް ކުރެވޭ ދަތުރުފަތުރުގެ ތެރެއިން ދޭތެރެދޭތެރެއިން މި ބަލީގެ ކޭސްތައް ފެންނަމުންދެއެވެ.
އެގޮތުން މިއަހަރުގެ މެއި މަހުން ފެށިގެން މިހާތަނަށް 282 މީހަކަށް ހިމަބިހި ޖެހިގެން ރިޕޯޓުކޮށްފައިވީ ނަމަވެސް، މިހާރު ބަލިޖެހިފައިވާ އެއްވެސް މީހަކު ސޮސައިޓީގެ ތެރޭގައި ނެތް ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ގީލާ ވިދާޅުވީ އެ ބަލި ރާއްޖެ އެތެރެވީ ބޭރު ގައުމުތަކަށް ޒިޔާރަތް ކޮށްފައި އައިސްފައިވާ މީހުންނާއި ރާއްޖެއަށް އައިސްފައިވާ ބޭރުގެ މީހުންގެ ފަރާތުން ކަމަށެވެ. ނަމަވެސް، މިހާތަނަށް 16،000 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ޖަހައިފައިވާއިރު، އޭގެ ސަބަބުން ބަލި އަލަށް ފެންނަ މިންވަރު މަދުކުރެވިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
“އަޅުގަނޑު އުއްމީދު ކުރަނީ މި ބަލި މި ދާ ގޮތަށް ގޮސް ނިމުމަކަށް، އިތުރު ބަލި މީހަކު ނުފެނި ބަލި ކޮންޓްރޯލް ކުރެވިގެންދާނެ ކަމަށް، މި ބަލި ކޮންޓްރޯލް ކުރުމުން ރާއްޖެއަށް ލިބިފައި އޮތް ކާމިޔާބީއަށް އެއްވެސް ބަދަލެއް ނާންނާނެ،” އޭނާ ވިދާޅުވިއެވެ.
”އެ ކާމިޔާބީ އެ ގޮތަށް ދެމެހެއްޓި އަޅުގަނޑުމެންނަނީ މީސަލްސް ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ޑަބްލިޔުއެޗްއޯއިން ފާހަގަކޮށްފައިވާ ފާހަގަކުރުން ހަމަ އެގޮތަށް ދެމިއޮންނާނެ.”
އެޗްޕީއޭއިން އެންމެ ފަހުން ހިމަބިހީގެ ތަފާސްހިސާބުން އާންމުކޮށްފައިވަނީ މި މަހުގެ 15ގައެވެ. އެ ތަފާސްހިސާބުގައިވާ ގޮތުން، މި މަހުގެ ދެވަނަ ހަފުތާގެ ތެރޭގައި ބަލި ޖެހުނީ އެންމެ ފަސް މީހުންނަށެވެ.
ގައިންގަޔަށް ފަސޭހައިން އަރާ ބައްޔެއް ކަމަށްވާ ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ މީހުންނަށް، ކަނޑައެޅިފައިވާ ވެކްސިން ދޭ މަރުކަޒުތަކަށް ޒިޔާރަތްކޮށް ވެކްސިން ފުރިހަމަ ކޮށްދޭނެ ކަމަށް އެޗްޕީއޭއިން މީގެ ކުރިން ވަނީ ބުނެފައެވެ.
ސިއްހީ މާހިރުން އިރުޝާދު ދެއްވާ ގޮތުގައި، ހުން އައުމާ އެކު ހަށިގަނޑުން ރަތް ބިހިތަކެއް ފެންނަން ފަށައިފި ނަމަ، ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަކީ ވަރަށް މުހިއްމު ކަމެކެވެ. ބަލީގެ އަލާމާތްތަކަށް ސަމާލުވުމަކީ ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށް އެޅޭނެ މުހިއްމު ފިޔަވަޅެކެވެ.
ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން 2017 ވަނަ އަހަރު ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ރަސްމީކޮށް ކަނޑައަޅާފައިވާއިރު، ރާއްޖެއަކީ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުން އެންމެ ފުރަތަމަ މި ބަލި ނައްތާލި ދެ ގައުމުގެ ތެރެއިން އެއް ގައުމެވެ.
ރާއްޖޭގައި ގައުމީ ފެންވަރުގައި ކުޑަކުދިންނަށް ހިމަބިހީގެ ވެކްސިން ދޭން ފަށާފައިވަނީ 1983 ވަނަ އަހަރުއެވެ.




