ބ.އަތޮޅުގެ ނުވަ ރަށަކުން 13 ދަރިވަރުން ހިމަނައިގެން ފޯސީޒަންސް މޯލްޑިވްސް އެޓް ލަނޑާގިރާވަރުގައި ހިންގި ”ސްޓޭޖް 2 މެރިން ބަޔޮލޮޖީ އިންޓާންޝިޕް ޕްރޮގްރާމް 2026“ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ރީފްސްކޭޕަރސް މޯލްޑިވްސް އާއި ފޯރ ސީޒަންސް މޯލްޑިވްސް އެޓް ލަނޑާގިރާވަރު އަދި ބ. އަތޮޅު ބަޔޯސްފިއަރ ރިޒާވް އޮފީސް ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ އަތޮޅުގެ ޒުވާނުންނަށް މެރިން ބަޔޮލޮޖީއާއި، ފަރުތަކާއި ކަނޑުގެ ދިރުންތަކުގެ އިތުރުން، ތިމާވެށި ހިމާޔަތްކުރުމާއި ސައިންޓިފިކް ރިސަރޗްގެ ދާއިރާއިން އައު މަޢުލޫމާތުތަކެއް ދަސްކޮށްދީ އެކަންކަމަށް ޝައުޤުވެރިކަން އުފެއްދުން ކަމަށް ބ. އަތޮޅު ބަޔޮސްފިއާ ރިޒާވް އޮފީހުން ބުންޏެވެ.
މި ޕްރޮގްރާމްގެ ތެރެއިން ދަރިވަރުން ވަނީ އަމަލީ ގޮތުން ގިނަ ހަރަކާތްތަކެއްގައި ބައިވެރިވެފައެވެ. އަދި ކަނޑުގެ ދިރުންތަކާއި ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާގެ ފަންނީ ތަޖުރިބާކާރުންގެ ފަރާތުން، ރަށްރަށުގެ ވަށައިގެންވާ ކަނޑުފަޅުގެ ނިޒާމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މައުލޫމާތާއި އަމަލީ ތަޖުރިބާ ވަނީ ހޯދާފައެވެ.
މިފަދަ ފުރުސަތުތަކުގެ ސަބަބުން ބ. އަތޮޅުގެ ޒުވާނުންނަށް ކަނޑުގެ ސައިންސާއި ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން އަގުހުރި ތަޖުރިބާތަކެއް ލިބި، މިއީ ކުރިމަގުގައި އަޅުގަނޑުމެންގެ ކަނޑުފަޅުތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް އިސްނަގާނެ ޒުވާން ލީޑަރުންތަކެއް ބިނާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަމަށްވެސް ބ. އަތޮޅު ބަޔޮސްފިއާ ރިޒާވް އޮފީހުން ބުންޏެވެ.





