ސްކޫލް ދަރިވަރުންނާއި 18 އަހަރުން ދަށުގެ ކުޑަކުދިންގެ އަޚުލާޤު ހަރުދަނާކޮށް، އެކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ރ. ވާދޫ ކައުންސިލާއި ހއ. ބާރަށު ކައުންސިލުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ނިންމައި އެކަން އިއުލާނުކޮށްފިއެވެ.
ދެ ރަށުގެ ކައުންސިލުންވެސް މި ނިންމުން ނިންމާފައިވަނީ ދަރިވަރުންނާއި ކުޑަކުދިންގެ ފަރާތުން މުޖުތަމައުގެ އަޚުލާޤީ މިންގަނޑުތަކާ ޚިލާފު ނޭދެވޭ ކަންތައްތަކެއް ފާހަގަކުރެވެމުންނެވެ.
ހއ. ބާރަށު ކައުންސިލުން ނެރުނު އިޢުލާނެއްގައި ބަޔާންކޮށްފައިވަނީ، 2024 ސެޕްޓެމްބަރ 26 ވީ ބުރާސްފަތި ދުވަހުން ފެށިގެން ދުރާލާ އެއްވެސް ބޭނުމެއްނެތި، ބެލެނިވެރިއެއް ނުވަތަ ބަލަދުވެރިއަކާ ނުލައި ރޭގަނޑު 9:00 ގެ ފަހުން 18 އަހަރުން ދަށުގެ ކުދިންނާއި ސްކޫލް ދަރިވަރުން ރަށުތެރޭގައި އުޅުމަކީ މަނާކަމެއް ކަމަށެވެ. އެ ކައުންސިލުން ފާހަގަކުރި ގޮތުގައި، އުމުރުން 18 އަހަރުން ދަށުގެ ކުދިން ގޮނޑުދޮށްތަކާއި، ފިނިމައިޒާންތަކާއި، ހޮޅުއަށިތަކުގެ އިތުރުން މީހުންނާ އެކަހެރި ސަރަހައްދުތަކުގައި ވަރަށް ދަންވަންދެން ނޭދެވޭ ގޮތުގައި ހަރަކާތްތެރިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ބާރަށު ކައުންސިލުން އިތުރަށް ބުނީ، އަންނަން އޮތް ޖީލުތައް ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް، ކުޑަކުދިންގެ ޖިސްމާނީ، ނަފުސާނީ، ރޫޙާނީ، ފިކުރީ އަދި އިޖުތިމާއީ ދުޅަހެޔޮކަން ރައްކާތެރިކުރުމަކީ އެންމެންގެވެސް ފަރުދީ ޒިންމާއެއް ކަމަށެވެ. އެހެންކަމުން ރަށުގެ މަދަނީ ޖަމިއްޔާތަކާއި، ސްކޫލާއި، ކުޅިވަރު އެކެޑަމީތަކުންވެސް މިކަމަށް ސަމާލުކަންދީ، އިޖުތިމާޢީ ގޮތުން ކުރިމަތިވެދާނެ އަޚުލާޤީ މައްސަލަތަކުން ކުދިން ސަލާމަތްކުރުމަށް އެއްބާރުލުން ދިނުމަށް އެ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން ރ. ވާދޫ ކައުންސިލުންވެސް ވަނީ ދަރިވަރުންގެ ސުލޫކާއި އަޚުލާޤު ހިފެހެއްޓުމަށްޓަކައި ހަރުކަށި އުސޫލުތަކަކަށް އަމަލުކުރަން އަންގާފައެވެ. އެގޮތުން ބެލެނިވެރިޔަކާ ނުލައި ރޭގަނޑު 9:00 ގެ ފަހުން ބޭރުގައި ނޫޅުމަށާއި، އިރުއޮއްސުމަށްފަހު މައިޒާންތަކާއި، ޕާކުތައް އަދި އިޖުތިމާއީ ބީޗުތައް ބޭނުން ނުކުރުމަށް އަންގާފައިވެއެވެ. އަދި އިރުއޮއްސުމަށްފަހު ކުޅިވަރު ކުޅޭ ތަންތަން ބޭނުން ނުކުރުމަށާއި، ނަމާދު ވަގުތުތަކުގައި ކުޅިވަރުގެ ހަރަކާތްތައް ނުހިންގުމުގެ އިތުރުން، ބެލެނިވެރިއަކާ ނުލައި ކަނޑުތޮއްޓަށް އެރުމާއި ރަށުން ބޭރަށް ދަތުރުކުރުންވެސް ވާދޫ ކައުންސިލުން ވަނީ މަނާކޮށްފައެވެ.
ވާދޫ ކައުންސިލުން އިތުރަށް ކަނޑައެޅި އުސޫލުތަކުގެ ތެރޭގައި، ކުދިންގެ އުމުރާ ނުގުޅޭ އެއްވެސް ބުރަ މަސައްކަތެއް ނުކުރުވުމާއި، ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުންފަތް ގަނެވިއްކުމުގެ މއާމަލާތްތަކުގައި ދަރިވަރުން ބައިވެރިނުވުން ހިމެނެއެވެ. މި އުސޫލުތަކާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.
ދެ ރަށުގެ ކައުންސިލުންވެސް ވަނީ، ގައުމުގެ ޤާނޫނުތަކާއި އިސްލާމީ ރިވެތި އަޚުލާޤުގެ މަތީގައި ދަރިން ތަރުބިއްޔަތުކުރުމަށް އިސްކަންދީ، ކުދިންގެ ކަންކަމަށް މިހާރަށްވުރެ ބޮޑަށް ފަރުވާތެރިވެ ޒިންމާދާރުކަމާއެކު ބެލެހެއްޓުމަށް ހުރިހާ ބެލެނިވެރިންނަށް ގޮވާލާފައެވެ.






